ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ލޯބި – ޗެޕްޓަރ 1
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ފެރީ

“އޭތް ނޫން.. އަޅޭ.. އައީ ކާންޓް ބީ ލޭޓް. މި ފެރީއަށް ނޭރިއްޖެނަމަ އިންޓަވިއު މިސްވާނެ.” ރީޝާގެ ހިތް ބާރަށް ތެޅެމުންދިޔައިރު، މި ޚިޔާލުތައް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. ކޮންމެ ސިކުންތެއްވެސް ފާއިތުވަމުންދަނީ އޭނާއަށް ހިފަހައްޓާލެވޭ ވަރަށްވުރެ މާ ހަލުވިކޮށެވެ. މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ދުވަހަކަށް ތައްޔާރުވެގެން ބޭރަށް ނުކުތުމުގެ ކުރިން، އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމަށް އޭނާ މަޑުޖެހިލިއެވެ.

އޭނާ ލައިގެން ހުރީ އާދައިގެ ހުދުކުލައިގެ އަތްދިގު ގަމީހެކެވެ. އޭގެ ފޮތިގަނޑު މަޑު ނަމަވެސް ބާވެފައި ހުރިކަން އެނގެއެވެ. ގަމީހުގެ އަތްވަނީ އުޅަނބޮއްޓާ ހަމައަށް ރީތިކޮށް އޮޅާލެވިފައެވެ. އޭގެ ތިރިން ލައިގެން ހުރީ ބީޖް ކުލައިގެ އޮފީސް ފަޓުލޫނަކާއި، އެއް ދުވަސްވަރެއްގައި އާ ނަމަވެސް މިހާރު ބާވެފައިވާ ބީޖް ކުލައިގެ ހީލްއެކެވެ. އޭނާ ލައިގެން ހުރި އެއްވެސް އެއްޗަކީ ބްރޭންޑެޑް ނުވަތަ އަގުބޮޑު އެއްޗެއް ނޫނެވެ. ނަމަވެސް އެއީ ސާފުތާހިރު، ރީތި ހެދުމެކެވެ. އީމެއިލްގައި އެދިފައިވާ ފަދަ “ސާފުތާހިރު އަދި ހިތްގައިމު އޮފީސް ހެދުމެކެވެ.” ރީޝާ ފަދަ ކުއްޖަކަށް އެވަރު ފުދެއެވެ.

އޭނާގެ ތަޅުދަނޑިތަކާއި، ދަބަހާއި އަދި އޭނާގެ ހުރިހާ ތަޢުލީމީ ނަތީޖާތަކާއި، ސެޓުފިކެޓުތަކާއި، އުއްމީދުތައް ރީތިކޮށް ތަރުތީބުކޮށްފައިވާ ފައިލް ހިފައިގެން ބޭރަށް ނުކުތެވެ. ވިލިނގިލީގެ ހަމަހިމޭން މަގުތަކުން އޭނާ ބާރު ހިނގުމެއްގައި ދިޔައެވެ. ވިލިނގިއްޔަކީ އޭގެ އަމާންކަމާއި، އުޅަނދުފަހަރު މަދުކަމާއި، މަގުމަތީގައި ކުޅެން އުޅޭ ކުދިންނާއި، އަޑުގަދަ ނުވާ ސާފުވައިގެ ސަބަބުން މަޝްހޫރު ރަށެކެވެ.

ނަމަވެސް މިއަދު އެ ހަމަހިމޭންކަން އޭނާއަށް އިޙުސާސްވަނީ ހުރަހެއްގެ ގޮތުގައެވެ. ސަބަބަކީ އުޅަނދުފަހަރު ނެތް ރަށެއްގައި ތަނަކަށް ދާން ލަސްވުމުން، ތިމާގެ ނޭވައާއި ހިތްވަރު ފިޔަވައި އެހީވާނެ އެހެން އެއްޗެއް ނޯންނާނެތީއެވެ. “ބައިސްކަލެއް ނުވަތަ ސްކޭޓްބޯޑެއް އޮތްނަމަ ކިހާ ރަނގަޅުވީސް.” ވަރުބަލިވެ ނޭވާ ކޮޅަށް ގޮސްފައި ހުރި ރީޝާގެ ހިތަށް އެރިއެވެ.

ފަހަތުން އޭނާގެ ބޮޑުދައިތަގެ ލޯބި ނަމަވެސް ކަންބޮޑުވެފައިވާ އަޑު އިވުނެވެ. “ރީޝާ.. ހެނދުނުގެ ނާސްތާ ކޮށްލައިގެން ދާންވީނު ދަރިފުޅާ. ފައިސާވެސް ހިފައިގެންދޭ.” ރީޝާގެ ހިނގުން މަޑުޖެހުނެވެ. ނަމަވެސް ފަހަތަކަށް ނުބަލައެވެ. “ނޫން ބޮޑުދައިތާ. މިހާރުވެސް މާ ލަސްވެއްޖެ. ފެރީއަށް ނޭރިދާނެ.”

އޭނާ ނުބުނެ ސިއްރުކުރި ވާހަކައަކީ، ބޮޑުދައިތަގެ އަތުން އިތުރަށް އެއްވެސް އެއްޗެއް ބޭނުންނުވާ ކަމެވެ. ބައްޕަ ނިޔާވެ، މަންމަގެ ނަފުސާނީ ދުޅަހެޔޮކަން ގެއްލިފައިވާ ދަނޑިވަޅެއްގައި، އެމީހުންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ބޮޑުދައިތައެވެ. ރީޝާ ކިޔެވުން މެދުކަނޑާލީވެސް ވަޒީފާއެއް ހޯދައި، މަންމަގެ ބޭސްފަރުވާއަށް އެހީވެ، އާއިލާގެ މުސްތަޤުބަލަށްޓަކައެވެ.

ފެރީ ޓާމިނަލަށް ފޯރި އިރު އޭނާ ހުރީ ނޭވާ ކޮޅަށް ގޮސްފައެވެ. ޓިކެޓް ލިބުމާއެކު އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “ﷲ އަށް ޝުކުރު.. ހަމަ ކިރިޔާ މި އާދެވުނީ.” އޭނާ ފުން ނޭވާއެއްލައި ހަމަޖެހިލިއެވެ. “އަހަރެންގެ އަތުގައި ހުރިހާ އެއްޗެއް އެބަހުރި.” އޭނާ އަމިއްލަ ނަފުސަށް ހަނދާންކޮށްދިނެވެ. “ނަތީޖާތަކާއި ސެޓުފިކެޓުތައް އެބަހުރި. އަހަރެންނަކީ ޤާބިލު ކުއްޖެއް.” އެއީ ކިތަންމެ ބޮޑު ކުންފުންޏަކަށް ވިޔަސް، އަދި ފުރުސަތުތައް މަދުވިޔަސް، އޭނާ ހުރީ އުއްމީދުގައެވެ. “ޔާ ﷲ.. ހަމައެކަނި މިފަހަރު..” އޭނާ މަޑުމަޑުން ދުޢާކޮށްލިއެވެ.

ފެރީ އައުމުން ރީޝާ އެއަށް އެރިއެވެ. ކަނޑުގެ ރާޅުތަކާއި ހެނދުނުގެ ރީތި އަވިން އޭނާގެ ހާސްކަން ކުޑަވަގުތުކޮޅަކަށް ފިލައިދިޔައެވެ. ކުޑަ ހިނދުކޮޅަކަށް އަމާންކަމާއި އުއްމީދު އިޙުސާސް ކުރެވުނެވެ.

ނަމަވެސް މާލެ އޭނާއާ ބައްދަލުކުރީ ތަފާތު ގޮތަކަށެވެ. އަޑުގަދަ، މީހުން ގިނަ، ހަލަބޮލި މާހައުލެކެވެ. ފެރީން ފޭބި ވަގުތު މީހުންގަނޑުގެ ތެރޭގައި އުޅެނިކޮށް ތަނެއްގައި އަޅައިގަތެވެ. ފޮތިގަނޑުން އަޑެއް.. އެއީ ވަރަށް މަޑު އަޑެއް ނަމަވެސް އޭނާގެ ހިތް ހުއްޓުނު ފަދައެވެ. ބަލާލިއިރު ފެރީގެ ކައިރީގައި ހުރި މޮހޮރެއްގައި އަޅައިގަނެ، ގަމީހުގެ އަތް އޮތީ ވީދިފައެވެ. “އޭތް ނޫން..” އޭނާގެ ހިތް މަރުވީ ފަދައެވެ. ބިރުން ހުރެ، ތުރުތުރުލާ އިނގިލިތަކުން ގަމީހުގެ އަތް އިތުރަށް އޮޅާލައި، އެއީ ވީދިފައި ހުރި ތަނެއްކަން ނޭނގޭނޭހެން ރީތިކޮށްލިއެވެ. “ރަނގަޅުވާނެ.. އެއްވެސް މީހެއްގެ ސަމާލުކަން އެއަށް ހުއްޓުނަ ނުދީ.” އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ.

ފޯނުން މަގު ހޯދަމުން ގޮސް އޭނާ އެ ބިނާގެ ކުރިމައްޗަށް ހުއްޓުނެވެ. އެއީ ވަރަށް އުސް، ވިދާ ބޮޑު އިމާރާތެކެވެ. އެ އިމާރާތުގެ ބޭރުފުށުން ފެންނަނީ މުއްސަނދިކަމާއި ބާރުވެރިކަމެވެ. “ރުޝްދާން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް.” އެ ނަން ކިޔާލުމުންވެސް ބާރުވެރިކަން އިޙުސާސްވެއެވެ. “ނޭވާލާ ރީޝާ.. ހަމަޖެހިލާ.” އޭނާ މަޑުމަޑުން ބުނެލިއެވެ. “ބިސްމިﷲ.” އަދި އޭނާ މަގު ހުރަސްކޮށް އިމާރާތުގެ އެތެރެއަށް ވަނެވެ.

އެތެރޭގެ މާހައުލު މުޅިން ތަފާތެވެ. ފިނި، ހަމަހިމޭން، އަދި ތަރުތީބު ތަނެކެވެ. ފޯނުން މެސެޖު ދެއްކުމުން އޭނާ ވެއިޓިން އޭރިއާއަށް ގެންދެވުނެވެ. އެތަނުގެ ކޮންމެ ތަންކޮޅަކުންވެސް ފެންނަނީ މުއްސަނދިކަމާއި ފުރިހަމަކަމެވެ.

ކުޑައިރުކޮޅެއް ފަހުން އޭނާގެ ނަމުން ގޮވާލެވުނެވެ. “މިސް ރީޝާ؟” ރީޝާ އިސްއުފުލާ ބަލާލިއިރު، ރީތިކޮށް ހެދުން އަޅައިގެން ހުރި އެސިސްޓެންޓަކު ކުރިމަތީގައި ހުއްޓެވެ. “ލައްބަ.. އެއީ އަހަރެން.” “އަހަރެންގެ ފަހަތުން އާދޭ.” ރީޝާ ތެދުވެ އޭނާގެ ފަހަތުން ހިނގައިގަތެވެ. ހިތް ބާރަށް ތެޅެމުން ދިޔައެވެ. “މިތަނުން ސީދަލަށް ގޮސް، ވާތްފަރާތުން ފެންނަ ދެވަނަ ކެބިންއަށް ވަދޭ.” “އެންމެ ރަނގަޅު.. ޝުކުރިއްޔާ.”

އޭނާ އެ ދޮރާ ހަމައަށް ގޮސް އެނބުރިލި ވަގުތު ކޮންމެވެސް މީހެއްގެ ގައިގައި ބާރަށް ލައިގަތެވެ. އެއީ ވަރަށް ވަރުގަދަ ހަށިގަނޑެކެވެ. ރީޝާ ސިހިގެން ދިޔައިރު، އޭނާގެ ނޭފަތުގައި ޖެހުނީ މީރުވަސްދުވާ ސެންޓަކާއި ކޮފީގެ ވަހެވެ. އަދި އެއާއެކު ހޫނު ކޮފީ ތަށްޓެއް އެ ދެމީހުންގެ ގަޔަށް ބަންޑުންވިއެވެ. “އޯ ނޯ. އޯ މައިގޯޑް.. ވަރަށް ބޮޑަށް މާފަށް އެދެން!” ރީޝާ ވަގުތުން މާފަށް އެދުނެވެ. ނަމަވެސް އޭނާއަށް ޖަވާބު ލިބުނީ ވަރަށް ހަރުކަށި އަޑަކުންނެވެ. “ކަލޭ ތީ ކާކު؟ ބަލާބަލަ ތި ހެދި ގޮތް.” އޭނާ އިސްއުފުލާ ބަލާލިއެވެ. އެވަގުތު މުޅި ދުނިޔެ ހުއްޓުނު ފަދަ އިޙުސާސެއް ކުރެވުނެވެ. އެއީ އިސްކޮޅުން ދިގު، ރީތި، އަދި ބާރުވެރި ސިފައެއް ހުރި މީހެކެވެ. އޭނާގެ ކަޅި އެހާ ވަރުގަދައެވެ. “އޭތް ގާރލް.. ކާކުހޭ ތީ؟”

ރީޝާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އެސިސްޓެންޓް އަވަސްއަވަހަށް ކުރިއަށް ޖެހިލިއެވެ. “ވަރަށް ބޮޑަށް މާފަށް އެދެން ސަރ. މިއީ މިއަދު އިންޓަވިއުއަށް އައި އާ އިންޓާން ކުއްޖާ.”

އެއާއެކު މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. އަދި އެ ހަމަހިމޭންކަމުގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ.

“ސަރ އޭ.. ކުންފުނީގެ ވެރިޔާ އޭ..”

ރީޝާގެ ދެލޯ ބޮޑުވެ، ހިތް ހުއްޓުނު ފަދަ އިޙުސާސެއް ކުރެވުނެވެ. މުޅި މީހާ ދާހިއްލާ ފޯވިއެވެ.

“އޯ ޕްލީސް ނޯ.” އޭނާގެ ހިތަށް އެރިއެވެ. “މިވީ ކިހިނެއް؟”

(ނުނިމޭ)

5
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top