ކިލަނބުވުން
“އަޅުގަނޑު.. އަޅުގަނޑު ވަރަށް ބޮޑަށް މާފަށް އެދެން ސަރ.”
ރީޝާގެ ދުލުން އެ ބަސްތައް ނުކުތީ ވަރަށް މަޑުމަޑުންނެވެ. އޭނާ ހުރީ މުޅިން ހާސްވެ، ކަންބޮޑުވެފައެވެ. އޭނާގެ ހުރިހާ ތަރުތީބެއް ގެއްލި، މި މާހައުލާ ނުގުޅޭ މީހެއް ފަދައިން ހުރިކަން އަމިއްލައަށް އިޙުސާސް ކުރެވުނެވެ.
އޭނާގެ ފައިލުތައް އޮތީ ތަޅުންގަނޑުމަތީގައި އެކި ފަރާތްފަރާތަށް އުކާލެވިފައެވެ. ކޮފީ އެޅިގެން ބައެއް ކަރުދާސްތައް ވަނީ ތެމި، ގަނޑުތައް ފެތުރިފައެވެ. އޭނާ ލައިގެން ހުރި ގަމީހުގެ އަތްކުރި އޮތީ ވީދިފައެވެ. އަދި ގަމީހާއި ފަޓުލޫނުގެ އެކި ތަންތަނުގައި ކޮފީގެ ކަޅު ކުލައިގެ ލައްތަކެއް ވަނީ ޖެހިފައެވެ.
އަދި ރީޝާގެ އިސްތަށިގަނޑު.. މި ހާދިސާގެ ތެރޭގައި އޭނާގެ ބޮލުގައި ޖަހާފަ އިން ދަތި ނެއްޓި، އޮންނަންވާ ތަރުތީބު ގެއްލި، ދިގު ކަޅު އިސްތަށިގަނޑު ވަނީ ކޮނޑުމައްޗަށް ފެތުރިފައެވެ.
އޭނާގެ ކުރިމަތީގައި ހުރި ފިރިހެންމީހާ ހިމޭންކަމާއެކު ބަލަން ހުއްޓެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ނަމަވެސް އެ ތޫނު ނަޒަރުން ރީޝާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.
“ތެދުވޭ!” އޭނާގެ އަޑުގައި ހުރީ ހަރުކަށިކަމާއި ކެތްތެރިކަން ކުޑަ ގޮތެކެވެ. “ގޮސް ތި ހެދުމާއި އިސްތަށިގަނޑު ރަނގަޅު
ކޮށްލާ.”
ރީޝާ ކުއްލިއަކަށް ސިހިގެން ދިޔައެވެ. އަދި ތުރުތުރުލާ އަތަކުން ތަޅުންގަނޑުމަތީގައި ހުރި ތަކެތި ހަމަކުރަން ފެށިއެވެ.
“ދީނާ.” އޭނާ ގޮވާލިއެވެ. ރީޝާއާ ދިމާލަށް ބަލައިވެސް ނުލައެވެ. “މި ކުއްޖާއަށް އެހީތެރިވެދީ. އޭނާ ރެޑީވުމުން، އަހަރެންގެ ކެބިންއަށް ގެނޭ.”
“ލައްބަ ސަރ.” އެސިސްޓަންޓް ވަގުތުން ކުރިއަށް ޖެހިލިއެވެ. އަދި ރީޝާއަށް ބަލާލަމުން، ރީޝާގެ މަންމަ އުމުރުގެ އެ އަންހެންމީހާ އޯގާތެރިކަމާއެކު ބުންޏެވެ. “އާދޭ ދަރިފުޅާ. އަހަރެންގެ ފަހަތުން އާދޭ.”
ރީޝާ އޭނާގެ ފަހަތުން ހިނގައިގަތީ ތުރުތުރުލާ ދެފަޔާއެކުގައެވެ. އޭނާގެ ހިތުގައި އޮތީ ލަދުވެތިކަމެވެ. އަމިއްލަ ނަފުސާ ސުވާލު ކުރެވެމުން ދިޔައެވެ. “އަހަރެން މިހާ ބޮޑަށް ފަރުވާކުޑަވީ ކީއްވެ؟ މިއަދު މިކަން މިހެން މިވީ ކީއްވެ؟” އޭނާގެ އަމިއްލަ އިއްޒަތާއި ޤަދަރު އަތުން ބީވެގެންދާ ފަދަ އިޙުސާސެއް ކުރެވުނެވެ.
އެ ދެމީހުން ހިނގަމުން ދިޔައީ ހިމޭންކަމާއެކުގައެވެ. ދެން އެސިސްޓަންޓް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ހުރީ ހިތްހަމަޖައްސައިދޭ ފަދަ އޯގާތެރިކަމެކެވެ. “އެންމެ ރަނގަޅުވާނެ. މާ ބޮޑަށް ކަންބޮޑުނުވޭ.”
ރީޝާ ކުޑަކޮށް އިސްއުފުލާލިއެވެ. “އޭނާއަކީ ފެންނަ ފެނުމަށްވުރެ މާ ރަނގަޅު މީހެއް.” އޭނާ ހިނިތުންވުމަކާއެކު ބުންޏެވެ. “އޭނާގެ ސިފައާއި އަޑުގައި އެކަނި ހަރުކަށިގޮތެއް ހުންނަނީ.”
އޭނާ މަޑުޖެހިލުމަށްފަހު އަހާލިއެވެ. “ދަރިފުޅާ، ކިތައް އަހަރު؟”
“އަޅުގަނޑުގެ އުމުރަކީ ސައުވީސް އަހަރު.” ރީޝާ މަޑުމަޑުން ޖަވާބު ދިނެވެ. “މިއީ އަޅުގަނޑުގެ ފުރަތަމަ އިންޓަވިއު.. އަޅުގަނޑަށް މި ވަޒީފާ ވަރަށް މުހިންމު.. މި ފުރުސަތު ވަރަށް ބޭނުން.” އޭނާގެ އަޑު ތުރުތުރުލައިގެން ދިޔައެވެ. “އަޅުގަނޑަށް ހީވަނީ ހުރިހާ ކަމެއް ހަލާކުވެއްޖެހެން.”
“އޭ ނޫން.” އެ އަންހެންމީހާ ލޯތްބާއެކު ބުންޏެވެ. “ތިހެން ނުބުނޭ. އަހަރެންގެ ބަސް ޤަބޫލުކުރޭ.. އޭނާއަކީ މީހުން ހީކުރާ ވަރަށްވުރެ މާ ބޮޑަށް ކަންކަން ދަންނަ، އޯގާތެރި މީހެއް. ކަލެއަށް އެކަން ފެންނާނެ.”
އޭނާގެ ބަސްތަކުން ރީޝާއަށް އުއްމީދެއް ލިބުނެވެ. އެމީހުން ވަނީ ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވާ ފާޚާނާއަކަށެވެ. އެތަނުގެ ސާފުތާހިރުކަމާއި ރީތިކަމުން ރީޝާ ވަންނަންވެސް ފަސްޖެހުނެވެ.
“މަޑުކުރޭ.” އެހީތެރިޔާ ބުންޏެވެ. އޭނާ ރީޝާގެ އަތަށް ދިނީ ވަރަށް ރީތިކޮށް ފަށްޖަހާފައިވާ އަންނައުނުތަކެކެވެ. ރީތި ގަމީހަކާއި، ގަޔަށް ހެޔޮވަރު ފަޓުލޫނަކާއި، ސާދާ ނަމަވެސް ރީތި، އިސްތަށިގަނޑުގައި ޖަހާ ދައްޗެކެވެ.
ރީޝާ ހައިރާންކަމާއެކު ބަލަން ހުއްޓެވެ. “މިއީ.. އަޅުގަނޑަށްތޯ؟”
“އާނ، ދޭ. ގޮސް ތާޒާވެލައިގެން އާދޭ.”
ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރިއިރު، ރީޝާއަށް އަމިއްލަ ނަފުސު ވަކިކުރަންވެސް ދަތިވިއެވެ. އޭނާ ކޮފީގެ ލައްތައް ފިލުވައި، ސިފަ ރީތިކޮށްލުމަށްފަހު ދިން ހެދުން ލިއެވެ. އެ ހެދުމުގެ ފޮތިގަނޑު އޮމާންވެފައި، އޭނާގެ ހަށިގަނޑާ ވަރަށް ބޮޑަށް ގުޅެއެވެ. ހީވަނީ އޭނާއަކީ މިހާރު މާ އިތުބާރު ހުރި، މާ ފުރިހަމަ މީހެއްހެންނެވެ.
އޭނާގެ އިސްތަށިގަނޑު ރީތިކޮށް އައްސާލިއެވެ. ނަމަވެސް ބައެއް އިސްތަށިތައް މޫނުމައްޗަށް ވެއްޓިފައި ހުއްޓެވެ. ހުރިހާ ކަމެއް ނިމުމުން އޭނާ ފުން ނޭވާއެއްލިއެވެ. “މިއީ ކަލޭގެ ފުރުސަތު. މީތި ނަގާނުލާތި.”
“ތައްޔާރުތަ؟” އެހީތެރިޔާ އޯގާތެރިކަމާއެކު އަހާލިއެވެ. ރީޝާ ބޯޖަހާލިއެވެ. އަދި އަނެއްކާވެސް އޭނާ އެ ހިމޭން ފެންޑާގެ ތެރެއިން ގެންދެވުނެވެ.
ޓަކް، ޓަކް. “ވަދޭ.” ރީޝާ އެތެރެއަށް ވަނެވެ. “އައްސަލާމް ޢަލައިކުމް ސަރ. އަޅުގަނޑަށް ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން.. އަދި ކުރިން ހިނގި ކަންތަކަށް ވަރަށް ބޮޑަށް މާފަށް އެދެން.”
އޭނާ ކޮޅަށް ހުއްޓެވެ. “އިށީނދޭ.” އޭނާ އަދިވެސް ރީޝާއާ ދިމާލަށް ބަލައެއް ނުލައެވެ. އޭގެ ބަދަލުގައި، ކޮފީ އެޅިފައި ހުރި ކަރުދާސްތައް ބަލަމުން ދިޔައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރަށް ބޮޑު ސަމާލުކަމެކެވެ.
“ހޫމް.. ކަލޭގެ ނަތީޖާތައް.. ވަރަށް ފުރިހަމަ.” އަނެއް ސަފުހާ އުކާލިއެވެ. “ސްކޮލަރޝިޕްވެސް ލިބިފައިވޭ.”
ދެން އެންމެ ފަހުން.. “މިފަދަ މޮޅު ނަތީޖާއެއް އޮވެމެ.. ކީއްވެ އިތުރަށް ކިޔަވަން ކުރިއަށް ނުދިޔައީ؟” ރީޝާގެ އަތްތިލަ ބާރުކޮށްލެވުނެވެ. “އަޅުގަނޑުގެ.. އަމިއްލަ ސަބަބުތަކެއް ހުރީމަ.” އޭނާގެ އަޑު މަޑުވިއެވެ. “އަޅުގަނޑުގެ ބައްޕަ.. ނިޔާވީ. މަރާލީ.” ކޮޓަރި ތެރޭގައި ކުޑަވަގުތުކޮޅަކަށް ހިމޭންކަން ފެތުރިގެން ދިޔައެވެ.
“މަންމަ ބަލިވެ އުޅެނީ.” ރީޝާ ކުރިއަށް ގެންދިޔައެވެ. “އެ ހާދިސާއަށްފަހު.. މަންމަގެ ހޭބުއްދި ފިލައިދިޔައީ.” ރީޝާ ކަރުނަ ހިފަހައްޓަމުން ބުންޏެވެ. “އަޅުގަނޑަށް މި ވަޒީފާ ވަރަށް ބޭނުން.”
އެވަގުތު އޭނާ ރީޝާއާ ދިމާލަށް ބަލާލިއެވެ. ސީދާ ބަލާލުމެކެވެ. އޭނާގެ ނަޒަރު ރީޝާގެ މޫނަށް ހުއްޓިފައި ހުއްޓެވެ. ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ ކޮންމެ ސިފައެއް ދިރާސާކުރަމުން ދިޔަ ފަދައެވެ. އެއީ ރީޝާ ނޭވާ ހިފަހައްޓާލަން ޖެހުނު ފަދަ ބަލާލުމެކެވެ. އެ ނަޒަރުގައި ކޮންމެވެސް އާދަޔާ ޚިލާފު، ގާތްކަމެއް އެކުލެވިގެންވާކަމުގެ އިޙުސާސް ރީޝާއަށް ކުރެވުނެވެ. ހީވަނީ އޭނާގެ ދެލޮލުން ރީޝާގެ ހިތުގެ އެންމެ ފުންމިނުގައިވާ ސިއްރުތައް ދެނެގަންނަން އުޅޭހެންނެވެ. ރީޝާގެ މޭގެ ތެރޭގައި ނޭނގޭ ހޫނުކަމެއް ފެތުރިގެން ދިޔައެވެ. އެއީ އޭނާ މީގެ ކުރިން ދުވަހަކުވެސް އިޙުސާސްކުރި ކަމެއް ނޫނެވެ. އޭނާ އިސްދަށަށް ޖަހާލީ ބޭއިޚުތިޔާރުގައެވެ.
“ކީއްވެ މި ވަޒީފާ؟” އިރުކޮޅަކުން އޭނާ ސުވާލުކުރިއެވެ.
“އަޅުގަނޑު.. އަޅުގަނޑު އަބަދުވެސް ބޭނުންވޭ މިތަނުގައި މަސައްކަތް ކުރަން.” އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުން ރީޝާ ޖަވާބު ދިނެވެ. “މި ކުންފުންޏާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަ އަޑުއަހަން. އަޅުގަނޑުގެ ހުނަރު އިތުރުކޮށް.. ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުންވަނީ.”
އޭނާ ކުޑަކޮށް މަޑުޖެހިލިއެވެ. “އަދި.. މުސާރަވެސް ރަނގަޅު.” އެއީ ތެދުބަހެވެ. ފޮރުވުމެއް ނެތް ސާފު ހަޤީޤަތެވެ.
“މިތަނުގެ މަސައްކަތަކީ ފަސޭހަ ކަމެއް ނޫން.” އޭނާ ގޮނޑީގައި ލެނގިލަމުން ބުންޏެވެ. “ގިނަ ވަގުތު މަސައްކަތް ކުރަން ޖެހޭނެ. ވަރަށް ބުރަވާނެ.”
“އަޅުގަނޑަށް ކުރެވޭނެ.” ރީޝާ ވަގުތުން ބުންޏެވެ. “އާދޭސްކުރަން.. އަޅުގަނޑަށް އެންމެ ފުރުސަތެއް ދެއްވާ. އަޅުގަނޑަކީ ޤާބިލު މީހެއް.”
އެއަށްފަހު އައީ ހިމޭން ވަގުތުކޮޅެކެވެ. އޭނާ ރީޝާއަށް ބަލަން އިނީ ކޮންމެވެސް އެއްޗެއް ވަޒަންކުރާ ފަދަ ގޮތަކަށެވެ.
“ހޫމް.” އޭނާ ފައިލު ލައްޕާލިއެވެ. “އަހަރެމެން ޖަވާބެއް ދޭނަން. އެއް ދުވަސް ނުވަތަ ދެ ދުވަސް ތެރޭގައި. މިހާރު ދިޔަސް އެންމެ ރަނގަޅު.” ދެން އޭނާ އިތުރުކޮށްލިއެވެ. “މިފަހަރު.. ހިނގާއިރު ފަރުވާތެރިވާތި.”
އެ ބަސްތައް ރީޝާގެ ހިތުގައި ޖެހުނީ ހީކުރި ވަރަށް ވުރެ ބޮޑަށެވެ. “ލައްބަ.. ޝުކުރު ދަންނަވަން ސަރ. ބާއްޖަވެރި ދުވަހަކަށް އެދެން.”
ރީޝާ ކޮޅަށް ތެދުވެ، އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުން އެ ކޮޓަރިން ނުކުތެވެ. ކޮންމެ ފިޔަވަޅެއް ވަނީ ބަރުވެފައެވެ. ލޮލުން ކަރުނަ ފާއްދާލަން އުޅުނަސް އޭނާ އެކަން ހިފެހެއްޓިއެވެ. “އަހަރެން ހުރިހާ ކަމެއް ހަލާކުކޮށްލައިފިން. ހަމަ ހަޤީޤަތުގައިވެސް.”
“ކޮބާ ކިހިނެއް؟” އެހީތެރި އަންހެންމީހާ، އެސިސްޓަންޓް ބޭރުގައި ހުރެ އަހާލިއެވެ. “ދެރަނުވޭ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ރީޝާ ގަދަކަމުން ކުޑަ ހިނިތުންވުމެއް ދެއްކިއެވެ. “މި ހިފާ.” އޭނާ ރީޝާއަށް ކޮތަޅެއް ދިނެވެ. “މިއީ ދަރިފުޅުގެ ކުރީގެ ހެދުން.”
“ވަރަށް ބޮޑަށް ޝުކުރިއްޔާ.” ރީޝާ މަޑުމަޑުން ބުންޏެވެ.
އެ ބޮޑު އިމާރާތުން ބޭރަށް ނުކުތްއިރު، ބޭރު ދުނިޔެ ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. މާ ފިނި، މާ ދުރު މާހައުލެއްގެ ގޮތުގައެވެ. ހީވަނީ އޭނާއަކީ އެތަނާ ނުގުޅޭ މީހެއްހެންނެވެ. ފަހަރެއްގައި އޭނާއަށް ކުރެވުނީ މާ ބޮޑު އުންމީދެއް ކަމަށްވެސް ވެދާނެއެވެ.
އަނބުރާ ދިޔުމަށް ފެރީއަށް އެރިއިރު އޭނާ މުޅިން ހިމޭންވެފައި އިނެވެ. މިފަހަރު ކަނޑުގެ ރާޅުތަކަކަށް، ނުވަތަ ޖެހެމުންދިޔަ ރޯޅިތަކަކަށް އޭނާގެ ސަމާލުކަމެއް ނެތެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިންޓަވިއުގެ ހަނދާންތަކެވެ.
ގެއަށް ދިޔައިރު އެއްވެސް ބަދަލެއް ނެތެވެ. މަންމަ އިނީ ކުރިންވެސް އިން ގޮނޑީގައެވެ. ދުރު ބަލަހައްޓައިގެންނެވެ. އެ ދެލޮލުން ފެންނަނީ ހުސްކަމެވެ. “މަންމާ.. އަހަރެން މިއައީ.”
ރީޝާ ގުދުވެލާފައި މަންމަގެ އަތުގައާއި ނިތްކުރީގައި ލޯތްބާއެކު ބޮސްދިނެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. ރީޝާ ހުރިކަންވެސް މަންމައަށް ނޭނގޭ ފަދައެވެ. އެ ހިމޭންކަމުން ލިބުނު ތަދު، އިންޓަވިއުގައި ލިބުނު ދެރައަށްވުރެ މާ ބޮޑެވެ.
އޭނާގެ ހަނދާނަށް އައީ ކުރިން މަންމަ ހުންނަ ގޮތެވެ. އުފާވެރި، ހިތްހެޔޮ، ދިރިއުޅުމުގެ ރޫޙުން ފުރިގެންވާ އަންހެނެކެވެ. މިއަދު އެއީ މުޅިން އެހެން މީހެކެވެ. ހިތާމަތަކުން މީހާ ވަނީ ބަލިކަށިވެފައެވެ. އޭނާއަށް ބޭނުންވަނީ އެހީތެރިކަމެވެ. އެކަމަކު އެ އެހީތެރިކަން ދިނުމުގެ މާލީ ތަނަވަސްކަމެއް ރީޝާގެ އަތަކު ނެތެވެ.
އެހެންވެ.. އޭނާއަށް މި ފުރުސަތު ބޭކާރުކޮށްލެވެން ނެތީއެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނާ ކުރިއަށް ދާން ޖެހެއެވެ.
(ނުނިމޭ)
