ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަނަދޫ ބަލިކޮށް އޭދަފުށިން ދެވަނަ ޔަޤީންކޮށްފި!
ފޮޓޯ: އޭދަފުށި ކައުންސިލް ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ އެފްއޭއެމް ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަން ލީގުގެ ދެވަނަ އޭދަފުށިން ޔަޤީން ކޮށްފިއެވެ. މިއަދު ހަވީރު މަނަދޫ ދަނޑުގައި ކުޅުނު މެޗުން އޭދަފުށި މޮޅުވުމާއިއެކު މި ގުރޫޕްގެ ހުރިހާ ވަނައެއް މިހާރު ވަނީ ޔަޤީންވެފައެވެ.

މި ރީޖަންގެ ޗެމްޕިއަންކަން ދިއްދޫ ހޯދާފައިވާއިރު، ދެވަނަ ޓީމަކީ އޭދަފުށްޓެވެ. ތިންވަނަ ހަނިމާދޫއަށް ލިބޭއިރު އެއްވެސް ޕޮއިންޓެއް ނުލިބި އޮތް މަނަދޫއަކީ މި ރީޖަންގެ ހަތަރުވަނަ ޓީމެވެ. ކޮންމެ ޓީމަކަށް މެޗެއް ކުރިޔަށް އޮއްވައި ވަނަތައް ޔަޤީންވީ ޓީމުތަކަށް މިހާރު ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލާއިރު، ކުރިޔަށް އޮތް ދެމެޗްގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް މިހާރު ޕޮއިންޓް ޓޭބަލްގެ ވަނަތަކަށް ބަދަލު އައުމުގެ ފުރުސަތެއް ނެތުމުންނެވެ.

މިއަދު ކުޅުނު މެޗަކީ ރީޖަނަލް ލީގުގައި މި ދެ ޓީމު ބައްދަލުކުރި ދެވަނަ މެޗެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން އޭދަފުށިން ކާމިޔާބު ކުރީ 2-1 އިންނެވެ.

މިއަދުގެ މެޗު ފަށައިގެން މާގިނައިރެއް ނުވެ އޭދަފުށިން ވަނީ ލީޑު ނަގައިފައެވެ. 5 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ޖައުޝަންއެވެ. އޭދަފުށީ ކުޅުންތެރިއަކު މަނަދޫ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޖައުޝަން ފުންމައިގެން އަރައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ ހުސްކޮށް ހުރެއެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ އޭދަފުށްޓަށް މި ލަނޑަށް ފަހު ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ. އޭގެ ތެރެއިން ބައެއް ހަމަލާ މަނަދޫގެ ޑިފެންޑަރުން ދިފާއު ކުރިއިރު ބައެއް ހަމަލާ ގޯލާއި އަމާޒުކޮށްލެވޭ ވަރެއް ނުވިއެވެ.

އޭދަފުށީގެ ދެވަނަ ލަނޑު 23 ވަނަ މިނިޓްގައި ޖަހައިދިނީ އުނޭސް ޒުބައިރު އެވެ. އުނޭސް މި ލަނޑު ޖެހީ އެ ޓީމުގެ ކުޅުންތެރިއަކު އޭރިޔާ ބޭރުން ކުރިޔަށް ޖައްސާލި ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކީޕަރުގެ ފައި ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރީތި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އޭދަފުށި ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސް މަނަދޫއަށްވުރެ ރަނގަޅަށް ކުޅުނީ އޭދަފުށިންނެވެ. ވަރަށް ބޮޑަށް އެޓޭކަށް ޖެހިގެން ކުޅެމުންދިޔަ އޭދަފުށިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 50 ވަނަ މިނިޓްގައެވެ. އޭދަފުށީ ކުޅުންތެރިއަކު ތިރިތިރިން ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ ސުހްރަބްއެވެ.

އޭދަފުށިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ 78 ވަނަ މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ 3 ވަނަ ލަނޑު ވެސް ޖަހައިދިން ސުހްރަބްއެވެ. ސުހްރަބް މި ލަނޑު ޖެހީ މަނަދޫ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން އައިސް އޭރިޔާ ތެރެއަށް ވަދެ ކީޕަރުގެ ބޯމަތިން ކީޕަރުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

އޭދަފުށިން އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ 84 ވަނަ މިނިޓްގައެވެ. އޭދަފުށްޓަށް މި ލަނޑު ވެސް ޖަހައިދިނީ ސުހްރަބްއެވެ. ސުހްރަބްގެ މި ލަނޑާއިއެކު އޭނާ ވަނީ މި މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ސުހްރަބްގެ މި ލަނޑަކީ އޭދަފުށީ ކުޅުންތެރިއަކު މަނަދޫ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޖަހަން މަސައްކަތްކުރި އޭދަފުށީ ކުޅުންތެރިޔާއަށް ރަނގަޅަށް ފޮނުވާ ނުލެވި، އޭނާއަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މި ރީޖަންގެ މެޗެއް ދެން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އޭދަފުށީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ އޭދަފުށްޓާއި ދިއްދޫ އެވެ. މިއީ މި ރީޖަންގައި މި ދެ ޓީމު ވެސް ކުޅޭނެ ފަހު މެޗެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top