ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުރާ ބަލިކޮށް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދައިފި!
ފޮޓޯ: ކުޑަހުވަދޫ ކައުންސިލް ފޭސްބުކް ޕޭޖް

އެފްއޭއެމްއިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ރީޖަންގެ ގޮތުގައި ކުރިޔަށްދިޔަ ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޑަހުވަދޫ ދަނޑުގައި ކުޅެވުނު މި މެޗަކީ ރީޖަނަލް ލީގުގައި މި ދެ ޓީމު ވެސް ކުޅޭނެ ފަހު މެޗެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ހުރާ ދަނޑުގައި އޮތްއިރު އެ މެޗު ވީ އެއްވަރެވެ. އަދި މި މެޗަކީ މި ރީޖަންގެ ޗެމްޕިއަން ކަނޑައެޅޭ މެޗެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަކޮޅު ރަނގަޅަށް ކުޅުނީ ކުޑަހުވަދޫ އެވެ. ޗެމްޕިއަންކަން ހޯދުމަށް މޮޅުވުން ނޫން އެހެން ގޮތެއް ނެތް ކުޑަހުވަދޫން ކުޅުނީ ވަރަށް ބޮޑަށް އެޓޭކަށް އިސްކަން ދީގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުޑަހުވަދޫންނެވެ. 27 ވަނަ މިނިޓްގައި ކުޑަހުވަދޫއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ސަނީޒް އެވެ. ހުރާ ޓީމުގެ އޭރިޔާ ބޭރުން ސަނީޒަށް ލިބުނު ބޯޅަ މަތިމަތިން ކީޕަރުގެ ދުރުކަނަށް، ފޮނުވާލިއިރު ކީޕަރު ހުރީ އެކަމަށް ވިސްނައިގެނެއް ނޫނެވެ. ބޯޅަ ގޯލަށް ވަތްއިރު ބޯޅަ ދިފާއުކުރަން ކީޕަރަށް ކުރެވުނު ކަމެއް ނެތެވެ.

މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ކުޑަހުވަދޫންނެވެ. އިތުރު ލަނޑު ޖެހުމުގެ ފުރުސަތު ވެސް އެ ޓީމަށް ލިބުނެވެ.

ނަތީޖާ ހަމަހަމަކޮށްލައިގެން ވެސް ޗެމްޕިއަންކަން ލިބެން އޮތް ހުރާއަށް އިތުރު އުނދަގޫތަކެއް ކުރިމަތިވީ 30 ވަނަ މިނިޓްގައި އެ ޓީމުގެ ކުޅުންތެރިއަކަށް ދެއްކި ރަތްކާޑާއި ގުޅިގެންނެވެ.

ދޭތެރެއަކުން ހުރާއަށް ވެސް ރަނގަޅު ފުރުސަތު ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކު 1-0 އިން ކުޑަހުވަދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން އިތުރު ހިތްވަރާއިއެކު ކުޅެމުން ދިޔަ ހުރާއިން ނަތީޖާ ހަމަހަމަކުރިއެވެ. 51 ވަނަ މިނިޓްގައި ހުރާއަށް މި ލަނޑު ޖަހައިދީ އުންމީދު އާކޮށް ދިނީ ސާދު އެވެ. ސާދު މި ލަނޑު ޖެހީ އޭރިޔާ ބޭރުން އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ އޭނާ ކައިރިއަށް އައި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ފޮޓޯ: ކުޑަހުވަދޫ ކައުންސިލް ފޭސްބުކް ޕޭޖް

ޑިފެންސަށް އިސްކަންދީގެން ކުޅެމުންދިޔަ ހުރާކޮޅަށް ދެވަނަ ލަނޑު ޖަހައި ކުޑަހުވަދޫއަށް އަނެއްކާ ވެސް ލީޑު ނަގައި ދިނީ މުޙައްމަދު ޝަރުފާން އެވެ. ކުޑަހުވަދޫ ކުޅުންތެރިއަކު މަތިމަތިން ކުރިޔަށް ފޮނުވާލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ހުރާ ކުޅުންތެރިޔާ ބޮލުގައި ޖެހިފައި ދިޔައީ ފަހަތަށެވެ. ހުސްކޮށް ހުރި ޝަރުފާން އެ ބޯޅަ ހޯދައި، ދެން އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތް ކައިރިންނެވެ.

ދެން ވެސް ފެނުނީ ކުޑަހުވަދޫގެ ލަނޑެކެވެ. ކުޑަހުވަދޫ ޓީމުގެ ތިންވަނަ ލަނޑު 65 ވަނަ މިނިޓްގައި ޖަހައިދިނީ މުޙައްމަދު އުދަރާއެވެ. އުދަރާ މި ލަނޑު ޖެހީ ހުރާ ޓީމުގެ އޭރިޔާ ބޭރުން އަރިމަތިން ކޯނަރު ދަނޑިކައިރިން ލިބުނު ހިލޭޖެހުން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ. މަތިމަތިން އުދަރާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ދިފާއުކުރަން މަސައްކަތްކުރި ހުރާ ކީޕަރުގެ އަތުގައި ޖެހިފައެވެ.

މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުން ދިޔަ ކުޑަހުވަދޫން ވަނީ މެޗު ނިމުމުގެ ކުރިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު ޝަރުފާން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން ހުސްކޮށް އޭރިޔާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

4-1 އިން މޮޅުވެ، މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ކުޑަހުވަދޫން މި ރީޖަންގެ ޗެމްޕިއަންކަން ހޯދީ 11 ޕޮއިންޓާއި ފައިދާ 4 ގޯލް ހަމަކޮށްގެންނެވެ. ކުޑަހުވަދޫ އާއި އެންމެ ގާތުން ވާދަކުރާ ހުރާއަށް ލިބިފައިވަނީ 10 ޕޮއިންޓާއި ފައިދާ 5 ގޯލެވެ. މި ރީޖަންގެ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ މީދޫ އާއި މަހިބަދޫ އެވެ. ރީޖަންގެ އެއްވަނަ އަދި ދެވަނައަށް އެރުމުގެ ފުރުސަތު މި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ނެތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top