އުޖާލާ ހިނިތުންވުމުގެވެރި އަންހެންކުއްޖާ
ކޮންމެ އިންސާނެއްގެވެސް ހަޔާތުގައި، ދުވަހަކުވެސް ހަނދާނުން ފޮހެލަން ދަތި ރީތި ސިއްކަތަކެއް ޖެހިފައިވެއެވެ. އައިލާ އާއި ނޫރްގެ ހަޔާތުގެ އެންމެ އުޖާލާ ބާބު ފެށިގެން ދިޔައީ މީގެ އަހަރުތަކެއް ކުރިން، އެ ހިތްގައިމު ހަވީރުގެ ރަންއަލީގެ ތެރެއިންނެވެ. އޭރު އައިލާ އާއި ނޫރް އަކީ ދުނިޔޭގެ އެއްވެސް ފިކުރެއް ނެތް، ކުޅިވަރާއި މަޖަލުގައި ދުވަސްތައް ވޭތުކުރަމުންދިޔަ ކުޑަކުޑަ ދެކުދިންނެވެ.
އައިލާ އަކީ އަބަދުވެސް އެއްތަނެއްގައި މަޑުން ހުރެވޭ ކުއްޖެއް ނޫނެވެ. އައިލާގެ ނަޒަރުގައި ދުނިޔެއަކީ ކުޅެ މަޖާކުރަން އޮތް ބޮޑު މައިދާނެކެވެ. އެދުވަހުވެސް އަތިރިމަތީ ބަގީޗާގައި އައިލާ ދުވެލާފައި އުޅުނީ ހިތަށް އެރިހާ ކަމެއް ކުރަމުންނެވެ. އުސް ތަންތަނަށް އެރުމާއި، ބާރަށް ހަޅޭއްލަވައިގަތުމަކީ އައިލާގެ އާދައެވެ.
“ބަލާބަލަ! އައިލާ މިހުރީ ހުރިހާ އެންމެންނަށްވުރެ މަތީގަ!” ސިޑީގެ އެންމެ މައްޗަށް އަރާ ހުރެ އައިލާ ހަޅޭއްލަވައިގަތެވެ.
އެތަނުން ފޭބި ގޮތަށް އައިލާ ދުއްވައިގަތީ ވެލިގަނޑާ ދިމާލަށެވެ. އެ ވަގުތު އައިލާގެ ފައި ދަށުވީ ކޮން އެއްޗެއް ކަމެއް ނޭނގުނެވެ. އައިލާ ބަލާލިއިރު، ވަރަށް ރީތިކޮށް ވެލިން ހަދާފައިވާ ގެއެއް އައިލާގެ ފައިދަށުވެ ހަލާކުވެއްޖެއެވެ. އެތަނުގައި އިނީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ.
“އޯހް! ސޮރީ، ނޭނގި ހުރެ އެރުވުނީ!” އައިލާ ކުޑަކޮށް ލަދުގަނެފައި ބުންޏެވެ.
ނޫރް އަބަދުވެސް ލޯބިކުރަނީ ހަމަހިމޭންކަމަށެވެ. އެހެން ކުދިން ހަޅޭއްލަވައި ކުޅެން އުޅޭއިރު، ނޫރް ބޭނުންވަނީ ނޫރްގެ އަމިއްލަ ހިޔާލީ ދުނިޔޭގައި ކޮންމެވެސް އެއްޗެއް އުފައްދާށެވެ. އެދުވަހު ނޫރް އިނީ ވަރަށް ފަރުވާތެރިކަމާއެކު ވެލިން “ހުވަފެނީ ގަނޑުވަރެއް” ހެދުމަށެވެ.
ކުއްލިއަކަށް ހަލަނި ވަޔެއް ފަދައިން އައިލާ އައިސް ނޫރްގެ ގަނޑުވަރުގެ މައްޗަށް އެރުވުނެވެ. ނޫރް އިސްއުފުލާ ބަލާލިއެވެ. އެއީ ވަރަށް ހަކަތަ ހުރި، މޫނުމަތިން ހަލަނިކަން ފެންނަން ހުރި ކުއްޖެކެވެ. އައިލާ މާފަށް އެދުމުން ނޫރް ހިނިތުންވެލިއެވެ.
“އެންމެ ރަނގަޅު. އެއީ ހަމަ އެކަނި ވެއްޔެއްނު،” ނޫރް މަޑުމައިތިރިކަމާއެކު ބުންޏެވެ.
“މީ އައިލާ. ކޮން އެއްޗެއް ތިހާ ބޮޑުކޮށް ހަދަން ތިއުޅެނީ؟” އައިލާ ވަރަށް ގާތްވެލާފައި އަހާލިއެވެ.
“މީ ނޫރްގެ ހުވަފެނީ ގަނޑުވަރު. މީ ނޫރް،” ނޫރްގެ ނަން ބުނެލިއެވެ.
ނޫރްގެ އެ ހިނިތުންވުން ފެނުމުން އައިލާގެ ހިތުގައި ނޫރަށްޓަކައި ވަގުތުން ލޯބި އުފެދުނެވެ. ނޫރަކީ އައިލާއާ މުޅިން ތަފާތު، އެހެނަސް ވަރަށް ހިތްހެޔޮ ކުއްޖެއްކަން އައިލާއަށް އެނގުނެވެ.
“ނޫރް! ތިހާ ކުޑަކޮށް ތިކަން ކުރާނީ ކިހިނެއް؟ ހިނގާ ދެމީހުންވެގެން ބޮޑު ގަނޑުވަރެއް ހަދަމާ!” އައިލާ އުފަލުން ފުންމައިގަންނަމުން ބުންޏެވެ.
އައިލާ އާއި ނޫރް އެކުގައި ވެލިން ގަނޑުވަރެއް ހަދަން ފެށިއެވެ. އައިލާ ބާރަށް ވާހަކަދައްކަމުން، ބޮޑެތި ވެލި ގުޅަ ހަދައިދެމުން ދިޔައިރު، ނޫރް ވަރަށް ފަރުވާތެރިކަމާއެކު އޭގައި ކުރެހުންތައް އަޅައި ރީތިކުރަމުން ދިޔައެވެ. އައިލާ އާއި ނޫރަކީ ދެންމެ ދިމާވި ދެ ބީރައްޓެހިންނަށް ވިޔަސް، އެކުގައި މަސައްކަތް ކުރިއިރު ވަރަށް ފުރިހަމައެވެ.
އިރުއޮއްސި އަނދިރިވާން ފެށުމުން އައިލާ އާއި ނޫރް ގެއަށް ދާން ތައްޔާރުވިއެވެ. ނޫރް ހީކުރީ މިއީ ހަމައެކަނި ބަގީޗާއިން ދިމާވި އެކުވެރިއެއް ކަމަށެވެ. ނަމަވެސް ބަގީޗާއިން ނުކުމެ ހިނގައިގަތުމުން އައިލާވެސް ހިނގީ ނޫރް ދިޔަ މަގުންނެވެ.
“ނޫރް، ކޮން ދިމާލަކަށް ތިދަނީ؟” އައިލާ އަހާލިއެވެ.
“މި މަގުން ގޮސް ހުންނަ ނޫރާނީ މަންޒިލަށް،” ނޫރްގެ ގެ ހުންނަ ދިމާލަށް އިޝާރާތް ކުރަމުން ނޫރް ބުންޏެވެ.
އައިލާ އުފަލުން ހަޅޭއްލަވައިގަތެވެ. “އޭ! އެއީ އައިލާގެ ގޭގެ އަނެއް ފަރާތް! އައިލާ އާއި ނޫރް މީ އަވަށްޓެރިންނެއްނު!”
އެ ވަގުތުން ފެށިގެން އައިލާ އާއި ނޫރްގެ މެދުގައި އުފެދުނީ ދުވަހަކުވެސް ވަކިނުވާނެ ފަދަ ވަރުގަދަ ގުޅުމެކެވެ. އައިލާގެ ބާރު އަޑާއި ނޫރްގެ ހަމަހިމޭންކަން އެކުވެ، އައިލާ އާއި ނޫރަކީ އެކަކު އަނެކަކުގެ ހިޔަނި ފަދަ ގާތް ދެ އެކުވެރިންނަށް ވިއެވެ. އައިލާ އާއި ނޫރްގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ފެށުނީ އެހިސާބުންނެވެ.
ނޫރަށް އެނގުނީ އައިލާ އާއި ނޫރަކީ ތަފާތު ދެމީހުންނަށް ވިޔަސް، ހަގީގަތުގައި އެކަކު އަނެކަކާ ނުލައި ފުރިހަމަނުވާނެ ދެެމީހުން ކަމެވެ. އައިލާ އާއި ނޫރްގެ އެކުވެރިކަމަކީ ދުނިޔޭގެ އެއްވެސް ބާރަކަށް ގުޑުވާލެވޭނެ އެއްޗެއް ނޫން ކަމަށް ނޫރް ގަބޫލުކުރިއެވެ. “އާނ! އައިލާ އާއި ނޫރް އަކީ ދެމީހުންނަށް ވިޔަސް، ހަގީގަތުގައި އެކަކު އަނެކަކާ އެކުގައި ނޫނީ ފުރިހަމަ ނުވާނެ ދެމީހުން،” ނޫރް އައިލާގެ ލޮލަށް ބަލާލާފައި ބުންޏެވެ.
އައިލާ އާއި ނޫރް އެކަކު އަނެކަކަށް ވީ ވަޢުދަކީ ދުވަހަކުވެސް ވަކިނުވުމެވެ. ކުޑަކުދިންގެ އެ މައުސޫމް ހިތްތަކަށް، ދުނިޔޭގެ ބޮޑެތި ބަދަލުތަކާއި ވަގުތުގެ ރަހުމުކުޑަ ނިންމުންތަކަކީ ފަހުމްވާނޭ ކަންކަމެއް ނޫނެވެ.
ދުވަސްތައް ބވޭތުވެ ނިމިގެން ދިޔައިރު، އައިލާ އާއި ނޫރް އަކީ މުޅި އަވަށަށްވެސް މަޝްހޫރުވެފައިވާ “ދެބެއިން” ފަދަ ދެކުދިންނެވެ. އައިލާ ނެތް ތަނެއްގައި ނޫރް ނުފެންނާނެއެވެ. އަދި ނޫރް ނެތް ތަނެއްގައި އައިލާގެ މަޖާކަމެއް ނޯންނާނެއެވެ. އެކަކު އަނެކަކަށް ފުރިހަމަވަމުން، އެކަކު އަނެކަކުގެ އުނިކަންތައް ފޫބައްދަމުން، އައިލާ އާއި ނޫރްގެ ކުޑަކުޑަ ދުނިޔޭގައި އައިލާ އާއި ނޫރް ކުރަމުން ގެންދިޔައީ ރަނިކަމެކެވެ.
އެކަމަކު، ދިރިއުޅުމަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. އުފާވެރިކަމުގެ ފަހަތުގައި ހިތާމައިގެ ހިޔަނި އަބަދުވެސް އޮވެއެވެ. އައިލާ އާއި ނޫރްގެ އެ އުޖާލާ ހިނިތުންވުންތަކަށް ފަނޑުކަމެއް އަންނާނެ ދުވަހެއް އަތުވެދާނެ ކަމަކަށް، އައިލާ އާއި ނޫރްގެ މައުސޫމް ހިތްތަކުން ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. އައިލާ އާއި ނޫރްގެ ވަޢުދަކީ “އަބަދަށް އެކުގައި” ތިބުމެވެ. ނަމަވެސް ވަގުތު ހިނގަމުން ދިޔައީ އެ ވަޢުދަށް އިމްތިހާނު ކުރާނޭ ދުވަހަކާ ދިމާލަށެވެ. މިއީ އައިލާ އާއި ނޫރްގެ ވާހަކައިގެ ފެށުމެވެ. ދެން އަލުން ބައްދަލުވާނެ ބާވައޭ ހިތަށް އަރާނެ ދުވަސްތަކެއް އަންނާނެކަމުގެ އެއްވެސް ހިލަމެއް ނެތި ކުރެވުނު ފޮނި އުންމީދުތަކުގެ ފެށުމެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އައިލާ އާއި ނޫރްގެ ގުޅުން ދިޔައީ އިތުރަށް ބަދަހިވަމުންނެވެ. ކޮންމެ ދުވަހަކު ހެނދުނު ނޫރްގެ ގޭގެ ދޮރުމަތީގައި އައިލާ ހުންނާނެއެވެ. އައިލާގެ ހަލަނިކަމާއި އުފާވެރިކަން މުޅި ހެނދުނުގެ ހަމަހިމޭންކަން ފުނޑުފުނޑުކޮށްލައެވެ. ސްކޫލަށް ދާ މަގުމަތީގައި އައިލާ ދައްކާނީ އައިލާގެ ހުވަފެންތަކުގެ ވާހަކައެވެ. އައިލާ ބޭނުންވަނީ ދުނިޔޭގެ ހުރިހާ ކަނޑެއްގައި ދަތުރުކޮށް، އައު ރަށްތައް ބަލާށެވެ. ނޫރް ބޭނުންވީ އެ ވާހަކަތައް އަޑުއަހާފައި، ނޫރްގެ ފޮތުގައި އެ ވާހަކަތައް ލިޔާށެވެ.
ސްކޫލް ގަޑިތަކުގައި ނޫރް ފިލާވަޅުތަކަށް ސަމާލުކަން ދޭއިރު، އައިލާ އިންނާނީ ކުޑަދޮރުން ބޭރު ބަލާށެވެ. އެނބުރި ގެއަށް އަންނަ މަގުމަތީގައި ނޫރް އައިލާއަށް އެ ދުވަހުގެ ފިލާވަޅުތައް ކިޔައިދެއެވެ. އައިލާގެ ބަދަލުގައި ނޫރް ނޯޓުތައް ލިޔެދެއެވެ. އައިލާއަކީ ނޫރްގެ ހަކަތައެވެ. ނޫރަކީ އައިލާގެ ހަމަޖެހުމެވެ.
އެއް ދުވަހަކު އައިލާ ނޫރްގެ އަތުގައި ހިފާލާފައި ބުންޏެވެ. “ނޫރް، މީހުން ބުނޭ ބޮޑުވީމާ އެކުވެރިން ވަކިވާނެއޭ. އެކަމަކު އައިލާ އާއި ނޫރް ދުވަހަކުވެސް ވަކިނުވާނެ ދޯ؟”
ނޫރް އައިލާގެ މައުސޫމް މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. “އާނ! އައިލާ އާއި ނޫރް އަކީ ދެ އިންސާނުންނަށް ވިޔަސް، ހަގީގަތުގައި އެކަކު އަނެކަކާ އެކުގައި ފުރިހަމަވާ ދެ ކުދިން މިއީ. ނޫރް އައިލާ ނެތި އުޅޭނީ ކިހިނެއް؟”
އެ ވަޢުދަކީ އައިލާ އާއި ނޫރްގެ ހިތުގެ އަޑިން ވީ ވަޢުދެކެވެ. އެކަކު އަނެކަކަށް އޮތް އިތުބާރަކީ ދުނިޔޭގެ އެއްވެސް ތޫފާނަކަށް ގުޑުވާލެވޭނެ އެއްޗެއް ނޫން ކަމަށް އައިލާ އާއި ނޫރް ގަބޫލުކުރިއެވެ. އައިލާ އާއި ނޫރްގެ ހަޔާތުގެ އެންމެ ފުރަތަމަ ބާބު ނިމިގެން ދިޔައީ އެހާވެސް އުފާވެރިކޮށް، އެހާވެސް ފޮނި އުންމީދުތަކަކާއެކުގައެވެ. ނަމަވެސް ވަގުތުގެ ސާޢަތް ހިނގަމުން ދިޔައީ އައިލާ އާއި ނޫރްގެ އެ މައުސޫމްކަމާއި ވަޢުދުތައް އިމްތިހާނު ކުރާނޭ މުސްތަޤުބަލަކާ ދިމާލަށެވެ.
(ނުނިމޭ)
