ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސްޕްލިޓް ޕާސަނަލިޓީ ޑިސްއޯޑަރ ނުވަތަ “ދެވަންސޫރަ ބަލި” އެނގޭތަ؟

“ސްޕްލިޓް ޕާސަނަލިޓީ” ނުވަތަ “ދެވަންސޫރަ ބަލި” މިއީ ސިއްހީ މާހިރުންގެ ބަހުރުވައިގައި “ޑިސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑަރ” (ޑީއައިޑީ) އަށް އާންމުކޮށް ކިޔައިއުޅޭ ނަމެކެވެ. މިއީ އެކެއްގެ ހަށިގަނޑެއްގައި ދޭއް ނުވަތަ އެއަށްވުރެ ގިނަ އަމިއްލަ ޝަހުސިއްޔަތު ނުވަތަ އައިޑެންޓިޓީ ހިމެނޭ ހާލަތެކެވެ. މީގެ ކޮންމެ ޝަހުސިއްޔަތަކީވެސް ދުނިޔެއާ މުއާމަލާތްކުރާނެ އަމިއްލަ ގޮތްތަކެއް ހުންނަ، ވަކި ނަމަކާއި، ތާރީޚަކާއި އަދި އާދަކާދަތަކެއް ލިބިގެންވާ ބައެކެވެ. އެހެންކަމުން، މިއީ އެމީހެއްގެ އަސްލު ޝަހުސިއްޔަތާ މުޅިން ތަފާތު ސިފަތަކެއް އެކުލެވޭ އައިޑެންޓިޓީތަކެކެވެ.

މި ބަލި ވުމަށް މެދުވެރިވާ ސަބަބުތައް:
މި ބަލި އާންމުކޮށް މެދުވެރިވަނީ ކުޑައިރު ދިމާވާ ނަފްސާނީ ނުވަތަ ޖިސްމާނީ ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ. ވަކިން ހާއްސަކޮށް، ތަކުރާރުކޮށް ލިބޭ ޖިންސީ، ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާތަކުގެ ސަބަބުންނެވެ. މިފަދަ ތަފާތު ޝަހުސިއްޔަތުތައް އުފެދެނީ، ތަހައްމަލުކުރަން އުނދަގޫވާ ފަދަ ހިތްދަތި ތަޖުރިބާތަކާއި ސްޓްރެސްއާ ކުރިމަތިލުމަށް ހަށިގަނޑުން އުފައްދާ ދިފާއީ ނިޒާމެއްގެ ގޮތުގައެވެ. މިއީ އެމީހަކަށް ލިބޭ ތަދުތަކާއި ހިތްދަތި ހަނދާންތަކާ ދުރުވުމަށްޓަކައި، ކޮންމެ ޝަހުސިއްޔަތަކުން ވެސް ވަކި ކަހަލަ ހާދިސާތަކެއް ނުވަތަ އިހުސާސްތަކެއް އުފުލައިދިނުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ.

މީހެއްގެ ކިބައިގައި މި ބަލި ހުރިކަން ދެނެގަންނާނީ ކިހިނެއް؟
މި ބަލީގެ އަލާމާތްތައް އެކަކު އަނެކަކާއި ތަފާތުވުމުގެ ސަބަބުން، މިއީ ދެނެގަންނަން އުނދަގޫ ބައްޔެކެވެ. ނަމަވެސް އާންމުކޮށް ފެންނަ ބައެއް އަލާމާތްތަކަކީ:

* ހަނދާން ނެތުން (އެމްނީޒިއާ): މިއީ މި ބަލީގެ އެންމެ ބޮޑު އެއް އަލާމާތެވެ. މީގެ ތެރޭގައި ދުވަހުން ދުވަހަށް ހިނގާ ކަންކަމާއި، އަމިއްލަ ހަޔާތުގެ މުހިންމު ކަންކަމާއި، ވަކިން ހާއްސަކޮށް ހިތްދަތި ހާދިސާތަކުގެ ހަނދާން މުޅިން ނެތުން ހިމެނެއެވެ. މިފަދަ މީހުންނަށް އާންމުކޮށް ހަނދާން ހުންނަންޖެހޭ މުހިންމު މައުލޫމާތުތައް ހަނދާން ނެތުމާއި، ތިމާއަށް ނޭނގި ވަގުތުތަކެއް ފާއިތުވެފައި ހުރުމާއި، ތިމާ ގަނެފައިވާ އެއްޗެއްކަން ނޭނގޭ ފަދަ ތަކެތި ފެނުން ފަދަ ކަންކަން ދިމާވެއެވެ.

* އަމިއްލަ ނަފްސާ ވަކިވެފައިވާކަމުގެ އިހުސާސްވުން ޑިޓޭޗްމަންޓް): މި ބަލި ތަހައްމަލުކުރާ މީހުންނަށް ގިނަފަހަރަށް އިހުސާސްވަނީ އެމީހުންގެ އަމިއްލަ ނަފްސާއި އިހުސާސްތަކާ ވަކިވެފައިވާ ކަމަށެވެ. އެއީ ހަޔާތުގައި އަމަލީ ގޮތުން ބައިވެރިވާ މީހެއްގެ ބަދަލުގައި، ދުރުގައި ހުރެގެން އަމިއްލަ ހަޔާތް ބަލާ މީހެއް ފަދަ އިހުސާސެކެވެ. މީގެ ސަބަބުން އެހެން މީހުންނާ ގުޅުން ބޭއްވުމަށާއި ދިރިއުޅުމުގެ ކަންކަމުގައި ފުރިހަމައަށް ބައިވެރިވުމަށް ހުރަސްއެޅެއެވެ.

* އަމިއްލަ މީހާގެ އަސްލު އޮޅުންބޮޅުންވުން (އައިޑެންޓިޓީ ކޮންފިއުޝަން): ތިމާއަކީ ކާކުކަމާއި، ތިމާ ގަޔާވަނީ ކޮން ކަންތައްތަކަކާ ކަމާމެދު އަބަދުވެސް ޝައްކު އުފެދިފައި އޮވެއެވެ. މިކަންކަން ބަދަލުވަމުންދަނީ އެވަގުތަކު އެމީހާގެ ކޮންޓްރޯލްގައި ހުރި ޝަހުސިއްޔަތަކަށް ބިނާކޮށެވެ.

* ތަފާތު ޝަހުސިއްޔަތުތައް ފެނުން (ޑިސްޓިންކްޓް އައިޑެންޓިޓީސް): މިއީ މި ބަލީގެ އެންމެ ފާހަގަކޮށްލެވޭ އަލާމާތެވެ. އެކެއްގެ ކިބައިން ތަފާތު އުމުރުގެ، ތަފާތު ޖިންސުގެ، ނުވަތަ ތަފާތު ނަސްލެއްގެ ސިފަތައް ފެނިދާނެއެވެ. ކޮންމެ ޝަހުސިއްޔަތަކީ ވެސް އަމިއްލަ ނަމަކާއި، އުޅުމެއް ހުންނަ ބައެކެވެ. އެއް ޝަހުސިއްޔަތުން ކުރާ ކަންކަން އަނެއް ޝަހުސިއްޔަތަށް ނޭނގި އޮވެދާނެއެވެ.

ފަރުވާ ދެވޭނެ ގޮތްތައް:
މި ބައްޔަށް ދެވޭ އެންމެ ފައިދާހުރި ފަރުވާއަކީ ނަފްސާނީ ފަރުވާ ނުވަތަ ސައިކޯތެރަޕީއެވެ. މީގެ މައިގަނޑު ބޭނުމަކީ ހުރިހާ ޝަހުސިއްޔަތުތަކެއް އެއްކޮށްލައި، އެންމެ ޝަހުސިއްޔަތަކަށް ބަދަލުކުރުމެވެ. ބައެއް ފަރުވާތަކަކީ:

1- ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ: މިއީ ނުބައި ވިސްނުންތަކާއި އިހުސާސްތައް ދެނެގަނެ، އެކަންކަން ބަދަލުކުރުމަށް އެހީތެރިވެދޭ ފަރުވާއެކެވެ. މީގެ ސަބަބުން ޝަހުސިއްޔަތުތައް ބަދަލުވުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ކުޑަކޮށްދެއެވެ.

2- ޑަޔަލެކްޓިކަލް ބިހޭވިއަރ ތެރަޕީ: މިއީ އިހުސާސްތައް ކޮންޓްރޯލްކުރުމަށް ދެވޭ ވަރަށް ކާމިޔާބު ފަރުވާއެކެވެ. މީގެ ސަބަބުން ކުއްލިއަކަށް އަންނަ ރުޅިވެރިކަމާއި، ހިތާމަ ފަދަ އިހުސާސްތައް މެނޭޖްކުރަން ދަސްކޮށްދެއެވެ.

3- އައި މޫވްމަންޓް ޑިސެންސިޓައިޒޭޝަން އެންޑް ރީޕްރޮސެސިންގ: މިއީ ކުރީގެ ހިތްދަތި ހަނދާންތަކުން ދުރުވުމަށް ދެވޭ ފަރުވާއެކެވެ. މީގެ ސަބަބުން ބާރުގަދަ ހިތްދަތި ހަނދާންތައް އާދައިގެ ހަނދާންތަކަކަށް ބަދަލުކޮށްދީ، ބަލީގެ އަލާމާތްތައް މަދުކޮށްދެއެވެ.

މީގެ އިތުރުން، މި ބައްޔާ ގުޅިގެން ދިމާވާ މާޔޫސްވުމާއި (ޑިޕްރެޝަން) ހާސްވުމަށް (އެންޒައިޓީ) ބޭސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ޑިސޯސިއޭޓިވް އަލާމާތްތަކަށް ހާއްސަ ބޭހެއް އަދި ނުހުރެއެވެ.

އާންމު ދިރިއުޅުމެއް އުޅެވިދާނެ ހެއްޔެވެ؟
އާނއެކެވެ. ރަނގަޅު ފަރުވާއާއި އާއިލާގެ އެހީތެރިކަމާއެކު، މި ބަލި ތަހައްމަލުކުރާ މީހުންނަށް ވެސް އުފާވެރި، ފުރިހަމަ ދިރިއުޅުމެއް އުޅެވިދާނެއެވެ.

މި ބައްޔާ ގުޅޭ ބައެއް ސުވާލުތައް:
* މިއީ ބައިޕޯލާ ޑިސްއޯޑަރ ނުވަތަ ނާސިސިޒަމް ފަދަ ކަމެއް ހެއްޔެވެ؟

ނޫނެކެވެ. ބައިޕޯލާ އަކީ މޫޑަށް އަންނަ ބަދަލެކެވެ. ނާސިސިޒަމް އަކީ ތިމާގެ އަމިއްލަ ނަފްސަށް މާ ބޮޑު އަހައްމިއްޔަތެއް ދިނުމެވެ. މިއީ މި ބައްޔާ މުޅިން ތަފާތު ދެ ކަމެކެވެ.

* ޝަހުސިއްޔަތުތައް އެކަކު އަނެކަކާ ވާހަކަ ދައްކާ ހެއްޔެވެ؟

ބައެއް ފަހަރު މި ޝަހުސިއްޔަތުތައް އެކަކު އަނެކަކާ މުއާމަލާތް ކުރެއެވެ. ބައެއް މީހުންނަށް އެމީހުންގެ ތެރޭގައި ތަފާތު ޝަހުސިއްޔަތުތައް ތިބިކަން އެނގެއެވެ. އަނެއް ބަޔަކަށް އެކަން ނޭނގެއެވެ.

* އަޑުތައް އިވޭ ހެއްޔެވެ؟

އާނއެކެވެ. މި ބަލި ތަހައްމަލުކުރާ މީހުންނަށް ބައެއް ފަހަރު ބޮލުތެރޭގައި އަޑުތަކެއް އިވޭ ކަމުގެ އިހުސާސް ކުރެވެއެވެ. މިއީ އެކި ޝަހުސިއްޔަތުތަކުގެ ވިސްނުމާއި އަޑުތަކެވެ.

* ފަރުވާ ނުދީފިނަމަ ވާނީ ކިހިނެއް؟

ފަރުވާ ނުދީފިނަމަ މާޔޫސްވުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އަމިއްލައަށް މަރުވުމުގެ ވިސްނުން ފަދަ ނުރައްކާތެރި ކަންކަމާ ކުރިމަތިލާން ޖެހިދާނެއެވެ.

ނިންމުން:
މިފަދަ ބަލިމީހަކުދެކެ ލޯބިވުމާއި، އަޅާލުމަކީ ކެތްތެރިކަމާއި ބަލީގެ މައުލޫމާތު ހުރެގެން ކުރެވޭނެ ކަމެކެވެ. އެމީހުންގެ ހުރިހާ ޝަހުސިއްޔަތަކަށް އިހުތިރާމްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަކީ ގުޅުން ބަދަހިކޮށްދޭނެ ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top