މާލޭގެ ހަލަބޮލި މަގުތަކުގެ ތެރޭގައި، އަވީގައި ހުރެގެން ޓްރެފިކް ބަލަހައްޓަމުން ދިޔަ މޫސާ ޝަފީގަކީ އެންމެން ދަންނަ، އެންމެން ލޯބިވާ މީހެކެވެ. ނުވަތަ އެންމެން “ބޭނުން ހިފާ” މީހެކެވެ. އުމުރުން 40 އަހަރުވެފައިވާ ޝަފީގަކީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އެންމެ ހިތްހެޔޮ، އެންމެ އޯގާތެރި އޮފިސަރެވެ. އޭނާގެ އަނގަޔަކުން ދުވަހަކުވެސް ހަޑި ބަހެއް ނުނިކުމެއެވެ. މަގުމަތިން ގަވާއިދާ ޚިލާފުވާ މީހަކަށް ނަސޭހަތެއް ދޭއިރުވެސް އޭނާގެ ރާގު ހުންނަނީ ނިކަން މަޑުމައިތިރިކޮށެވެ.
“ކޮއްކޯ، ތި ހެލްމެޓްގެ ވާގަނޑު ނާޅުވައި ދުއްވީމާ ނުރައްކާވާނެ ނޫންތަ؟ ތިހެން އުޅޭއިރު އަމިއްލަ ސަލާމަތަށް ވިސްނާލަންވާނެ،” ޝަފީޤް ހިނިތުންވުމަކާއެކު ބުނެލިއެވެ.
އެ ސައިކަލުގައި އިން ޒުވާނާ ޝަފީގަށް ބަލައިލީ ފަރުވާކުޑަ ގޮތަކަށެވެ. “އޭ ބޭބޭ! މާ ގިނަ ވާހަކަ ނުދައްކާ ދޫކޮށްލަބަލަ. މިއީ މާލެއޭ،” އެ ޒުވާނާ ހަޅޭއްލަވައިގަތެވެ.
ޝަފީޤް އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމައެކަނި އިސްޖަހާލީއެވެ. މިއީ ޝަފީޤްގެ އާދައެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް، ކޮންމެ އިހާނެތިކަމެއް ކުރިޔަސް އޭނާ ހުންނާނީ ކެތްތެރިވެގެންނެވެ. އޭނާގެ މި މަޑުމައިތިރިކަމަކީ މާލޭގެ ގިނަ މީހުންނަށް މަޖަލަކަށް ވެފައިވާ ކަމެކެވެ.
ޝަފީޤްގެ އަމިއްލަ ދިރިއުޅުމަކީވެސް ހިތްދަތި، ނަމަވެސް އޭނާ އުފަލުން އުޅޭ ކަމަށް ދައްކާ ދިރިއުޅުމެކެވެ. މީގެ އަހަރުތަކެއް ކުރިން އޭނާގެ އަންހެނުން، ވަސީމާ، އޭނާ ދޫކޮށްލާފައި ދިޔައީ އެހެން މީހަކާ ގުޅިގެންނެވެ. ދަމުން ދިޔައީ ޝަފީޤްގެ ތިން ދަރިން ކަމަށް ބުނެ ތިން ފިރިހެން ކުދިން ޝަފީޤް ކައިރީ ބައިތިއްބާފައެވެ. އެންމެންނަށްވެސް އެނގެނީ އެއީ ޝަފީޤްގެ ދަރިން ނޫން ކަމެވެ. އެކުދިންގެ ސިފައާއި ކުލަވަރު ޝަފީގާ މުޅިން ތަފާތެވެ. ނަމަވެސް ޝަފީޤް އެކުދިންނަށް ދިނީ އަމިއްލަ ދަރިންނަށްވުރެ ބޮޑު ލޯތްބެކެވެ.
އެ ކުދިންނަކީ މިހާރު މާލޭގެ ނިސްބަތުން ބިޔަ، ބާރުގަދަ ތިން ޒުވާނުންނެވެ. އެކުދިން ޝަފީގަށް ވަރަށް އިހުތިރާމް ކުރެއެވެ. އެކަމަކު ޝަފީޤްގެ ހިތުގެ ތެރޭގައި ފޮރުވިފައިވާ އުދާސްތައް އެކުދިންނަކަށްވެސް ނޭނގެއެވެ.
ދުވަހަކީ މާލެއަށް ނިކަން ހޫނު ގަދަ ދުވަހެކެވެ. ޝަފީޤް ހުރީ މަޖީދީމަގު ބްލޫ މެޑިކަލްސް ކައިރީގައި ޓްރެފިކް ބަލަހައްޓާށެވެ. މީހަކު އައިސް އޭނާގެ ފައިމަތިން ސައިކަލު ދުއްވާލާފައި ދިޔައީއެވެ.
“އޯހް! ސޮރީ އިނގޭ ޝަފީޤްބޭ،” އެ މީހާ ހީލާފައި ބުންޏެވެ.
ޝަފީޤްގެ ފައިގައި ރިއްސައިގަތެވެ. އެކަމަކު އޭނާ ހަމައެކަނި ބުނެލީ، “އިޓްސް އޯކޭ” އެވެ.
މިފަދަ އެތައް ކަމެއް އެއްވެ، ޝަފީޤްގެ ސިކުނޑީގެ ތެރޭގައި އާދަޔާ ޚިލާފު ބާރެއް އުފެދެމުން ދިޔައެވެ. ޑޮކްޓަރުން ބުނެފައިވަނީ އޭނާއަށް ވަނީ “އެޑްވާންސްޑް ޝިޒޮފްރީނިއާ” ނުވަތަ މަލްޓިޕްލް ޕާރސަނަލިޓީ ޑިސޯޑަރ ޖެހިފައި ކަމަށެވެ. އޭނާގެ ހުރިހާ ރުޅިއެއް ކެތްކޮށްގެން ހުރުމުގެ ސަބަބުން، އޭނާގެ ސިކުނޑި ވަނީ އެހެން އިންސާނަކު އުފަންކޮށްފައެވެ.
އެއީ “ޝަފޭ” އެވެ.
ޝަފޭއަކީ ޝަފީގާ ދިމާ އިދިކޮޅެވެ. އޭނާއަކީ އަނިޔާވެރި، ހަރުކަށި، އަދި އެއްވެސް މީހަކަށް ބިރުގަންނަ މީހެއް ނޫނެވެ. ޝަފީޤް ބޭނުންކުރަންޖެހޭ ބޭސް ހުސްވިތާ ތިން ދުވަސް ވެއްޖެއެވެ. އޭނާ ހީކުރީ ބޭސް ނުކެޔަސް އޭނާ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އެހެންނަކުން ނޫނެވެ.
އެ ދުވަހު މެންދުރު، ޝަފީޤް ސައިކަލެއްގައި ދަނިކޮށް، މީހަކު އޭނާގެ ކުރިއަށް އެރިއެވެ. އަދި އެ މީހާ ޝަފީގާ ދިމާއަށް ބޭއަދަބީ ބަހުން އެއްޗެހި ކިޔަން ފެށިއެވެ.
ޝަފީޤްގެ ލޯ ރަތްވާން ފެށިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ ނުލަފާ ހިނިތުންވުމެކެވެ.
“ކަލޭ ދެންމެ ތި ބުނީ ކީކޭ؟” ޝަފީޤްގެ އަޑު މުޅިން ބަދަލުވިއެވެ. އެއީ ބަރު، ބިރުވެރި އަޑެކެވެ.
އެ މީހާ ބިރުން ފަހަތަށް ޖެހުނެވެ. “ޝަފީުބޭ … މަ… މަ… މަ ބުނީ…”
“މަށަކީ ޝަފީގެއް ނޫން. މަށަކީ ޝަފޭ!” އޭނާ ހަޅޭއްލަވައިގަތެވެ. އަދި އެ މީހާގެ ކޮލުގައި ހިފާ، ކައިރީގައި އޮތް ފެންގަނޑެއްގެ ތެރެއަށް އޭނާގެ ބޯ ކޮއްޕާލިއެވެ. މަގުމަތީގައި ތިބި މީހުން ހައިރާންވެގެން ބަލަން ތިއްބެވެ. އެ މަޑުމައިތިރި ޝަފީޤް ކޮބައި ހެއްޔެވެ؟
ޝަފީޤްގެ މި ހާލަތު ބޮޑުވެ، އޭނާގެ މައްޗަށް ތަހުގީގެއް ހިންގަން ފެށުނެވެ. ނަމަވެސް އޭނާގެ މުއައްސަސާއިން ނިންމީ އޭނާއަށް ފުރުސަތެއް ދިނުމަށެވެ. އެގޮތުން އޭނާއަށް ހަވާލުކުރެވުނީ މާލެއިން ހުޅުމާލެއަށް، އަދި އެއަށްފަހު އުތުރުގެ ރަށަކަށް “މަރިޔަމް” ކިޔާ އަންހެނަކު ގެންގޮސްދިނުމަށެވެ.
މަރިޔަމަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ނަމަވެސް އޭނާގެ ފަހަތުން ނުލަފާ ބަޔަކު އަޅުވާލާފައިވާ އަންހެނެކެވެ. މަރިޔަމް ހީކުރީ ޝަފީގަކީ އޭނާގެ ސަލާމަތަށް ހުރި މީހެއް ކަމަށެވެ.
“ތޭންކް ޔޫ އޮފިސަރ ޝަފީޤް، އަޅުގަނޑު ސަލާމަތްކޮށްދޭން އައީތީ،” މަރިޔަމް މަޑުމައިތިރިކަމާއެކު ބުންޏެވެ.
ޝަފީޤް ހިނިތުންވެލިއެވެ. “އަޅުގަނޑުގެ ވާޖިބަކީ ކަމަނާ ސަލާމަތުން މަންޒިލަށް ފޯރުކޮށްދިނުން. އެއްވެސް ކަމަކާ ހާސްނުވޭ،” ޝަފީޤް އޭނާގެ އާދައިގެ މަޑުމައިތިރި ރާގުގައި ބުންޏެވެ.
އެ ދުވަހުގެ ހަވީރުގެ ވަގުތެވެ. ޝަފީގާއި މަރިޔަމް ތިބީ މާލޭގެ ފަޅުން ނައްޓާލި ލޯންޗެއްގައެވެ. އަމާޒަކީ ރޭގަނޑުވުމުގެ ކުރިން އުތުރުގެ ރަށަކަށް ފޯރުމެވެ. ނަމަވެސް، ޝަފީގަށް ނޭނގި އޮތް ކަމަކީ އޭނާގެ ދަބަހުގައި ހުރި ބޭސްފުޅި، ލޯންޗަށް އެރި ވަގުތު ކަނޑަށް ވެއްޓުނު ކަމެވެ. ބޭސް ނުކެވޭތާ މިހާރު ސައުވީސް ގަޑިއިރު ވެއްޖެއެވެ. ޝަފީޤްގެ ސިކުނޑީގެ ތެރޭގައި “ޝަފޭ” ދިޔައީ ހޭލަން ތައްޔާރުވަމުންނެވެ.
ލޯންޗު ދަތުރުކުރަމުން ދަނިކޮށް މަރިޔަމް ވާހަކަދައްކަން ފެށިއެވެ. “ޝަފީޤް، އަހަރެންގެ ފަހަތުން މިއުޅެނީ ކޮން ބައެއްކަން އެނގޭތަ؟ އެއީ އަހަރެންގެ ކުރީގެ ބޮސް، ނާޒިމް. އޭނާއަކީ ނުފޫޒުގަދަ މީހެއް. އޭނާގެ ކޮރަޕްޝަންގެ ލިޔުންތަކެއް އަހަރެންގެ އަތުގައި ހުރީމާ އޭނާ ބޭނުންވަނީ އަހަރެން މަރާލަން.”
ޝަފީޤް ބޯޖަހާލިއެވެ. “ކަމަނާ ހާސްނުވޭ. ގާނޫނުގެ ކުރިމައްޗަށް އެންމެންވެސް އަންނަންޖެހޭނެ.”
ނަމަވެސް، ކުއްލިއަކަށް ޝަފީޤްގެ މޫނަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އޭނާގެ ލޯ ހަނިވެ، ތުންފަތްމައްޗަށް ނުލަފާ ހިނިތުންވުމެއް އައެވެ. އޭނާ މަރިޔަމާ ދިމާއަށް ބަލައިލީ ކުރިން ބަލައިލި ގޮތަކަށް ނޫނެވެ.
“ކޮރަޕްޝަނޭ؟” ޝަފޭގެ އަޑު ނުކުތެވެ. “އޭނާ ބޭނުންވަނީ ކަލޭ މަރާލާށޭ؟ މަށާ ދިމާއަށް ބަލާބަލަ. މަ ބޭނުންވަނީ މި ލޯންޗުން ފުންމާލާފައި ގޮސް އޭނާގެ ކަރުގައި ހިފަން!”
މަރިޔަމް ބިރުން ފަހަތަށް ޖެހުނެވެ. “ޝަފީޤް؟ ކިހިނެއްވީ؟”
“ޝަފީޤް ނިދައިފި! މިހާރު މިއީ ޝަފޭ!” އޭނާ ހަޅޭއްލަވައިގަތެވެ. އަދި ލޯންޗުގައި ހުރި ފެންފުޅިއެއް ނަގައި، އެއްލާލީ ލޯންޗު ދުއްވަން ހުރި މީހާގެ ބޮލަށެވެ. “މާ މަޑުންނޭ ތި ދުއްވަނީ! އަވަސްކުރޭ!”
ލޯންޗު ދުއްވަން ހުރި މީހާ ބިރުން ގޮސް ސްޕީޑް ބާރުކޮށްލިއެވެ. މަރިޔަމަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ކުރިމަތީގައި މިހުރީ އޯގާތެރި ފުލުސް މީހާއެއް ނޫނެވެ. މިއީ މުޅިން އެހެން މީހެކެވެ.
އިރުއޮއްސި އަނދިރިވީއިރު، ތެޔޮ އެޅުމަށްޓަކައި ލޯންޗު ކުޑަ ރަށަކަށް ކައިރިކުރިއެވެ. ޝަފީޤް (ނުވަތަ މިހާރުގެ ޝަފޭ) ލޯންޗުން ފޭބީ މާސްކެއް އަޅައި މޫނު ނިވައިކޮށްގެންނެވެ.
“މަރިޔަމް! އާދޭ ފައިބަން. މަ މިދަނީ ސައިބޯން،” ޝަފޭ ބުންޏެވެ.
އެ ރަށުގެ ކުޑަ ހޮޓަލަކަށް ވަދެ، ޝަފޭ އޯޑަރު ދިނީ އާދައިގެ ސައިބުއިމަކަށް ނޫނެވެ. އޭނާ ބޭނުންވީ އެންމެ އަގުބޮޑު ކާނާއެވެ. އަދި ހޮޓަލުގައި ތިބި މީހުންނާ ދިމާއަށް ބޭކާރު ގޮތުގައި ހަޅޭއްލަވަން ފެށިއެވެ.
“މި ކޮފީގައި ހަކުރު މަދޭ! ކަލޭމެންނަށް ނޭނގޭތަ ކޮފީ ގިރާކަށް؟” ޝަފޭ ހޮޓަލުގެ ވޭޓަރަށް ހަޅޭއްލަވައިގަތެވެ.
މަރިޔަމް މަޑުމަޑުން ޝަފޭގެ އަތުގައި ހިފާލިއެވެ. “ޝަފީޤް، އާދޭސްކުރަން. މީހުންނަށް އުނދަގޫ ނުކުރޭ. އަހަރެމެން މިތިބީ ނުރައްކަލެއްގެ ތެރޭގަ.”
ޝަފޭ މަރިޔަމަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ކުއްލިއަކަށް ޝަފީޤްގެ ކުލަވަރު ފެނުނެވެ. “މަރިޔަމް؟ އަހަރެން… އަހަރެން ކީއް މިކުރަނީ؟” ޝަފީޤް އަނބުރާ އައީއެވެ. އޭނާގެ ބޮލުގައި ރިއްސައިގަތެވެ. “އަހަރެންގެ ބޭސް! މަރިޔަމް، އަހަރެންގެ ބޭސްފުޅި ކޮބާ؟”
ދެމީހުންވެގެން ދަބަސް ހާވަން ފެށިއެވެ. ނަމަވެސް ބޭސްފުޅިއެއް ނުފެނުނެވެ. ޝަފީޤްގެ މޫނުމަތިން ބިރުވެރިކަން ފެނުނެވެ. “އަހަރެން މިހާރު ބޭސް ބޭނުން. ނޫނީ… ނޫނީ އޭނާ އަނެއްކާވެސް އަތުވެދާނެ.”
އެވަގުތު، ހޮޓަލުގެ ދޮރުމަތިން ދެ ސައިކަލެއް މަޑުކޮށްލިއެވެ. އޭގެ މަތީގައި ތިބީ ކަޅު ހެދުން ލައިގެން ތިބި، މޫނު ނިވާކޮށްގެން ތިބި ހަތަރު މީހުންނެވެ. އެއީ ނާޒިމް ފޮނުވި މީހުންނެވެ.
“އެތިބީ! އެމީހުން އަތުވެއްޖެ!” މަރިޔަމް ބިރުން ރޫރޫ އަޅަން ފެށިއެވެ.
ޝަފީޤް ހާސްވިއެވެ. އޭނާގެ އަތުގައި އޮތީ ހަމައެކަނި ފުލުހުންގެ ބެޖާއި، މުގުރުބުރިއެކެވެ. ނަމަވެސް އޭނާއަކީ ދުވަހަކުވެސް މީހެއްގެ ގައިގައި ޖެހި މީހެއް ނޫނެވެ. އޭނާގެ އަތް ތުރުތުރުލާން ފެށިއެވެ.
“ޝަފީޤް! ކޮންމެވެސް ކަމެއް ކުރޭ!” މަރިޔަމް ހަޅޭއްލަވައިގަތެވެ.
ޝަފީޤް ދެލޯ މަރާލިއެވެ. އޭނާގެ ސިކުނޑީގެ ތެރޭގައި ޝަފޭގެ އަޑު އިވެން ފެށިއެވެ. ‘ކަލެއަށް މިކަމެއް ނުވާނެ ޝަފީޤް. މަށަށް ޖާގަދީ. މަ މިކަން ނިންމާލާނަން.’
“ނޫން! އަހަރެން ބޭނުމެއް ނޫން މީހަކަށް އަނިޔާކުރާކަށް!” ޝަފީޤް އަމިއްލަ ނަފުސާ ވާހަކަދެއްކިއެވެ.
އެ ހަތަރު މީހުން ހޮޓަލަށް ވަދެ، ޝަފީގާ ދިމާއަށް ވަޅި ދިއްކޮށްލިއެވެ. އެވަގުތު ޝަފީޤްގެ ބޮލަށް އެނބުރުން އެރިއެވެ. އޭނާ އިސްޖަހާލާފައި އަލުން ބޯ ހިއްލާލިއިރު، އެއީ ޝަފީގެއް ނޫނެވެ.
ޝަފޭގެ މޫނުމަތީގައި ހުރީ ނުރައްކާތެރި ހިނިތުންވުމެކެވެ. “އޭ މިތިބަ ސޮރުމެންނޭ! ތި ކުޅެނީ ނުބައި މީހަކާ އިނގޭ!”
ޝަފޭ ކުއްލިއަކަށް މޭޒު ބޮލަށް ޖަހާލައި، އޭގެ ނިވަލުގައި ހުރެގެން އެމީހުންނާ ދިމާއަށް ހަމަލާދޭން ފެށިއެވެ. އޭނާގެ ހަރަކާތްތައް ހުރީ ފިލްމީ ބަތަލެއް ފަދައިންނެވެ. އެއްވެސް ބިރެއް ނެތި، އޭނާ ގޮސް އެމީހުންގެ ތެރެއަށް ފުންމާލިއެވެ.
މި ކުރިމަތިލުމުގައި ޝަފޭ ވަނީ އެ ހަތަރު މީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. މަރިޔަމް ހުރީ ހައިރާންވެފައެވެ. ޝަފޭ މަރިޔަމްގެ އަތުގައި ހިފާލިއެވެ. “ހިނގާ ދާން! މިތަނުން ނުނިކުމެއްޖެއްޔާ މިއަށްވުރެ ގިނަ ބަޔަކު އަތުވެދާނެ!” ޝަފޭ މަރިޔަމްގެ އަތުގައި ބާރަށް ހިފާ ދަމަމުން ކަހަލަ ގޮތަކަށް ހޮޓަލުން ނުކުތެވެ. އޭނާގެ ހަރަކާތްތަކުގައި ހުރީ ޝަފީޤްގެ ކިބައިން ދުވަހަކުވެސް ނުފެންނަ ފަދަ ޖޯޝަކާއި ހަލުވިކަމެކެވެ.
މަގުމަތީގައި ހުރި ސައިކަލަކަށް މަރިޔަމް އަރުވައިގެން ޝަފޭ ބާރު ދުވެލީގައި ބަނދަރާ ދިމާއަށް ދުއްވާލިއެވެ. “ޝަފީޤް! މަޑުކޮށްބަލަ! މިއީ ކާކުގެ ސައިކަލެއް؟ މިއީ ވައްކަމެއްނު!” މަރިޔަމް ބިރުން ހަޅޭއްލަވައިގަތެވެ.
“މިއީ ވައްކަމެއް ނޫން، މިއީ ‘އިމަރޖެންސީ ރިކުއިޒިޝަން’ އެއް!” ޝަފޭ ހީލަމުން ބުންޏެވެ. “އަދި މަށަށް ޝަފީޤް ކިޔުން ހުއްޓާލާ. މަށަކީ ޝަފޭ!”
ބަނދަރަށް ދެވުމާއެކު، ލޯންޗު ދުއްވަން ހުރި މީހާ ބިރުން ފިލާ އޮއްވާ ޝަފޭ އޭނާ ހޯދައިގަތެވެ. “ކަލޭ ހީކުރީ މަ ދޫކޮށްލާފަ ފިލޭނެ ކަމަށްތަ؟ އަވަހަށް އިންޖީނު ޖައްސާ!” ޝަފޭގެ އަމުރަށް ލޯންޗު އަނެއްކާވެސް ކަނޑުގެ ރާޅުތަކުގެ ތެރެއަށް ނިކުތެވެ.
ދަތުރުގެ ބާކީ ބައިގައި ޝަފޭ އާއި ޝަފީޤްގެ ދެމެދުގައި ހަނގުރާމައެއް ހިނގަމުން ދިޔައެވެ. އިރުކޮޅަކުން ޝަފީޤްވެގެން އައިސް މަރިޔަމްގެ ކިބައިން މަޢާފަށް އެދެއެވެ. އަނެއް އިރުކޮޅަކުން ޝަފޭވެގެން އައިސް ހަރުކަށި ވާހަކަތައް ދައްކައެވެ.
“މަރިޔަމް، އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެންގެ ސިކުނޑި މިހާރު މަސައްކަތް ކުރާ ގޮތެއް ނޭނގެ،” ޝަފީޤް އޭނާގެ އަސްލު އަޑުން ބުންޏެވެ. “އަހަރެން ކަލެއަށް އަނިޔާއެއް ކުރިތަ؟”
މަރިޔަމް އޯގާތެރިކަމާއެކު ޝަފީޤްގެ އަތުގައި ހިފާލިއެވެ. “ނޫން ޝަފީޤް. ކަލޭ އަހަރެން ސަލާމަތްކުރީ. އެކަމަކު ކަލޭ ބޭސް ހޯދަން އެބަޖެހޭ. މިހާރު ތިވަނީ މާ ބޮޑުވަރުވެފަ.”
ޝަފީޤް ފުން ނޭވައެއްލިއެވެ. “އަހަރެންގެ މުޅި އުމުރުގަ އަހަރެން ކެތްކުރީ. އެންމެން އަހަރެންގެ ބޭނުން ހިފީ. އަންހެނުން ދިޔައީ، މީހުން މަލާމާތްކުރީ… ފަހަރެއްގައި ޝަފޭ އުފަންވީ އެ ހުރިހާ ރުޅިއެއް ބޭރުކުރަން ކަމަށް ވެދާނެ.”
މި ވާހަކައިގެ ތެރޭގައި އިންދާ، ހަނިމާދޫގެ ބައްތިތައް ދުރުން ފެންނަން ފެށިއެވެ. ނަމަވެސް އެމީހުންނަށް ނޭނގި އޮތް ކަމަކީ، ނާޒިމްގެ މީހުން މިހާރު ތިބީ ހަނިމާދޫގެ ފަޅުތެރޭގައި އެމީހުންގެ އިންތިޒާރުގައި ކަމެވެ.
ލޯންޗު ހަނިމާދޫ ފަޅަށް ވަނުމާއެކު، ދެ ފަރާތުން ބާރު ދުވެލީގައި ދެ ޑިންގީއެއް އައިސް ލޯންޗު ވަށާލިއެވެ. އޭގެ ތެރޭގައި ތިބީ ވަޅި ހިފައިގެން ތިބި ބަޔެކެވެ.
“ޝަފީޤް! އެމީހުން އެ އަންނަނީ!” މަރިޔަމް ބިރުން ހަޅޭއްލަވައިގަތެވެ.
ޝަފީޤް ގަނޑުވިއެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ ބޭނުންވީ ޝަފޭގެ އެހީތެރިކަމެވެ. “ޝަފޭ! މިހާރު ކަލޭ އާދޭ! އަހަރެންގެ ސަލާމަތަށްޓަކާ ނޫން، މަރިޔަމްގެ ސަލާމަތަށްޓަކާ!” ޝަފީޤް އަމިއްލައަށް ހަޅޭއްލަވައިގަތެވެ.
އެވަގުތު ޝަފީޤްގެ މޫނުމަތީގެ މަސްތައް ދެމިގެން ދިޔައެވެ. ޝަފޭ ހޭލައިފިއެވެ. އޭނާ ލޯންޗުގެ ފަހަތުގައި ހުރި ޕެޓްރޯލް ހަމެއް ނަގައި، އޭގެ ތެރެއަށް ފޮތިގަނޑެއް ލައްވައިފާ ރޯކޮށްލިއެވެ.
“ކަލޭމެން ބޭނުންވަނީ ކުޅިވަރެއްތަ؟ އޭ މި އޮތީ ކުޅިވަރު!” ޝަފޭ އެ ހަން ޑިންގީއާ ދިމާއަށް އެއްލިއެވެ.
މުޅި ފަޅުތެރެ ގުގުމައިގެން ދިޔައީ ބާރު ގޮވުންތަކުންނެވެ. ޝަފޭގެ ހަރުކަށިކަމާއި ރޭވުންތެރިކަމުން، ނާޒިމްގެ މީހުންނަށް ކުރިމަތިލާން އުނދަގޫވިއެވެ. ޝަފޭ ލޯންޗުގެ އިންޖީނުގެ ދުވެލި އެންމެ ބާރަށް ޖައްސައި، އެއް ޑިންގީއެއްގައި ބާރަށް ޖެއްސިއެވެ.
ހަނިމާދޫގެ ބަނދަރަށް ލޯންޗު ކައިރިކުރިއިރު، އެތަނުގައި ފުލުހުންގެ ބޮޑު ފައުޖެއް އޮތެވެ. ޝަފީޤްގެ ތިން ދަރިންވެސް އެތަނުގައި ތިއްބެވެ. އެކުދިންނަށް ލިބުނު މައުލޫމާތެއްގެ ސަބަބުން އެމީހުން ތިބީ އެމީހުންގެ “ބައްޕަ” ސަލާމަތްކުރަން ތައްޔާރުވެގެންނެވެ.
ޝަފޭ ލޯންޗުން ފޭބިއިރު، އޭނާގެ އަތުގައި ހުރީ ނާޒިމްގެ ކޮރަޕްޝަން ފައިލްތަކެވެ. އޭނާ އެ ފައިލްތައް ފުލުހުންގެ އިސް އޮފިސަރަކާ ހަވާލުކުރިއެވެ.
“މިއޮތީ ހެކި. މިހާރު ގޮސް އެ ނާޒިމް ހައްޔަރުކުރޭ،” ޝަފޭ ބުންޏެވެ.
އެވަގުތު އޭނާގެ ތިން ދަރިން ދުވެފައި އައިސް ޝަފޭގެ ގައިގައި ބައްދާލިއެވެ. ޝަފޭގެ ހަރުކަށިކަން މަޑުވެ، އޭނާގެ ދެލޮލުން ކަރުނަ ހިލުނެވެ. އޭނާގެ ހަށިގަނޑުގެ ތެރޭގައި ޝަފީޤް އަނބުރާ އަންނަން މަސައްކަތް ކުރަމުން ދިޔައެވެ.
“ބައްޕާ! ބައްޕަ ވަރަށް މޮޅު!” އެންމެ ހަގު ދަރިފުޅު ބުންޏެވެ.
ޝަފީޤް/ޝަފޭ ހިނިތުންވެލިއެވެ. “އާނ… ބައްޕަ މިހާރު މިހުރީ. އަދި ބައްޕަގެ އެތެރޭގައި ހުރި އެހެން މީހާވެސް މިހުރީ. އަހަރެމެން ދެމީހުންވެސް ކަލޭމެންދެކެ ލޯބިވޭ.”
މަރިޔަމް ސަލާމަތްވިއެވެ. ނާޒިމް ހައްޔަރުކުރެވުނެވެ. ޝަފީގަށް ވަނީ ރަނގަޅު ފަރުވާ ދޭން ފަށާފައެވެ. އޭނާ މިހާރު ދެނެގަނެފިއެވެ؛ ޝަފޭއަކީ އޭނާގެ ދުޝްމަނެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ ނަފްސުގެ އެއްބައެވެ. އޭނާގެ ދިފާއުގައި އުފެދުނު ބާރެކެވެ.
މާލޭގެ މަގުތަކުން މިހާރު އަނެއްކާވެސް ޝަފީޤް ފެނެއެވެ. އޭނާ އަދިވެސް އެހާ މަޑުމައިތިރިއެވެ. އެކަމަކު މިހާރު މީހުން އޭނާއަށް މަލާމާތް ކުރާކަށް ނުކެރެއެވެ. ސަބަބަކީ އެންމެންނަށްވެސް އެނގެއެވެ؛ އެ މަޑުމައިތިރި ހިނިތުންވުމުގެ ފަހަތުގައި، ބޭނުން ޖެހިއްޖެ ހިނދެއްގައި ނިކުންނަން ތައްޔާރަށް “ޝަފޭ” ހުރިކަމެވެ.
— ނިމުނީ ….
