ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަތުގެ ނާރުތައް ފެންނަން ހުރުން: މިއީ ދުޅަހެޔޮކަން އަންގައިދޭ ކަމެއް
މރ. ހެލްތީ-ފޭސްބުކް

ދިވެހިރާއްޖޭގައި އާންމުކޮށް އަތުގެ ނާރުތައް ބޭރަށް ފާޅުކޮށް ފެންނަން ހުރުމުން، އެއީ މުސްކުޅިވުމުގެ ނިޝާނެއް ނުވަތަ ގިނަ ދުވަހު ބުރަ މަސައްކަތް ކުރުމުގެ ނަތީޖާއެއް ކަމަށް ގިނަ ބަޔަކަށް ހީކުރެވެއެވެ. ނަމަވެސް، އިންސާނީ ހަށިގަނޑުގެ މަސައްކަތްތަކާ ބެހޭ ސައިންސީ ދިރާސާތަކުން ދައްކާގޮތުގައި، ގިނަ ފަހަރަށް މިގޮތަށް ނާރުތައް ފެންނަން ހުރުމަކީ ސިއްޙީ މައްސަލައަކަށްވުރެ ބޮޑަށް، ހަށިގަނޑުގެ ނިޒާމުތައް ފުރިހަމައަށް އަދި ހަލުވިކަމާއެކު މަސައްކަތްކުރާކަމުގެ ހެއްކެކެވެ.

މިކަމުގެ އަސްލަކީ “ތާމޯރެގިއުލޭޝަން” ނުވަތަ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ހަށިގަނޑުން ކުރާ ޤުދުރަތީ މަސައްކަތެވެ. މޫސުން ހޫނުވުމުގެ ސަބަބުން ނުވަތަ ކުރެވޭ ކަސްރަތެއްގެ ސަބަބުން ހަށިގަނޑު ހޫނުވުމުން، ހަމުގެ މަތީ ފަށަލައާ ކައިރީގައިވާ ލޭނާރުތައް ފުޅާވެއެވެ. މިއީ “ވެސޯޑައިލޭޝަން” އެވެ. މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހޫނުކަން ބޭރުކޮށްލުމަށް ފަސޭހަވެގެންދެއެވެ.

މިގޮތަށް ލޭނާރުތައް ފުޅާވެ، ހަމުގެ މަތީ ފަށަލައާ ކައިރިން ގިނަ އަދަދަކަށް ލޭ ދައުރުވާން ފެށުމުން ނާރުތައް ބޭރަށް ފާޅުވެއެވެ. ދިވެހިރާއްޖެ ފަދަ ހޫނުގަދަ އަދި ތެތްކަން މަތި ޤައުމުތަކުގައި، ހަށިގަނޑު ފިނިކުރުމުގެ މި ނިޒާމު އަބަދުވެސް މަސައްކަތް ކުރަމުންދާތީ، އަތުގެ ނާރުތައް ފާޅުވުން ވަރަށް އާންމުކޮށް ފާހަގަކުރެވެއެވެ.

މާހިރުން ފާހަގަކުރައްވާ ގޮތުގައި، ކަސްރަތުކުރާ މީހުންނާއި އެތުލީޓުންގެ ހަށިގަނޑުން މިގޮތަށް ނާރުތައް ފާޅުކޮށް ފެންނަން ހުރުމުގެ ފުރުސަތު ބޮޑެވެ. ޤަަވާއިދުން ކަސްރަތު ކުރުމަކީ ލޭ ދައުރުވުން ރަނގަޅުކޮށްދީ، ލޭނާރުތަކުގެ މަސައްކަތް ވަރުގަދަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ހަށިގަނޑުގައި ސަރުބީ މަދު މީހުންގެ ހަމުގެ ދަށުގައި މަސްތައް މަދުވުމުގެ ސަބަބުންވެސް ނާރުތައް މާ ބޮޑަށް ފާޅުވެދާނެއެވެ.

ނާރުތައް ފެންނަން ހުރުމަށް އެހެނިހެން ބައެއް ކަންކަންވެސް މެދުވެރިވެއެވެ. އޭގެ ތެރޭގައި  ހަށިގަނޑުގައި ފެން ހުންނަ މިންވަރާއި، ހަމުގެ ބޯމިން އަދި އުމުރު ހިމެނެއެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް، ހަންގަނޑު ތުނިވެ އޭގެ އިލާސްޓިސިޓީ ނުވަތަ ދެމޭ ގޮތްވުން ކުޑަވެއެވެ. މީގެ ސަބަބުން ސިއްޙީ ގޮތުން އިތުރު ބަދަލެއް ނައި ނަމަވެސް، ކުރިއަށްވުރެ ބޮޑަށް ނާރުތައް ފާޅުވާން ފަށައެވެ.

މުހިންމު ކަމަކީ، ހަމައެކަނި ނާރުތައް ބޭރަށް އެނގެން ހުރުމަކީ ސިއްޙަތު ނުރަނގަޅުވުމުގެ ނިޝާނެއް ނޫންކަމެވެ. ސިއްޙީ މާހިރުން ބަޔާންކުރައްވާ ގޮތުގައި، މިއީ އާންމުކޮށް ހަށިގަނޑުން ދައްކުވައިދޭ ޤުދުރަތީ ބަދަލެކެވެ. ނާރުތައް ފާޅުވުމާއެކު ރިއްސުން، ދުޅަވުން ނުވަތަ އުނދަގޫތަކެއް އިޙުސާސްވާނަމަ ނޫނީ، މިއީ ސިއްޙީ ގޮތުން ސަމާލުކަން ދޭންޖެހޭ ފަދަ ލޭނާރުގެ މައްސަލައެއް ނޫނެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ގިނަ ބަޔަކަށް އަތުގެ ރީތިކަމަށް އަންނަ ބަދަލެއް ނުވަތަ އުމުރުން ދުވަސްވުމުގެ ސިފައެއްގެ ގޮތުގައި ފެންނަ މި ކަމަކީ، ހަށިގަނޑުގެ މަސައްކަތްތައް ހަމަޖެހޭ ގޮތެއްގައި ކުރިއަށްދާކަމުގެ ނިޝާނެކެވެ. މިގޮތަށް ނާރުތައް “ފުފިފައި” ހުރުމުން އަންގައިދެނީ، ހަށިގަނޑުގެ ފިނިހޫނުމިން ހަމަހަމަކޮށް ބެހެއްޓުމަށާއި ލޭ ދައުރުކުރުމަށްޓަކައި ހަށިގަނޑުގެ ނިޒާމު ހީވާގިކަމާއެކު މަސައްކަތް ކުރަމުންދާ ކަމެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top