– މަޖުނޫންގެ ބަތޮލަކީ ކާކު؟
🎶މަޖުބޫރު ހިތުގެ ހިޔާލުގައި, މަޖުނޫނު ފަދައިން ވޭނުގާ،
މަޖުނޫނު ފަދައިން ވޭނުގާ!
މެހެބޫބު ދެއްވި އަޒާބުގާ, މަރުނޫން އެހެން އަސަރެއް ނެތޭ!🎶
މި ލަވަކޮޅާ އެކު ސުނީތާ އެފްބީގައި ޝެއަރކޮށްފައިވާ ވީޑިއޯ ކޮޅަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިގެން ދިއައީ އެ ވީޑިއޯ ކޮޅުން މާބޮޑު އެއްޗެއް ހާމަވެގެން ގޮސްފައި ވާތީއެއް ނޫނެވެ. އެ އޯޑިއޯކޮޅުގެ އަސަރުންނެވެ. އެއީ ސުނީތާއަށް ފެނުނު މަންޒަރުން ޚުދު އޭނާއަށް އިހުސާސް ކުރެވުނު އަސަރެވެ. ހައިރާން ވާކަށް ނުޖެހެއެވެ. އޭނާއަށް ފެނުނީ ނަހުލާގެ ފިލްމު “މަޖުނޫން“ގެ މޮކް ޝޫޓެއްގެ ތަންކޮޅެކެވެ. ފިލްމަކީ ލޯބީގެ އަސަރު ގަދަ ފިލްމަކަށް ވާނެ ކަމާ މެދު ޝައްކެއް ނުއުފެފެދެއެވެ.
“ނަހޫގެ މަޖުނޫން ގެ މޮކް ޝޫޓެއް ކުރިއަށް ދަނިކޮށް ފެނިގެން އެތަނަށް ދިއައީ ބަތޮލަކީ ކާކުތޯ ބަލާލަން. ގެނެއްސަ ހުރި ބަދަލުން ނޭގުނު ކާކު ކަމެއްވެސް. މަޖުނޫން ސަޅިވާނެ!” ސުނީތާ އެ ވީޑިއޯ ކޮޅާއެކު ލިއެފައިވެއެވެ.
ސުނީތާ އިތުރަށް ބުނިގޮތުގައި އެ މަންޒަރުން އޭނާއަށް ފެނުނީ ހަމަ ސީދާ މަޖުނޫނެކެވެ. ބަތޮލުގެ ސިފައަށް ވެސް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަން ސުނީތާގެ ބަސްކޮޅުން ހާމަވިއެވެ. އެ ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ފިލްމުގެ ‘ފީލް’ އޭނާއަށް އިހުސާސް ކުރެވުނެވެ. ލޯބީގެ ސަބަބުން އިންސާނެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާފައިވާ ތަން އޭނާއަށް ފެނުނެވެ. ބަތޮލު ބައި ކުޅުމަށް ފައްކާވެފައިވާ “މަޖުނޫން”ގެ ހުނަރުވެސް ފެނުނެވެ. އުފެދޭ ބޮޑު ސުވާލަކީ މަޖުނޫނަކީ ކާކުބާއެވެ؟!!
މިއަހަރު އޮކްޓޫބަރ 26 ގައި ރިލީސް ކުރާ ނަހުލާގެ އާ ފިލްމު “މަޖުނޫން“ގެ ކާސްޓުން އަދިވެސް އިއުލާނެއް ނުކުރެއެވެ. ނަހުލާގެ ފިލްމުތަކަށް ލޯބި ކުރާ ގިނަ ބަޔަކު ތިބީ ފިލްމާ ބެހޭ އިތުރު ހަބަރެއް ލިބޭތޯ ކެތް މަދުވެފައެވެ. މިހާ ތަނަށް އެނގިފައިވާ ގޮތުގައި ފިލްމުގައި “ސޮރީ”ގެ އެންމެ އިސްރޯލެއް އަދާކޮށްފައިވާ ކުޑަ ދެކުދީން ކަމަށްވާ ލާލީ އަދި އެވްލީ “މަޖުނޫނުން” ވެސް ފެނިގެން ދާނެއެވެ. ދެން އިތުރަށް ލަފާކުރެވުނު ގޮތުގައި ބަތަލާ ޝިފާ މި ފިލްމުން ފެނުން ގާތެވެ. އެއީ ޝިފާ ބުނެފައިވާ ގޮތުގައި އޭނާ މިހާރު ތައްޔާރު ވަމުން އެދަނީ ކުޑަ ދެކުދީންގެ މަންމަ ބައި ކުޅޭށެވެ. އެހެން ކަމުން ޝިފާ އަކީ “މަޖުނޫން”ގެ ބަތަލާ އަށް ވެދާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެހެން ނަމަވެސް ރަސްމީކޮށް މިކަން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
ހީކުރެވޭ ގޮތުގައި މި ފިލްމު ބިނާވެފައި ވާނީ ބަތޮލުގެ ކެރެކްޓަރ އަށެވެ. އެއީ ފިލްމަށް ދީފައިވާ ނަމަށް ބަލާލާފައި ގަބޫލު ކުރެވޭ ގޮތެވެ. އެހެން ކަމުން އެންމެ ބޮޑު ޝައުގުވެރި ކަމެއް ދެވިފައިވަނީ ފިލްމުގެ ބަތޮލުގެ ބައި ކުޅޭނެ ތަރިއަކަށެވެ. މިހާ ތަނަށް ނަހުލާ ލިޔެފައިވާ ގިނަ ފިލްމުތަކުގައި ބަތޮލްގެ ބައި އަދާ ކޮށްފައި ވަނީ ޔޫއްޕެއެވެ. ނަހުލާ ބުނެފައިވާ ގޮތުގައި އޭނާގެ ފިލްމެއް އޭނާ އެންމެ ބޭނުންވާ ގޮތަށް ކުޅެވޭ މީހަކީ ޔޫއްޕެއެވެ. އެހެން ނަމަވެސް މިފަހަރު ބަތޮލު ތަފާތު ކޮށްލަފާނެ ކަމަށް ހީކުރެވެއެވެ. ސަބަބަކީ މި ފިލްމުގެ ބަތޮލާއަކަށް ލާނެ ކަމަށް ބެލެވޭ ޝިފާ އަކީ ވެސް ނަހުލާއަށް އަދި މުޅީން އާ ތަރިއެކެވެ.
ނަހުލާ އަކީ އޭނާ ގެ ފިލްމުތަކަށް ލޯބި ކުރާ އޯޑިއަންސްއަށް ސަޕްރައިސް ތަކެއް ދޭ ޑައިރެކްޓަރެކެވެ. އެހެން ކަމުން މިފަހަރުވެސް އޯޑިއަންސް މި ތިބީ އެކަމަށް ތައްޔާރު ވެގެން ނެވެ.
ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދޭ ފިލްމު “މަޖުނޫން“ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ 03 ޖޫން 2026ގައެވެ.
