ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ ސަންދޯއް – ނަހާސްކީރާއްޖެ

ޏ. ފުވައްމުލަކަކީ އޭގެ ގުދުރަތީ ރީތިކަމާއި، ވަށައިގެން އޮންނަ ނުރައްކާތެރި ކަނޑުގެ ސަބަބުން މަޝްހޫރު ރަށެކެވެ. ރަށުގައި އޮންނަ “ބަންޑާރަ ކިޅި” އާއި “ދަޑިމަގި ކިޅި” އަކީ ދުވާލު ގަޑީގައި ހިތްގައިމު މަންޒަރެއް ނަމަވެސް، އިރުއޮއްސި އަނދިރިވުމުން އެ ސަރަހައްދަށް ވެރިވަނީ ބިރުވެރި ހިމޭންކަމެކެވެ.

އާދަމްބެއަކީ ފުވައްމުލަކުގެ ދަޑިމަގު އަވަށަށް ނިސްބަތްވާ، ޒަމާންތަކެއް ކުރިން ފެށިގެން ފަރުމަސްވެރިކަން ކުރަމުން އަންނަ މަސްވެރިއެކެވެ. އޭނާ ދިރިއުޅެމުން އައީ ރަށުގެ އުތުރު ފަރާތު އަތިރިމައްޗާ މާ ދުރުނޫން ހިސާބެއްގައި ހުރި، ވަރަށް ދުވަސްވީ ގެއެއްގައެވެ. އެ ގޭގެ ނަމަކީ “ފާތިމާ މަންޒިލް” އެވެ. އެއީ އޭނާގެ ކާބަފައިންގެ ޒަމާނުއްސުރެ އާއިލީ ތަރިކައެއްގެ ގޮތުގައި ލިބިފައިވާ ގެއެކެވެ.

އެއްދުވަހެއްގެ ހަވީރެވެ. އުޑުމަތި ބަރުވެ، ކަޅުވިލާތަކުން މުޅި އުޑުމަތި ބައްދާލައިފިއެވެ. ފުވައްމުލަކުގެ ގޮނޑުދޮށަށް ޖަހަމުންދާ ބިޔަ ރާޅުތައް އަތިރިމައްޗަށް ޖަހާ އަޑު މުޅި ހިސާބުގައި ގުގުމަމުން ދިޔައެވެ. އާދަމްބެގެ ދަރިފުޅު، ފައިނާޒް އިނީ ބަދިގޭގައި ހަވީރު ސައި ތައްޔާރުކުރާށެވެ. އޭނާގެ ފިރިމީހާ، ވަޖީހަކީ ރަށުގެ އިންޖީނުގޭގައި މަސައްކަތްކުރާ މީހެކެވެ.

“ބައްޕާ، މިރޭ މާ ބޮޑަށް ކަނޑުގަދަވާނެހެން ހީވޭ. މަސްވެރިކަމު ނުގޮސް ގޭގައި މަޑުކޮށްލަންވީނު؟” ފައިނާޒް އޭނާގެ ބައްޕައަށް ސައިތަށި ދިއްކޮށްލަމުން ބުންޏެވެ.

އާދަމްބެ ކުޑަދޮރުން ބޭރަށް ބަލާލިއެވެ. “ދަރިފުޅާ، ތިޔަ ބުނީ ހެޔޮކޮށް. މިކަހަލަ މޫސުމުގައި ކަނޑު ފެންނަނީ ވަރަށް ތަފާތުކޮށް. އެހެން ނޫނަސް މިރޭ ހިތަށް ނުބައި ގޮތެއް އެބަވޭ. ހީވަނީ ކޮންމެވެސް ނުބައި ކަމެއްގެ ނިޝާނެއްހެން.”

އާދަމްބެގެ މި ޖުމްލައާއެކު، ބަދިގޭގެ ދޮރު ބާރު އަޑަކާއެކު ލެއްޕިގެން ދިޔައެވެ. ފައިނާޒް ސިހިގެން ގޮސް ހަޅޭއްލަވައިގަނެވުނެވެ. ބޭރުގައި ހުރި ބޮޑު އަނބު ގަހުގެ ގޮފިތައް ވައިގެ ތެރޭގައި ހޫރެމުން ދިޔައީ ބިރުވެރި ގޮތަކަށެވެ.

އެރޭގެ މެންދަމުގެ ވަގުތެވެ. މުޅި ރަށް އޮތީ ނިދީގެ ފުން ކަނޑެއްގައެވެ. ނަމަވެސް “ފާތިމާ މަންޒިލް”ގެ ތެރެއިން މީހަކު ހިނގާ އަޑު އިވެން ފެށިއެވެ. ފިނި ވަޔެއް ގޭގެ ކޮރިޑޯ ތެރޭގައި ދައުރުވަމުން ދިޔައެވެ. ފައިނާޒަށް ހޭލެވުނީ ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވާލި އަޑަށެވެ.

“ފައިނާޒް… ފައި…ނާޒް…”

އެއީ ވަރަށް މަޑު، ހިތްދަތި އަޑެކެވެ. ފައިނާޒް މަޑުމަޑުން އެނދުން ތެދުވެ، ވަޖީހަށް ގޮވާލިއެވެ. ނަމަވެސް ވަޖީހު އޮތީ ގަދަ ނިދީގައެވެ. ފައިނާޒް ބިރުން ހުރެ، ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ބަލާލިއެވެ. ސިޓިންގ ރޫމުގެ ކަނެއްގައި ކޮޅަށް ހުރި ހިޔަންޏެއް އޭނާއަށް ފެނުނެވެ. އެ ހިޔަނި ހުރީ ވަރަށް ބާ މުންޑެއް އަނދެގެން، ބޯ އެއްކޮށް ނުރަވެފައިވާ ދުވަސްވީ މީހެއްގެ ސިފައިގައެވެ.

“ކާކު؟” ފައިނާޒްގެ އަޑު ތުރުތުރުލަމުން ދިޔައެވެ.

އެ ހިޔަނި މަޑުމަޑުން ފައިނާޒާ ދިމާލަށް އެނބުރުނެވެ. އޭގެ މޫނެއް ނެތެވެ. ހަމައެކަނި ފެންނަން ހުރީ ދެ ލޮލުގެ ބަދަލުގައި ހުރި ދެ އަނގުރު އަލިފާން ގުޅައެވެ. ފައިނާޒް ބާރަށް ހަޅޭއްލަވައިގަތެވެ. މުޅި ގެ ސިހިގެން ދިޔައެވެ.

ވަޖީހާއި އާދަމްބެ ދުވެފައި ފައިނާޒް ކައިރިއަށް އައެވެ. “ކިހިނެއްވީ؟ ދަރިފުޅާ ކިހިނެއްވީ؟” އާދަމްބެ އެހިއެވެ.

ފައިނާޒް އިނގިލިން އިޝާރާތް ކުރި ދިމާލުގައި މިހާރު އެއްވެސް އެއްޗެއް ނެތެވެ. ނަމަވެސް އެތަނުން ވަރަށް ނުބައި ވަހެއް ދުވަމުން ދިޔައެވެ. އެއީ ކުނިވެފައިވާ ގަބުރެއްގެ ވަހެވެ.

“ބައްޕާ، އެތަނުގައި މީހަކު ހުރި. އޭނާގެ މޫނެއް ނެތް!” ފައިނާޒް ރޮމުން ބުންޏެވެ.

އާދަމްބެގެ މޫނުމަތިން ފެނުނީ ބިރުވެރިކަމަށްވުރެ ބޮޑަށް ކަންބޮޑުވުމެވެ. އޭނާއަށް އެނގެނީ މި ގެއަކީ ހަމައެކަނި ގަލާއި ސިމެންތިން ހަދާފައިވާ ތަނެއް ނޫންކަމެވެ. މި ގޭގެ ބިންގަލުގެ ދަށުގައި ވަޅުލެވިފައިވާ ސިއްރެއް އެބައޮތެވެ. އެއީ މީގެ ސާޅީސް އަހަރު ކުރިން ފުައްވަމުލަކުގައި ހިނގި ހާދިސާއަކާ ގުޅިފައިވާ ސިއްރެކެވެ.

ޖެހިގެން އައި ދުވަހު، ވަޖީހު ނިންމީ މިކަމުގެ ހަގީގަތް ހޯދުމަށެވެ. އޭނާ ރަށުގެ ދުވަސްވީ މީހުންނާ ސުވާލުކުރަން ފެށިއެވެ. އޭނާއަށް އެނގުނު ގޮތުގައި، “ފާތިމާ މަންޒިލް” ހުރި ބިމަކީ ކުރިން ރަށުގެ މީހުން ވަޅުލާފައިވާ ގަބުރުސްތާނެއްގެ ބައެކެވެ. އަދި އެ ގޭގެ ބަދިގެ ހުރި ދިމާލަކީ ވަރަށް ކުރިން “ސިހުރުވެރިއަކު” ދިރިއުޅުނު ތަނެއް ކަމަށް ބުނެވެއެވެ.

ވަޖީހު ގެއަށް އައިއިރު، ފައިނާޒް އިނީ ބިރުން ހަލާކުވާވަރުވެފައެވެ. ގޭގެ ހުރިހާ ތަށިތަކެއް އަމިއްލައަށް ތަޅައިގެން ގޮސް، ބަދިގޭގެ ފާރުގައި ލެއިން ކަހަލަ ރަތް ކުލައަކުން އަކުރުތަކެއް ލިޔެވިފައި ހުއްޓެވެ.

“މިތަނުން ދޭ!” އެ އަކުރުތަކުން ބުނެދެނީ އެ މެސެޖެވެ.

އާދަމްބެ އެވަގުތު ކޮޓަރިން ނުކުމެގެން އައީ ބާ ފޮތެއް ހިފައިގެންނެވެ. “ވަޖީހު، މިއީ އަހަރެންގެ ކާފަގެ ދުވަސްވަރުގެ ފޮތެއް. މީގައި ލިޔެފައިވަނީ މި ގޭގެ ރޫހާނީ ބާރުތަކާ ބެހޭގޮތުން. އަހަރެމެންނަށް ކުރެވުނު ކުށަކީ މި ގެ މަރާމާތު ކުރިއިރު، ބިންގަލުގެ ދަށުގައި އޮތް ‘ކުޑަކުޑަ ސަންދޯކެއް’ ކޮނެގެން ނެނގުން.”

ފައިނާޒް ހައިރާންވެފައި ބުންޏެވެ. “ސަންދޯކޭ؟ ބައްޕާ، ތިޔަ ކިޔަނީ ކީކޭ؟”

“އާނ ދަރިފުޅާ. މި ގެ އަޅަން ބިންގާ ކޮނުނުއިރު، އަހަރެމެންނަށް ފެނުނު ކަޅުކުލައިގެ ކުޑަ ސަންދޯކެއް. އޭރު އަހަރެންގެ ބައްޕަ ބުނީ އެއީ ހަމަ އާދައިގެ ސަންދޯކެއް ކަމަށް. އެކަމަކު އޭގެ ތެރޭގައި އޮތީ މި ރަށުން ބޭރުކޮށްލި ނުބައި ރޫހެއްގެ ބާރުތައް ބަންދުކޮށްފަ.” އާދަމްބެ ކިޔައިދިނެވެ.

އެވަގުތު މުޅި ގެ ތަޅުންގަނޑާ އެއްކޮށް ހެލެން ފެށިއެވެ. ބޮކިތައް ނިވިދިއްލެން ފެށިއެވެ. ކުއްލިއަކަށް ފައިނާޒްގެ ހަށިގަނޑު ވައިގެ ތެރެއަށް އުފުލިގެން ދިޔައެވެ. އޭނާގެ ލޯ ކަޅުވެ، އަޑު ބަދަލުވިއެވެ.

ފައިނާޒްގެ އަޑު ބަދަލުވެ، އެއީ އަންހެނެއްގެ އަޑެއްހެން ހީނުވާހާ ބަރު، ބިރުވެރި އަޑަކަށް ބަދަލުވިއެވެ.

“މިއީ އަހަރެންގެ ބިމެއް! ކަލޭމެން އަހަރެންގެ ހަމަޖެހުމަށް ހުރަސްއެޅީ! މި ގެއަކީ އަހަރެންގެ މަގާމު!” ފައިނާޒްގެ އަނގައިން ނުކުތް ބަސްތަކުން މުޅި ކޮޓަރި ގުގުމައިގެން ދިޔައެވެ.

ވަޖީހު ބިރުން ހުރެ ފައިނާޒާ ދިމާލަށް ދުއްވައިގަތެވެ. “ފައިނާޒް! އޭއް، ފައިނާޒް! ހޭލަބަލަ!” ނަމަވެސް އޭނާއަށް ފައިނާޒާ ގާތް ނުވެވެނީސް، ކޮންމެވެސް ނުފެންނަ ބާރަކުން އޭނާ ކޮއްޕާލިއެވެ. ވަޖީހު ގޮސް ޖެހުނީ ފާރުގައެވެ.

އާދަމްބެ އަވަސްއަވަހަށް އޭނާގެ އަތުގައި އޮތް ފޮތް ހުޅުވާލިއެވެ. “ވަޖީހު! ބަދިގެއަށް ދޭ! ބަދިގެ ތަޅުންގަނޑުގެ ދަށުގައި އޮތް ކަޅު ފޮށި ހޯދާ! އެ ފޮށި ނުނަގާ މި ރޫހެއް މިގެއަކުން ނުދާނެ!”

ވަޖީހު ތެދުވެގެން ބަދިގެއާ ދިމާލަށް ދުއްވައިގަތެވެ. ބަދިގެއަށް ވަންއިރު، އެތަނުގެ ތަޅުންގަނޑު ވަނީ އަމިއްލައަށް ރެނދުލާން ފަށާފައެވެ. ވަށައިގެން ހުރި ތަކެތި ވައިގެ ތެރޭގައި އެނބުރެމުން ދިޔައެވެ. އޭނާ އުދައްޔެއް ހިފައިގެން އައިސް ތަޅުންގަނޑު ކޮންނަން ފެށިއެވެ.

މިވަގުތު ސިޓިންގ ރޫމުގައި އާދަމްބެ ދިޔައީ ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔަވަމުންނެވެ. ފައިނާޒް ވައިގެ ތެރޭގައި ތެޅިފޮޅެމުން ދިޔައެވެ. އޭނާގެ ހަށިގަނޑުން ކަޅު ދުމެއް ފާޑުގެ އެއްޗެއް ނުކުންނަމުން ދިޔައެވެ.

“ހުއްޓާލާ! ތިޔަ ކިޔެވުން ހުއްޓާލާ!” ފައިނާޒްގެ ހަށިގަނޑު ތެރެއިން އެ ރޫހު ހަޅޭއްލަވަމުން ދިޔައެވެ.

ވަޖީހަށް ބަދިގެ ތަޅުންގަނޑުގެ ދަށުން ކަޅު ކުލައިގެ، ބާވެފައިވާ ލަކުޑި ފޮއްޓެއް ފެނުނެވެ. އެ ފޮށީގެ މަތީގައި ތަފާތު ބިރުވެރި ކުރެހުންތަކާއި އަކުރުތަކެއް ހުއްޓެވެ. އޭނާ އެ ފޮށި ހިފައިގެން ސިޓިންގ ރޫމަށް ދުވެފައި އައެވެ.

“ބައްޕާ! މިއޮތީ އެ ފޮށި!” ވަޖީހު ގޮވާލިއެވެ.

އާދަމްބެ ބުންޏެވެ. “ވަޖީހު، ތި ފޮށި ހިފައިގެން މިހާރުން މިހާރަށް ‘ބަންޑާރަ ކިޅި’ އަށް ދޭ! އެތަނުގެ އެންމެ ފުން ހިސާބަށް ތި ފޮށީގެ ތެރޭގަ ހުރި ތަކެތި އުކާލާ! އެކަމަކު ހަނދާންކުރާތި، މަގުމަތީގައި ކޮންމެ ފަދަ މަންޒަރެއް ފެނުނަސް ފަސްނުބަލާލާތި!”

ވަޖީހު އެ ފޮށި ކިހިލީގައި ޖަހައިގެން ބޭރަށް ނުކުތެވެ. އޭރު ވާރޭ އޮއްސާލައިފިއެވެ. ފުއްވަމުލަކުގެ މަގުތަކުގައި ފެންބޮޑުވެ، އަނދިރިކަން ވަނީ މުޅި ރަށަށް ވެރިވެފައެވެ. އޭނާ ސައިކަލުގައި ބާރަށް މިސްކިތްމަގު އަވަށާ ދިމާލަށް މިސްރާބު ޖެހިއެވެ.

ކިޅިއާ ގާތްވަމުން ދިޔަވަރަކަށް، އޭނާއަށް ތަފާތު އަޑުތައް އިވެން ފެށިއެވެ. ކޮންމެވެސް މީހަކު އޭނާއަށް ގޮވާހެން ހީވެއެވެ. މަގުގެ ދެފަރާތުގައި ހުރި ބޮޑެތި ގަސްތަކުގެ ތެރެއިން ހުދު ހެދުންލައިގެން ތިބި ބަޔަކު އޭނާއާ ދިމާލަށް ބަލާހެން ހީވެއެވެ. ނަމަވެސް އާދަމްބެ ބުނި ބަސް ހަނދާންކޮށް، އޭނާ ފަހަތް ބަލާނުލާ ކުރިއަށް ދިޔައެވެ.

ބަންޑާރަ ކިޅިއާ ހަމައަށް ފޯރުނުއިރު، އެތަނުގެ ފެންގަނޑު އޮތީ އާދަޔާ ހިލާފަށް ކަޅުކޮށެވެ. ކިޅީގެ ވަށައިގެންވާ ޗަސްބިމުން ބިރުވެރި އަޑުތަކެއް އިވެމުން ދިޔައެވެ. ވަޖީހު ފޮށި ހިފައިގެން ފެންގަނޑާ ގާތްވިއެވެ.

ކުއްލިއަކަށް ފެންގަނޑުގެ ތެރެއިން ބޮޑު އަތެއް ނުކުމެ، ވަޖީހުގެ ފައިގައި ހިފެހެއްޓިއެވެ. އޭނާ ބިރުން ގަނޑުވިއެވެ. އެއީ އިންސާނެއްގެ އަތެއް ނޫނެވެ. އެއީ ހަމައެކަނި ކަށިތަކެއްގެ މައްޗަށް ހަންގަނޑު ތަތްވެފައިވާ، ބިޔަ ދާއްބައެއްހާ ބޮޑު އަތެކެވެ.

“ތި ފޮށި އަހަރެންނަށް ދީ!” ފެންގަނޑުގެ އަޑިން އަޑެއް އައެވެ.

ވަޖީހު ހިތްވަރުކޮށްފައި އޭނާގެ އަތުގައި އޮތް ފޮށީގެ މަތި ހުޅުވާލަމުން ފެންގަނޑުގެ މެދަށް ބާރަށް ހޫރާލިއެވެ. “މިތަނުން ދޭ! އަހަރެމެންނަށް އުނދަގޫ ނުކުރޭ!” އޭނާ ހަޅޭއްލަވައިގަތެވެ.

ފޮށި ފެންގަނޑަށް ވެއްޓުމާއެކު، ބާރު ގުގުމުމެއްގެ އަޑު އިވިގެން ދިޔައެވެ. ހީވީ ފެންގަނޑު ތެރެއިން ބޮމެއް ގޮވިހެންނެވެ. ފެންގަނޑުގެ ތެރެއިން ހުދު އަލިގަނޑެއް އެރިއެވެ. އަދި ހަމަ އެވަގުތު، ވަޖީހުގެ ފައިގައި ހިފާފައިވާ އަތް ގެއްލިގެން ދިޔައެވެ.

ހަމަ އެ ވަގުތު “ފާތުމާ މަންޒިލް” ގޭގައި، ފައިނާޒްގެ ހަށިގަނޑު މަޑުމަޑުން ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އޭނާގެ ލޮލުގެ ކަޅުކަން ފިލައި، އާދައިގެ ސިފައަށް ބަދަލުވިއެވެ. އާދަމްބެ ދުވެފައި ގޮސް ފައިނާޒް ނެގިއެވެ.

“ދަރިފުޅާ! ދަރިފުޅާ ހޭލަބަލަ!” އާދަމްބެ ގޮވަމުން ދިޔައެވެ.

ފައިނާޒް މަޑުމަޑުން ލޯ ހުޅުވާލިއެވެ. “ބައްޕާ… ކިހިނެއްވީ؟ އަހަރެން މިތަނަށް އައީ ކިހިނެއް؟” ވީ އެއްވެސް ކަމެއް އޭނާ ހަނދާނެއް ނެތެވެ.

އިރުކޮޅަކުން ވަޖީހު ގެއަށް އައެވެ. އޭނާ ހުރީ މުޅިން ތެމި ފޯވެފައެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަޖެހުމެވެ.

“ނިމިއްޖެ ބައްޕާ. އެ ފޮށި މިހާރު އޮންނާނީ ކިޅީގެ އަޑީގަ.” ވަޖީހު ބުންޏެވެ.

އެރޭގެ ފަހުން “ފާތިމާ މަންޒިލް” އަށް އެއްވެސް އުނދަގުލެއް ނުވެއެވެ. ނަމަވެސް ފުައްވަމުލަކުގެ މީހުން ބުނާ ގޮތުގައި، މިހާރުވެސް ވިއްސާރަ ރޭރޭ ބަންޑާރަ ކިޅި ކައިރިން ކަޅު ކުލައިގެ ހިޔަންޏެއް ފެނެއެވެ. އެއީ އެ ފޮށީގެ ފާރަވެރިޔާ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.

އާދަމްބެއާއި އޭނާގެ އާއިލާއިން ނިންމީ އެ ގެ ދޫކޮށް ރަށުގެ އެހެން އަވަށަކަށް ބަދަލުވުމަށެވެ. އެއީ އެ ބިމުގައި ވަޅުލެވިފައިވާ ސިއްރުތަކަކީ އިންސާނުންނަށް ބަރުދާސްތު ކުރެވޭނެ ވަރަށްވުރެ ބޮޑެތި ސިއްރުތަކަކަށް ވާތީއެވެ.

ރޫހާނީ ދުނިޔެއާއި އިންސާނީ ދުނިޔެއާ ދެމެދު އޮންނަ ފަރުދާ ކިތަންމެ ތުނި ނަމަވެސް، އެ ފަރުދާގެ ފުރަގަހުގައިވާ ކަންކަމަކީ އަބަދުވެސް ސިއްރުވެފައި އޮންނަންޖެހޭ ކަންކަމެވެ.

ނިމުނީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top