ކާނާގެ ބާވަތްތަކާ ބެހޭ ސައިންސްވެރިން ހާމަކުރާ ގޮތުގައި، ގަވާއިދުން އޯޓްސް ކެއުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ބަލައިލާނަމެވެ.
ޚުލާސާ
🌾 އޯޓްސްގައި އެކުލެވޭ ‘ބީޓާ-ގްލޫކަން’ ފައިބަރުގެ ސަބަބުން ކޮލެސްޓްރޯލް ކޮންޓްރޯލްކޮށްދީ، ބަނޑުހިކުމުން ސަލާމަތްކޮށްދެއެވެ.
🌾 ގަވާއިދުން އޯޓްސް ކެއުމުން ހަށިގަނޑަށް ބޭނުންވާ މެގްނީޒިއަމް، ދަގަނޑު، ޒިންކް އަދި ފޯލޭޓް ފޯރުކޮށްދެއެވެ.
🌾 ގްލޫޓަންއަށް އެލާޖިކްވާ މީހުންނާއި ގޮހޮރުގެ މައްސަލަތައް ހުންނަ މީހުން، ބަނޑަށް އުނދަގޫވިޔަ ނުދިނުމަށްޓަކައި އޯޓްސް ކެއުމުގައި ސަމާލުވާންޖެހެއެވެ.
🌾 ސައިންޓިފިކް ނަމުން ނަމަ ‘އެވެނާ ސަޓީވާ’ގެ ގޮތުގައި މަޝްހޫރުވެފައިވާ އޯޓްސްއަކީ ހިތުގެ ސިއްހަތަށާއި ހަޖަމުކުރުމުގެ ނިޒާމަށް ފައިދާހުރި ފައިބަރުން މުއްސަނދި އެއްޗެކެވެ.
1. ހިތުގެ ސިއްހަތު ރަނގަޅުވުން
އޯޓްސްގައި ހުންނަ ފެނަށް ގިރޭ ފައިބަރުގައި އެކުލެވޭ ‘ބީޓާ-ގްލޫކަން’ ކިޔާ މާއްދާއެއްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް (އެލްޑީއެލް) ދަށްކޮށްދެއެވެ. މިއީ ހިތުގެ ބަލިތަކާއި ލޭހިނގުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ.
މީގެ އިތުރުން، އޯޓްސްގައި ހިމެނޭ މެގްނީޒިއަމް، ޕޮޓޭސިއަމް އަދި ދަގަނޑުގެ ސަބަބުން ހިތުގެ މަސައްކަތްތަކަށް އެހީތެރިވެދެއެވެ. ޚާއްޞަކޮށް މެގްނީޒިއަމްއަކީ ނާރުތަކާއި މަސްތަކުގެ ހަރަކާތްތަކަށާއި ހިތުގެ ވިންދު ހަމަޔަށް ބެހެއްޓުމަށް ނުހަނު މުހިންމު މާއްދާއެކެވެ.
2. ހަޖަމުކުރުމުގެ ނިޒާމަށް ލިބޭ ކުރިއެރުން
އޯޓްސްއަކީ ދެ ބާވަތުގެ ފައިބަރު (ފެނަށް ގިރޭ އަދި ނުގިރޭ ފައިބަރު) އެކުލެވޭ ވަރަށް ފުރިހަމަ ކާނާއެކެވެ. ފެނަށް ގިރޭ ފައިބަރުގެ ސަބަބުން ކާނާ ހަޖަމުވުން ލަސްކޮށްދީ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ދަމައިގަތުމަށް ފުރުސަތު ދެއެވެ. އަދި ނުގިރޭ ފައިބަރުގެ ސަބަބުން ބަނޑުހިކުމުން ސަލާމަތްކޮށްދީ ފަސޭހައިން ބޮޑުކަމުދެވޭ ގޮތް މެދުވެރިކޮށްދެއެވެ. މީގެ އިތުރުން، އޯޓްސްގައި ހުންނަ ޕްރީބަޔޮޓިކްސްގެ ސަބަބުން ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް އެހީތެރިވެދީ، ހަޖަމުކުރުން ހަރުދަނާކޮށްދެއެވެ.
3. ބަރުދަން ކޮންޓްރޯލްކުރުމަށް ފަސޭހަވުން
ފައިބަރު ގިނަވުމުގެ ސަބަބުން އޯޓްސް ކެއުމުން އަވަހަށް ބަނޑުފުރޭކަމުގެ އިހުސާސް ކުރެވެއެވެ. އަދި އޭގައި ހިމެނޭ ކާބޯހައިޑްރޭޓްސް ހަށިގަނޑަށް ހަކަތަ ފޯރުކޮށްދެނީ މަޑުމަޑުން ކަމަށްވާތީ، ދުވާލުގެ ބާކީ އޮތް ވަގުތުތަކުގައި ފޮނި އެއްޗެހި ކެއުމަށް ހުންނަ ޝައުގުވެރިކަން ކުޑަކޮށްދެއެވެ. ޚާއްޞަކޮށް އިންސްޓަންޓް އޯޓްސްއަށްވުރެ ރޯ އޯޓްސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއިން މި ފައިދާ ބޮޑަށް ލިބެއެވެ.
4. ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުން
އޯޓްސްގައި ހިމެނޭ ބީޓާ-ގްލޫކަންގެ ސަބަބުން ލޭގެ ތެރެއަށް ހަކުރު (ގްލޫކޯޒް) ދަމައިގަންނަ މިންވަރު ލަސްކޮށްދެއެވެ. މީގެ ސަބަބުން ކެއުމަށްފަހު ކުއްލިއަކަށް ލޭގައި ހަކުރު މައްޗަށް ދިއުން ހުއްޓުވައިދެއެވެ. ހަކުރު ބަލީގެ ދެވަނަ ބާވަތް (ޓައިޕް 2 ޑައިބެޓީސް) ހުންނަ މީހުން ގަވާއިދުން އޯޓްސް ބޭނުންކުރުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދެނެގަންނަ އެޗްބީ އޭ/ސީ (HbA1C) ޓެސްޓުގެ ނަތީޖާ ރަނގަޅުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
އޯޓްސްއިން ލިބޭ ނިއުޓްރިޝަން (އެއް ތަށި ރޯ އޯޓްސްގައި):
🌾 ކެލަރީ: 303
🌾 ފެޓް: 5 ގްރާމް
🌾 ސޯޑިއަމް: 5 މިލިގްރާމް
🌾 ކާބޯހައިޑްރޭޓްސް: 54 ގްރާމް
🌾 ފައިބަރު: 8 ގްރާމް
🌾 ޕްރޮޓީން: 10 ގްރާމް
🌾 ކެލްސިއަމް: 41.6 މިލިގްރާމް
🌾 ދަގަނޑު: 3.4 މިލިގްރާމް
މީގެ އިތުރުން އޯޓްސްގައި ‘ސެލެނިއަމް’ ކިޔާ އެންޓިއޮކްސިޑެންޓެއް އެކުލެވޭތީ، މިއީ ހިތުގެ ބަލިތަކުންނާއި ސިކުނޑީގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
ސަމާލުކަންދޭންޖެހޭ ކަންތައްތައް
އޯޓްސްގައި ހުންނަ ‘އެވެނިން’ ކިޔާ މާއްދާއަކީ ގްލޫޓަންއާ އެއްގޮތް ސިފަތަކެއް ހުންނަ އެއްޗަކަށްވާތީ، ގްލޫޓަންއަށް އެލާޖިކްވާ މީހުންނަށް ބަނޑު ފުއްޕުމާއި ބަނޑުހިކުން ފަދަ އުނދަގޫތައް ދިމާވެދާނެއެވެ. އަދި އޯޓްސް ތައްޔާރުކުރާ ކާރުޚާނާތަކުގައި ގޮދަނުގެ ބާވަތްތައް ވެސް ގެންގުޅޭތީ، ގޮދަނުގެ ބާވަތްތަކަށް އެލާޖިކްވާ މީހުން ‘ގްލޫޓަން-ފްރީ’ އޯޓްސް ބޭނުންކުރުން މުހިންމެވެ.
އޯޓްސް ބޭނުންކުރެވިދާނެ ބައެއް ގޮތްތައް:
🌾 ސްމޫތީތަކަށް އެއްކޮށްލުން.
🌾 ކުކުޅު ނުވަތަ މަސް ފަދަ ތަކެތި ތެލުލާއިރު ބޭރުގައި ހާކާލަން ބޭނުންކުރުން.
🌾 ކަދުުރާއި މާމުއި އެއްކޮށްގެން ‘އެނާޖީ ބޯލްސް’ ތައްޔާރުކުރުން.
🌾 އޯޓްސް މިލްކް ތައްޔާރުކުރުން.
🌾 ހަމުގެ ބަލިތަކަށް ފަރުވާކުރުމަށް (ކޮލޮއިޑަލް އޯޓްމީލް) ބޭނުންކުރުން.
