އާދައިގެ ފައިބަރ ސަޕްލިމެންޓެއް ކަމަށްވާ ‘އޮލިގޯފްްރުކްޓޯސް’ ބޭނުންކުރުމުން، އެންމެ ހަ ހަފުތާގެ ތެރޭގައި އާތުރައިޓިސްގެ ސަބަބުން ކަކުލު ހުޅަށް ކުރިމަތިވާ ރިހުން ވަރަށް ބޮޑަށް ކުޑަކޮށްދޭކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
ކޮންތާކު ކުރި ކޮން ދިރާސާއެއް؟
ކެނެޑާގެ ޔުނިވަރސިޓީ އޮފް ކެލްގަރީގެ ސައިންސްވެރިން ކުރިއަށް ގެންދިޔަ މި ދިރާސާ ފަރުމާކޮށްފައިވަނީ ‘އޮސްޓިއޯއާތްރައިޓިސް’ ތަހައްމަލުކުރަމުންދާ މީހުންނަށް އަމާޒުކޮށްގެންނެވެ. މި ދިރާސާގެ ނަތީޖާ މިހާރު ވަނީ ސައިންޓިފިކް މަޖައްލާތަކުގައި ޝާއިޢުކޮށްފައެވެ.
ކިހައި ދުވަހެއްގެ ދިރާސާއެއް؟
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިން ދެ ގްރޫޕަކަށް ބަހާލައިގެން ހަ ހަފުތާގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭގައި އެއް ގްރޫޕަކަށް ދިނީ ފައިބަރ ސަޕްލިމެންޓެވެ. އަނެއް ގްރޫޕަށް ދިނީ އާދައިގެ ‘ޕްލަސީބޯ’ އެކެވެ.
މި ދިރާސާ މުހިންމުވަނީ ކީއްވެ؟
މި ދިރާސާއިން ދެއްކި ގޮތުގައި، ފައިބަރ ސަޕްލިމެންޓް ބޭނުންކުރި މީހުންގެ ބަނޑުގައި ހުންނަ ފައިދާހުރި ބެކްޓީރިއާ ނުވަތަ ‘ގަޓް މައިކްރޯބަޔޯމް’ އަށް ހެޔޮ ބަދަލުތަކެއް އައެވެ. މީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދުޅަހެޔޮކަން ކުޑަވެ، ހުޅުތަކުގައި އުފެދޭ ރިހުން ކުޑަވުމަށް މަގުފަހިވިއެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، މިއީ އެއްވެސް ނުރައްކާތެރި ސައިޑް އިފެކްޓެއް ނެތް، އަދި އަގުހެޔޮކޮށް ކުރެވިދާނެ ފަރުވާއެކެވެ.
މި ހޯދުމަކީ ކަކުލު ހުޅުގެ ބަލިތަކަށް ދާއިމީ ފަރުވާއެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ދިރާސާވެރިން ބުނެއެވެ. ޚާއްޞަކޮށް ބަރުދަން އިތުރުވުމުގެ ސަބަބުން ހުޅުތަކަށް ދިމާވާ މައްސަލަތަކަށް މީގެން ބޮޑު ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ.
