އިރުއޮއްސެމުން ދިޔަ ވަގުތު، ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގައި ހުރި ބޮޑު ގަސްދޮށުގައި މަރިޔަމް އިނީ ކަނޑުގެ ރާޅުތަކަށް ބަލަހައްޓައިގެންނެވެ. މާދަމާއަކީ ބޮޑު ޢީދު ދުވަހެވެ. މުޅި ރަށް އޮތީ ޢީދުގެ އުފަލުން ފުރިފައެވެ. ކުދިބޮޑު އެންމެން ޢީދު ހެދުންތައް ތައްޔާރުކޮށް، ގޭގެ ފޮޅާ ސާފުކޮށް، މުޅި މާހައުލުގައި ވަނީ އުފާވެރިކަމެވެ. ނަމަވެސް މަރިޔަމްގެ ހިތުގައި ވަނީ ނުތަނަވަސްކަމެކެވެ. އޭނާގެ ފިރިމީހާ އަޙުމަދު، ރިސޯޓުގައި ވަޒީފާ އަދާކުރާތާ އެތައް ދުވަހެއް ވީއިރު، މަދު ފަހަރަކު ނޫނީ ޢީދަށް ރަށަކަށް ނާދެވެއެވެ. ނަމަވެސް އަޙުމަދު މިފަހަރުގެ އީދަށް ރަށަށް އަންނާނެ ކަމަށް އޮތީ ވަޢުދުވެފައެވެ.
“މަރީ! އަދިވެސް މިތާ އިންނަނީތަ؟ ހިނގާ ގެއަށް ދާން. މިހާރު އިރުއޮއްސިއްޖެ.” މަރިޔަމްގެ މަންމަ ފާތުމަ ގޮވައިލިއެވެ.
މަރިޔަމް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ތެދުވިއެވެ. “މަންމާ. އަޙުމަދު ބުނި މިރޭގެ ފަހު ލޯންޗުން އަންނާނަމޭ. އެކަމަކު އަދިވެސް ޚަބަރެއް ނުވޭ.” މަރިޔަމްގެ އަޑުގައި ވަނީ މާޔޫސްކަމެވެ.
“ދެން ދަރިފުޅު ގުޅާލަންވީނު އަޙުމަދަށް.” ފާތުމަ ވަރަށް ލޯތްބާއެކު ބުނެލިއެވެ.
“ގުޅައިފީމޭ. އެކަމަކު ނުއެއް ގުޅޭ.” މާޔޫސްވެފައި މަރިޔަމް ބުނެލިއެވެ.
“އެ ވެދާނެ މާ ބުރަވީ ކަމަށް. ދެން ހިނގާ ގެއަށް. އޭނައަށް ގުޅެންވީމަ ގުޅާނެއެއްނު. ތިހާ ކަންބޮޑުވާ އެއްޗެއް ނޫނޭ.” ފާތުމަ މަރިޔަމަށް ވިސްނައިދެމުން ހިނގައިގަތެވެ.
ގެއަށް ދިޔަ މަގުމަތީގައި މަރިޔަމަށް ފެނުނީ ރަށުގެ މީހުން ޢީދު ބޮޑުބެރަށް ތައްޔާރުވާ މަންޒަރެވެ. ގޭގޭގެ ބޭރުގައި ކުލަބޮކިތައް ހަރުކޮށް، މުޅި ރަށް އޮތީ ދިއްލާލާފައެވެ. މަރިޔަމްގެ ހިތް އެދެމުން ދިޔައީ ހަމައެކަނި އަޙުމަދުގެ ހިނިތުންވުމަށެވެ.
ގެއަށް ވަދެވުނުތަނާހެން ބޭރުން މީހަކު ސަލާމް ގޮވައިލި އަޑު އިވުނެވެ. އެއީ އަޙުމަދާއެކު ރިސޯޓުގައި މަސައްކަތްކުރާ އޭނާގެ ގާތް އެކުވެރިޔާ މޫސައެވެ. މޫސަ ފެނުމާއެކު މަރިޔަމްގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
“މޫސާ. އަޙުމަދު ކޮބާ؟ އޭނާ ނާދޭތަ؟” މަރިޔަމް އަވަސްއަވަހަށް އަހައިލިއެވެ.
މޫސަ އިސްދަށަށް ޖަހާލަމުން، އަތުގައި އޮތް ކުޑަ ޕާރުސަލެއް މަރިޔަމަށް ދިއްކޮށްލިއެވެ. “މަރީ. އަޙުމަދު ބުނި މި ޕާރުސަލް މަރީއަށް ރައްދުކޮށްދޭށޭ. އޭނައަށް މިފަހަރު އާދެވޭގޮތެއް ނުވި. އޭނަ އެހާ ކުރިން ރިކުއެސްޓް ކޮށްގެންވެސް ރިސޯޓު ވަރަށް ފުލްވީމަ ޗުއްޓީއެއް ނުލިބުނު.” މޫސަ ދެރަވެފައި ބުންޏެވެ.
މަރިޔަމްގެ އަތުން ޕާރުސަލްގައި ހިފިއިރު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ އޭނާ ދުވެފައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އަތް ތުރުތުރުލާ ހާލު ޕާރުސަލް ނިއުޅާލިއިރު، އޭގެ ތެރޭގައި އޮތީ ރީތި ރަން ފަށަކާއި، އަތުގައި އަޅާ ދެ ރަން ކެވެލިކޮޅާއި، ރަން އަނގޮޓިއަކާއި ސިޓީއުރައެކެވެ. މަރިޔަމް އެ ސިޓީ ނަގައި ކިޔަން ފެށިއެވެ.
“ލޯބިވާ މަރީއަށް،
މި ސިޓީ ކިޔާއިރު މަރީގެ ހިތަށް ކުރާނެ އަސަރު އަހަންނަށް އިޙުސާސް ކުރެވޭ. ޢީދަށް ރަށަށް އަންނަން ކިތަންމެ ބޭނުންވިޔަސް، ކަންތައް ދިމާވިގޮތުން މިފަހަރު އާދެވޭގޮތެއް ނުވި. ރިސޯޓުގެ އޮކިއުޕެންސީ މަތިވުމުން، މެނޭޖުމަންޓުން އެއްވެސް މީހަކަށް ޗުއްޓީއެއް ނުދިން. މަރީއަށްޓަކައި އަހަރެން ތައްޔާރުކުރި ހުރިހާ ސަޕްރައިޒްތަކެއް ފެނަށްވީތީ އަހަރެން ވަރަށް ދެރަވޭ.
މި ފޮނުވާ ފަށާއި، ކެވެއްޔާއި، އަނގޮޓިއަކީ އަހަރެން މަރީދެކެވާ ލޯބީގެ ރަމްޒެއް. ޢީދު ދުވަހު މަރީ މި ފަށާއި ކެވެލިތަކާ އަނގޮޓި އަޅައިގެން އުފާވެރިކޮށް އުޅޭތަން ދެކެން އަހަރެން ބޭނުން. އަހަރެން މަރީގެ ކައިރީގައި ނެތަސް، އަހަރެންގެ ހިތް ވަނީ ރަށުގައި، މަރީގެ ގާތުގައި. އުންމީދަކީ ދެން އަންނަ ޢީދެއްގައި އަހަރެމެން އެކުގައި އުޅުން. މާފުކުރޭ ލޯބިވާ. ވަރަށް ލޯބިވޭ.
މަރީދެކެ ލޯބިވާ އަޙުމަދު.”
ސިޓީ ކިޔައި ނިމުނުއިރު މަރިޔަމަށް ގިސްލާފައި ރޮވެނީއެވެ. އޭނާއަށް އެ ރަން ގަހަނާތަކުން އެއްވެސް އުފަލެއް ނުލިބުނެވެ. އޭނާ ބޭނުންވީ އަޙުމަދުގެ އެހީތެރިކަމާއި ލޯތްބެވެ. އެ ރޭ މަރިޔަމް އެއްޗެއް ނުކައި، ޢީދަށް ތައްޔާރުކުރި ހެދުންތައް އަލަމާރިއަށްލައި ތަޅުލިއެވެ.
ޖެހިގެން އައި ޢީދު ދުވަހުގެ ހެނދުނެވެ. ރަށު ތެރެއިން އިވެމުންދިޔައީ ޢީދު ނަމާދުން ފައިބައިގެން އަންނަ މީހުންގެ އުފާވެރި އަޑުފަށްގަނޑެވެ. ކުދިވެރިން އާ ހެދުން އަޅައިގެން ކުޅެން ދުވާއިރު، މަރިޔަމް އިނީ ކޮޓަރީގައި އެކަނިމާއެކަނި މާޔޫސްވެފައެވެ. މަންމަ އެތައް ފަހަރަކު ސައިބޯން އަންނަން ބުނުމުންވެސް އޭނާ ދާކަށް ބޭނުމެއް ނުވިއެވެ.
“މަރީ. ތިހެން ނީނދެބަލަ. މިއީ ޢީދު ދުވަހެއްނު.” ފާތުމަ ކޮޓަރިއަށް ވަދެ ބުންޏެވެ.
“މިހާރު އެއުޅޭ ހައްޖަވެސް ކިތައް ފަހަރު އައިއްސި މަރީ ބަލައި. ފެންކުޅި ކުޅެން ދާންވެގެން. މިކަހަލަ ދުވަސްދުވަހު ތިހެން އިންނާކަށް ނުވާނެޔޭ. ތިހެން އިނީމަ އަޙުމަދުވެސް ދެރަވާނެއެއްނު. އޭނަ ހިތަށް އަރާނެ އޭނައާ ހެދި މަރީގެ އުފާވެރިކަން ގެއްލުނީޔޭ. ދެން ދޭބަލަ.” ފާތުމަ މަރިޔަމަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
“މަންމާ. ނޭނގެ ކީއްވެ ކަމެއް. އެހެންޏާވެސް އަޙުމަދަށް ޢީދަށް އާދެވެނީ މަދު ފަހަރަކު. އެކަމު މިފަހަރު ނާދެވިގެން އަހަރެން މިހާ ފޫހިވާންވީ ސަބަބެއް ނޭނގުނު. ހަމަ އެއްވެސް ކަމެއް ކުރާހިތް ނުވަނީއޭ. ކާހިތްވެސް ނެތީ.” މަރިޔަމް ބުންޏެވެ.
“އެކަމު ތިހެން ނުކައި އިނީމަ ގޭސްވާނީ. އޭރުން މާ ގޯސްވާނެ. ދެން ހިނގާ.” ފާތުމަ އަނެއްކާވެސް ބުންޏެވެ.
“ދެން މަންމާ..” މަރިޔަމް ޝަކުވާގެ ރާގެއްގައި ތަންކޮޅެއް ދަމާލަމުން ބުންޏެވެ.
“ދެން ހިނގާބަލަ. ބޭރުގައި މޫސަ އެބަހުރި މަރީއާ ބައްދަލުކުރަން ބޭނުންވެގެން. ބުނީ އަޙުމަދު ފޮނުވި އިތުރު ހަދިޔާއެއް އެބައޮތޭ.” ފާތުމަ އެހެން ބުނުމުން މަރިޔަމް ފޫހިކަމާއެކު ތެދުވިއެވެ.
“ދެން ކޮން ހަދިޔާއެއް؟ އަހަރެން ބޭނުމެއް ނޫން އެއްވެސް އެއްޗެއް.” އޭނާ ބުންޏެވެ. ނަމަވެސް މަންމަގެ އެދުމަށް އޭނާ ބުރުގާ ރީތިކޮށްލަމުން ކޮޓަރިން ނުކުމެ ސިޓިންގ ރޫމަށް ދިޔައެވެ.
ބޭރު ދޮރުމަތީގައި މޫސަ ހުއްޓެވެ. އޭނާގެ ފަހަތުގައި ބޮޑު ކާޓަން ފޮށްޓެއް ހުއްޓެވެ. “މަރީ. މިއީ އަޙުމަދު ބުނެގެން ގެނައި ވަރަށް ޚާއްސަ ހަދިޔާއެއް. މީގެ ތެރޭގައި ހުރީ މަރީ އެންމެ ބޭނުންވާނެ އެއްޗެހި.” މޫސަ ހިނިތުންވުމަކާއެކު ބުންޏެވެ.
މަރިޔަމް ފޮށްޓާ ގާތްވެލިއެވެ. ފޮށީގެ މަތި ހުޅުވާލުމާއެކު، އޭގެ ތެރެއިން ކުއްލިއަކަށް މީހަކު ތެދުވިއެވެ. މަރިޔަމް ސިހިފައި ފަހަތަށް ޖެހިލިއެވެ. އެއީ އަޙުމަދެވެ. އޭނާ ހުރީ ހިނިތުންވެފައެވެ.
“ޢީދު މުބާރަކް ލޯބިވާ!” އަޙުމަދު އުފަލުން ގޮވައިލިއެވެ.
މަރިޔަމަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. “އަޙުމަދު؟ ކިހިނެއް؟ ސިޓީގައި ބުނީ ނާދެވޭނެއޭ. ގުޅީމަ ފޯނެއްވެސް ނުނަގާ. ފަހަކުން ނުވެސް ގުޅާ.” މަރިޔަމްގެ އަޑު ތުރުތުރުލައެވެ. އަޙުމަދު ފޮށިން ނުކުމެ މަރިޔަމްގެ އަތުގައި ހިފާލިއެވެ.
“އެއީ މަރީއަށް ދިން ސަޕްރައިޒެއް. އަހަންނާ މޫސައާ ރާވައިގެން ކުރި ކަމެއް. އަސްލު އަހަންނަށް ޗުއްޓީ ލިބުނު. އެކަމަކު ބޭނުންވީ މިގޮތަށް އައިސް މަރީ އުފާކޮށްލަދޭން. އެ ސިޓީއާއި ރަން ގަހަނާތަކަކީ ހަމައެކަނި މި ސަޕްރައިޒް ފުރިހަމަ ކުރަން ކުރި ކަމެއް.” އަޙުމަދު ކިޔައިދިނެވެ.
މަރިޔަމްގެ މޫނުމަތިން ފެނުނު މާޔޫސްކަން ސިކުންތެއްގެ ތެރޭގައި ފިލައިގެން ގޮސް، އުފާވެރިކަމުގެ ކަރުނައިން ދެލޯ ފުރުނެވެ. އޭނާ އަޙުމަދުގެ ގައިގައި ބައްދާލިއެވެ.
“މިއީ އަހަރެންގެ މުޅި އުމުރުގައިވެސް ލިބުނު އެންމެ ރީތި ޢީދު ހަދިޔާ!”
މުޅި ގޭތެރޭގައި ވަނީ އުފާވެރި ހިނިތުންވުމެވެ. މަރިޔަމް އަވަސްއަވަހަށް ގޮސް އޭނާގެ ޢީދު ހެދުން ލައި، އަޙުމަދު ދިން ރަން ފަށާއި، ކެވެލިތަކާއި އަނގޮޓި އަޅައިގެން ނުކުތެވެ. އިންތިޒާރުގެ ހިތްދަތި ވަގުތުތަކަށްފަހު، މިފަހަރުގެ ޢީދު ވީ މަރިޔަމްގެ ޙަޔާތުގައި އައި އެންމެ ފޮނި، އެންމެ އުފާވެރި ޢީދަށެވެ. ރަށުގެ މަގުތަކުގައި ބޮޑުބެރާއި ޢީދު ކުޅިވަރުތައް ފެށުނުއިރު، މަރިޔަމާއި އަޙުމަދު ތިބީ އަތާއި އަތް ގުޅާލައިގެން، ލޯތްބާއި އުފަލުން ފުރިގެންވާ ހިތަކާއެކުގައެވެ.
(ނިމުނީ)
