ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ނަފުސާނީ ތަދާއި އުދާސްތައް ޖިސްމާނީ ބައްޔަކަށް ބަދަލުވުން

މިއީ ވެދާނެ ކަމެއްކަން ތިބާއަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ނަފުސާނީ ގޮތުން ކުރިމަތިވާ ބޮޑެތި ހާސްކަމާއި ފިކުރުތަކަކީ ހަމައެކަނި ސިކުނޑިއަށް އަސަރުކުރާ ކަމެއް ނޫނެވެ. މީގެ ސަބަބުން ސީދާ އިންސާނާގެ ހިތަށް ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ.

ބޮޑު ހިތާމައެއް، ނަފުސާނީ ގޮތުން ލިބޭ ކުއްލި ޝޮކެއް ނުވަތަ ބިރުވެރި ހާދިސާއެއްގެ ސަބަބުން ހިތުގެ މަސްތައް ވަގުތީ ގޮތުން ބަލިކަށިވާ މި ހާލަތަށް ބޭސްވެރިކަމުގެ ދާއިރާގައި ކިޔަނީ “ބްރޯކަން ހާޓް ސިންޑްރޯމް” ނުވަތަ “ސްޓްރެސް އިންޑިއުސްޑް ކާޑިއޯމަޔޯޕަތީ” އެވެ.

މި ބަލި ތަހައްމަލު ކުރާ މީހުންގެ ކިބައިން ހާޓް އެޓޭކެއް ޖެހުމުން ފެންނަ ފަދަ އަލާމާތްތައް ފެނެއެވެ. މީގެ ތެރޭގައި މޭގައި ރިއްސުމާއި ނޭވާލާން އުނދަގޫވުން ހިމެނެއެވެ. ނަމަވެސް، އާންމު ހާޓް އެޓޭކްތަކާ ޚިލާފަށް މި ހާލަތުގައި ހިތުގެ ލޭހޮޅިތަކެއް ބެދުމެއް ނުހުރެއެވެ. މާހިރުން ބަޔާންކުރާ ގޮތުގައި، ކުއްލިއަކަށް ހަށިގަނޑުގައި އިތުރުވާ “އެޑްރެނަލިން” ފަދަ ސްޓްރެސް ހޯރމޯންތަކުގެ ސަބަބުން ހިތުގެ މަސައްކަތަށް ބުރޫއަރައި، ހިތުގެ ވިންދު ޖެހުމުގެ ނިޒާމަށް ބަދަލުތަކެއް އާދެއެވެ. އެކަށީގެންވާ ފަރުވާއާއެކު ގިނަ މީހުން މި ހާލަތުން ފަސޭހައިން ސަލާމަތްވި ނަމަވެސް، މިއީ އިންސާނާގެ އިޙުސާސްތަކާއި ޖިސްމާނީ ދުޅަހެޔޮކަމާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ހާމަކޮށްދޭ ކަމެކެވެ.

ހިތަކީ ހަމައެކަނި ލޭ ދައުރުކޮށްދޭ ގުނަވަނެއް ނޫނެވެ. އެއީ އިންސާނާގެ އިޙުސާސްތަކާއި ރޫޙާނީ ދުޅަހެޔޮކަމުގެ މަރުކަޒެވެ. ހިތާމައާއި ދަތި އުނދަގޫތަކަކީ އިންސާނީ ތަބީއަތުގެ ބައެއްގެ ގޮތުގައި އިސްލާމްދީން ބަލައިގަނެއެވެ. ކައު އިތުރު ރަސޫލާ ﷺ ގެ ހަޔާތްޕުޅުގައިވެސް، ލޯބިވާ ބޭފުޅުން ވަކިވެދިއުމުން ހިތާމަފާޅުކުރައްވައި ކަރުނަފޮދު އޮއްސެވިއެވެ. މިއީ ހިތާމަކުރުމަކީ އީމާންތެރިކަން ބަލިކަށިވާ ކަމެއް ނޫންކަން މުއުމިނުންނަށް އަންގައިދޭ ދަލީލެކެވެ.

އިސްލާމްދީން ބާރުއަޅަނީ މިފަދަ ހާލަތްތަކުގައި ކެތްތެރިވުމަށާއި (ޞަބްރު)، ﷲ އަށް ވަކީލުކުރުމަށެވެ. އަދި ޛިކުރުކުރުމުން ހިތްތަކަށް ހަމަޖެހުން ހޯދުމާއެކު، ސިއްޙީ ފަރުވާ ހޯދުމަށްވެސް އިރުޝާދުދެއެވެ. ޖިސްމާނީ ބަލިތަކަށް ފަރުވާ ބޭނުންވާ ފަދައިން، ނަފުސާނީ އުނދަގޫތަކަށްވެސް އަޅާލުމާއި، އޯގާތެރިކަމާއި، އެހީތެރިކަން ބޭނުންވެއެވެ.

ހާސްކަމާއި ފިކުރުތައް ގިނަވެފައިވާ މި ދުނިޔޭގައި، “ބްރޯކަން ހާޓް ސިންޑްރޯމް” އަކީ ނަފުސާނީ ތަދަކީ ހަޤީޤީ އެއްޗެއްކަން ހަނދާންކޮށްދޭ ވަރުގަދަ ހެކިބަހެކެވެ. އެހެންކަމުން، ހަށިގަނޑުގެ ސިއްޙަތަށް ސަމާލުކަންދޭ ފަދައިން، ނަފުސާނީ އަދި ރޫޙާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top