ރިހި ރޭގެ ފަސްބައި
އެ ކައިވެނީގެ ތައްޔާރުވުންތަކުގައި ބޭނުންވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އެ މަންޖެ އެދުނީ އެންމެ ކަމަކަށެވެ. ރަނާއި ޖަވާހިރަކަށް ނޫނެވެ. ރަށްރަށުގެ މީހުންނާއި މުޖުތަމަޢުގެ މަތީ ފަންތީގެ މީހުންގެ މެދުގައި ވާހަކަދެކެވޭނެ ފަދަ ކުލަގަދަ ބޮޑު ހަފުލާއަކަށްވެސް ނޫނެވެ. އެހެނަސް، އޭނާ އެދުނީ ހިމޭންކަމަށެވެ. އަދި “ރިހި ރޭ” ގެ ގޮތުގައި މަޝްހޫރުވެފައިވާ، ހަނދުވަރުގެ ރިހި އަލި ކަނޑުގެ އޮމާން އޮއިވަރަށް އެޅި، ކޮންމެ ރާޅެއްގައި ސިއްރުތަކެއް ފޮރުވިފައިވާ ފަދަ އަމާން ރޭގަނޑެއްގެ މާތް ހިމޭންކަމަށެވެ.
“އަހަރެން ބޭނުމީ ރޭގަނޑު ކައިވެނި ކުރަން.” އިސްޖަހައިލައިގެން ހެދުމުގެ ފަސްބައިގައި އިނގިލިތަކުން ބާރަށް ހިފަހައްޓާލައިގެން އިނދެ، ވަރަށް މަޑުމައިތިރި ކަމާއެކު ޔަސްނާ ބުންޏެވެ. “އެންމެންގެ ލޯތައް އަހަރެމެންނަށް ހުއްޓިފައި ނުވާނެ ފަދަ އަމާން ވަގުތެއްގައި.”
އޭރު އެކަމުގެ ސަބަބެއް އެކަކަށްވެސް ނޭނގެއެވެ. ބައެއް މީހުން ހީކުރީ އެއީ ލަދުވެތިކަމެއް ކަމަށެވެ. އަނެއް ބަޔަކު ބުނީ އެއީ ލަދުގަންނަންޖެހޭ ކަމެއް އޮތީމާ ކަމަށެވެ. އަދި ރަޙުމެއްނެތް ދޫތަކުން ބުނަމުންދިޔައީ، ދުވާލުގެ އަލިކަމަށްވުރެ ބޮޑަށް ރޭގަނޑުގެ ކަނު އަނދިރިކަމުގައި ހަޤީޤަތްތައް ފޮރުވަން ފަސޭހަވާނެތީ އެގޮތަށް ނިންމީ ކަމަށެވެ.
އެހެންކަމުން، ކައިވެނީގެ މަޖިލިސް ބޭއްވުނީ ހަނދުވަރުގެ ރިހި ދޯދިތަކުގެ ދަށުގައެވެ. އިބްރާހީމް ރިހާންގެ ވިލާގެ އަމިއްލަ ގޮނޑުދޮށުގައި، ތަޅައިގެން ގޮސްފައިވާ ބިއްލޫރިތަކެއް ފަދައިން ކަނޑުގެ ރާޅުތައް ވިދަމުންދިޔައިރު، ދުރުން އިވޭ ދޯނިފަހަރުގެ އަޑުތައް ވަނީ މަޑުވެފައެވެ. އިވެމުންދަނީ ހަމައެކަނި ރުއްގަސްތަކުގެ ފަތްތަކުގައި ޖެހޭ ވައިގެ އަޑާއި، އެއްވެސް މީހަކު ހިތުން ރުހުމުން ޤަބޫލުނުކުރާ މި ކައިވެންޏަށް އެއްވެފައިވާ މީހުންގެ ސިއްރު ވާހަކަތަކުގެ އަޑެވެ.
ކަނޑުގެ ފިނި ރޯޅިތަކާއެކު ހޫނު އުއްބައްތިތަކާއި ހުދު ފޮތިތަކުން ޒީނަތްތެރިކޮށްފައިވާ ހޯލުގެ ތެރޭގައި، ޔަސްނާ އިނީ ތުނި ފޮތިގަނޑެއްގެ ފުރަގަހުގައެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ރީތި ރަން ފަށުވިން ޖަރީކޮށްފައިވާ އަބާޔާ ފެންނަނީ ނުހަނު މައުސޫމް، އެހެނަސް ބިރުވެރިކަމެއްގެ ތެރޭގައިވާ މައްޔިތެއްގެ ގޮތުގައެވެ. އަތުގައި ޖައްސާފައިވާ ހީނާފަތުގެ ކުލަތައް ގަދަވަމުންދިޔައިރު، އެއިން ކިޔައިދެނީ އޭނާގެ ނުތަނަވަސް ހިތުގެ ވާހަކައެވެ.
އަނެއް ފަރާތުގައި، ރިހާން އިނީ ނުހަނު ކެތްތެރިކަމާއެކުގައެވެ. ކައިވެނި ޤަބޫލުކުރިއިރު އޭނާގެ އަޑުގައިވަނީ ސާބިތުކަމެވެ.
“އަހަރެން އަނބި ޤަބޫލުކޮށްފިން.”
އެއީ އެންމެ ތިން ލަފުޒެވެ. އެންމެ ފަހަރަކު ބުނި ބަހެކެވެ. އެހެނަސް، އެ ބަސްތަކުގެ އަޑު، ފާއިތުވި ދުވަސްތަކުގައި އޭނާއާ ކުރިމަތިވި ހުރިހާ ފާޑުކިޔުންތަކަށްވުރެ ގަދައެވެ. އެންމެންވެސް މަސައްކަތްކުރީ އޭނާ ހުއްޓުވާށެވެ. އެންމެންވެސް އޭނާއަށް އިންޒާރުދިނެވެ. ނަމަވެސް، އޭނާ އިޚްތިޔާރުކުރީ ޔަސްނާއެވެ.
އޭނާގެ ގޭގެ ތެރޭގައި އެއްވެސް މީހެއްގެ ސަމާލުކަމެއް ނުލިބި، ހިޔަންޏެއް ފަދައިން އުޅުނު އެ އާދައިގެ މަސައްކަތު މަންޖެއެވެ. ދުނިޔެ ހޭލުމުގެ މާ ކުރިން ތަޅުންގަނޑު ކަހައި ސާފުކޮށް، އެންމެން ނިދާތާ މާ ފަހުން އަންނައުނު އިސްތިރިކޮށް ފަށްޖަހަން އުޅުނު އެ ނިކަމެތި އަންހެން ކުއްޖާއެވެ. ދުވަހަކުވެސް އަޑުގަދަ ނުކުރާ، ލިބޭ އެއްޗަކަށްވުރެ އިތުރަށް އެއްވެސް ކަމަކަށް ނޭދޭ، އަދި އެންމެން އޭނާގެ އުޅުމާމެދު ސުވާލު އުފެއްދި ހަމައެކަނި ސަބަބުވެސް އެއްވެސް މީހަކަށް ކިޔައިނުދޭ އެ މަޑުމައިތިރި އަންހެން ކުއްޖާއެވެ.
ތިން ނަމެކެވެ. ޔާސީން. އިމްރާން. ޢާއިޝާ.
އޭނާގެ ފޯނާއި، ސިއްރުން ކުރާ ފޯނު ކޯލުތަކާއި، ކޮންމެ މަހަކު މެދުކެނޑުމެއް ނެތި އޭނާ ފޮނުވާ ފައިސާގެ ތެރޭގައި ފޮރުވިފައިވާ ތިން ނަމެވެ. އެއްވެސް މީހަކަށް އެ ނަންތަކުގެ ވެރިންނެއް ނުފެނެއެވެ. އެ ނަންތައް ވެފައިވަނީ ތޯތޯ ވާހަކަތަކަކަށެވެ. އަދި ހިމޭންކަމަށް ފުރުސަތު ނުދޭ މި މުޖުތަމަޢުގައި، އެ ވާހަކަތައް ވެގެންދިޔައީ އޭނާގެ އަބުރަށް އަމާޒުވި ހުކުމްތަކަކަށެވެ.
“އޭނާގެ ތިން ދަރިން ތިބޭ.”
“ފިރިއަކު ނެތް.”
“ބުނަނީ ތިން ކުދިންގެ ބައްޕަވެސް ތަފާތޭ.”
“އެވަރުންވެސް ރިހާން އޭނާއާ އިނީތަ؟”
ކައިވެނި ނިމި، މީހުން މުބާރަކްބާދީ ކިޔަމުން ދިޔައިރުވެސް، އެ ދެބަސްވުންތަކާއި ސިއްރު ވާހަކަތަކެއް ނުހުއްޓުނެވެ. އެ އަޑުތައް ހަމައެކަނި މަޑުވީއެވެ. ވައިގެ ތެރޭގައި ފެތުރިފައިވާ ދުމެއް ފަދައިންނެވެ. ޔަސްނާ ތެދުވެގެން ކުރިއަށް ހިނގައިގަތްއިރު، މޫނު ވަނީ ޝޯލްގެ ބަޔަކުން ފޮރުވާލެވިފައެވެ. އޭނާގެ ނަޒަރު ހުރީ ބިމަށް ހުއްޓިފައެވެ. އެއީ އޭނާ ޤަބޫލުނުކުރާ މާހައުލުތަކުގައި އުޅެން އޭނާ އަމިއްލައަށް ދަސްކޮށްފައިވާ ގޮތެވެ. ނަމަވެސް، އެ ނޭދެވޭ ވާހަކަތަކުގެ ބަރުދަން، އޭނާ ވަންނަން އުޅޭ ގޭގެ ބިންގަލާ ހަމައަށް ފޯރާފައިވެއެވެ.
އަދި ފުރަތަމަ ގޮންޖެހުން އައީ ބޭރު މީހެއްގެ ފަރާތަކުން ނޫނެވެ. އާއިލާގެ ތެރެއިންނެވެ.
“މާލޭގެ އެއްވެސް އަބުރުވެރި އާއިލާއަކުން މިކަމަކަށް ހުއްދައެއް ނުދޭނެ.”
އެ އަޑަކީ މަޑުމައިތިރި، އެހެނަސް ހިމޭންކަން ކަނޑާލާ ފަދަ ތޫނު އަޑެކެވެ.
ފާތިމަތު ޒުލޭޚާ ހުރީ ހޯލުގެ މެދުގައެވެ. އޭނާގެ ކަޅު ކުލައިގެ އަބާޔާ އާއި، އަތުގައާއި ކަރުގައި ވިދަމުންދިޔަ ރަނުގެ ގަހަނާތަކުން އޭނާގެ ހައިބަތު ފެނެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުރުހުމެވެ.
އޭނާގެ ނަޒަރު ލަސްލަހުން ޔަސްނާއަށް ހުއްޓުނެވެ. އެއީ އޮޅުންފިލުވުމުގެ ނަޒަރެއް ނޫނެވެ. އެއީ ކުރިންވެސް ނިންމާފައިވާ ހުކުމެއްގެ ނަޒަރެކެވެ.
“މިގެއަކީ އަބަދުވެސް އަބުރާއި ޢިއްޒަތް ހިފަހައްޓާ ގެއެއް.” އޭނާ ކުރިއަށް ގެންދިޔައެވެ. “މިރޭ މިވަނީ އެ ޢިއްޒަތް އިމްތިހާނުކުރަން ނިންމާފައި.”
އެއްވެސް މީހަކު ބަހެއް ނުބުނެއެވެ. ނަމަވެސް އެއްވެސް މީހަކު އެކަމާ ދެކޮޅެއްވެސް ނުހަދައެވެ. އެ ހިމޭންކަމުން ބުނެދިން ވާހަކަ ކޮންމެ ބަހަކަށްވުރެ ބާރެވެ. ޔަސްނާ އިސްއުފުލައެއް ނުލައެވެ. އޭނާގެ އަތުކުރީގައި ބާރަށް ހިފަހައްޓާލިއެވެ. އޭނާގެ ނޭވާ ހުރީ ހިފަހައްޓާލެވިފައެވެ. އޭނާއަށް އެނގެނީ ރައްދު ދިނުމަކީ ތިމާ އަންދާލަން ބޭނުންވާ މީހުންގެ ހުޅުގަނޑަށް ދަރު އެޅުން ފަދަ ކަމެއްކަމެވެ.
މީގެ ގަޑިއެއްހާއިރު ކުރިން، އޭނާ އެވީ މުޅި ރާއްޖެއަށް ނަން މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހީމް ރިހާންގެ އަނބިމީހާއަށެވެ. ރިހާންއަށް ބޭނުން ކޮންމެ މީހަކު އިޚްތިޔާރު ކުރެވުނީހެވެ. ނަމަވެސް އޭނާ އިޚްތިޔާރުކުރީ ޔަސްނާއެވެ. އެއީ ކީއްވެގެންކަން އެކަކަށްވެސް ނުވިސްނުނެވެ. އޭނާގެ ރަހުމަތްތެރިންނަކަށްވެސް، އާއިލާ މީހުންނަކަށްވެސް، އަދި އޭނާގެ މަންމައަކަށްވެސްމެއެވެ.
“އޭނާ ރިހާން މަޅީގައި ޖެއްސީ.” ފަހަތުން މީހަކު ސިއްރުން ބުންޏެވެ.
“ކޮން އެއްޗަކުން؟ ހިމޭންކަމުންތަ؟” އަނެކަކު މަލާމާތުގެ ރާގަކަށް ބުންޏެވެ.
“ނޫނީ އޭނާ ފޮރުވައިގެން އުޅޭ އެ ތިން ދަރިން ބޭނުންކޮށްގެންތަ؟”
އެއަށްފަހު އިވުނީ މަލާމާތުގެ ހިނިގަނޑެއްގެ އަޑެވެ. މަޑު، އެހެނަސް ރަހުމެއްނެތް ހިނިގަނޑެކެވެ.
ރިހާނަށް އެ އަޑު އިވުނެވެ. ނަމަވެސް އޭނާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އޭގެ ބަދަލުގައި، އޭނާގެ ނަޒަރު މުޅި ކޮޓަރިތެރޭގައި ހޯދާލުމަށްފަހު، އެންމެ ފަހުން ޔަސްނާއަށް ހުއްޓުނެވެ. އޭނާ ހުރީ ކޮޓަރީގެ އެންމެ ކަނެއްގައެވެ. އުފާފާޅުކުރަން އެއްވެފައިވާ އަންހެންވެރިންގެ ތެރެއަކު ނޫނެވެ. އާއިލާގެ މީހުންގެ ކައިރިއަކުވެސް ނޫނެވެ. ކައިވެނިކުރާ ފުރަތަމަ ރޭ އަލަތު އަނބިމީހާ ހުންނަންޖެހޭ ފަދަ މަގާމެއްގައެއް ނޫނެވެ. އޭނާ ހުރީ އަބަދުވެސް އޭނާ ހުންނަ ފަދައިން، ބާކީވެފައިވާ މީހެއް ފަދައިންނެވެ.
އެ މަންޖެއަކީ ދައުވަތު ނުލިބޭ ތަނަކަށް ދުވަހަކުވެސް ފިޔަވަޅު އަޅާނެ މީހެއް ނޫނެވެ. ރިހާންގެ ހިތުގައި ނުތަނަވަސްކަން އުފެދުނު ފުރަތަމަ ކަމަކީ އެއީއެވެ. ދެވަނަ ކަމަކީ، އޭނާގެ ހިތުން ފިލައިގެން ނުދިޔަ އެ ރޭގެ ހަނދާނެވެ.
އެއީ ހޮސްޕިޓަލެވެ. ގަދަ ހުމެއްގެ ސަބަބުން، އޭނާ ދުވަހަކުވެސް ބިރުނުގަންނަ ފަދަ ނިކަމެތި ހާލަތަކަށް ވެއްޓިފައި އޮތް ދުވަސްވަރެވެ. މެޝިންތަކުން އޭނާއަށް ނޭވާލައިދެމުން ދިޔައެވެ. އަޑުތައް އިވިފައި ކެނޑެމުން ދިޔައެވެ. މޫނުތައް ފެނިފައި ގެއްލެމުން ދިޔައެވެ. ނަމަވެސް، އެންމެ މޫނެއް ފިލައިގެންނެއް ނުދެއެވެ. އެއީ ޔަސްނާއެވެ.
އޭނާ މަޑުކުރިއެވެ. ގަޑިތައް ފާއިތުވެގެން ދިޔައިރުވެސްމެއެވެ. ރިހާންގެ ހަށިގަނޑު ވަރުދެރަވެފައި އޮތް ކޮންމެ ވަގުތަކު އޭނާ ހުރީ ކައިރީގައެވެ. އޭނާގެ ނިތްކުރީގައި ފެންފޮތިލައިދީ، ރަޖާގަނޑު ރީތިކޮށްދީ، ނަރުހުންނަށް ފާހަގަނުކުރެވޭ ކަންކަމުގައި ނުހަނު ކެރިގެން ބަހުސްކޮށް ހެދިއެވެ. އޭނާ ނިދީވެސް ވަރަށް މަދު ވަގުތުކޮޅަކަށެވެ. ހީވަނީ ނިދުމަކީވެސް އޭނާއަށް އޮތް އިޚްތިޔާރެއް ނޫންހެންނެވެ.
އަދި އެއް ރެއަކު.. ރިހާނަށް ހޭލެވުނު ވަގުތު، ޔަސްނާގެ އަޑު އޭނާއަށް އިވުނެވެ. އެއީ މަޑު، ރިހޭ ފަދަ އަޑެކެވެ. މީހަކަށް އަޑުއިވުނަ ނުދިނުމަށް އޭނާ މަސައްކަތް ކުރަމުންދިޔައެވެ.
“ޔާސީން.. ނުރޮއި.”
އަނެއް ފަރާތުން ވާހަކަދައްކާ މީހާގެ އަޑު އަހަން އޭނާ މަޑުކޮށްލިއެވެ.
“އިމްރާނަށް ބޭސްދީ.. އާދޭސްކޮށްފާ ބުނަން، ހަނދާން ނައްތާނުލާތި.”
އަނެއްކާވެސް ހިމޭން ވަގުތުކޮޅެކެވެ. ކުރިއަށްވުރެ ބަރު، ދިގު ހިމޭންކަމެކެވެ.
“ޢާއިޝާ ސްކޫލަށް ދާންވާނެ.. އޭނާ ނޫނެކޭ ބުންޏަސް ފޮނުވާތި.”
ދެން އިވުނީ ހިމޭންކަމެވެ. އަދި ތުރުތުރުލާ ނޭވާއެއްގެ އަޑެވެ.
“އަހަރެން މާދަމާ ފައިސާ ފޮނުވާނަން.”
ފޯނު ބޭއްވުމަށްފަހު، އޭނާ ލަސްލަހުން އަތް ތިރިކޮށްލިއެވެ. އަދި ރިހާންގެ އެނދުގެ ކައިރީގައި ބިމުގައި އަތްޖައްސާލައި، މެޝިންތަކުގެ އަޑުގެ ތެރެއަށް ގެއްލިގެންދާހާ މަޑުން ދުޢާއެއް ކުރިއެވެ. ރިހާނަށް އެ އަޑު އިވުނެވެ. އަދި އޭނާގެ ހިތުގެ ތެރޭގައި ބުނެދޭން ނޭނގޭ ބަދަލެއް އުފެދުނެވެ. އޭނާގެ ނިންމުން ނިންމީ އެ ރޭގައެވެ.
މިހާރު، ކައިވެނީގެ މި ރޭގެ ތެރޭގައި ހުރެ، އޭނާ ޔަސްނާއަށް ބަލަހައްޓައިގެން ހުރީ، މާ ކުރިން ލިޔެވިފައިވާ ވާހަކައެއް ދެނެގަތުމަށް މަސައްކަތްކުރާ ފަދަ ގޮތަކަށެވެ. މެހުމާނުން ލަސްލަހުން ދާން ފެށިއެވެ. ކަނޑުގެ އަޑު މަޑުވަމުން ދިޔައެވެ. ހަނދުވަރުގެ ރިހި އަލި ވިލާގެ ތެރެއަށް ފެތުރެމުން ދިޔައެވެ. ރޭގަނޑުގެ ހިމޭންކަން ވެރިވުމުން، ބާކީވީ ހަމައެކަނި އިންތިޒާރުގައި އޮތް ހަޤީޤަތެވެ.
އެމީހުންގެ ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ. ކަނޑުގެ ފިނި ރޯޅިތައް ވަންނަން ކުޑަދޮރުތައް ހުރީ ހުޅުވާފައެވެ. ހުދު ފޮތިގަނޑުތައް ވައިގެ ތެރޭގައި ނަށަމުން ދިޔައެވެ. ޔަސްނާ ހުރީ ކުޑަދޮރުގެ ކައިރީގައެވެ. ހަރަކާތެއް ނެތި، ހިމޭނުންނެވެ. އޭނާ ހުރީ ރިހާނަށް ފުރަގަސްދީގެންނެވެ.
ރިހާން ލަސްލަހުން ދޮރު ލެއްޕިއެވެ.
“ބިރުގަންނާނެ ކަމެއް ނެތް.” މީހުންގެ ކުރިމަތީގައި ހުންނަ ވަރުގަދަކަން ދޫކޮށްލަމުން، ނުހަނު މަޑުމައިތިރި އަޑަކުން ރިހާން ބުންޏެވެ.
“އަހަރެން ރިހާންދެކެ ބިރެއް ނުގަނޭ.”
“ދެން ކީއްވެ ތި ތުރުތުރުލަނީ؟”
އޭނާ ފުން ނޭވާއެއްލިއެވެ. “ހަޤީޤަތް ހާމަވާ ވަގުތު، އޯގާތެރިކަމަކީ ހިތް ކުދިކުދިކޮށްލާ ފަދަ އެއްޗަކަށް ވާތީ.”
ރިހާން އޭނާއާ ގާތަށް ޖެހިލިއެވެ. ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
“މީހުން ދެއްކި ވާހަކަތައް އަހަންނަށް އެނގޭ.”
ޔަސްނާގެ ކޮނޑަށް ބާރުވިއެވެ.
“އެ ތިން ނަމުގެ ވާހަކަވެސް އަހަންނަށް އެނގޭ.”
ހިމޭންކަން ވެރިވިއެވެ.
“އަހަރެން އެކަމާ އަޅައެއް ނުލަން.”
އެވަގުތު ޔަސްނާ އެނބުރުނެވެ. އޭނާގެ ލޮލުގައިވަނީ ކަރުނައެވެ. އެއީ ހިތްހަމަޖެހުމުގެ ކަރުނައެއް ނޫނެވެ. ނަމަވެސް ބިރުވެރިކަމެއްގެ ކަރުނައެވެ.
“ރިހާންއަށް ހީވަނީ އެއީ އަހަރެންގެ ދަރިންހެންތަ؟”
ރިހާންގެ މޫނުމަތިން ސުވާލު މާކުތަކެއް ފެނުނެވެ. “ނޫންތަ؟”
ޔަސްނާގެ ތުންފަތް ތަޅުވައިލިއެވެ. ނަމަވެސް ބަހެއް ބޭރެއް ނުވިއެވެ. ދެން ވަރަށް މަޑުން ބުންޏެވެ.
“މިރޭގެ ކުރިން ތި ސުވާލު ކުރެވުނުނަމައޭ ހިތަށްއަރާނެ ދުވަހެއް އަންނާނެ.”
“ނާންނާނެ.”
“އަންނާނެ.”
“އަހަރެން ކައިވެނިކުރީ ޔަސްނާއާ.” އޯގާތެރިކަމާއެކު ރިހާން ބުންޏެވެ. “އެމީހުން ދައްކާ ވާހަކަތަކާއެއް ނޫން.”
އެ ރޭގެ ތެރޭގައި ފުރަތަމަ ފަހަރަށް، ޔަސްނާގެ މޫނުމަތިން ހިތްދަތި ހިނިތުންވުމެއް ފެނުނެވެ. އެއީ ލޮލާ ހަމައަށް ފޯރި ހިނިތުންވުމެއް ނޫނެވެ.
ދެން، ލަސްލަހުން.. އޭނާގެ އަތް އުފުލާލިއެވެ. އަދި ބޮލުގައި އަޅައިފައި އޮތް ޝޯލް ނެގިއެވެ. ރިހާން އަމިއްލައަށް ފަހަތަށް ޖެހިލީ އޭނާއަށް ފުރުސަތު ދިނުމަށެވެ. އޭނާ ހީކުރީ ފެންނާނެ އެއްޗަކަށް އޭނާ ހުރީ ތައްޔާރުވެގެން ކަމަށެވެ.
ނަމަވެސް އޭނާއަށް ފެނުނު މަންޒަރަކުން، އޭނާގެ ނޭވާ ހުއްޓުނު ފަދައެވެ.
އޭނާގެ ކަރުދޮށުގައި ހުރީ ވަގުތުން ޖެހިފައިވާ ނިޝާންތަކެއް ނޫނެވެ. އެއީ އަނިޔާވެރިކަމުގެ ނިޝާންތަކެވެ. ދެން މަޑުމަޑުން ޔަސްނާ ލައިގެން ހުރި ހެދުމުގެ ޒިބު ތިރިކޮށްލަން އެދުނެވެ. އޭނާގެ ބުރަކަށީގައި ހުރީ ކޮންމެވެސް މީހަކު އޭނާ ނައްތާލަން މަސައްކަތްކޮށްފައިވާ ފަދަ، އަލިފާނުން އަނދާފައިވާ ލަކުނުތަކެވެ. އޭނާގެ އުނަގަނޑާ ދިމާލުން ފުން ޒަޚަމެއްގެ ނިޝާން ފެންނަން ހުއްޓެވެ. ކޮނޑުމަތީގައި ހުރީ ކަޅުވެފައިވާ ލަކުނުތަކެވެ.
އަދި އޭނާގެ ބުރަކަށީގެ މަތީބައިގައި.. ތިން ނަމެއް އޮތެވެ. ލިޔެފައެއް ނޫނެވެ. ދެލިން ކުރަހާފައެއްވެސް ނޫނެވެ. ނަމަވެސް، އޭނާގެ ހަންގަނޑުގައި އަންދައިގެން ލިޔެފައެވެ.
ޔާސީން. އިމްރާން. ޢާއިޝާ.
ރިހާންގެ އަޑު ބެދިގެން ދިޔައެވެ.
“ޔަސްނާ.. ކާކު މިހެން ހެދީ؟”
ޔަސްނާ އަވަސްއަވަހަށް ހަށިގަނޑު ނިވާކޮށްލިއެވެ. ހީވަނީ ހަޤީޤަތް އަނެއްކާވެސް ފޮރުވަން އުޅޭހެންނެވެ.
“މިރޭ ނޫން..”
ރިހާން ކުރިއަށް ޖެހިލިއެވެ. ޔަސްނާ ފަހަތަށް ޖެހުނެވެ.
“އެ ނަންތައް.. ކީއްވެ ޔަސްނާގެ ހަށިގަނޑުގައި ޖަހާފައި އެހުރީ؟”
އޭނާއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް.. ދޮރުގައި މީހަކު ޖެހި އަޑު އިވުނެވެ. ބާރަށެވެ. ހަރުކަށިކޮށެވެ.
ދެން އިވުނީ އޭނާގެ މަންމަގެ އަޑެވެ.
“އެ ކުދިން މިތިބީ އައިސް.”
ޔަސްނާގެ މޫނުމަތިން ކުލަވަރު އޮއްސި، މުޅި މީހާ ދޮންވެ ފެންވިއެވެ. ރިހާން މަޑުމަޑުން ދޮރާ ދިމާލަށް އެނބުރުނެވެ.
“ކޮން ކުދިންނެއް؟”
އެވަގުތު.. ގޭގެ ފެންޑާ ތެރެއިން އިވުނީ، ތުރުތުރުލާ، ބިރުގަނެފައިވާ ކުޑަކުއްޖެއްގެ އަޑެވެ. އެ އަޑު މުޅި މާހައުލުގެ ހިމޭންކަން ފޫއަޅުވާލިއެވެ.
“ޔާންތާ.. އަޅޭ ޕްލީޒް.. އަހަރެމެން އަލުން އޭނާގެ ކައިރިއަށް ނުފޮނުވާ..”
(ނުނިމޭ)
