އަސީލް ބޭނުންވި ފުރުސަތު މަޒީދާ ދިނެވެ. އެއްވެސް ލަދުވެތިކަމެއް ޖެހިލުމެއްނެތި މަގު ފަހިކޮށްދިނެވެ. އެ ފުރުސަތަށް ފެންބޮވައިގެންފައިވަނީ އަސީލް އެކަންޏެއް ނޫނެވެ. މަޒީދާ ވެސް އެވަރެވެ.
ވާޝިޔާއަށް ގެއަށް އާދެވުނުއިރު ހަގަޑި ބައިވެ ބޮޑުވެއްޖެއެވެ. ގޭތެރެއަށް ވެރިވެފައިވި ފަޅުކަމާއިއެކު ވާޝިޔާގެ ނަޒަރު އަމާޒުވީ ސިޓިންގްރޫމްގައި ހުރި ޓީވީއަށެވެ. ކޮންމެ ރެއަކު އިރުއޮއްސުމުގެ ކުރިން ޓީވީ ހުޅުވައި ޤުރުއާންގެ އަޑުއިވޭނެހެން ހަދާފައި ބަހައްޓަން ޖަމްޝީދު ބުނި ފަހުން، ވަރަށް ފަރުވާތެރިކަމާއެކު ވާޝިޔާ އައީ އެކަން ކުރަމުންނެވެ. ވާޝިޔާއަށް އެކަން ހަނދާން ނެތިއްޖެ ނަމަ ފަރުހީން އެކަން ހަނދާންކޮށްދެއެވެ.
އެކަމު، މިރޭ މިއޮތީ ހުރިހާ ކަމެއް ބޮއްސުންލައިފައެވެ. ވާޝިޔާއަކަށް ގަޑިއަށް ގެއަކަށް ނާދެވުނެވެ. އިރުއޮއްސުމުގެ ކުރިން ރަށަށް އަންނަން ދިޔަ ފަރުހީން އަދިވެސް ރަށަކަށް ނާދެއެވެ.
ސިޓިންގްރޫމްތެރޭ ހުރި އަންހެން ފައިވާން ފެނުނީ އިރުކޮޅެއް ފަހުންނެވެ.
އަސީލްގެ ކޮޓަރިއާ ދިމާއަށް ވާޝިޔާ ހިނގައިގަތް ވަގުތު ކަހަލަ ގޮތަކަށް، އެ ކޮޓަރިން މަޒީދާ ނުކުތެވެ. ޓީޝާޓް ރަނގަޅު ކޮށްލަމުން ދޮރާއި ދިމާއަށް ހިނގައިގަތް މަޒީދާއަށް ވާޝިޔާ ފެނުނީ ތަންކޮޅެއް ފަހުންނެވެ.
“އަސީލް އެބައޮތް ކޮޓަރީގަ.. ރެސްޓް ކޮށްލަން ބޭނުމޭ ބުނީމަ އަހަރެން ވެސް މިދަނީ.” ވާޝިޔާއަށް މާބޮޑު ސަމާލުކަމެއް ނުދީ މަޒީދާ ގޮސް ގެއިން ނުކުމެއްޖެއެވެ.
މަޒީދާ އެހެން ބުނުމުން އަސީލް ކޮބައިތޯ ބަލާކަށް ވާޝިޔާ ނޫޅެއެވެ. ޓީވީ ހުޅުވާލުމަށްފަހު ނަމާދުކުރުމަށް އަވަސްވި އެވެ. ކަންތައް ދިމާވި ގޮތުން ކުރިމަތިވި ހިތްހަމަނުޖެހުމަށް ކުޑަ ނަމަވެސް ލުޔެއް ދެން ލިބޭނީ އެކަމުންކަން އޭނާއަށް އެނގެއެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ.
އިޝާ ނަމާދަށް ގޮވިއިރު ވެސް އަސީލް ކޮޓަރިއަކުން ނުނިކުމެއެވެ. ކޮޓަރި ސާފުކުރަން އުޅުނުއިރު، ބޭރަށް ނެރިފައި ހުރި ތަކެތި ވާޝިޔާއަށް ފެނުނީ އެ ކޮޓަރިއާ ދިމާއަށް ހިނގައިގަތް ވަގުތުއެވެ. އެތަނުގައި އޮތް ޚަތިމު ފެނުމާއިއެކު ވާޝިޔާ ކަންބޮޑުވިއެވެ. ފިޔަވަޅުތައް އަވަސްވިއެވެ.
ކޮޓަރި ހުރީ ތަޅުލައިފައެވެ. ދެތިން ފަހަރަކު ގޮވައިލުމުން ވެސް ޚަބަރެއް ނުވިއެވެ. ލިބުނު ހާސްކަމާއި ކަންބޮޑުވުން އިތުރުވިއެވެ. ތަންކޮޅެއް ބާރަށް ދޮރުގައި ޖަހާލަމުން ކުރިޔަށްވުރެ ބާރަށް އަސީލަށް ގޮވިއެވެ. ޚަބަރެއް ނުވިއެވެ.
ތަޅުދަނޑިއެއް ހިފައިގެން އައިސް އެތަނަށް ހުޅުވައިގެން ވާޝިޔާއަށް އެ ކޮޓަރިއަށް ވަދެވުނީ ދެތިން މިނިޓެއްގެ މަސައްކަތުންނެވެ.
ކޮޓަރީގައި ދިއްލާފައިހުރީ ނިދާ ބޮތްކެވެ. އަސީލް އޮތީ އެނދުމަތީގައެވެ. ނިދާފައިކަމެއް ނިދިފައިކަމެއް ޔަޤީނެއް ނޫނެވެ. އޭނާގެ ކިބައިން ހަރަކާތެއް ނުފެނެއެވެ. ގައިމަތީގައި ހުރަހަށް ކަހަލަ ގޮތަކަށް ބެޑްޝީޓް އޮތެވެ.
ކޮޓަރީގެ ބޮކި ދިއްލައިލަމުން އަސީލަށް ވާޝިޔާ ގޮވައިލިއެވެ. ޚަބަރެއް ނުވުމުން އަޑު ތަންކޮޅެއް ބާރުކޮށްލަމުން އެ ގޮވުން ތަކުރާރު ކޮށްލިއެވެ. ޚަބަރެއް ނުވިއެވެ.
ވާޝިޔާ ކަންބޮޑުވިއެވެ. އަވަސްއަވަހަށް ކައިރިއަށް ޖެހިލަމުން އަސީލްގެ ނިތްކުރީގައި އަތް ޖައްސާލިއެވެ.
އަތުގައި ހިފައި، ބޮލުގައި ހިފައި ހަރަކާތްކޮށް ގޮވައިގެން ވެސް އަސީލްގެ ޚަބަރެއް ނުވުމުން ވާޝިޔާގެ ކަންބޮޑުވުން އިތުރުވިއެވެ.
ގައިމަތީގައި އޮތް ބެޑްޝީޓް ރަނގަޅުކޮށްލަން އުޅުނު ވަގުތު ފެނުނު މަންޒަރާއިއެކު ވާޝިޔާއަށް ރޮއިގަނެވިއްޖެއެވެ. އަސީލްގެ ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތެވެ. އުނަގަނޑުން ތިރި ވަނީ ލެއިން ތަތްތެޅިފައެވެ. ގައިދަށު އޮތް ބެޑްޝީޓްގައި ވެސް އޮތީ ހުސް ލެއެވެ.
އަޑުގެ ކޮޅަށް ވާޝިޔާ ރޮއިގަތް ވަގުތުވީ ފަރުހީން އައިސް ގެއަށް ވަތް ވަގުތަށެވެ. ކޮންމެ ވެސް ކަމެއް ގޯސްވެއްޖެކަން ޔަޤީނެވެ. އަސީލްގެ ކޮޓަރިއާ ދިމާއަށް ފަރުހީން ދިޔައީ ދުވެފައެވެ. ފެނުނު މަންޒަރުން ފަރުހީންގެ ހިތަށް ވެސް ވަރަށް އަސަރު ކުރިއެވެ.
ވާޝިޔާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ފަރުހީން ގުޅީ ޖަމްޝީދަށެވެ. އެމްބިއުލާންސަށް ވެސް ގުޅިއެވެ.
“އެމްބިއުލާންސް އެބަ އާދޭ. ޖަމްޝީދުމެން ވެސް މިހާރު ތިބޭނީ ނަމާދު ކުރަން.” ވާޝިޔާ ގެންގޮސް ގޮނޑީގައި ބައިންދަމުން ފަރުހީން ވާހަކަ ދެއްކިއެވެ. އަދި އެންބިއުލާންސް އައުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް އަވަސްވެގަތެވެ.
އަސީލް ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ފެށިއެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ވާޝިޔާގެ ކިބައިން ފެންނަމުންދިޔަ ހާސްކަމާއި ކަންބޮޑުވުމަށް ލުޔެއް ނުލިބުނެވެ.
މިސްކިތުން ފޭބުމާއިއެކު ފަރުހީނަށް ޖަމްޝީދު ގުޅިއެވެ. އެފަދަ ވަގުތެއްގައި ކޮންމެވެސް މުހިންމު ކަމެއް ދިމާވެގެން ނޫނީ ނުގުޅާނެކަން އޭނާއަށް ޔަޤީނެވެ.
އަސީލްގެ ހޭވެރިކަން ހުއްޓެވެ. ހަށިގަނޑުގެ އެއްވެސް ހިސާބަކުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. ރޯގާއެއް ނުވަތަ ބަލިމަޑުކަމެއްގެ އަލާމާތެއް ވެސް ފެންނާކަށް ނެތެވެ.
ވާޝިޔާ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ޖަމްޝީދުގެ ކިބައިން ފާޅުވީ މާޔޫސްކަމެވެ. އިޚްތިޔާރުން ބޭރުގައި ކަހަލަ ގޮތަކަށް، ނޫނެކޭ ބުނާ ފަދައަކުން ދެއަތަކަށް ބޯ ހަލުވައި ވެސް ލިއެވެ.
“ހުރިހާ ކަމެއް ބޭކާރު..” ޖަމްޝީދުގެ ޖަވާބުން ވާޝިޔާގެ ހިތް ފަޅައިގެންދިޔަ ކަހަލައެވެ.
ޖަމްޝީދު ފޯނު ކުރީ ސަލީހް އަށެވެ. ވާޝިޔާ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ސަލީހަށް ލިބުނީ ހައިރާންކަމެވެ. އަސުރު ނަމާދުން އައިގޮތަށް އޭނާ އެ އުޅެނީ ގޭގައެވެ. ޗުއްޓީ ނިންމައި މާލެ ދާއިރު ގެންދާނެ ބައެއް ކަހަލަ ތައްޔާރީ ކާނާ ތައްޔާރު ކުރުމާއިގެން މަޒީދާއާއި އޭނާގެ މަންމަ ބަދިގެ ފަރާތު އަދިވެސް އެބަތިއްބެވެ. މަޣުރިބު ނަމާދަށާއި އިޝާ ނަމާދަށް ދާން ނޫން ގޮތަކަށް ސަލީހް ބޭރަކަށް ނުނިކުމެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް އެއީ ދިހަވަރަކަށް މިނިޓެވެ. އެބުނާ ވަގުތެއްގައި މަޒީދާ ހުންނާނީ ނަމާދު ކުރާށެވެ. ނޫނީ ދަރިފުޅަށް ކާން ދޭށެވެ. އޭނާ ބޭރަކަށް ނުނިކުމެއެވެ. އެ ޔަޤީންކަން އޭނާއަށް އޮތެވެ.
އަސީލް ހޭ އެރީ ގަޑިއެއްހާއިރު ފަހުންނެވެ. ހޭ އެރުމާއިއެކު ލޯ ހުޅުވާލަމުން ވަށައިގެން ހޯދާލިއެވެ. ކޮންމެވެސް މީހަކު ފެނޭތޯ ބަލައިލިހެން ވެސް ހީވިއެވެ.
މަޒީދާއާ ވާހަކަ ދައްކާލާފައި ސަލީހު ދިޔައީ ހޮސްޕިޓަލަށެވެ. އިވުނު ވާހަކަތަކަށް ބަލައިލާއިރު ކަންކަން ގޮސްފައިވަނީ ވަރަށް ނުރައްކާ ހިސާބަކަށެވެ. މިހާރުން މިހާރަށް އެކަމާ އުޅެން ޖެހެއެވެ.
ވާހަކަ ދައްކަން އަސީލް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެތައް އިރަކު އެތައް ގޮތަކަށް މަސައްކަތް ކޮށްވެސް ކާމިޔާބެއް ނުލިބުނެވެ. ކުރިއެރުމެއް ވެސް ނުފެނުނެވެ. ޑޮކްޓަރުންނަކަށް ހައްލެއް ނުހޯދުނެވެ.
އަސީލް ގޯހެއް ހަދައިފިއެވެ. ދެއްކި ވާހަކަތައް ހަނދާން ނައްތާލައިފިއެވެ. ނުދޭން ބުނި ފުރުސަތު ވެސް ދީފިއެވެ.
އަސީލްގެ ބައްޔަށް ހައްލެއް ނުހޯދުނެވެ. ޖެހުނީ ވަގުތުން ފުރައިގެން މާލެ ދާށެވެ. ފަންނީ މާހިރުންގެ އެހީގައި އިތުރު ޓެސްޓްތައް ހަދައި އިތުރަށް ފަރުވާކުރާށެވެ.
ވާޝިޔާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ފަރުހީން އުއްމީދު ކަނޑައެއް ނުލައެވެ.
އަވަސް ފަރުވާއާއެކު އަސީލްގެ ޓެސްޓްތަކެއް ހެދިއެވެ. ނަތީޖާ ލިބުނީ ދެތިން ގަޑިއިރު ފަހުންނެވެ. އިވުނީ އަޑު އަހަން ދުވަހަކު ވެސް ބޭނުންވާނެ ފަދަ ވާހަކަތަކެއް ނޫނެވެ. ވާހަކަ ދެއްކުމުގެ ފުރުސަތު އަސީލަށް ލިބޭނެކަމުގެ އުންމީދެއް ނެތްއިރު ދަރިއަކު ލިބޭނެކަމުގެ އުންމީދެއް ވެސް ނެތެވެ.
ލިބުނު ޚަބަރާއިއެކު އަސީލްގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ނޫނެކޭ ބުނާފަދައިން ދެއަތަކަށް ބޯ ހޫރާލިއެވެ. ސިކުނޑިއަށް ބާރު ބޮޑުވިއެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުން އަސީލަށް ބޭސް ކުރެވުނެވެ. ލިބުނު ކާމިޔާބެއް ކުރިއެރުމެއް ނެތެވެ.
ސަލީހް ބުނި ކަންތައް އޭނާ ކުރިއެވެ. ކަންތައް ގޮސްފައިވާ ހިސާބުގެ ސަބަބުން ފަސޭހަ ނުވި ނަމަވެސް ކާމިޔާބު ހޯދިއެވެ. ދެން އޮތީ އަސީލްގެ ހިތްވަރެވެ. އެފަދަ ކަންކަމާއި ދުރުވުމާއި އަންގަވާފައިވާ ގޮތަށް ސާބިތުވެ ހުރުމެވެ.
ދިމާވި ކަންތަކުގެ ސަބަބުން އަސީލްގެ ސިކުނޑިއަށް ބާރު ބޮޑުވިއެވެ. ދުވަހަކަށްވުރެ ދުވަހެއް އޭނާގެ ހާލު ދިޔައީ ދަށަށެވެ. އެކަނިވެރިކަމަށް ލޯބިކުރާވަރު އިތުރުވިއެވެ. އާންމުން ތެރެއަށް ނުކުމެ އުޅުން ހުއްޓާލި އެވެ. ކެއިން ބުއިމާއި ދުރުވިއެވެ. ހަށިގަނޑު ހިކި އަނަރޫފަ ވިއެވެ. އެއްވެސް މީހަކު ދައްކާ ވާހަކައެއް އަޑެއް ނާހައެވެ.
ރިހްލާ އާއި އަސީލް ދިމާވީ ބޭސް ފަރުވާއަށް މެލޭޝިޔާއަށް ގޮސް އުޅުނު އުޅުމެއްގައެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް އަސީލްގެ ހިތުން ރިހްލާއަށް ޚާއްސަ ޖާގައެއް ދެވުނެވެ. މިއިން ދުވަހަކު ވެސް އަންހެނަކާއި ދިމާއަށް ރުހުމުގެ ލޮލަކުން ބަލައިނުލި އަސީލްގެ ކަޅި އޭނާއަށް ހުއްޓުނެވެ. ހަރަކާތެއް ކޮށްލާން ވެސް ނޭނގިފައި އެތައް އިރަކު ހުރެވުނެވެ.
ރިހްލާއާ ވާހަކަ ދައްކަން އަސީލް ބޭނުންވިއެވެ. އެކަމު އެކަން ކުރާނީ ކިހިނެއްބާއޭ ހިތަށް އެރުމާއިއެކު އަސީލްގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. މާޔޫސްކަމާއި ހިތްދަތިކަން އޭނާ ވަށައިލިއެވެ.
އަސީލްއާއެކު އެ ދަތުރުގައި ގޮސް އުޅުނީ އޭނާގެ ޢާއިލާ މީހެކެވެ. އަސީލްއާ ދާދި އެއް އުމުރެއްގެ މަހުދީ އާއި އޭނާގެ މެދުގައި އޮންނަނީ ޢާއިލީ ގުޅުމަށްވުރެ ބޮޑަށް ރައްޓެހިކަމެވެ. ސްކޫލް ދައުރުއްސުރެ އެކުގައި އުޅުމާއި ޒުވާން ދުވަސްވަރު އެކި ކަންކަމުގައި އެކުގައި މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން އޮތް ގާތްކަމެވެ.
އަސީލަށް ރިހްލާ ކަމުދިޔައީ ކީއްވެގެންކަން މަހުދީއަށް ވިސްނުނެވެ. އެންމެ ފަހަރަކު ސުވައިލާ ފެނިފައި ހުރި މީހަކަށް އެއީ ސުވައިލާ ނޫންކަން ނޭނގޭހާ، އެ އަންހެންކުއްޖާ ސުވައިލާއާ ވައްތަރެވެ.
މަހުދީ އިސްވެ ރިހްލާއާ ވާހަކަ ދެއްކިއެވެ. އެގޮތުން ނަމަވެސް އަސީލަށް ލުޔެއް ލިބޭތޯ ބެލުމަކީ އޭނާގެ ބޭނުމެވެ. އުމުރުގެ ޒުވާން ދުވަސްވަރު ގުނަމުންދިޔަ ރިހްލާ ބުނިގޮތުން އޭނާއަކީ މެލޭޝިޔާ ޒުވާނެކެވެ. އެހިސާބުގައި އޭނާ އުޅެނީ ތަޢުލީމު ހާސިލުކުރާށެވެ. އިސްލާމިކް ތަޢުލީމާއިއެކު ސައިން ލަންގުއޭޖް ވެސް އޭނާ ދިޔައީ ކިޔަވަމުންނެވެ.
މަހުދީގެ ވާހަކަތައް އަޑު އެހުމަށްފަހު ރިހްލާ އިސްވެ އަސީލްއާ ވާހަކަ ދެއްކިއެވެ. ހާސިލުކޮށްފައިވާ ތަޢުލީމުގެ ސަބަބުން އަސީލްގެ ހާލަތު ދެނެގަންނާކަށް ރިހްލާއަކަށް މާބޮޑު ކަމަކަށް ނުވިއެވެ. އަސީލްއާ ވާހަކަ ދައްކަން އެތައް އިރެއް ވާންދެން އޭނާ މަޑުކުރިއެވެ.
އެންމެ ފަހުން ރިހްލާ ބުނީ އަސީލަށް އަދި ވާހަކަ ދެއްކޭނެކަމުގެ ޔަޤީންކަން އޭނާއަށް އޮތް ވާހަކައެވެ. އެކަމުގައި އޭނާގެ އެއްބާރުލުން އެންމެ ފުރިހަމައަށް ލިބޭނެ ވާހަކައެވެ. ދާންވީ ތަންތަނާއި ކަންކަން ކުރަންވީ ގޮތް ވެސް އޭނާ ބުނެދިނެވެ. އިތުރު އެހީއެއް ބޭނުން ވެއްޖެނަމަ ކަންތައް ކުރަންވީ ގޮތް ކިޔައިދީ އޭނާގެ ފޯނު ނަންބަރު ވެސް ދިނެވެ.
އަޅުން ކުރާނީ މަސައްކަތެވެ. ކާމިޔާބު ދެއްވާނީ އެހެން ފަރާތަކުންނެވެ. ބޭނުންވި ވަގުތުގައި މަސައްކަތް ފެށުނެވެ. މާބޮޑު އުންމީދެއް ނެތަސް ރިހްލާއަށްޓަކައި ވެސް އެކަން ކުރަން އަސީލް ހުރީ ތައްޔާރަށެވެ.
(ނުނިމޭ)
