ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޕާކިސްތާން ހޯދައިފިއެވެ.
ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ކުރި ހޯދާ ދެ ޓީމު ފައިނަލަށް ދާގޮތަށް ރާވާލާފައިވާ މި މުބާރާތުގައި ޕާކިސްތާން ކުޅެންޖެހޭ ހުރިހާ މެޗެއް ނިމުނުއިރު އެ ޓީމުގެ ވަނީ ލީގު ބުރުގެ އެއްވަނަ ޔަޤީންކޮށްފައެވެ.
ފުރަތަމަ މެޗުގައި ބަނގުލަދޭޝް އާއި ބައްދަލުކޮށް އެއްވަރުވި ނަމަވެސް ދެވަނަ މެޗު ދިވެހިރާއްޖޭއާ ބައްދަލުކޮށް 3-0 އިން މޮޅުވި އެވެ. އަދި ފަހު މެޗުގައި މިއަދު ހަވީރު 2-0 އިން އަފްޣާނިސްތާން ވެސް ބަލިކުރިއެވެ.
މިއަދު ހަވީރު ޕާކިސްތާނާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގައި އެ ޓީމަށް ލިބުނު ފުރަތަމަ ފުރުސަތުގައި ޕާކިސްތާނުން ވަނީ ލީޑު ނަގައިފަ އެވެ. އަފްޣާނިސްތާނުން ފޮނުވާލި ހަމަލާ ޕާކިސްތާނުގެ ކީޕަރު އަތަށް ނަގާފައި އެ ޓީމުގެ ކުޅުންތެރިއަކަށް އެއްލުމުން އޭނާ ވަނީ އަފްޣާނިސްތާންގެ ހާފު ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކަށް ޕާސް ކޮށްލާފަ އެވެ. އެޓޭކަށް އަރާތިބި އަފްޣާނިސްތާން ކުޅުންތެރިންގެ ތެރެއިން ކުރިޔަށް އެރި އުމަރު ނަވާޒަށް އެ ބޯޅަ ޖައްސާލުމާއިއެކު އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލަށް ވައްދާލައިފައެވެ. ދަނޑީގައި ޖެހިފައި ގޯލަށް ވަތް އެ ބޯޅަ ދިފާއުކުރަން އަފްޣާނިސްތާން ކީޕަރަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ އަފްޣާނިސްތާނުން ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމުގައި ޕާކިސްތާނުގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ކާމިޔާބު ހޯދައިފައެވެ. ޕާކިސްތާނަށް ވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުން މޮޅުވުމަށް އަފްޣާނިސްތާން މަސައްކަތްކުރިއިރު ޕާކިސްތާނުން އިސްކަންދިނީ ލީޑު ދަމަހައްޓާށެވެ. އަދި ލިބޭ ފުރުސަތެއްގައި ކުރިޔަށް އަރައި ލަނޑު ޖަހަން މަސައްކަތްކުރި ޕާކިސްތާނުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ހާރޫން ރާޝިދު އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޕާކިސްތާނަށް ވަނީ 7 ޕޮއިންޓް ލިބިފައެވެ. އަދި ފައިދާ ގޯލުގެ ގޮތުގައި 5 ގޯލު ވެސް އެބައޮތެވެ.
މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. ދިވެހިރާއްޖެ އާއި ބަނގުލަދޭޝް ބައްދަލުކުރާ މި މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު ބަނގުލަދޭޝްއަށް އޮތް ނަމަވެސް ދިވެހިރާއްޖެ އަކަށް އެ ފުރުސަތެއް ނެތެވެ. މި މެޗުން ބަނގުލަދޭޝް މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ފައިނަލަށް ދާނީ އަފްޣާނިސްތާން އެވެ.
