ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ފުރިހަމަނުވި ލޯބި – އެޕިސޯޑް 01

ކަރާޗީގެ މަގުތަކުގެ ތެރެއަށް ކަނޑުގެ ރޯޅިތައް ވަންނަ ކޮންމެ ފަހަރަކު، އެ ރޯޅިތަކާއެކު ގިނަގުނަ ހަނދާންތަކެއް ގެނެސްދެއެވެ. ބަލާބެލުމަށް މިއީ އަޑުގަދަ، ހަލަބޮލި ސިޓީއެކެވެ. ނަމަވެސް މި ހަލަބޮލިކަމުގެ ތެރޭގައި އެތައް ހާސް ހިމޭން ވާހަކަތަކެއް ފޮރުވިފައިވެއެވެ. ސަދަރުގެ ބޯދާ ބިނާތަކާއި، ބާންސް ރޯޑުގެ މީރު ކާނާގެ ވަސްތަކާއި، ކްލިފްޓަންގެ އަތިރިމައްޗަށް ބޮސްދެމުން ޖަހާ ރާޅުތަކާއި، އަދި ލަޔާރީގެ ހަނި އަދި އަނދިރި ގޯޅިތަކެވެ. މި ހުރިހާ ތަނަކުންވެސް އެތައް ދާސްތާނެއް ކިޔައިދެއެވެ.

މި ސިޓީގެ އާދައިގެ އަވަށެއްގެ ބޯދާ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅޭ ޝާޔާން މިރުޒާ، ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު ބެލްކަނީގައި ހުރެ މަގުމަތިން ދާ ބަސްތަކަށް ބަލަން ހުރެއެވެ. އޭނާގެ ދިރިއުޅުންވެސް އެ ބަސްތަކާ ދާދި އެއްގޮތެވެ. ބައެއްފަހަރު ދަތުރު ފަށައެވެ. އަދި ހުއްޓިއްޖެނަމަ ވަގުތުވެސް ހުއްޓުނީ ކަމަށް ހީވެއެވެ. އޭނާއަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ބައްޕައަކީ ރޭލްވޭގެ ކްލާކެކެވެ. މަންމައަކީ ގޭތެރޭގެ ކަންކަމުގައި މަސްއޫލުވެ އުޅޭ މީހެކެވެ. އެގޭގައި އެންމެ މުހިންމު އެއްޗަކީ ފޮތްތަކުގެ ވަހެވެ. ތަރުތީބުން އަތުރާލެވިފައިވާ ފޮތްތަކާއި، ބައެއް ބޯދާ މަޖައްލާތަކާއި، ނޫސްތަކާއި، ފާރުގައި ހަރުކޮށްފައިވާ ހަލާކުވެފައިވާ ގަޑިއެކެވެ. ބަލާބެލުމަށް މިއީ އޭނާގެ މުޅި ދުނިޔެއެވެ.

އެއީވެސް ހަމަ އެފަދަ އާދައިގެ ހެނދުނެކެވެ. އޭނާގެ ދިރިއުޅުމުގެ ނަސީބު ބަދަލުކޮށްލާނެ ވަސް ދުވީ އެދުވަހުއެވެ. ޔުނިވަރސިޓީގެ ތާރީޚު ޑިޕާޓްމަންޓަށް އާ ކުދިން ވެއްދުމުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. ކިޔަވާ ކުދިންގެ ބާރުބޮޑުވެފައި، ހިނިތުންވުމާއި ކުރިމަގުގެ ހުވަފެންތައް ކޮންމެ ދިމާލަކުންވެސް ފެންނަން ހުއްޓެވެ. ޝާޔާން އޭނާގެ ފައިލް މޭގައި ޖައްސާލައިގެން ހިނގާ މަގުގައި ހުއްޓި ހުއްޓާ، ކުއްލިއަކަށް އޭނާގެ އަތުން ކަރުދާސްތައް ދޫވެ ބިންމައްޗަށް ފޭބިއެވެ. އެ ކަރުދާސްތައް ނެގުމަށް އޭނާ ގުދުވި ވަގުތު، އޭނާގެ ކަންފަތުގައި މަޑުމައިތިރި އަޑެއް ޖެހުނެވެ.

“ތިބޭފުޅާގެ ކަރުދާސްތައް ވެއްޓިއްޖެ.”

އޭނާ ސިހިފައި ބޯ ހިއްލާލިއެވެ. ކުރިމަތީގައި ހުރީ އަންހެން ކުއްޖެކެވެ. ފަނޑު ނޫކުލައިގެ އާދައިގެ ދޯއްޕައްޓާއެއް އަޅައިގެން ހުރިއިރު، އެ ދެލޮލުން ފެންނަނީ ސީރިއަސްކަމެވެ. އަދި މޫނުމަތިން ފެންނަނީ އަޅުކަންކުރާ ތަނަކުން ދެންމެއަކު ނުކުމެގެން އައި މީހެއްގެ މައުސޫމްކަމެވެ.

“މި ހިފާ،” އޭނާ ހިނިތުންވުމަކާއެކު ފައިލް ދިއްކޮށްލިއެވެ.

“ޝުކުރިއްޔާ،” ޝާޔާން އަޅައިގަންނަމުން ބުންޏެވެ. އޭނާ ދާން އުޅުމުން ނޭނގޭ ސަބަބަކާހުރެ ޝާޔާން އޭނާގެ ނަން އަހާލިއެވެ.

އޭނާ މަޑުމަޑުން އެނބުރިލާފައި އޭނާގެ ނަން ބުންޏެވެ. “އަހަރެންގެ ނަމަކީ ކާވޭރީ ދާސް.” ޝާޔާން އެވަގުތު ހުއްޓުން އެރިއެވެ. ވާހަކަދެއްކުމުގެ ރާގާއި، ހަރަކާތްތަކާއި، ނަމުން ހުރިހާ ކަމެއް ސާފުވެއްޖެއެވެ. އެއީ ހިންދޫއެކެވެ. އާންމުކޮށް މި އުމުރުގެ ޒުވާނުންނަށް އަންހެން ކުއްޖެއްގެ ކިބައިން ކުޑަ ނަމަވެސް ސަމާލުކަމެއް ލިބުމުން ހިތަށް ފޮނި އިހުސާސެއް ކުރެވެއެވެ. ޝާޔާން ވަގުތުން އެ އިހުސާސްތައް ކޮންޓްރޯލް ކުރިއެވެ. ދީނީ ތަފާތަކީ ވަރަށް ނާޒުކު ކަމަކަށް ވާތީއެވެ. އެހެންނަމަވެސް، އެވަގުތު ދީނާއި، އާދަކާދައާއި، ސަގާފީ ތަފާތުތައް ފަހަތަށް ޖެހިލިހެން އޭނާއަށް ހީވިއެވެ. އޭނާގެ ލޯމަތީގައި ހުރީ ހަމައެކަނި އެ މޫނެވެ. އަދި އޭނާ ޖަހާފައި ހުރި ސެންޓުގެ މީރުވަސް އަދިވެސް ޝާޔާންގެ ނޭވާގައި ހަރުލާފައި ހުއްޓެވެ.

ކާވޭރީ ދިރިއުޅެނީ ޑިފެންސް ސަރަހައްދުގައެވެ. އޭނާގެ ގެއަކީ ތަނަވަސް ނަމަވެސް ހިމޭން ތަނެކެވެ. ގޭގެ ފާރުތަކުގައި ކުރީގެ އިލާހުންގެ ފޮޓޯތައް ހަރުކޮށްފައި ހުއްޓެވެ. އޭނާގެ ބައްޕަ ޕްރަކާޝް ދާސްއަކީ ހަރުކަށި ވިޔަފާރިވެރިއެކެވެ. އޭނާގެ ދުނިޔެއަކީ އޭނާގެ ދީނާއި އޭނާގެ ގައުމެވެ.

ކޮންމެ އާއިލާއަކީވެސް ކޮންމެވެސް ވަރަކަށް ދީނީ ކަންކަމަށް ލޯބިކުރާ ބައެކެވެ. ނަމަވެސް ޝާޔާންގެ ކަންތަކުގައި ތަގުދީރު ނިންމާފައި އޮތީ މާ ހަރުކަށިކޮށެވެ. އެހެންނަމަވެސް ނޭނގޭ ސަބަބަކާހުރެ ދެމީހުންގެ އެކުވެރިކަން މަޑުމަޑުން ބަދަހިވަމުން ދިޔައެވެ. ފުރަތަމަ ނޯޓްސް ބަދަލުކުރުމާއި، އެސައިންމަންޓްތަކާއި، ދިގު ވާހަކަތަކެވެ. އުމުރުގެ މި ދުވަސްވަރު ދެމީހުންވެސް އެމީހުންގެ ދެމެދުގައި ހުރި ހުރަސްތަކަށް ބެލުމެއްނެތި ބައްދަލުކުރަން ފެށިއެވެ.

އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތު ކްލިފްޓަންގެ އަތިރިމަތީގައި ތިބެފައި ކާވޭރީ އަހާލިއެވެ. “ޝާޔާން! ކަނޑުގެ އަޑު އިވުމުން ކުރެވެނީ ކޮންކަހަލަ އިހުސާސެއް؟”

“ކަނޑުގެ އަޑު؟” އޭނާ ވިސްނާލާފައި ބުންޏެވެ. “ހީވަނީ ދުރު ހިސާބަކުން ބޮޑެތި ފުރޭތަތަކެއް ދުނިޔެއަށް އިންޒާރު ދޭހެން.”

“ތިބާއީ ވަރަށް ތަފާތު، އޮޅުންބޮޅުން ބޮޑު ވާހަކަ ދައްކާ މީހެއް. ކުރީގެ އުމުރެއްގައި ތިބާއީ ޝާއިރަކަށް ވެދާނެ،” މިހެން ބުނެ އޭނާ ވަރަށް ގިނައިރު ހީނލިއެވެ. ޝާޔާން އޭނާއަށް ބަލަން ހުއްޓެވެ. އޭނާ އެފަދަ ވާހަކަތައް ދައްކަނީ ކާވޭރީގެ އެ ހިނިތުންވުން ދެކެލުމުގެ ބޭނުމުގައެވެ.

ސިޓީގެ ހާލަތު މަޑުމަޑުން ބަދަލުވާން ފެށިއެވެ. މަގުމަތީގައި އިވޭ ހަޅޭކުގެ އަޑުތަކާއި، ފާރުތަކުގައި ލިޔެފައި ހުންނަ އިބާރާތްތަކުން ހިތްތަކުގެ ދެމެދުގައި ފާރުތަކެއް ރޭވެމުން ދިޔައެވެ. އެއްްއިރެއްގައި އުޖާލާ ސިޓީގެ ގޮތުގައި މަޝްހޫރުވި ކަރާޗީ، މިހާރު ވަނީ އަނދިރިކަމުގެ ތެރެއަށް ވެއްޓިފައެވެ. އެއްދުވަހަކު ޔުނިވަރސިޓީން ބޭރުގައި ހަމަނުޖެހުމެއް ހިނގިއެވެ. ދީނުގެ ނަމުގައި އަޑުގަދަކުރިއެވެ. އެދުވަހު ޝާޔާންއަށް ފުރަތަމަ ފަހަރަށް ކާވޭރީގެ ލޮލުން ބިރުވެރިކަން ފެނުނެވެ.

“މިއީ… މިއީ ކީއްވެ ހިނގާ ކަންތައްތަކެއް ޝާޔާން؟” އޭނާ ތުރުތުރުލާ އަޑަކުން އަހާލިއެވެ.

“އިންޑިއާގައި މުސްލިމުންނަށް ކަމެއް ދިމާވުމުން އޭގެ އަސަރު މިތަނަށް ކުރަނީ. ނަމަވެސް ބިރުނުގަނޭ، ކަލެއަށް އެއްވެސް މީހަކު އެއްޗެއް ނުބުނާނެ،” ޝާޔާން އޭނާއަށް ހިތްވަރު ދިނެވެ. “ކޮންމެ ގޮތެއް ވިޔަސް އަހަރެމެންގެ އެކުވެރިކަމެއް ބަދަލެއް ނުވާނެ.” ކާވޭރީ އޭނާއަށް ބަލާލިއެވެ. އޭނާގެ ނަޒަރުގައި މިހާރު މިއީ ހަމައެކަނި އެކުވެރިކަމެއް ނޫނެވެ. އެއީ އެހެން ކަމެކެވެ. ނަމަވެސް އެކަމަށް ނަމެއް ދޭން ދެމީހުންވެސް ޖެހިލުންވެއެވެ.

ގެއަށް އައިސް ޝާޔާންއަށް ފުރަތަމަ ފަހަރަށް އިހުސާސްވީ ލޯތްބަކީ ހަމައެކަނި ހިތުގެ ކަމެއް ނޫން ކަމެވެ. އެއީ މުޖުތަމައުގެ އާދަކާދަތަކާވެސް ގުޅިފައިވާ ކަމެކެވެ. އެ އާދަކާދަތަކަށް ބޯނުލަނބާ މީހުންނަށް ކިޔަނީ ބާޣީންނެވެ. އަދި ބާޣީއަކަށް ވުމަކީ…؟ އެއަށްވުރެ އިތުރަށް ވިސްނާކަށް އޭނާއަކަށް ނުކެރުނެވެ.

އެއްދުވަހަކު މަންމަ ކުއްލިއަކަށް އަހާލިއެވެ. “މިހާރަކަށް އައިސް ކަލޭ ހިންދޫ އަންހެން ކުއްޖެއްގެ ނަން ވަރަށް ގިނައިން ތިޔަ ކިޔަނީ ކީއްވެ؟”

ޝާޔާން ސިހުނެވެ. އަދި އަވަހަށް ބުންޏެވެ. “ކަމެއް ނުވޭ މަންމާ.. އެއީ ހަމައެކަނި ކްލާސް ކުއްޖެކެވެ.”

މަންމައަކީ ވިސްނުންތޫނު މީހެކެވެ. އެހެންކަމުން އެ ވާހަކަ އިތުރަށް ދިގުނުކޮށް، ހިތްހަމަޖެހިފައި ހުރިކަން ދައްކަމުން ބަދިގެއަށް ވަނެވެ. ނަމަވެސް ޝާޔާންއަށް ފުރަތަމަ ފަހަރަށް އިހުސާސްވީ ކާވޭރީއަކީ އޭނާގެ ހަޔާތުގައި ކިހާ މުހިންމު މީހަކަށް ވެފައިވާ ކަމެވެ.

އަނެއްކޮޅުން ކާވޭރީގެ ގޭގައިވެސް މިފަދަ ޝައްކުތަކެއް އުފެދެން ފެށިއެވެ.

“އަހަންނަށް އެނގިއްޖެ، ކަލޭ މުސްލިމް ފިރިހެން ކުއްޖަކާއެކު އުޅޭކަން…” އޭނާގެ ބައްޕަ ހަރުކަށި ރާގަކަށް އެހިއެވެ. ކާވޭރީ އެއްޗެއް ނުބުނެ ހުރުމުން ބައްޕަ އަމުރުކުރިއެވެ. “މިއީ މުސްލިމުންގެ ގައުމެއްކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެ. އެމީހުން އަހަރެމެންނަށް އިހުތިރާމްކުރޭ، އަހަރެމެންނާއެކު އެއް ސުފުރާއަކުން ކައިބޮއި ހަދާ، އެކަމަކު އަހަރެމެންނާ ތިމާގެކަމުގެ ގުޅުމެއް ނުބާއްވާނެ. އަދި އެމީހުން އެކަންޏެއް ނޫން، އަހަރެމެން އަމިއްލައަށްވެސް ބޭނުމެއް ނޫން އަހަރެމެންގެ ދަރިން އެހެން ދީންތަކުގެ މީހުންނާ ކައިވެނިކުރާކަށް.”

ކާވޭރީއަށްވެސް މިހާރު ވިސްނިއްޖެއެވެ. ޝާޔާންއާއެކު އެކުވެރިކަން ބޭއްވިދާނެއެވެ. ނަމަވެސް އެއަށްވުރެ ގާތް ގުޅުމެއް ބާއްވައިފިނަމަ ބޮޑު އަދަބެއް ލިބޭނެއެވެ. އެއްދުވަހެއްގެ ހަވީރު ވާރޭވެހި މަގުތައް ތެމިފައި އޮތް ވަގުތެއްގައި ޝާޔާން ފުރަތަމަ ފަހަރަށް ބުންޏެވެ. “ކަލޭ ދުވަހަކުވެސް އަހަރެމެން ދެމީހުންގެ ގުޅުމާމެދު ވިސްނިންތަ؟”

“ވިސްނާނީ ކީކޭ… އަހަރެމެންނަކީ ކްލާސް ކުދިން އަދި ރަނގަޅު އެކުވެރިން.”

“ހަމައެކަނި އެވަރު؟” އޭނާ ކެތްތެރިކަން ކުޑަވެފައި ބުންޏެވެ. “އަހަރެން ސާފުކޮށް މި ބުނަނީ، އަހަރެން ކަލޭދެކެ ލޯބިވަން… ވިސްނިއްޖެތަ؟”

“ލޯތްބަކީ ފަސޭހަ ކަމެއް ނޫން ޝާޔާން، ޚާއްޞަކޮށް އަހަރެމެން ކަހަލަ ބަޔަކަށް،” ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު އޭނާ ބުންޏެވެ.

“އެހެންވީމާ ކަލެއަށް އަހަރެންގެ ލޯބި ގަބޫލުނުކޮށް ހުރެވިދާނެތަ؟” ޝާޔާންގެ ހާސްކަން އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.

“ނޫން. އަހަރެން ދުވަހަކުވެސް ކަލޭގެ ލޯތްބަކަށް އިންކާރެއް ނުކުރާނަން. އެކަމަކު ޝާޔާން! އަހަރެމެންނަށް އޮތީ ހަމައެކަނި ލޯބިވުމުގެ އިޚުތިޔާރު. އޭގެ ކުރިއަށް ދާކަށް އަހަރެމެންގެ އާއިލާއާއި ދީނެއް ހުއްދައެއް ނުދޭ، އެހެންވީމާ…”

އޭނާ ބުނަން އުޅޭ އެއްޗެއް ޝާޔާންއަށް ވިސްނިއްޖެއެވެ. އެ ހަގީގަތާ މެދު އޭނާވެސް ބިރުގަނެއެވެ. ނަމަވެސް ލޯތްބަކީ ކަށިތަކުގެ ތެރޭގައި ފޮޅޭ މަލެއް ފަދަ އެއްޗެކެވެ.

އެއްދުވަހެއްގެ ހަވީރު ޝާޔާންއާއި ކާވޭރީ ޔުނިވަރސިޓީން އެނބުރި އަންނަނިކޮށް، ބަސް ހުއްޓިގައި ތިބި ބައެއް ފިރިހެން ކުދިން ކާވޭރީއަށް ބަލައި ފާޑުފާޑުގެ ވާހަކަ ދެއްކިއެވެ. އެމީހުންގެ ހުނުމާއި މަލާމާތް އަމާޒުވެފައި ހުރީ ކާވޭރީއަށެވެ.

ބަހަށް އަރާފައި ކާވޭރީ މަޑުމަޑުން ބުންޏެވެ. “ޝާޔާން! އަހަރެން ބިރުގަނޭ.”

“އަހަރެން މިހުރީނު… ބިރުގަންނާނެ ކަމެއް ނެތް. ކަންބޮޑުނުވޭ،” ޝާޔާން ބުންޏެވެ. ނަމަވެސް އޭނާގެ ބަސްތަކުގައި އެ ވަގުތަށް ބޭނުންވާ ސާބިތުކަމެއް ނެތްކަން އޭނާއަށް އަމިއްލައަށް އިހުސާސްވިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ، ކޮންމެވެސް ދުވަހަކުން ކާވޭރީއަށް ހަމަލާއެއް ދީފިނަމަ، އެތައް ބަޔަކާ ކުރިމަތިލައި އޭނާ ސަލާމަތްކުރާނީ ކިހިނެއްތޯއެވެ.

ކާވޭރީ އޭނާއަށް ބަލާލިއެވެ. އެންމެ ޖުމްލައަކުންވެސް އޭނާއަށް ރައްކާތެރިކަން ލިބުނު ފަދައެވެ. ޝާޔާން ހުރިހާ ހިނދަކު އޭނާއަށް ދެރައެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. ޖެހިގެން އައި ހަފުތާތަކުގައި އެކަކު އަނެކަކަށް އާއިލާގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. ކާވޭރީ އޭނާގެ ފައްޅިއާއި، އަޅުކަންތަކާއި، އީދުތަކުގެ ވާހަކަ ކިޔައިދެއެވެ. ޝާޔާން ހިމޭނުން ހުރެ އެ ހުރިހާ ވާހަކައެއް އަޑުއަހައެވެ. ހަމައެފަދައިން ޝާޔާންވެސް ރަމަޟާން މަހުގެ އުފަލާއި، އީދުގެ މަޖަލާއި، އޭނާގެ ގޭގެ އާދައިގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދެއެވެ. ދެމީހުންގެ ދުނިޔެ ތަފާތެވެ. ނަމަވެސް އިހުސާސްތައް އެއްގޮތެވެ.

އެއްދުވަހަކު ލައިބްރަރީގައި ތިއްބާ ކާވޭރީ ކުއްލިއަކަށް އަހާލިއެވެ. “ޝާޔާން، އަހަރެމެންގެ ވާހަކަ ކަލޭގެ އާއިލާއަށް އެނގިއްޖެނަމަ ވާނީ ކިހިނެއް؟”

“ތި ބުނީ ކީކޭ؟” އޭނާ ސިހިފައި އަހާލިއެވެ.

“އަހަރެން ބުނަން އުޅޭ އެއްޗެއް ކަލެއަށް އެނގޭނެ.” ޝާޔާން ފޮތް ލައްޕާލިއެވެ. “ތެދަށް ބުނާނަމަ، އަހަރެން އަދި އެހާ ދުރަކަށް ނުވިސްނަން. އަހަންނަށް އެނގޭހާވެސް އެއްޗަކީ ތިޔައީ އަހަންނަށް ވަރަށް މުހިންމު މީހެއްކަން.” ކާވޭރީ ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުމުގައި ވަނީ ހިތާމަވެރިކަމެވެ.

***

ޝާޔާންގެ މަންމަ އޭނާއަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލަމުން ދިޔައެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެއްރޭ ކާން ތިއްބާ ބައްޕަ އަހާލިއެވެ.

“މިހާރަކަށް އައިސް ކިޔެވުން ކިހިނެއް؟”

“ރަނގަޅު ބައްޕާ،” އޭނާ ޖަވާބު ދިނެވެ.

“އަހަންނަކަށް އެހެންނެއް ހިއެއް ނުވޭ. އަހަންނަށް ފެންނަ ގޮތުގައި ކަލޭ ފޯނު ބޭނުންކުރާ ވަރު ކުރިއަށްވުރެ އިތުރުވެއްޖެ. ގިނަ ފަހަރަށް ފޯނުން ވަރަށް ދިގުކޮށް ވާހަކަދައްކާ އަޑު އިވޭ.”

ޝާޔާން ހާސްވިއެވެ. އޭގެ މާނައަކީ މަންމަ ކޮންމެވެސް ވާހަކައެއް ބައްޕަ ގާތު ބުނީއެވެ. “އެއީ ކްލާސް ކުއްޖެއް… އެސައިންމަންޓެއްގެ ކަމެއްގައި.”

މަންމަ މާނަވީ ގޮތަކަށް އޭނާއަށް ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ބައްޕަވެސް އިތުރު ސުވާލެއް ނުކުރެއެވެ. އެހެންނަމަވެސް ބައްޕަގެ މޫނުމަތިން ފެންނަނީ އެ ޖަވާބަށް އިތުބާރު ނުކުރާކަމުގެ ނިޝާންތަކެވެ. އަނެއްކޮޅުން ކާވޭރީއަށްވެސް ގޭގެ މާހައުލު ބަދަލުވަމުން ދިޔައެވެ. ރޭގަނޑު ކެއުމަށްފަހު ބައްޕަ އޭނާއަށް ގޮވާފައި ބުންޏެވެ. “އަހަރެމެންނަށް އެނގިއްޖެ ކަލޭ މުސްލިމް ކުއްޖަކާއެކު ގިނަ ވަގުތު ހޭދަކުރާކަން. އަހަރެން ބުނީމެއްނު ހައްދުގެ ތެރޭގައި އުޅެން.” ކާވޭރީ ބިރުގަތެވެ.

— ނުނިމޭ —

ނޯޓް
އުރުދޫ ވާހަކަ: “ކިނާރޭ ތަކް ނާ ޕޮހޮނޗް ސަކީ”ގެ ތަރުޖަމާއެއް
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top