“ކަލޭ ހަމަޖެހިބަލަ އަޒްމާރާ. އަހަރެން ކަލެއަށް އަނިޔާ ނުކުރާނެކަމަށް ވަޢުދުވަން،” އޭނާ ހިނިތުންވެލިއެވެ.
“ކަލެއަކަށް ނޭނގޭނެ ކިޔާމް، އަހަންނަކަށް ނުވާނެ…” އޭނާ އަނެއްކާވެސް އަހަރެންގެ ތުންފަތުގައި ބޮސްދިނުމުން އަހަރެންގެ އަޑު ކެނޑުނެވެ. ބިރުވެރިކަމާއި، ހާސްކަމާއި، އަދި އޭނާގެ އަތުގެ ބީހުންތަކުން އަހަރެންގެ ހިތް މޭގެ ތެރެއިން ފުންމާލަފާނެހެން ހީވިއެވެ. އެއީ ލިޔާމްގެ އަތް ފަދައިން އިހުސާސް ކުރެވޭތީއެވެ.
ލިޔާމް ބުނީ އޭނާ އަބަދުވެސް އަހަރެންގެ ހިތުގެ ވިންދު އަޑުއަހާ ކަމަށެވެ. އޭނާ ކޮންމެ ތަނެއްގައި ހުއްޓަސްމެއެވެ. މިވަގުތު އަހަރެންގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަވަސްވެފައެވެ. އެކަމަކު ލިޔާމް މިތަނަކު ނެތެވެ. އޭނާ ކޮބައި ހެއްޔެވެ؟
ލިޔާމްގެ ނަޒަރުން….
“އަހަރެން މިކަމާ ރުހިގެން ހުރި ކަމަށް އޭނާއަށް ހީނުވާނެ ކަމަށް އުއްމީދު ކުރަން،” ކުޅީގެ އައްސޭރީގައި ދެކޮޅަށް ހިނގަމުން، ނުރުހުމުގެ ރާގަކަށް އަހަރެން ބުނީމެވެ.
“ހަމަޖެހިބަލަ… އެކަން ކުރެވުނީތީ ކިޔާމް ދެރަވޭ. އޭނާ ދެން އަޒްމާރާއަށް އަނިޔާއެއް ނުކުރާނެ،” ހިލަގަނޑެއްގެ މަތީގައި އިށީނދެގެން އިނދެ ފައުޒާ ބުންޏެވެ. “އޭނާ ލަޔިލްއާ ވާހަކަދައްކަނިކޮށް އަހަރެން އަޑުއެހިން. އޭނާ ހުރީ ރަނގަޅަށް ބަނޑުފުރައިގެންކަން އޭނާ ޔަގީންކުރި.”
“އެހެންވީމާ އޭގެ މާނައަކީ އޭނާ ހުރީ ކަމެއް ކުރަން ރާވައިގެންނޭނު،” ރުޅިގަދަވެފައި ހުރެ ގެއާ ދިމާއަށް އެނބުރެމުން އަހަރެން ބުނީމެވެ.
ފައުޒާ ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް އެރިއެވެ. “މަޑުކުރޭ،” އޭނާ އިންޒާރު ދިނެވެ.
“އަހަންނަކަށް ހަމައެއް ނުޖެހެވޭނެ ފައުޒާ. އޭނާގެ ހިތުގެ ވިންދެއް އަހަންނަކަށް ނީވޭ! ކަމެއް ގޯސްވެއްޖެކަން އަހަންނަށް އެނގޭނީ ކިހިނެއް؟” އަހަރެން އަލުން ކުޅިއާ ދިމާއަށް ހިނގައިގަތީމެވެ.
“އަހަރެން ކަލޭ މިތަނަށް މިގެނައީ އެހެންވެގެން،” އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.
“މިއީ މޮޔަ ކަމެއް،” ދެއަތް މައްޗަށް އުފުލާލަމުން އަހަރެން ބުނީމެވެ.
“އޭނާއަށް އިތުބާރު ކުރޭ، ލިޔާމް،” ފައުޒާ ބުންޏެވެ.
“އަހަރެން އޭނާއަށް އިތުބާރު ކުރަން… އެކަމަކު ކިޔާމްއަކަށް ނޫން،” އަހަރެން ހަރުކަށިކަމާއެކު ބުނީމެވެ.
“ތިއީ ކަލެއާ ނުގުޅޭ ވަރަށް ހަމަނުޖެހޭ ވާހަކައެއް، ކޮއްކޯ،” އަނެއްކާވެސް ހިލަގަނޑުމަތީ އިށީނދެ އަހަރެން ހިނގާ މަންޒަރު ބަލަން އިނދެ އޭނާ ބުންޏެވެ.
“އަހަރެންގެ ފަރުވާލެއް ނެތް!” އަހަރެން ހަޅޭއްލަވައިގަތީމެވެ.
“މިކަން ސިއްރެއްގެ ގޮތުގައި ބާއްވަން ބޭނުންނަމަ، ހަމަޖެހެން އެބަޖެހޭ ލިޔާމް!” ފައުޒާ ބާރަށް ބުންޏެވެ.
އަހަރެން ހުއްޓިފައި އޭނާއަށް ބަލާލީމެވެ. “ކަލެއަށް އެނގުނީ ކިހިނެއް؟ އަޒްމާރާ އަބަދުވެސް ބުނޭ ކަލޭ ކަންކަން ބަލާ ވާހަކަ. ކަލެއަށް އެނގުނީ ކިހިނެއް؟”
“އަހަންނަށް ކަލޭ އެނގޭ… ކަލޭ ތަފާތު ގޮތަކަށް އުޅޭނަމަ އަހަންނަށް ފާހަގަވާނެ. އަދި އަންހެން ކުދިންގެ ގޮތްވެސް އަހަންނަށް އެނގޭ… އޭނާ ކަލެއާ ޒުވާބުކުރާ ގޮތާ، ކަލޭ އޭނާއާ ސާސާކުރީމާ އޭނާ އުފާވާ ގޮތުން… ތިޔަ ދެމީހުންނަށް އެކަން އިހުސާސްވާން މާގިނަ ދުވަހެއް ނުނަގާނެކަން އޭރުވެސް އެނގޭ،” އޭނާ ފަޚުރުވެރިކަމާއެކު ހިނިތުންވެލިއެވެ.
“އަހަރެން އޭނާގެ ހިތުގެ ވިންދު ބަލާލަން ބޭނުން… ކައިރިވެލަން ބޭނުން،” އަހަރެން އާދޭސްކުރީމެވެ.
“މަޑުކުރޭ، އަހަރެންވެސް ދާނަން،” އޭނާ ތެދުވިއެވެ. އަދި އަހަރެމެން ދުވެފައި ގޮސް ޖަންގަލިން ބޭރަށް ނިކުތީމެވެ.
އޭނާގެ ހިތުގެ ވިންދު މަޑުމަޑުން އިވުނެވެ. ނަމަވެސް އޭގެ ބާރުމިން ދެނެގަންނާކަށް ނޭނގުނެވެ. އަހަރެން ތަންކޮޅެއް ކައިރިއަށް ދިޔައީމެވެ.
“ޔާރައްބީ، ފައުޒާ،” އަހަރެން ބުނީމެވެ.
އަޒްމާރާގެ ހިތް އޮތީ އޭގެ މަގާމުން ބޭރަށް ނިކުމެދާނެހާ ބާރަށް ތެޅިތެޅިއެވެ. އެހާ ބާރަށް އޭނާގެ ހިތް ތެޅެނިކޮށް އަހަރެން ދުވަހަކުވެސް ނާހަމެވެ.
އަހަރެން ބާރަށް ދުވެފައި ގޮސް ފައުޒާ ފަހަތަށް ދޫކޮށްލީމެވެ. ސިޑިން އަރައިގެން ދިޔައިރު އޭނާގެ އަޑު އިވުނެވެ.
“ކިޔާމް، މަށަކަށް ނުވާނެ… އާދޭސްކުރަން،” އޭނާ އިންކާރުކުރާ އަޑު އިވުނެވެ.
އަހަރެން ދޮރު ހުޅުވާލާފައި އެތެރެއަށް ވަންއިރު، ފެނުނީ އަހަރެންގެ ބޭބެ އަޒްމާރާގެ މަތީގައި އޮތް މަންޒަރެވެ. އޭނާގެ އަތް އޮތީ އަޒްމާރާގެ ޓީޝާޓް ތެރޭގައެވެ.
“ކިޔާމް،” އަހަރެން ހަޅޭއްލަވައިގަތީމެވެ.
އަހަރެން ގޮސް އޭނާ ކޮއްޕާލާ އެނދުން ތިރިއަށް ވައްޓާލީމެވެ. އޭނާ ހައިރާންވެފައި އަހަންނަށް ބަލާލިއެވެ.
“ކަލޭ ތިއީ ކާކު ކަމަށްތަ ހީކުރަނީ؟ ކުރިން ފަހަރު ކަންތައް ވީގޮތް ހަނދާން ނެތީތަ؟” އަހަރެން މަސައްކަތް ކުރީ ހަމަޖެހިގެން ހުރެ އެކަމާ ކުރިމަތިލާށެވެ. އެއީ އަޒްމާރާ ދެކެ ލޯބިވާތީ ނޫން ކަމާ، ހަމައެކަނި އޭނާ ރައްކާތެރިކުރަން އުޅޭކަން ދައްކަން އަހަރެން މަސައްކަތްކުރީމެވެ.
“ލިޔާމް،” އޭނާ މަޑުމަޑުން އަހަރެންގެ ނަން ކިޔާލިއެވެ. އޭނާ އޮތީ އަހަރެން އައުމުން އުފާވެފައިކަން އަހަންނަށް އެނގުނެވެ.
އަހަރެންގެ އިހުސާސްތައް ކޮންޓްރޯލް ކުރަން ދަސްކޮށްފައިވާތީ، ލިބުނު އުފާވެރިކަން ފޮރުވައިލީމެވެ. ނަމަވެސް ވަގުތުން ރުޅިގަދަވިއެވެ.
“ލިޔާމް، ހަމަޖެހިބަލަ،” އޭނާ އަހަރެންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “އަހަރެން ރަނގަޅޭ…” އަހަރެން އަތް ފޮޅާލާފައި އޭނާއަށް ބަލާލީމެވެ.
“ކަލެއަށް ކަމެއް ވެއްޖެއްޔާ ޒިންމާވާން ޖެހޭނީ އަހަރެންކަން ނޭނގޭތަ؟” އަހަރެން ބުނީމެވެ.
އަހަރެން އޭނާއަށް ބޮސްދިން ގޮތަށް އޭގެ ފަހުން، އަހަރެންގެ ބޭބެ އޭނާއާ އެހާ ގާތްވާން އަހަރެން ފުރުސަތު ދޭނެ ކަމަށް އޭނާ ހީކުރީ ހެއްޔެވެ؟އަހަރެން އެހެން އެއްވެސް އަންހެން ކުއްޖަކަށްޓަކައި މިގޮތަކަށް ނޫޅެމެވެ. އެވަރު އޭނާއަށް ނޭނގެނީ ހެއްޔެވެ؟
“ލިޔާމް، އަހަރެން އޭނާގެ ގައިގައި ދަތް އަޅާކަށް ނޫޅެމޭ…” ކިޔާމް ބުންޏެވެ.
“ހިމޭނުން ހުރޭ،” އަހަރެން ކިޔާމްއަށް ބަލާލާފައި ބުނީމެވެ. “ހަމަ މިހާރު މިތަނުން ރައްކާވޭ!.”
“އޯކޭ، ލިޔާމް، ކަލެއަށް އަދި އަހަންނަށް އިތުބާރު ކުރަން ދަސްވާނެ،” ފުން ނޭވާއެއް ދޫކޮށްލަމުން ކިޔާމް ދޮރާ ދިމާއަށް ހިނގައިގަތެވެ.
“ކަލެއަށް އިތުބާރު ކުރާ ވާހަކަ ބުނީ ކާކު؟” އަހަރެން ބުނީމެވެ.
“އެންމެ ރަނގަޅު،” ކިޔާމް ބޯ ހޫރާލަމުން ހިނގަމުން ދިޔައެވެ.
“މަޑުކުރޭ، ކިޔާމް،” އަޒްމާރާ އެނދުން ފައިބައިގެން ކިޔާމްއާ ދިމާއަށް ދިޔައެވެ.
“މަޑުކުރޭ،” އަހަރެން އޭނާއަށް އަމުރުކުރީމެވެ.
އޭނާ އެނބުރިލާފައި އަހަންނަށް ބަލާލިއެވެ. “އަހަންނަކީ ކާކު؟ކަލޭގެ ކުއްތާއެއްތަ؟”
“ހުއްޓާލާ،” އަހަރެން ބުނީމެވެ.
ކިޔާމް އަހަރެމެން ދެމީހުންނަށް ބަލާލާފައި ބުންޏެވެ، “މަޑުކުރޭ.” އަދި އޭނާ ނިކުމެގެން ދިޔައެވެ.
“ކަލޭ ތިޔަ ވިސްނީ ކޮން ކަމަކާ؟” އަހަރެން އޭނާގެ އަތުގައި ހިފާ އަހަރެންގެ ކުރިމައްޗަށް ގެނައީމެވެ.
“ލިޔާމް، ތަދުވެޔޭ!” އޭނާ ޝަކުވާ ކުރިއެވެ.
“އޭނާ ކަލެއަށް ބޮސްދޭން ފުރުސަތު ދިނީ ކީއްވެ؟ ކަލޭ…”
“އަހަންނަށް މަޖުބޫރުވީ، ލިޔާމް،” އޭނާ ބުންޏެވެ. “ދެން ހުއްޓާލާ.” އޭނާ އަހަރެންގެ އަތް ފޮޅާލިއެވެ.
“ކަލެއަކަށް މަޖުބޫރެއް ނުވޭ!” އަހަރެން ބާރަށް ބުނީމެވެ.
“އަހަރެމެންނަށް މިއަށްވުރެ މިނިވަން ތަނެއްގައި ވާހަކަ ދެއްކިދާނެތަ؟ ލިޔާމް، ކަލޭ ހަޅޭކޭ ތިޔަ ލަވަނީ،” އޭނާ ބުންޏެވެ.
“އަހަރެންގެ ފަރުވާލެއް ނެތް!” އަހަރެން ބުނީމެވެ.
“ލިޔާމް، އައޭމް ފެޑަޕް. އަހަރެން ބޭނުންވަނީ ކުޅި ކައިރިއަށް ދާން،” އޭނާ އަހަރެންގެ މޫނުގައި ހިފާ އަހަރެންގެ ލޮލަށް ބަލާލިއެވެ. އޭނާގެ އަޑުގައި ހުރީ އާދޭހުގެ ރާގެކެވެ، އެކަމަކު ލޮލުގައި ހުރީ ސީރިއަސްކަމެވެ. އެހެން މީހަކަށް ހީވާނީ އޭނާ ހަމައެކަނި ބޭރަށް ދާން ބޭނުންވަނީ ކަމަށެވެ. އޭނާއަކީ ހުނަރުވެރިއެކެވެ.
“އެންމެ ރަނގަޅު،” އަހަރެން ބުނީމެވެ.
އަހަރެންގެ އަތްދަނޑިމައްޗަށް އޭނާ އުފުލާލައިގެން ކުޅިއާ ދިމާއަށް ދުއްވައިގަތީމެވެ.
އޭނާ ބިންމަތީގައި ބެހެއްޓުމަށްފަހު، ވަގުތުން އަނެއްކާވެސް އޭނާއާ ދިމާއަށް ހަޅޭއްލަވަން ފެށީމެވެ.
“ކަލެއާއި ކިޔާމް އެހާ ގާތްވުމުން އަހަންނަށް އޯކޭކޮށްލައިގެން ހުރެވޭނެ ކަމަށްތަ ހީކުރީ؟ އައި ރިއަލީ ރިއަލީ ކެއަރ ފޯރ ޔޫ. އަހަރެންގެ އެ މޮޔަ ބޭބެ ހީކުރަނީ ކަލޭ އޭނާއާ ލައިކްވާކަމަށް!” އަހަރެން ރުޅިއައިސްފައި ބުނީމެވެ. ނަމަވެސް ކުއްލިއަކަށް ހަގީގަތް ވިސްނުނެވެ. “ނޫނީ އަހަންނަކީތަ އެ މޮޔަ މީހަކީ؟ ކަލޭ ތިޔަ އުޅެނީ އަހަންނާ ކުޅެންތަ؟ އެހެން ކަމަށްވާނަމަ…”
ކުއްލިއަކަށް އޭނާގެ ތުންފަތް އަހަރެންގެ ތުންފަތާ ގުޅިލާމެހުނެވެ. އޭނާގެ ދެއަތް އޮތީ އަހަރެންގެ މޫނުގެ ދެފަރާތުގައެވެ.
ލިބުނު ސިހުން ކެނޑުމުން، އަހަރެން އޭނާގެ ގައިގައި ބައްދާލާފައި ބަދަލުގައި ބޮސްދިނީމެވެ. އޭނާގެ އަތް އަހަރެންގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލިއެވެ.
އަހަރެން ފަހަތަށް ޖެހިލާ، އޭނާ ގޮވައިގެން ހިލަގަނޑެއްގެ މަތީގައި އިށީނދެލީމެވެ.
އޭނާ ދުރުވެލާފައި އަހަންނަށް ހިނިތުންވުމެއް ދިނެވެ. “އަހަރެން ކަލެއާ ކުޅެނީކީ ނޫން ލިޔާމް،” އޭނާ މަޑުމަޑުން ބުންޏެވެ.
ކޮންމެވެސް ސަބަބަކާ ހުރެ އޭނާއަށް އިތުބާރު ކުރެވޭނެކަން އަހަންނަށް އެނގުނެވެ. އެއީ ތަފާތު އިހުސާސެކެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އޭނާވެސް ހުރީ އެހެންނެވެ. ނަމަވެސް އަހަންނަށް އެ ވަގުތުކޮޅު ހަލާކުކޮށްލެވުނެވެ. “ކިޔާމް ބޮސްދިންއިރު ކަލޭގެ ހިތް އެހާ ބާރަށް ތެޅުނީ ކީއްވެ؟”
“ލިޔާމް،” އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އޭގެ ފަހަތުގައި އެއް ސަބަބަށްވުރެ ގިނަ ސަބަބުވޭ.”
“އެއީ ކޮން ސަބަބުތަކެއް؟” އަހަރެން އޮޅުންފިލުވަން ބޭނުންވިއެވެ.
“މަށަކަށް ނޭނގޭ ބުނާކަށް… އަހަރެން ހުރީ ވަރަށް ބިރުންނާ ހިތްނުތަނަވަސްވެފަ،” އޭނާ ބުންޏެވެ. “އޭނާ އަނެއްކާވެސް އަހަރެންގެ ގައިގައި ދަތްނާޅާނެ ކަމުގެ ޔަގީންކަމެއް ނެތް. އޭނާ އެތަކެއް ސަތޭކަ ފަހަރު އެހެން ނުހަދާނެ ކަމަށް ވައުދުވީ ނަމަވެސް.” އޭނާގެ ލޮލުން ފެންނަން ހުރި ބިރުވެރިކަމުން އެއީ ތެދެއްކަން އަހަންނަށް އެނގުނެވެ. “އަދި އަހަރެން ވަރަށް ބޮޑަށް ކުށްވެރިކަން އިހުސާސްވި. އެކަމަކު ދެން ރުޅިއައީ، ސަބަބަކީ ކަލޭ އަހަންނަށް ބޮސް ނުދިންނަމަ ކިޔާމްއާ އެކު އުޅުނުއިރު ކުށްވެރިކަމެއް އިހުސާސެއް ނުވީސް. ފުރަތަމަ ފަހަރު އޭނާ ބޮސްދިންއިރު އެކަހަލަ އިހުސާސެއް ނުވޭ. އަސްލު އަހަރެން އެކަމާ ވަރަށް ގަޔާވި… އާނ، އޭނާ ދަތްއެޅުމާ ހަމައަށް،” އޭނާ ވާހަކަދެއްކީ އެހާ ބާރަށެވެ. އެއީ އޭނާ އެކަމަށް އެއްބަސްވާން ބޭނުންނުވާތީކަން އަހަންނަށް އެނގުނެވެ. ވާހަކަ ނިންމާލުމަށްފަހު އޭނާ ފުން ނޭވާއެއްލިއެވެ.
“އަހަންނަށް އެނގެންޖެހޭ އިތުރު ކަމެއް އެބައޮތްތަ؟” އަހަރެން އަހާލީމެވެ. އޭނާ ކިޔާމްގެ ބޮސްދިނުމާ ގަޔާވި ވާހަކަ އަޑުއަހާކަށް އަހަންނަކަށް ފަސޭހައެއް ނޫނެވެ.
“ނޫން،” އޭނާ ބުންޏެވެ. ނަމަވެސް އެ ވަގުތު އޭނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.
އަހަރެން އެއް ބުމަ އަރުވާލުމުން އޭނާ ރަތްވިއެވެ.
“އަޒްމާރާ… ކަލޭ ކޮން ކަމެއް ފޮރުވަނީ؟” އަހަރެން ހިނިތުންވެލީމެވެ. އޭނާ ލަދުން ރަތްވުމުން އަހަރެން ވަރަށް ގަޔާވެއެވެ.
“އަހަރެން… އަސްލު އަހަރެންގެ ހިތް އެހާ ބާރަށް ތެޅުނީ… އަހަރެން ކަލެއާ މެދު ވިސްނަމުން ދާތީ،” ލަދުން އިސްޖަހާލައިގެން ހުރެ އޭނާ ބުންޏެވެ.
“ތިޔަ ބުނީ ކީކޭ؟” އަހަރެން އޮޅުން ނުފިލައިގެން އެހީމެވެ.
“އަހަންނަކަށް ހީއެއްނުވޭ ކަލޭ މި ޖަވާބާ ގަޔާވާނެހެނެއް،” އޭނާ ބުންޏެވެ.
“އެއީ ކީއްވެ؟”
“ކަލެއާއި ކިޔާމްގެ އުޅުން ކިތަންމެ ތަފާތު ނަމަވެސް، ތިޔަ ދެމީހުންގެ ސިފަ ވަރަށް އެއްގޮތް… ވަރަށް ބޮޑަށް،” އޭނާ ބުންޏެވެ.
“ކަލޭ ތިޔަ ދައްކަނީ ކޮން ވާހަކައެއް؟” އަހަރެން ބަލާލީމެވެ.
“އޭނާ… އޭނާގެ އިހުސާސްތައް ހީވީ ހަމަ ކަލޭހެން،” އޭނާ ބުންޏެވެ.
“ކީކޭ؟” އަހަރެން ނުރުހުމާއެކު ބުނީމެވެ.
“އަހަރެން މި ބުނީ، ލޯ މަރާލައިގެން ހުރިއިރު އަހަންނަށް ހީކުރެވުނީ އެއީ ކަލޭ ކަމަށް… އަދި އަހަރެން އެކަމާ ގަޔާވި،” އޭނާ ބުންޏެވެ.
“ކީ… ކީކޭ؟” އަހަރެންގެ ރުޅި މަޑުވިއެވެ. އޭނާ ވިސްނަމުން ދިޔައީ އެއީ އަހަރެން ކަމަށެވެ. އެހާ ގާތްކޮށް އުޅުނީ އަހަރެން ކަމަށް ހީކޮށްގެންނެވެ. އެހެންވެ އޭނާގެ ހިތް ބާރަށް ތެޅުނީއެވެ. އެކަމާ އޭނާ ގަޔާވީތީއެވެ. އަހަރެން މިހާރު މާ ބޮޑަށް އޭނާގެ ތުންފަތަށް ބޮސްދޭން ބޭނުންވިއެވެ. ކިޔާމްއާ އަހަރެން އަޅާކިޔުމުން ކުޑަކޮށް ހިތްހަމަނުޖެހުނަސް، މިވަގުތު އަހަރެން އެކަމާ ފަރުވާލެއް ނެތެވެ.
“އެނގޭ ކަލެއަށް ތިޔައީ ވަރަށް އާދަޔާ ހިލާފު ކަމަކަށް ވާނެކަން، އެކަމަކު ހަގީގަތަކީ އަހަރެން ބޭނުންވީ ކިޔާމްއެއް ނޫން، އަހަރެން ބޭނުންވީ ކަލޭ. އެހެންވެ އެއީ ކަލޭ ކަމަށް ހީކޮށްލަން ވަރަށް ފަސޭހަވި،” އޭނާ ބުންޏެވެ.
އަހަރެން ހިނިތުންވެލީމެވެ.
އޭނާ ދުރަށް ބަލާލާފައި އަހަންނަށް ނުރުހުމުގެ ނަޒަރަކުން ބަލާލިއެވެ. “ކިހިނެއްވީ؟ ކަލޭ ތިޔަ ބަލަނީ ކޮން އެއްޗަކަށް؟”
އަހަރެންގެ ހިނިތުންވުން ފުޅާވުމުން އޭނާ މާ ބޮޑަށް ރުޅިއައެވެ.
“ކަލެއަށް ކިހިނެއްވީ،” އޭނާ ދުރަށް ބަލާލިއެވެ. “ހުއްޓާލާ!” އޭނާ ޝަކުވާ ކުރިއެވެ.
އަހަރެން އޭނާގެ ގައިގައި ހިފާ ކައިރިކޮށްލަމުން އަނެއްކާވެސް ބޮސްދިނީމެވެ.
ކުއްލިއަކަށް އޭނާގެ ހިތުގެ ވިންދު އަވަސްވެ، އޭނާ ދުރުވެލިއެވެ.
“މުސީބާތެއް،” އޭނާ އަހަރެންގެ އުނގުން ތެދުވެ ގަސްތަކުގެ ހިޔަލަށް ދުވަމުން ބުންޏެވެ.
ވީގޮތް އަހަން އުޅެނިކޮށް، ވާރޭގެ ތިއްކެއް ޖެހުނެވެ. ދެން އަނެއް ތިއްކެވެ.
“އޯހް ނޫން،” ގަސް ދަށުގައި ހުރެ އޭނާ ބުންޏެވެ. “ލޯ މަރާލާ،” އޭނާ އަމުރުކުރިއެވެ.
“ކީކޭ؟ އަޒްމާރާ، ކިހިނެއްވީ؟” އަހަރެން އޮޅުން ނުފިލައިގެން އެހީމެވެ.
“ހަމައެކަނި ލޯ މަރާލަދީ، އާދޭސްކުރަން،” އޭނާ އެދުނެވެ.
“ރަނގަޅު،” އަހަރެން ލޯ މަރާލީމެވެ.
ވާރޭ ބޯވާން ފެށިއެވެ. ކުއްލިއަކަށް ފެންގަނޑަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އަހަރެން އެނބުރި ބަލާލިއިރު އޭނާ އޮތީ ކުޅީގެ ތެރޭގައެވެ.
އަހަރެން ގަސްތަކާ ދިމާއަށް ބަލާލިއިރު، އޭނާގެ ހެދުންތައް ބިންމަތީގައި ހުއްޓެވެ. އަހަރެންގެ ލޯ ބޮޑުވިއެވެ.
“އަޒްމާރާ، މިއީ ފަތަންވީ ވަގުތެއް ނޫން،” އަހަރެން ބުނީމެވެ. “އަހަރެމެން އެނބުރި ދާން އެބަޖެހޭ.”
“އަހަންނަކަށް ނުދެވޭނެ ލިޔާމް،” އޭނާ ބުންޏެވެ. “ވާރޭ ވެހޭތީ… އަހަންނަކަށް އިންސާނަކަށް ބަދަލެއް ނުވެވޭނެ.”
“އެހެންވީމާ އަހަރެން މިތާ ވާރޭގައި މަޑުކުރަންވީތަ؟” އަހަރެން ފޫހިވެފައި ބުނީމެވެ.
“ނޫން،” އޭނާ ހިނިތުންވެލިއެވެ. “ކަލެއަށްވެސް ފުންމާލެވިދާނެ.” އޭނާ ފެނުގެ ފުނަށް ފީނައިގަތެވެ. އޭނާގެ ނަގޫ ފެނުމަށްފަހު ގެއްލުނެވެ.
އަހަރެން ހެދުން ބޭލުމަށްފަހު ފެންގަނޑަށް ފުންމާލީމެވެ.
އަހަރެން މައްޗަށް އެރިއިރު، އަޒްމާރާ ހުރީ އަހަރެންގެ ކައިރީގައެވެ.
“އާދޭ،” އޭނާ ހިނިތުންވެލަމުން އަހަރެންގެ އަތުގައި ހިފާ ފެނުގެ އަޑިއަށް ގެންދިޔައެވެ.
އޭނާ އަހަރެން މާ ދުރަށް، މާ ފުނަށް ގެންދިޔައެވެ. މި ކުޅި މިހާ ފުންވާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. ދެން އޭނާ ހުއްޓިފައި ކުޅީގެ އެންމެ އަޑިއަށް އިޝާރާތް ކުރިއެވެ.
އަހަރެން އޮޅުންބޮޅުންވެފައި ހުރެ އެތަނަށް ބަލާލީމެވެ. އަދި އޭނާއަށް ބަލާލާފައި ނޭނގޭ ކަމަށް ބުނެ ކޮނޑު އަރުވާލީމެވެ. އޭނާ އަހަރެންގެ އަތުން ދޫކޮށްލުމަށްފަހު ހިލަތަކާ ދިމާއަށް ފަތާފައި ދިޔައެވެ. އޭނާގެ ނަގޫ ބޭނުންކޮށްގެން ބައެއް ހިލަތައް އެއްފަރާތް ކޮށްލިއެވެ. އެވަގުތު އަހަންނަށް އެ އެތި ފެނުނެވެ.
އެއީ އޮމާން، ވަށް، ހުދުކުލައިގެ ހިލައެކެވެ. އޭނާގެ ނަގޫ ފެނުގައި ޖެހި ބަބުޅާއިރު، އެ ހިލަވެސް އޮތީ ބަބުޅާލަ ބަބުޅާލައެވެ. އޭނާ ވަރަށް އޯގާތެރިކަމާއެކު އެ ހިލަ ނަގައި، އަހަރެންގެ އަތުގައި ހިފާ އަވަހަށް ފެނުގެ މައްޗަށް ގެންދިޔައެވެ.
ފެނުން މައްޗަށް އެރުމަށްފަހު، އޭނާ އަހަރެންގެ އަތް މައްޗަށް އުފުލާލިއެވެ. އަދި އެ ހިލަ އަހަރެންގެ އަތަށް ލައިދިނެވެ. އޭނާގެ އަތް އޭގެ މަތީގައި ބޭއްވިއެވެ.
ފުރަތަމަ އެ ހިލަ އޮތީ ވަރަށް ފިނިކޮށެވެ. ނަމަވެސް މަޑުމަޑުން އެ ހިލަ ހޫނުވާން ފެށިއެވެ. ވާނުވާ އެހުމަށް އަހަރެން އަޒްމާރާއަށް ބަލާލީމެވެ. އޭނާ ހުރީ ލޯ މަރާލައިގެން އުޑާ ދިމާއަށް މޫނު އުފުލައިގެންނެވެ. އޭނާގެ ރީތިކަން ފެނިފައި އަހަރެން ހައިރާންވިއެވެ.
ދެން އޭނާ އަތް ނެގުމާއެކު، ހިލަ އަނެއްކާވެސް ފިނިވިއެވެ.
އެއީ ވަރަށް އަޖައިބު ކަމެކެވެ. އެއީ އެއްވެސް ކުރައެއް ނުވަތަ ލޯވަޅެއް ނެތް، އާދަޔާ ހިލާފަށް އޮމާން ހިލައެކެވެ. އިރުގެ އަލިކަން ނެތް ނަމަވެސް، އަޒްމާރާގެ ނަގޫ ފަދައިން އެ ހިލަވެސް ދިޔައީ ބަބުޅަމުންނެވެ.
“މިއީ ކޯޗެއް؟” އަހަރެން އެހީމެވެ.
“ލެޕިސް ލޫނޭ،” އޭނާގެ އަޑު އިވުނީ ވަރަށް މަޑުމައިތިރިކޮށެވެ. “ހަނދުގެ ހިލަކޮޅެއް. މިއީ ވަރަށް ޖާދޫވީ އެއްޗެއް. ހާއްސަކޮށް ކަނޑުރެއްސިންނަށް، މިއީ ފެނުގެ މައްޗަށް ބާރު ފޯރުވާ އެއްޗެއް… މިއީ ވަރަށް މަދު އެއްޗެއް. ހަނދު ފުރިހަމަވާ ރޭ، ކަނޑުރެއްސިއަކު ބީހިފައިވާ ފެންގަނޑެއްގެ ތެރެއިން މި އުފެދޭނެ. އެކަމަކު ހަނދު ފުރިހަމަވާ ވަގުތު ފާއިތުވުމުން މިއީ އާދައިގެ ހިލައަކަށް ބަދަލުވާނެ.”
“މިތަނުގައި މިއޮތްކަން ކަލެއަށް އެނގުނީ ކިހިނެއް؟” އަހަރެން އެހީމެވެ.
“އަހަންނަށް އެ އިހުސާސްވީ. މި ހިލަ ބޭނުންވަނީ އެ އުފެއްދި ކަނޑުރެއްސިކަށް އެ ފެންނަން. މި ހާލަތުގައި އެއީ އަހަރެން،” އޭނާ ފުން ނޭވާއެއްލިއެވެ. “އަހަރެން މިތަނުން ދިޔުމުން… މި ސިލްސިލާ ނިމޭނެ. މިއީ މިތަނުގައި އުފެދޭނެ ހަމައެކަނި ހިލައަށް ވުން ގާތް.” އޭނާގެ އަޑުގައި ހުރީ މާޔޫސްކަމެވެ.
“މިއީ ވަރަށް ރީތި އެއްޗެއް،” އަހަރެން އޭނާއަށް އެ ހިލަ ދޭން އަތް ދިއްކޮށްލީމެވެ. ނަމަވެސް އޭނާ އެ ހިލަ ނެގުމުގެ ބަދަލުގައި، އަހަރެންގެ އަތް އެ ހިލަކޮޅުގެ މަތީގައި ބާރުކޮށްލިއެވެ.
“ކީއްވެ…”
“ކަލޭ ބުނީ ތެދެއް ލިޔާމް،” އޭނާ ކުރިއަށްވުރެ ބޮޑަށް ދެރަވެފައި ބުންޏެވެ. “އަހަރެން މިތަނުގައި މާ ގިނަ ދުވަހަކު ނުހުންނާނެ. ކޮންމެވެސް ދުވަހަކުން އަހަރެންގެ މައިންބަފައިން އަހަރެން ހޯދާނެ. އަހަރެން އެނބުރި އަހަރެންގެ ރަނިކަމަށް އިސްކުރެވެން ދެން އެމީހުން ހުއްޓައެއް ނުލާނެ. އެހެންވީމަ އަހަރެން ދާނަން.”
“އަޒްމާރާ، ކަލޭ ސީރިއަސްކޮށްތަ ތިހެން ތި ބުނަނީ؟” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.
“އަހަންނަށް އިތުރު ގޮތެއް ނެތް. އަހަރެން މިތަނުގައި މަޑުކޮށްފިނަމަ… އަހަރެންގެ ރައްޔިތުންނަށް ފުރަގަސްދެވޭނީ،” އޭނާ އިސްޖަހާލިއެވެ. “ޝާހީ އާއިލާގެ މީހެއްގެ ހައިސިއްޔަތުން ކަލެއަށް އެކަން ވިސްނޭނެ.”
“އެކަމަކު އަހަރެންގެ ހައިސިއްޔަތު އަހަންނަކަށް ނުވިސްނޭ. ކަލޭ އަހަންނަށް އުނދަގޫ ކުރި… ކަލޭ ދަސްކޮށްދިނީ ހަމަޖެހިގެން އުޅުމާއި، ކަންކަމާ އަޅާލުމަކީ ކިހާ ރަނގަޅު ކަމެއްކަން،” އަހަރެން ރުޅިއަންނަން ފެށިއެވެ. “ދެން މިހާރު ކަލޭ ތިބުނަނީ ކަލޭ ދާން ޖެހޭތީ އެކަން އަންޑަސްޓޭންޑް ވާށޭ؟ ތިއީ މޮޔަ ވާހަކައެއް!”
“ކަލޭ ވިސްނާ ގޮތަކުން ކަމެއް ބަދަލެއް ނުވާނެ ލިޔާމް،” އޭނާ ރައްދު ދިނެވެ. “ނޫނީ އަހަރެން ވިސްނާ ގޮތަކުންވެސް. އަހަރެން އަމަލުކުރަންޖެހޭނީ އަހަރެންގެ ރައްޔިތުންނަށާއި އާއިލާއަށް އެންމެ ރަނގަޅު ގޮތް.”
“ކަލެއަށް އެންމެ ރަނގަޅު ގޮތަކީ ކޮބާ؟” އަހަރެން ހަޅޭއްލަވައިގަތީމެވެ.
“އެންމެ ރަނގަޅު ގޮތަކީ މިއީ!” އޭނާވެސް ބާރަށް ބުންޏެވެ. އޭނާ އަހަރެންގެ ކައިރިން ދުރަށް ޖެހިލައި، އެ ހިލަކޮޅު އަހަރެންގެ މޭގައި ޖެއްސިއެވެ. “އަހަރެން އުއްމީދު ކުރަނީ ކަލޭ އަހަރެންގެ ހަނދާނެއްގެ ގޮތުގައި މި ހިލަކޮޅު ބާއްވާނެ ކަމަށް.”
“ކަލޭގެ މަތިން އަހަންނަށް ހަނދާން ނައްތާލެވިދާނެހެން ހީވޭތަ؟” އަހަރެން ބުނީމެވެ.
“ކަލޭ އެކަމަށް މަސައްކަތް ކޮށްފާނެ، އެކަމަކު އަހަރެން އެ ފުރުސަތެއް ނުދޭނަން،” އޭނާ ހިނިތުންވެލިއެވެ.
“ގޮތްދޫނުކުރާ ކުއްޖާ،” އަހަރެން ބުނީމެވެ.
“ނުލަފާ މީހާ،” އޭނާ ޖަވާބު ދިނެވެ.
އަހަރެމެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ހިނިތުންވެފައި ތިބީމެވެ.
އިރުކޮޅެއް ފަހުން ވާރޭ ހުއްޓާލައިފިއެވެ.
އަޒްމާރާ އުޑާ ދިމާއަށް ބަލާލުމަށްފަހު އަހަންނަށް ބަލާލިއެވެ. “ވާރޭ ހުއްޓާލައިފި… އަހަރެމެން އެތެރެއަށް ދާންވީ.”
“ރަނގަޅު،” އަހަރެން ފެނުން އަރައި ހެދުން އެޅީމެވެ.
“ލޯ މަރާލާ،” އޭނާ އަމުރުކުރިއެވެ.
“އޯކޭ،” އަހަރެން އިށީނދެ ލޯ މަރާލީމެވެ.
އަޒްމާރާގެ ނަޒަރުން….
“ލޯ ހުޅުވާލެވިދާނެ،” ހެދުން އަޅައި ނިންމާލުމަށްފަހު އަހަރެން އޭނާގެ ކައިރިއަށް ގޮސް ބުނީމެވެ.
އޭނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. “އަހަރެންގެ ހަނދާނަކަށް ކަލޭގެ އަތުގައި އޮތީ ކޯޗެއް؟” އޭނާ އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލަމުން އެހިއެވެ.
“ކަލޭގެ ތުންފަތް،” އަހަރެން އޭނާގެ ކައިރިއަށް ޖެހިލާފައި ލޯތްބާއެކު ބޮސްދިނީމެވެ. “ކަލޭގެ ދެލޯ،” އަހަރެން އޭނާގެ ލޮލުގެ އެސްފިޔައިގައި ބޮސްދިނީމެވެ.
އޭނާ އަހަރެން ފަހަތަށް ޖައްސާލިއެވެ. “ސީރިއަސްކޮށް ބުނެބަލަ،” އޭނާ އެދުނެވެ.
“އެ ހިލަކޮޅު އޮތް އަތް ދިއްކޮށްލާ،” އަހަރެން ބުނީމެވެ.
އޭނާ އަހަރެންގެ އަމުރަށް ކިޔަމަންވިއެވެ. އަދި އަހަރެން އެ ހިލަކޮޅުގެ މަތީގައި އަހަރެންގެ ދެއަތް ބޭއްވީމެވެ.
އަހަރެން ލޯ މަރާލައި އަރަބި ބަހުން ސިހުރުވެރި ބަސްތަކެއް ކިޔާލީމެވެ. ދެން ލޯ ހުޅުވާލިއިރު، އެ ހިލަކޮޅު މައްޗަށް އުފުލި ދެބަޔަށް މެދުން ބައިވެގެން ލިޔާމްގެ އަތްމައްޗަށް ވެއްޓުނެވެ.
“މިވީ ކިހިނެއް؟” އޭނާ ހައިރާންވެފައި އެހިއެވެ.
“އަހަރެން މި ހިލަކޮޅު ދެބަޔަށް ބައިކޮށްލީ. އެއްބައި ކަލެއަށް… އަނެއްބައި ކަލޭ ބޭނުންވާ ވަގުތަކު އަހަންނަށް ދޭން ބާއްވާ،” އަހަރެން ހިނިތުންވެލީމެވެ. “އޭރުން އަހަރެންގެ އަތުގައިވެސް ކަލޭގެ ހަނދާނެއް އޮންނާނެ.”
އޭނާ އެ ދެ ހިލަކޮޅު އޭނާގެ ޖީބަށްލިއެވެ.
އަހަރެން ހައިރާންވެފައި ބަލާލީމެވެ. އަހަރެން ހީކުރީ އޭނާ ވަގުތުން އަހަންނަށް އެ ދޭނެ ކަމަށެވެ.
“އަހަރެމެން އެކުގައި ހޭދަކުރާ އެންމެ ފަހު ވަގުތާ ޖެހެންދެން، މި ހިލަކޮޅު ކަލެއަށް ދޭކަށް އަހަރެން ބޭނުމެއް ނޫން،” އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ގާތަށް ދަމައިގަތެވެ. އަހަރެންގެ އަތް އޭނާގެ ކޮނޑުމަތީގައި ބޭއްވީމެވެ. “އަދި އެ ވަގުތު އައިސް ޖެހުމުން، އަހަރެމެން މި ހިލަކޮޅު ބަދަލުކުރާނީ ހަމަ މިތަނުގައި ހުރެގެން.”
“ލިޔާމް، ކަލެއަކީ ތިހާ ރޮމޭންޓިކް މީހެއްކަން މީގެ ކުރިން އަހަންނަކަށް ނޭނގޭ!” އަހަރެން އޭނާއާ ސާސާކޮށްލީމެވެ.
“ޝަޓް އަޕް،” އޭނާ ހިނިތުންވެލަމުން އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ.
އަހަރެންވެސް ޝުކުރުވެރިކަމާއެކު އެ ބޮސްދިނުމުގައި ބައިވެރިވީމެވެ.
“އޯހް، ތިޔަ ދެމީހުންގެ ލޯބިވެތިކަން ބަލާބަލަ،” އަހަރެންގެ ފަހަތުން އިވުނީ މަޑުމައިތިރި އަދި އެހާމެ ހިތްގައިމު އަޑެކެވެ. ފައުޒާ ހުރީ ހިނިއައިސްފައެވެ.
އަހަރެން ކުއްލިއަކަށް ލިޔާމްއާ ދުރަށް ޖެހިލަން އުޅުނީމެވެ. އެކަމަކު އޭނާ އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ.
އަހަރެންގެ ހިތުގެ ވިންދު އަވަސްވެފައި ހުރި މިންވަރު އިހުސާސްވުމުން އޭނާ މަޑުމަޑުން ހީލާފައި ކަންފަތް ކައިރީ ބުންޏެވެ، “އެއީ ހަމައެކަނި ފައުޒާއޭ.” ދެން އޭނާ އަހަރެންގެ ގައިން އަތް ދޫކޮށްލިއެވެ.
އަހަރެން އެނބުރި ބަލާލިއިރު ފައުޒާ ހުރީ ވަރަށް އުފަލުންނެވެ.
“ކަލޭ ތިޔަ ކުރަނީ ކީއް؟” އަހަރެން ހީލަމުން އެހީމެވެ.
“އެންމެން އެބަ ހޯދާ އަޒްމާރާ. ތިޔަ ދެމީހުން މިކަން ސިއްރެއްގެ ގޮތުގައި ބާއްވަން ބޭނުންނަމަ، މިއަށްވުރެ ބޮޑަށް ސަމާލުވާން ޖެހޭނެ،” އޭނާ ވިސްނައިދިނެވެ.
“އަހަރެން ބޭރުގައި ހުރުމަށް ދެއްކޭނެ ވަރަށް ރަނގަޅު އުޒުރެއް އެބައޮތް،” އަހަރެން ބުނީމެވެ. “އަހަރެން ފޫހިވެގެން ބޭރުގަ އުޅުނީއޭ ބުނެވޭނެއެއްނު!”
“އެހާ ގިނަ އިރުވަންދެން މަޑުކުރީ ކީއްވެ؟” އޭނާ އެއް ބުމަ އަރުވާލަމުން އެހިއެވެ.
“ވާރޭ ވެހެން ފެށީމާ އޭނާއަށް ކުޅިން ބޭރަށް ނުނިކުމެވުނީ،” ލިޔާމް އޮޅުންފިލުވައިދިނެވެ.
“އެއީ ކީއްވެ؟” އަހަރެމެން ގެއާ ދިމާއަށް ހިނގައިގަތުމުން ފައުޒާ ސުވާލުކުރިއެވެ.
“އަހަރެން ފަހުން ކިޔައިދޭނަން،” އަހަރެން ބުނީމެވެ.
ލިޔާމްގެ އަތްދަނޑިމައްޗަށް އަހަރެން އުފުލާލައިގެން ގެއަށް ވަނެވެ. އަދި ކުރިމަތީ ކޮޓަރިއަށް ދެވުމުން އަހަރެން ބިންމަތީގައި ބެހެއްޓިއެވެ.
ފައުޒާ ވަގުތުން އަހަރެންގެ ގާތަށް އައެވެ.
“އާދޭ،” އޭނާ އަހަރެންގެ އަތުގައި ހިފާ ސިޓިންގް ރޫމާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.
އަހަރެން ލިޔާމްއަށް ބަލާލާފައި ފުން ނޭވާއެއްލީމެވެ. އަދި އޭނާގެ އާއިލާގެ ކުރިމަތީގައި ކުޅޭނެ ‘ޑްރާމާ’ އަށް ތައްޔާރުވީމެވެ.
— ނުނިމޭ —
