މުސްލިމް ކުއްޖަކާއެކު ގިނަ ވަގުތު ހޭދަކުރާކަން. އަހަރެން ބުނީމެއްނު ހައްދުގެ ތެރޭގައި އުޅެން.” ކާވޭރީ ބިރުގަތެވެ. “ކޮން ކުއްޖެއްތަ ބައްޕާ؟”
“އަހަރެން ގާތު ދޮގުނުހަދާ. އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ.” ޕްރަކާޝް ދާސްގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. “ހަނދާންކުރާތި! އަހަރެމެންނަކީ ހިންދޫން. އަހަރެމެންގެ އަމިއްލަ އާދަކާދައާއި އިއްޒަތެއްވޭ. މުސްލިމް ކުއްޖަކާ ކަލޭ ކައިވެނިކުރުމަކީ އަހަރެމެންނަށް ވިސްނޭނެ ކަމެއްވެސް ނޫން.”
ކާވޭރީގެ ލޮލުން ކަރުނަ ފޭބިއެވެ. “ބައްޕާ، އޭނާއަކީ ހަމައެކަނި އަހަރެންގެ އެކުވެރިއެއް.”
“ފެށެނީ ތިހެން. ފުރަތަމަ އެކުވެރިކަން ދެން ލޯބި. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ތިކަހަލަ ގުޅުންތަކުގެ ނަތީޖާ. މާ ލަސްވުމުގެ ކުރިން ހުއްޓާލުން ބުއްދިވެރިވާނެ، އެހެން ނޫނީ…؟”
“އެހެން ނޫނީ ކިހިނެއްތޯ ވާނީ؟” އޭނާ ހިތްވަރުކޮށްފައި އަހާލިއެވެ.
“އަހަރެމެންނަށް އޮތީ ދެ މަގެއް. އެކީ ޔުނިވަރސިޓީން ކަލޭ ވަކިކުރުން، ނުވަތަ…” އޭނާ މަޑުޖެހިލާފައި ބުންޏެވެ. “އަހަރެމެންގެ އަމިއްލަ ދީނުގެ ކުއްޖަކާ ކަލޭ ދެވުން.”
އޭނާ ކޮޓަރިން ނުކުމެގެން އައީ ހިތް ހުއްޓުނު ފަދަ އިހުސާސަކާ އެކުގައެވެ. ޖެހިގެން އައި ދުވަހު ޔުނިވަރސިޓީގައި އޭނާ ޝާޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޝާޔާން ހިމޭނުން ހުރެ އަޑުއެހިއެވެ. އެމީހުންގެ ވާހަކައަކީ ހީކުރިހާ އާދައިގެ ވާހަކައެއް ނޫންކަން ފުރަތަމަ ފަހަރަށް އޭނާއަށް އިހުސާސްވިއެވެ.
“ދެން ވާނީ ކިހިނެއް؟” ކާވޭރީ ބިރުން ހުރެ އަހާލިއެވެ.
“މިވަގުތު އެއްޗެއް ބުނަން ދަތި. ވަގުތު ޖެހުމުން ވިސްނާފައި ގޮތެއް ނިންމާނީ،” ޝާޔާން އޭނާއަށް ދިނީ ވަރަށް ފަނޑު ހިތްހަމަޖެހުމެކެވެ. އޭގެއިން ކާވޭރީގެ ހިތަކަށް އެއްވެސް ފަރުވާއެއް ނުލިބުނެވެ.
ސިޔާސީ ކަމެއްގެ ސަބަބުން ކުއްލިއަކަށް މުޅި ސިޓީގެ މަސްލަހަތު ގޯސްވިއެވެ. ހުރިހާ ތައުލީމީ މުއައްސަސާތަކެއް ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކުރެވުނެވެ. މިހާރު ބައްދަލުވުންތައް މަދުވެއްޖެއެވެ. ނަމަވެސް ފޯނުން ދައްކާ ވާހަކަ ކުރިއަށްވުރެ ދިގުވިއެވެ. އޭގެފަހުން މަސްލަހަތު ކުޑަކޮށް ރަނގަޅުވުމުން، އެކި ބަހަނާތައް ދައްކައިގެން ސަދަރުގެ ބޯދާ ފޮތް ފިހާރައަކުން ނުވަތަ ފްރިއާ ހޯލްގެ ބަގީޗާއިން ނުވަތަ އަތިރިމަތިން ދެމީހުން ބައްދަލުކުރަން ފެށިއެވެ.
އެއްދުވަހެއްގެ ހަވީރު ވާރޭވެހެމުން ދިޔަ ވަގުތެއްގައި، ދެމީހުން ތިބީ ފްރިއާ ހޯލްގެ ފެންޑާގައެވެ. ގަސްގަހާގެހިން ވާރޭގެ ތިކިތައް ފައިބަމުން ދިޔައެވެ.
ކާވޭރީ މަޑުމަޑުން ބުންޏެވެ. “ޝާޔާން! އަހަރެމެންގެ ނަތީޖާއަކީ ކޮބައިތޯ ދުވަހަކުވެސް ވިސްނިންތަ؟”
“ނުވިސްނަން، އަދި ވިސްނާކަށް ބޭނުމެއްވެސް ނޫން.”
“އެކަމަކު ހަގީގަތުން ރެކިގަނެވޭނީ ކިހާ ދުވަހަކު؟”
ޝާޔާން އޭނާއަށް ބަލާލިއެވެ. “ކޮންމެ ގޮތެއް ވިޔަސް، އަހަރެން ކަލޭދެކެ ލޯބިވާ ހަގީގަތެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ.”
ކާވޭރީގެ ލޯ ފެންކަޅިވިއެވެ. “އެހެންވީމާ އަހަރެމެންގެ ލޯތްބަކީ މުޅި އުމުރަށް ހިތުގައި ކަށިޖެހޭ ފަދަ ވޭނަކަށް ވެގެން ހަމައެކަނި ނިމިދާނީތަ؟”
އެވަގުތު ދުރުން ގުގުރައިލި އަޑަށް ޝާޔާންއަށް އެ ވާހަކަ ސާފުކޮށް އަޑެއް ނީވުނެވެ.
“އަހަރެމެން ކުރަންވީ ކީއްކަމެއް ދުވަހަކުވެސް ވިސްނިންތަ؟ ކަލޭ ބުނި ކޮންމެ ކަމެއް ކުރަން އަހަރެން މިހުރީ ތައްޔާރަށް. ބުނޭ، އަހަރެން ކުރަންވީ ކީއް…؟”
“އަހަރެމެންގެ އާއިލާއަށް މިކަން އަންގަންވީ. ކޮންމެވެސް ދުވަހަކުން އެމީހުންނަށް އެނގޭނެ.” ކާވޭރީ ބުނީ ތެދެކެވެ.
ދެމީހުން ނިންމީ ރަނގަޅު ވަގުތެއް ބަލާފައި އާއިލާއަށް ތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށެވެ. އެއްދުވަހަކު ކާވޭރީ ފޯނު ކުރިއިރު އޭނާގެ އަޑު ތުރުތުރުލައެވެ. “ޝާޔާން، ބައްޕަ އަހަރެން ޔުނިވަރސިޓީއަށް ދިއުން މަނާކޮށްފި.”
“ކީއްވެ؟” ޝާޔާންގެ އަޑު ބާރުވިއެވެ. އެއަޑު މަންމައަށް އިވިގެން އައިސް ސިއްރުން އަޑުއަހަން ހުއްޓެވެ.
“އެމީހުންނަށް އަހަރެމެންނާ މެދު ޝައްކުވީ. މިހާރު އަހަންނަށް އެކަނި ބޭރަށް ނުކުމެވޭކަށް ނެތް. ކޮންމެވެސް މީހަކަށް އަހަރެމެން ބޭރުން ފެނިގެން ބައްޕަ ގާތު ބުނީ ކަމަށް ލަފާކުރެވެނީ.” ކާވޭރީގެ ވާހަކަ ނިމުނުއިރު ޝާޔާންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ.
“ދެން އަހަރެމެން ހަދާނީ ކިހިނެއް؟ އެކަކު އަނެކަކާ ނުލައި…” އެވަގުތު މަންމަ ކޮޓަރި ދޮރުމަތީގައި ހުއްޓި ހުރުމުން އޭނާ ވާހަކަ މެދުކަނޑާލިއެވެ. “މަންމަ ކަމަކުތަ؟”
“ވާހަކަ ނިންމާލާފައި އަހަރެން ގާތަށް އާދޭ، ވާހަކައެއް ދައްކަން ބޭނުން.” މިހެން ބުނެފައި މަންމަ ދިޔައެވެ.
އަނެއްކޮޅުން ބިރުން ހުރި ކާވޭރީ ބުނަމުން ދިޔައެވެ. “އަހަންނަށް ނޭނގެ… އަހަރެން ބިރުގަނޭ. މި މީހުން އަހަރެން ކަލެއާ ދުރުކުރާނެ.”
ފޯނު ބޭއްވުމަށްފަހު ޝާޔާން މާޔޫސްވެފައި ފާރަށް ބަލަން އިނެވެ. މަންމަ ގޮވިކަންވެސް އޭނާ ހަނދާނެއް ނެތެވެ. ޝާޔާން ހާސްވެފައި ހުރި މިންވަރު ފެނުމުން މަންމަ އެވަގުތު ދައްކަން އުޅުނު ވާހަކަ ފަސްކޮށްލިއެވެ. މަންމަ އަހަން ބޭނުންވީ ފޯނުން ވާހަކަދެއްކީ ކާކުތޯއާއި، އޭނާ އެ ބުނީ ކީކޭތޯއެވެ.
އެރޭ އޭނާއަށް ނިދޭގޮތެއް ނުވިއެވެ. މަގުމަތީގައި ދުއްވާ ކާރުތަކުގެ އަޑާއި އޭނާގެ ހިތުގެ އަޑު ގުޅިފައިވާ ކަހަލައެވެ. ކުރިއަށް އޮތް ދުވަސްތައް އުނދަގޫވާނެކަން އޭނާއަށް އެނގުނެވެ. ކާވޭރީއަކީ މިހާރު އޭނާއަށް ހަމައެކަނި އަންހެން ކުއްޖެއް ނޫނެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަގީގަތެވެ. އޭނާ ހޯދުމަކީ ކިހާ އުނދަގޫ ކަމެއްކަން އޭނާއަށް ކުރިންވެސް އެނގެއެވެ. ނަމަވެސް އުންމީދާއެކު އިންސާނާ ދަތުރުކުރަނީ މަންޒިލަށް ނުދެވޭނެކަން އެނގި ހުރެވެސްމެއެވެ. ލޯތްބަކީ އެއީއެވެ. ހުރިހާ ކަމެއް އެނގި ހުރެވެސް، އެނބުރި އާދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ނުރައްކާތެރި މަގަކުން ހިނގުމެވެ. އޭނާއަށްވެސް ޖެހޭނީ ފުރާނަ އަތްމައްޗަށް ލައިގެން މި ކަށިގަނޑުގެ ތެރެއިން ހިނގާށެވެ. އެ ސުވާލުގެ ޖަވާބު އޭނާގެ އަތުގައި އޮތް ނަމަވެސް، އެ ޖަވާބުގެ ނިމުމުގައި ވަނީ ބަދުނާމާއި މަރެވެ.
***
ބައެއް ދުވަސްތައް އިންސާނާގެ ދިރިއުޅުމަށް ވަންނަނީ ވަރަށް ހިމޭންކަމާއެކުގައެވެ. ނަމަވެސް ދާއިރު ހުރިހާ ކަމެއް ބަދަލުކޮށްލައެވެ. ކާވޭރީ ދާސްއަށްވެސް އެ ދުވަސް ވީ އެފަދަ ދުވަހަކަށެވެ. ޔުނިވަރސިޓީގެ ދޮރުތައް އޭނާއަށް ބަންދުވިއެވެ. ގޭގެ ހަތަރު ފާރު ވީ އޭނާގެ ޖަލަށެވެ. ކޮންމެ ދުވަހަކު ކުޑަދޮރު ކައިރީގައި އިނދެ މަގުމަތިން ޝާޔާން ފެނޭތޯ އޭނާ ބަލައެވެ.
ޝާޔާންގެ ހާލަކީވެސް އެއީއެވެ. ޔުނިވަރސިޓީއަށް ދިޔަސް އޭނާއަށް އިހުސާސްވަނީ އުނިކަމެކެވެ. ދެމީހުން އެތައް ގަޑިއިރެއް ވަންދެން ތިބޭ ލައިބްރަރީގެ މޭޒު މިހާރު ވަނީ ފަޅުވެފައެވެ. ކެންޓީނުން އެކަނި ސައިބޯކަށް އޭނާ ބޭނުމެއް ނުވެއެވެ. ޔުނިވަރސިޓީގެ އެ ހިނގާ މަގުތަކުގައި ކުރިން އިވުނު ހިނިތުންވުމުގެ އަޑުތަކުގެ ބަދަލުގައި މިހާރު ވަނީ ބިރުވެރިކަމެވެ. އޭނާ ފޯނުން ކާވޭރީއާ ވާހަކަދެއްކޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ބަންދުކޮށްފައެވެ. ޝާޔާންގެ ހިތުގައި ތަފާތު ވަސްވާސްތައް އުފެދެން ފެށިއެވެ. ހުރިހާ ކަމެއް ނިމުނީ ހެއްޔެވެ؟ ދެން ދުވަހަކުވެސް ކާވޭރީއެއް ނުފެންނާނެ ހެއްޔެވެ؟
އެއްދުވަހެއްގެ ހަވީރު އޭނާ ކެތްނުކުރެވިގެން ޑިފެންސްއާ ދިމާލަށް ދިޔައެވެ. ދުރުގައި ހުރެ ކާވޭރީގެ ގެއަށް ބަލަން ހުއްޓެވެ. ގޭގެ ގޭޓު ހުރީ ބަންދުކޮށްފައެވެ. އެ ގޭގެ ކޮންމެވެސް ކޮޓަރިއެއްގައި އޭނާގެ ލޯބިވާ ކާވޭރީ ބަންދުކޮށްފައި ހުރިކަން އޭނާއަށް އެނގެއެވެ. އެވަގުތު ކުއްލިއަކަށް ބެލްކަނީގެ ކުޑަދޮރަކުން ހިޔަންޏެއް ފެނުނެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ އަތް ހޫރާލިއެވެ. އެއީ ކާވޭރީކަން އޭނާއަށް ޔަގީނެވެ. އޭނާ އަންނާނެކަން ކާވޭރީއަށް އިހުސާސްވީއެވެ. ވަރަށް ގިނައިރު ވަންދެން އެ ސަރަހައްދުގައި އޭނާ އުޅުނެވެ. ނަމަވެސް ބައްދަލުވާގޮތެއް ނުވިއެވެ.
އެރޭ ދަންވަރު އޭނާގެ ފޯނަށް ނޭނގޭ ނަންބަރަކުން މެސެޖެއް އައެވެ. “އަހަރެން ރަނގަޅު، ކަންބޮޑުނުވޭ. ކާވޭރީ.”
އެ މެސެޖު ކިޔާފައި އޭނާގެ ލޮލުން ކަރުނަ ފޭބިއެވެ. އެއީ އަނދިރިގަނޑެއްގެ ތެރެއިން ފެނުނު ކުޑަކުޑަ އުއްބައްތިއެއްގެ އަލިކަން ފަދަ މެސެޖެކެވެ. އޭގެ ފަހުން ތަފާތު ނޭނގޭ ނަންބަރުތަކުން ދެމީހުންގެ މެދުގައި މުއާސަލާތު ކުރެވެން ފެށިއެވެ. ބައެއް ފަހަރު ރައްޓެއްސެއްގެ ފޯނުންނެވެ. ދައްކާ ވާހަކަތައް ކުރުވި ނަމަވެސް، އެ ވާހަކަތަކުގައި ވަނީ އެތައް ޒަމާނެއްގެ ކެތްތެރިކަމެއް ނެތް ކަހަލަ އިހުސާސްތަކާއި ބިރުވެރިކަމެވެ. ދެމީހުންގެ ހިތުގައިވެސް އޮތީ އެންމެ ސުވާލެކެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެން ކުރަންވީ ކީއް ހެއްޔެވެ؟
ކާވޭރީ ކިޔައިދިން ގޮތުގައި އޭނާގެ ބައްޕަ އުޅެނީ އޭނާގެ އަމިއްލަ ދީނުގެ މީހަކާ އޭނާ ކައިވެނިކުރުވާށެވެ. މި ވާހަކަ އިވުމުން ޝާޔާންގެ ބޯމައްޗަށް ހޮނު އެޅި ފަދައެވެ. “އަހަރެން ކަލެއާ ނުލައި ދިރިއެއް ނޫޅެވޭނެ ޝާޔާން!” ކާވޭރީގެ އަޑުގައި ވަނީ ބިއްލޫރިގަނޑެއް ތަޅައިގެންދާ ފަދަ ވޭނީ އަޑެކެވެ.
“އަދި އަހަރެން ކަލޭ އެހެން މީހެއްގެ ހައްގަކަށް ވާތަން ދެކޭކަށް ބޭނުމެއް ނޫން.”
އެއްދުވަހަކު ޝާޔާން ހިތްވަރުކޮށްފައި އޭނާގެ އެންމެ ގާތް އެކުވެރިޔާ އަހްމަރަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަހްމަރު ވަރަށް ގިނައިރު ހިމޭނުން އިނުމަށްފަހު ބުންޏެވެ. “ބަލަ ރަހުމަތްތެރިޔާ، މި މަގަކީ ފަސޭހަ މަގެއް ނޫން. ތިޔަ ދެމީހުންގެ އާއިލާ ދުވަހަކުވެސް ތިޔަ ކަމަކަށް އެއްބަހެއް ނުވާނެ.”
“ދެން އަހަރެން ކުރަންވީ ކީއް؟ އޭނާ ދޫކޮށްލަންވީތަ؟”
އަހްމަރަށް އެނގޭ ގޮތުގައި އެ ސުވާލުގެ ޖަވާބަކަށް ޝާޔާންގެ ހިތް ދުވަހަކުވެސް އެއްބަހެއް ނުވާނެއެވެ.
—–
“ގޭގަ އަހަރެންގެ ކައިވެނީގެ ތައްޔާރީތައް ވަނީ ފަށާފަ،” އެރޭ ކާވޭރީ ރޮމުން ފޯނުން ބުންޏެވެ.
“މިހާރު އަހަރެމެން ގޮތެއް ނިންމަން އެބަޖެހޭ،” އޭނާ ވަރަށް ސީރިއަސްކަމާއެކު ބުންޏެވެ.
“ކޮން ކަހަލަ ނިންމުމެއް؟” ކާވޭރީ ބިރުން ހުރެ އަހާލިއެވެ.
“އަހަރެމެން ދެމީހުން ފިލައިގެން ދަމާ، އަހަރެމެން ނުފެންނާނެހާ ދުރަށް.” އޭނާ އަމިއްލައަށްވެސް ނުރުހޭ ކަމެއް ކުރަން ބުނީ ވަރަށް އުނދަގުލުންނެވެ. މި ޚިޔާލު އޭނާގެ ސިކުނޑިއަށް އެތައް ފަހަރަކު އައި ނަމަވެސް، އޭނާ އަބަދުވެސް ބެލީ އަބުރުވެރި ގޮތަކަށް މިކަން ހައްލުކުރެވޭތޯއެވެ. ނަމަވެސް އެއްވެސް މަގެއް ނުފެނުނެވެ. އޭނާގެ އާއިލާއިންވެސް އެހެން ދީނެއްގެ ކުއްޖަކާ ކައިވެނިކުރަން އެއްބަސްނުވާނެކަން އޭނާއަށް ޔަގީނެވެ. އެހެން ނޫންނަމަ އޭނާ އެންމެ ފަހަރަކުވެސް ރީތި ގޮތުގައި އާއިލާ ގާތު އެދުނީހެވެ.
އެއްރޭ ކެއުމަށްފަހު ގޭގެ މާހައުލު އަމާންކޮށް އޮތް ވަގުތެއްގައި އޭނާ ހިތްވަރުކޮށްފައި ބުންޏެވެ. “ބައްޕާ، މަންމާ! އަހަރެން ބޭނުން ވަރަށް މުހިންމު ވާހަކައެއް ދައްކަން.”
މަންމަ ސިހިފައި އޭނާއަށް ބަލާލިއެވެ. “ދަރިފުޅާ، ކިހިނެއްވީ؟”
ޝާޔާންގެ މުޅި ހަށިގަނޑު ދާތިކިތަކުން ތެމިއްޖެއެވެ. “އަހަރެން… އަހަރެން ކުއްޖަކު ދެކެ ލޯބިވަން.”
ކޮޓަރިތެރެއަށް ކުއްލި ހިމޭންކަމެއް ވެރިވިއެވެ. ބައްޕަ އޭނާގެ އައިނު ރަނގަޅުކޮށްލަމުން އަހާލިއެވެ. “ކޮން ކުއްޖެއް އެއީ؟”
“އެއީ އަހަރެންގެ ކްލާސް ކުއްޖެއް.”
“ނަމަކީ ކޮބާ؟ ދިރިއުޅެނީ ކޮންތާކު؟ އެއީ ކޮން ބައެއް؟ ހުރިހާ ވާހަކައެއް ތެދަށް ބުނޭ.” ބައްޕަ އޭނާ ގެނެސް އެ ބެހެއްޓީ ތެދު ބުނުން ނޫން އެހެން ގޮތެއް ނެތް ހިސާބެއްގައެވެ.
“އެ އަންހެން ކުއްޖާގެ ނަމަކީ ކާވޭރީ ދާސް.” އެ ނަން އިވުމާއެކު މަންމަގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ.
“އެއީ ކޮން ކަހަލަ ނަމެއް؟” މަޑުމައިތިރި ނަމަވެސް ހަރުކަށި ރާގަކަށް މަންމަ އެހިއެވެ.
ޝާޔާން އިސްޖަހާލަމުން ބުންޏެވެ. “އެއީ އަހަރެމެންގެ ދީން ނޫން އެހެން ދީނެއްގެ ކުއްޖެއް މަންމާ.”
— ނުނިމޭ —
