ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – އަށްވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ހޮސްޕިޓަލުން ދޫކޮށްލުމުން ރިޔާޒާއި އަފްޒާ އަޔާން ގޮވައިގެން ނުކުންނަން ދިޔައިރު އަޔާންގެ މާބޮޑު ފިކުރެއް ނެތެވެ. އޭނާ ޗާބީ ދީފައިވާ ބުދެއް ފަދައިން ކުރިއަށް ދިޔައިރު، ކުރިމަތިން ޒޯޔާ ގޮވައިގެން އާފިޔާ އާއި ނަސީރު އައެވެ. ޒޯޔާގެ ނަޒަރު ހުރީ ތިރިއަށެވެ. ދެ އާއިލާ ކުރިމަތިން ބައްދަލުވި ވަގުތު ހުރިހާ ކަމެއް ބަދަލުވޭތޯ އަފްޒާއަށް އުންމީދު ކުރެވުނެވެ. އަޔާން އާއި ޒޯޔާގެ ނަޒަރު ދިމާނުވި ނަމަވެސް އެ ދެމީހުން ނުހަނު ކައިރިވިއެވެ. ނޭނގުމުގެ ތެރޭގައެވެ. ދެމީހުންގެ އަތް ބީހިލިއެވެ.

ޒޯޔާގެ ސަމާލުކަން އެނބުރިދާނެތީ އާފިޔާ އަވަސްއަވަހަށް އަޔާންއާ ދެމީހުންގެ ދެމެދަށް ވަދެ ޒޯޔާގެ ކޮނޑުގައި ހިފައިގެން ހިނގައިގަތްއިރު، އަޔާން ފަހަތަށް ބަލާލިއެވެ. ނަމަވެސް އޭނާއަކަށް ޒޯޔާގެ މޫނެއް ނުފެނެއެވެ. އޭނާ މާބޮޑު ސަމާލުކަމެއް ނުދީ ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވާލުމަށްފަހު ހިނގައިގަތެވެ.

*****

— އެއް އަހަރު ފަސް —

ޒޯޔާގެ ކޮޓަރީގައި ޓަކި ޖަހާލީ ގޭގައި ގެންގުޅޭ ރަފިއްޔާއެވެ. އޭނައަކީ ޒޯޔާގެ ހަނދާން ހުންނަން ފެށީއްސުރެ އެގޭގައި މަސައްކަތްކުރަން އުޅޭ ރާއްޖެތެރޭގެ ނިކަމެއްޗެކެވެ. އެގޭގައި މަސައްކަތްކުރަން އުޅުނު ނަމަވެސް އޭނާގެ ތެދުވެރިކަމާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި ވަފާތެރިކަމުގެ ސަބަބުން އެގޭގައި އޭނާއަކީ މަސައްކަތު މީހެއްގެ ގޮތުގައި އިޙުސާސްވިޔަކަ ނުދެއެވެ. އެންމެ ޚާއްސައީ އޭނާއާއި ޒޯޔާގެ ގުޅުމެވެ. ކުޑަދުވަހުން ފެށިގެން ޒޯޔާގެ ހުރިހާ ކަމެއްހެން ރަފިއްޔާ ބަލަހައްޓަމުން ދާތީ އެ ދެމެދުގައި ގުޅުން މާ ވަރުގަދައެވެ.

“ތީ.. ތީ ކާކު؟” ޒޯޔާ ހައިރާންވެފައި އެހިއެވެ. ރަފިއްޔާގެ މޫނުމަތީގައިވާ ހިނިތުންވުން ވަގުތުން ފަނޑުވިއެވެ.

“މީ ރަފިއްތައޭ. ޒޯޔާ ރަފިއްތަ މަތިން އަނެއްކާވެސް ހަނދާން ނެތުނީތަ؟ ސުބްޙާނަﷲ!” ރަފިއްޔާ ދެރަވެފައި ބުންޏެވެ.

ޒޯޔާ ހޭން ފެށިއެވެ. ނަމަވެސް އޭނާ ދެރަވިއެވެ. ސަމާސައަކަށް ވިޔަސް އޭނައަށް އެ ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އިޙުސާސްކުރެވުނެވެ.

ރަފިއްޔާއަށް މޭގައި އަތް އަޅާލެވުނެވެ. ފުން ނޭވައެއް ބޭރުކޮށްލެވުނެވެ.

“ޒޯޔާ ދަރިފުޅާ. ދެން ރަފިއްތަ ގާތުގައި ތިކަހަލަ ސަމާސާ ނުކުރައްޗޭ. ރަފިއްތަގެ ހިތް ހުއްޓިދާނެ.” ރަފިއްޔާ ބުނެލިއެވެ.

“އަޅެ ބޭރުގައި ތި ހުންނަނީޔޯ. އެތެރެއަށް އާދެބަލަ. މިތާ އިށީނދެބަލަ.” ޒޯޔާ ރަފިއްޔާއަށް އެނދުގައި އިށީންނަން ތަން ދައްކަމުން ބުންޏެވެ.

ރަފިއްތާ. ތި ފިކުރުތައް މަދުކޮށްބަލަ. އަހަރެން މިހާރު ހަމަ އެއްކޮށް ރަނގަޅޭ.” ޒޯޔާ ބުނެލިއެވެ.

“ރަފިއްތައަށް އެނގެޔޭ.”

“އަން. މިއޮތީ މިއަދުގެ ނޫސް. ތީގެ ހޮރޮސްކޯޕް ކިޔާލަދީބަލަ.” ރަފިއްޔާ ޒޯޔާގެ އަތަށް ނޫސް ދިއްކޮށްލަމުން ބުނެލިއެވެ.

“ހޫނ. ގެނޭ. ރަފިއްތަ ވިއްޔާ.” ޒޯޔާ އެންމެ ފަހުން އެއްބަސްވިއެވެ.

“ޕިސް. މާ ޚާއްސަ ދުވަހެއް ނޫން.” ޒޯޔާ ބުނެލިއެވެ.

“ކީކޭތަ އޮތީ؟” ރަފިއްޔާ އަވަސްއަވަހަށް އެހިއެވެ.

“މީގަ އޮތީ މިއަދު މަންމަގެ ނުރުހުމާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހޭނެ. ބައްޕަގެ ކުރީގެ ބާ ބޫޓުތަކާއެއްކޮށް ހުރިހާ ބޫޓެއް ޕޮލިޝް ކުރުވާނެ. މަންމަގެ ދޮވެފައި ހުރި އަންނައުނުތަކާ ދާ އަންނައުނުތަކާ އަލަށް ފަހައިގެން ގެނައި ހެދުންތަކާއެކު އަލުން ދޮއްވާނެ. މި ފެނިފައި އަހަރެންވެސް އަހަރެންގެ ހުރިހާ ޓްރޮފީތަކެއް ސާފުކުރުވާނެ. މިއަދު ރަފިއްތައަށް އޮތީ ހަމައެކަނި ސާފުކުރުން.” ޒޯޔާ ރަފިއްޔާއަށް ބަލައިލިއެވެ.

“ހޫނ. މީ ވަރަށް ލާނެތް ކުއްޖެއް.” ރަފިއްޔާ ރާގުލާފައި ބުންޏެވެ.

“ދެން އެނޫން ކޮންކަމެއް؟ މިއޮއް ހޭލުންތެރި ޒަމާނުގައި މިކަހަލަ ތާކުންތާކު ނުޖެހޭ އެއްޗެހި ކާކުތަ ޤަބޫލުކުރާނީ. ރަފިއްތަމެން ނުވާނެ ބަދަލެއް.” ޒޯޔާ ނޫސް އެނދުމަތީ ބާއްވަމުން ބުނެލިއެވެ.

“ތިހެން ނުކިޔާ ކިޔާލަބަލަ ޒޯޔާގެ.”

“އަހަރެންގެ. އަހަރެން ނޫޅެން ކިޔާބަލަ. މި ދެން ކޮންކަމެއް؟ މުޅިން ފޭކު.” ޒޯޔާ ބުނެލިއެވެ.

“ދެން ކިޔާލަބަލަ. ރަފިއްތަ ބުނީތީ.” ރަފިއްޔާ ބުނެލިއެވެ.

“އެންމެ ރަނގަޅު. އެކަމަކު ހަމައެކަނި ރަފިއްތަ ބުނީތީ.” ޒޯޔާ އަނެއްކާވެސް ނޫސް ނެގިއެވެ.

“މިއަދަކީ ތިބާއަށް ވަރަށް ޚާއްސަ ދުވަހެއް. މިއަދު ތިބާގެ ދިރިއުޅުން މާޒީގެ ތެރެއަށް ދަތުރުކުރާނެ. އަދި މުސްތަޤުބަލަށްވެސްމެ. ބުނެއުޅޭ އަހަރެމެންގެ އެއް އަތަކީ މާޒީއޭ. އަނެއް އަތަކީ މުސްތަޤުބަލޭ. މިއަދު ތިބާގެ ދެއަތުގެ ނާރުތައް ބައްދަލުވާނެ.” ޒޯޔާ ކިޔާލުމަށްފަހު ކުޑަކޮށް ހައިރާންވެލާފައި ރަފިއްޔާއަށް ބަލާލިއެވެ.

“މީ ކޮންކަހަލަ ބައެއް. ކޮންމެފަދަ އެއްޗެކޭވެސް ލިޔެފާނެ. މިއަދު މީ 8 ޖޫންއޭ. ހަމަ އިއްޔެއެކޭ އެއްކަހަލަ އާދައިގެ ދުވަހެއް.” ބޯހޫރާލަމުން ޒޯޔާ ބުނެލިއެވެ.

“މިއަދު 8 ޖޫންއޭ. މިއަދު އެކޮއިގެ ދެއަތުގެ ނާރުތައް ގުޅެނީއޭ!” ރަފިއްޔާ ބުނެލިއެވެ.

“ރަފިއްތާ. މިކަހަލަ އެއްވެސް އަސްލެއް ނެތް ކަންކަމަށް ތިހާބޮޑަށް ނުވަދޭ. އިންސާނުންނަށް ކިހިނެއް އެނގޭނީ މީހުންގެ ތަޤުދީރާއި މުސްތަޤުބަލު ކިޔައިދޭން. މިކަހަލަ އަހަރެމެންގެ ދީނާ ޚިލާފު ކަންތައްތައް ހިތަށް ވައްދާ ވަރަކަށް ދިރިއުޅުމުގެ ދަތިތައް އިތުރުވާނެ. އެނގިއްޖެތަ؟” ހީނލަމުން ޒޯޔާ ނޫސް ރަފިއްޔާއަށް ދިއްކޮށްލާފައި ތެދުވެގެން ގޮސް ޑްރެސިން ޓޭބަލް ކައިރީގައި ހުއްޓި އޭނާގެ އިސްތަށިގަނޑުގައި ފުނާ އަޅަން ފެށިއެވެ.

“ހަމަ އަސްލަށްވެސް މިއަދަކީ ޚާއްސަ ދުވަހެކޭ. މިއަދު މީ އެކޮއިގެ..” ބުނެވެން އުޅުނު އެއްޗެއް ހަނދާންވުމުން ރަފިއްޔާ ހުއްޓާލިއެވެ.

“ކީކޭ؟ މިއަދަކީ ކޮން ދުވަހެކޭ؟” ޒޯޔާ ހައިރާންވެފައި އަހާލިއެވެ.

“ރަފިއްތާ. ދޮގު ނުހަދާ ބުނެބަލަ. މިއަދަކީ އެކްސިޑެންޓްގެ ކުރިން އަހަންނަށް މުހިންމު ދުވަހެއްތަ؟” ޒޯޔާ އެހިއެވެ.

“އާނ. އޭގެ ފަހުންވެސް. އަބަދުވެސް. މިއަދަކީ އެކޮއިގެ އުފަންދުވަހެއްނު.” ރަފިއްޔާ ބުނެލިއެވެ.

“ހަނދާނެއްވެސް ނެތް.” ޒޯޔާ ބުނެލިއެވެ.

ރަފިއްޔާއަށް ދުރަށް އެނބުރެވުމާއެކު ފުން ނޭވާއެއް ލެވުނެވެ. އޭނާގެ ދުލުން އެންމެ މުހިންމު ހަޤީޤަތް ނުބުނެވުނީ ކިރިޔާއެވެ. ޒޯޔާގެ ހަނދާންތައް މަޑުމަޑުން އަންނަމުން ގޮސް ބޮޑު ބައެއް ހަނދާންވެފައި ހުރި ނަމަވެސް އަދިވެސް އަޔާންއާ ގުޅޭ އެއްވެސް ކަމެއް އޭނާގެ ހަނދާނަކު ނެތެވެ. ވުމާއެކު އެޔާ ގުޅުން ހުރި ނަމެއްވެސް އޮތީ އެގޭގައި ކިޔުން މަނާކޮށްފައެވެ. އެކަމުން ޒޯޔާގެ ސިކުނޑިއަށް ވިސްނުމަށް މަޖުބޫރު ކުރުވާނެތީއެވެ.

“އޯހ ނޯ. މިހާރު އެއޮއް އަށެއް ޖެހީ. ނުވައެއް ޖަހާއިރު އަހަރެން ކޮންމެހެންވެސް ކެފޭއަށް ދާން ޖެހޭނެ. އަދި މިރޭ އެތަން ބުކް ކުރި މީހުންނަށް އެތައް ތައްޔާރުކޮށްދީފައިވާ ގޮތް ރަނގަޅުތޯވެސް ބަލަން ޖެހޭނެ.” ޒޯޔާ އަމިއްލަ ނަފުސަށް އެހެން ބުނަމުން އަވަސްއަވަހަށް ގޮސް ކޮޓަރީގެ ދޮރު ލެއްޕިއެވެ.

ތައްޔާރުވެގެން ޒޯޔާ ނުކުތްއިރު އާފިޔާ އާއި ނަސީރު ތިބީ ކާމޭޒު ކައިރީގައި ޒޯޔާގެ އިންތިޒާރުގައެވެ. ނަމަވެސް ޒޯޔާ ހުރީ ލަސްވެފައެވެ.

“ޒޯޔާ! ދަރިފުޅުގެ އިންތިޒާރުގައި ބައްޕަމެން މިތިބީ.” ނަސީރު ޒޯޔާ ފެނުމުން ބުނެލިއެވެ.

“އަޅެ ވަރަށް ބޮޑަށް ސޮރީ ބައްޕާ. އަހަރެން ހަނދާން ނެތުނީ ބުނަން. މިރޭ ކެފޭ އެބައޮތް ބަޔަކު ބުކްކޮށްފައި. އެތާނގެ ތައްޔާރީތަކާ އެއްޗެހި ފައިނަލް ޗެކް ކޮށްލަން އެބަޖެހޭ. އަދި އޭގެ ފަހުން ވަރަށް މުހިންމު މީހަކާ ބައްދަލުކޮށްލަން ވެސް އެބައޮތް. މިހާރު އެހާ ވަގުތެއްވެސް ނެތް.” ޒޯޔާ ބުންޏެވެ.

“ވަރަށް މުހިންމު މީހެކޭ!؟ އެއީ އަނެއްކާ ކާކު؟” ނަސީރު އަހާލިއެވެ.

“ހަމަ ވަރަށް ޚާއްސަ މީހެއް. އަދި ފަހުން ބުނާނަން. ދެން ދަނީ އިނގޭ. ވަރަށް ލޯބިވޭ.” ޒޯޔާ އަވަސްއަވަހަށް ބޭރަށް ހިނގައިގަތެވެ.

“އެ އެކްސިޑެންޓްގެ ސަބަބުން ގައިމުވެސް ދެކަމެއް ރަނގަޅަށް ވެއްޖެ. އެއްކަމަކީ އޭނައަށް އޭނަގެ މާޒީއިން މިނިވަންކަން ލިބިއްޖެ. ދެވަނަ ކަމަކީ އޭނަގެ މޫނުމަތިން ކުރީގެ އުފާވެރިކަން ފެންނަން ފަށައިފި. ނޫންތަ؟” އާފިޔާ ނަސީރަށް ބުނެލިއެވެ.

ނަސީރު އެއްޗެއް ނުބުނެއެވެ. ހަމައެކަނި ހިނިތުންވެލީއެވެ. ޒޯޔާ އުފަލުގައި ހުރުމުން ނަސީރަށް ނިމުނީއެވެ. ނަމަވެސް އޭނައަށް އެނގެއެވެ. އެ އުފާވެރިކަން ދެމިއޮންނާނީ ޒޯޔާގެ ހަނދާންތައް އެއްކޮށް އެނބުރި އަންނަންދެނެވެ. އެދުވަހަކުން ޒޯޔާއާއި އެމީހުންގެ ގުޅުން ގޯސްވާނެކަން ނަސީރަށް ޔަޤީންވެއެވެ.

*****

ޒޯޔާސް ކެފޭއާ ދާދި ކައިރީގައި ހުރި ފިނި މައިޒާން ކައިރިއަށް މަޑުކޮށްލި ކާރުން އަޔާން ފޭބިއެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރި އަޔާން ހުރީ ހުދު ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްގައެވެ. ލޮލުގައިވާ އަވި އައިނު ނަގަމުން އޭނާ ވާހަކަދައްކަމުން ދެކޮޅު ހޯދާލިއެވެ.

“ކޮބާ؟ ކޮންތާކު؟ އަހަރެން މިހިރީ އައިސް.” އަޔާން އެހިއެވެ.

“އަހަރެން މިތާ ހުންނަތާ ކޮންއިރެއް.” ފޯނުގެ އެކޮޅުން ބުނެލިއެވެ.

“އެހެންތަ؟” ފޯނު ކަނޑާނުލާ އަޔާން ކުރިއަށް ހިނގައިގަތެވެ. އަދި އެވަގުތު އޭނާ ހޯދަން ބޭނުންވާ މީހާ އޭނާއަށް ފެނިއްޖެއެވެ.

“އަހަންނަށް ހީވަނީ އަހަންނަށް ފެނިއްޖެހެން.” އަޔާން ފޯނު ބާއްވަމުން ހިނގައިގަތީ ފޯނަށް ބަލަމުންނެވެ.

ޒޯޔާ ފޯނު ބާއްވަމުން ހިނގައިގަތެވެ. އޭނާ ބޭނުންވާ މަންޒިލަށް ދެވެން ދެން އޮތީ މަދު ސިކުންތުކޮޅެކެވެ. އެވަގުތު ފޯނަށް އައި މެސެޖަށް ބަލަމުން ދަނިކޮށް ކުޑަކޮށް މީހެއްގެ ގައިގައި ލައިގަތެވެ.

“ސޮރީ.” ރަނގަޅަށް ބަލައިވެސްނުލާ އަވަހަށް ބުނުމަށްފަހު ޒޯޔާ ދިޔައީ ގަޑި ޖެހިދާނެތީއެވެ. އަޔާން ބަލައިލިއެވެ. ނަމަވެސް އޭނާއަކަށް އެ އަންހެންކުއްޖާގެ މޫނެއް ނުފެނުނެވެ. ނަމަވެސް ދެމީހުންނަށްވެސް ތަފާތު ގޮތެއް އިޙުސާސްކުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ.

“އޭތް. ޕޮއް.” ކުއްލިއަކަށް ފަހަތުން އަންހެންކުއްޖަކު ބުނެލިއެވެ. އަޔާން ސިހިފައި ބަލާލިއެވެ.

“ޕިސްޕިސް. ދެން ނެތްތަ ކޮތަޅެއް؟” ދެއަތް ފުރާ ކޮތަޅު ހިފައިގެން ހުރި ނަތާޝާއަށް ބަލާލަމުން އަޔާން ބުންޏެވެ. އަދި ކާރު އޮތް ދިމާއަށް ހިނގައިގަތެވެ.

“ހޫނ. ފެށުނީ ދޯ. ނޭނގެ މިއަދު މި ޓެކްސީ ޑްރައިވަރުންނަށް ވެގެން އުޅޭ ގޮތެއް. ހުރިހާ އެންމެން ފެހި ބޯޑު ދިއްލައިގެން އަތް ހިއްލާ ހިއްލާ މަޑެއް ނުކުރި. ޓެކްސީ ސެންޓަރަކަށް ގުޅައިގެންވެސް ނުލިބުނު ޓެކްސީއެއް. އަދި އެޕަކުންވެސް ޓެކްސީއެއް ލިބުނީކީ ނޫނޭ. އެހެންވެ އަޔާންއަށް ގުޅަން މި ޖެހުނީ. އެނީވޭސް. ތޭންކްސް އައިމަ.” ނަތާޝާ އެއްނޭވައިގައި ހުރިހާ އެއްޗެއް ކިޔާލިއެވެ.

“މޮޔަވީތަ؟ އަހަންނަށް މި ކާރާ އެއްޗެހި ލިބުނީވެސް ތިކަހަލަ ރީތި އަންހެން ކުދިންނަށް ލިފްޓް ދޭންވެގެންނެއްނު. ދެން އެހެން ނޫނަސް އަހަރެމެން ދާންވީ އެއް ތަނަކަށްނު. އެއް މަންޒިލެއްނު.” އަޔާން ވަރަށް ފިލްމީ ގޮތަކަށް ބުންޏެވެ.

“ހޫނހޫނ. ހާދަ ފިލްމީ ވެގެން. ދެން ނިމިއްޖެއްޔާ ހިނގާ ދާން.” ނަތާޝާ އަޔާންގެ ކޮނޑުގައި ބޮނޑިއެއް އަޅަމުން ބުނެލިއެވެ. އަދި ކާރަށް އެރިއެވެ. އަޔާންވެސް ހެމުންހެމުން ކާރަށް އަރައި ކާރު ދުއްވާލިއެވެ.

*****

ޒޯޔާ ގޮސް ކެފޭއަށް ވަންއިރު އެތަން ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްލާފައެވެ. ރަތާއި ހުދުގެ ފުއްޕާހަންތައް ހަރުކޮށްލާފައިވާއިރު ރަތް ފިނިފެންމާތައް ވަނީ ރީތި ގޮތްގޮތަށް ހަރުކުރެވިފައެވެ. އެތަނަށް ބަލައިލުމުންވެސް އެއީ ލޯބިވެރިޔަކަށް ޚާއްސަކޮށްފައިވާ ތަނެއްކަން އެނގެއެވެ. އެވަގުތު އެތާނގައި ކެތްތެރިކަމެއް ނެތި ދެކޮޅު ހޯދަމުން ދިޔަ އަންހެން ކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

“އެއީ ދޯ މިތަން ބުކްކުރި ކުއްޖަކީ؟ އޭނަގެ ލޯބިވެރިޔާއަށް ޕްރޮޕޯސްކުރަންނޭ ދޯ ބުނީ. ކިހާ ލޯބި ދޯ.” ޒޯޔާ ގޮސް ކައުންޓަރުގައި އިން ރާޔާ ގާތު އެހިއެވެ. ރާޔާ ބޯޖަހާލިއެވެ.

“އާނ އަދި އެނގޭތަ ޒޯޔާ މޭމް. އެދެމީހުން އަލަށް މިތަނުންނޯ ބައްދަލުވީ ވެސް. އޭގެ ފަހުން އެމީހުންގެ ލަވް ސްޓޯރީ ކުރިއަށް ދިޔައީޔޯ. އެހެންވެގެން އޭނަގެ ލޯބިވެރިޔާއަށް ޕްރޮޕޯސްކުރަންވެސް ބޭނުމީ މި ކެފޭގަޔޯ. ވަރަށް ރޮމޭންޓިކް ދޯ.” ރާޔާ ބުނެލިއެވެ.

“އެކުއްޖާ ބުނީ މިހާރު އޭނަގެ ލޯބިވެރިޔާ އެބަ އާދެޔޭ. ހުދުކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެންނޯ ހުންނާނީ. އޭނަ އައިސް ދޮރު މައްޗަށް އަރާ ވަގުތު އޭނަގެ ބޮލަށް އެޅޭނެހެން ފިނިފެންމާ ފިޔަތައް އަޅާލަދޭށޯ.” ހިނިތުންވެލާފައި ރާޔާ ބުންޏެވެ. ޒޯޔާ ހިނިތުންވެލިއެވެ. އަދި އެއްފަރާތަކަށް ޖެހިއެވެ.

“އޭތް އެ އަންނަނީ. އަޅެ ހާދަ ހޭންޑްސަމްއޭ ދޯ. ކުރިން އެނގުނުނަމަ އަހަރެން އެތާ ބޭރުގައި އޭނަ ރިސީވްކުރަންވެސް ހުރީމުސް.” ރާޔާ ގާތުގައި ހުރި މާޝާ ބުނެލިއެވެ. އެމީހުންގެ ވާހަކަ އަޑުއިވުނު ޒޯޔާ ހީނލަމުން ބޯހޫރާލިއެވެ.

“މޮޔަނުވެ ރެޑީވޭ. އޭނަ ހަމަ ދޮރުމައްޗަށް އަރާއިރަށް ވާނެ އިނގޭ.” ރާޔާ ބުންޏެވެ.

“ރާޔާ. އަހަރެން މިދަނީ ވަރަށް މުހިންމު ކަމަކު ބޭރަށް. ކަމެއް ދިމާވެއްޖެއްޔާ ގުޅާލާ އިނގޭ.” ގަޑިއަށް ބަލާލަމުން އޭނާ ހިނގައިގަތެވެ.

ކެފޭއިން ނުކުމެ ނުކުމެ ހުއްޓާ އެތެރެއަށް ވަންނަން އައި މީހެއްގެ ގައިގައި ލައިގަނެފައި ޒޯޔާ އަރިއަޅާލިއެވެ. އެމީހާ އަވަސް ހަރަކާތަކާއެކު ޒޯޔާ ވެއްޓުނަނުދީ ހިފެހެއްޓި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އަދި ހަމަ އެވަގުތު މަތީގައިވާ ފުއްޕާހަން ފެޅި ފިނިފެންމާ ފިޔަތައް އެމީހުންގެ ގަޔަށް އެޅުނެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top