އެމެޒޯން އެމް.އެކްސް ޕްލޭޔަރއިން އުފައްދާފައިވާ އާ އޮރިޖިނަލް ސީރީޒް “އަބް ހޯގާ ހިސާބް” ގެ ޓްރެއިލާ ރަސްމީކޮށް ދައްކާލައިފިއެވެ. ޕަންޖާބުގެ ފަންނުވެރި މާހައުލެއްގައި ތައްޔާރުކޮށްފައިވާ މި ސީރީޒަކީ ބަދަލު ހިފުމާއި، އާއިލީ ގުޅުންތަކާއި، ސިއްރުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ވަރުގަދަ ޑްރާމާއެކެވެ.
އެރޭ ސްޓޫޑިއޯއިން އުފައްދާފައިވާ މި ސީރީޒްގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ބޮލީވުޑްގެ ތަރި ސަންޖޭ ކަޕޫރާއި، މަޝްހޫރު ޓީވީ އެކްޓަރުން ކަމަށްވާ ޝަހީރު ޝެއިޚް އަދި މޯނީ ރޯއީ އެވެ. މީގެ އިތުރުން އަވިނާޝް މިޝްރާ، ނިމްރިތު ކޯރު އަހްލުވާލިއާ، ހަރްމަން ސިންގާ އަދި އާޝީމާ ވަރުދާން ފަދަ ތަރިން މި ސީރީޒުން ފެނިގެންދާނެއެވެ. މިއީ އަވިނާޝް މިޝްރާ އޯ.ޓީ.ޓީ ޕްލެޓްފޯމަކަށް ތަޢާރަފްވާ ފުރަތަމަ ފަހަރުވެސް މެއެވެ.
މި ސީރީޒްގެ ވާހަކަ ބިނާވެފައިވަނީ ބޮބީ އަދި ބަންޓީ ކިޔާ ދެބޭންގެ މައްޗަށެވެ. ބޮބީގެ އުންމީދަކީ އޭނާގެ ކޮއްކޮ ބަންޓީ ސަހަރުން ބޭރަށް ފޮނުވައިގެން އޭނާގެ މުސްތަޤްބަލު އުޖާލާކުރުމެވެ. ނަމަވެސް، ނުފޫޒުގަދަ ޝަޚްސިއްޔަތެއް ކަމަށްވާ ގޯލްޑީއާ ގުޅުންހުރި ކަންތައްތަކެއްގެ ސަބަބުން މި އުންމީދުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. އަދި ޕަންޖާބުގައި ހިނގަމުންދާ ކުއްލި ގެއްލުންތަކަކާއި ބަންޓީއާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވި، ބޮބީއަށް އޭނާގެ ކޮއްކޮ ސަލާމަތްކުރުމަށް ބޮޑު ހަނގުރާމައަކާ ކުރިމަތިލާން ޖެހެއެވެ.
މި ސީރީޒާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަންޖޭ ކަޕޫރު ބުނީ، އޭނާ މި ރޯލަށް ޝައުޤުވެރިވީ މި ސީރީޒްގައި ހިމެނޭ ކެރެކްޓަރުންގެ ވަރުގަދަކަމާއި ވާހަކައިގެ ތެރޭގައި ހިމެނޭ އޮޅުންބޮޅުން ބޮޑު ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި ޝަހީރު ޝެއިޚް ބުނިގޮތުގައި، ބޮބީގެ ކެރެކްޓަރަކީ އާއިލާއަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރި، ވަފާތެރި މީހެކެވެ.
އެމެޒޯން އެމް.އެކްސް ޕްލޭޔަރގެ ކޮންޓެންޓް ހެޑް އަމޯގް ދުސާދު ވިދާޅުވީ، މިއީ އިންޑިއާގެ އަސްލުވަންތަކަން ދައްކުވައިދޭ، ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ފަދަ ވަރުގަދަ ވާހަކައެއް ކަމަށެވެ.
ފައިޒަލް އަޚްތަރު، ރާދިކާ އާނަންދު، އައްބާސް ދަލާލް، ހުސައިން ދަލާލް އަދި ސުދީޕް ނިގަމް ލިޔެ، ދިވްޔާންޝޫ މަލޯޓްރާ ޑައިރެކްޓްކޮށްފައިވާ “އަބް ހޯގާ ހިސާބް” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.
