ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މާރވޭމްޕްސް – ބާބު 01

🧜‍♀️ސިނަޕްސިސް🧜‍♀️

އަޒްމާރާ އަކީ އިންސާނުންގެ ދުނިޔޭގައި ދިރިއުޅެމުންދާ ކަނޑުރެއްސިއެކެވެ. ނަމަވެސް، އަޒްމާރާގެ ޝާހީ އާއިލާގެ ކިބައިން ބަދަލުހިފުމުގެ ގޮތުން، ލޭއިންސިން (ވޭމްޕަޔަރުން)ގެ ޝާހީ އާއިލާއަކުން އޭނާ ރަހީނުކުރެއެވެ. ރަހީނެއްގެ ގޮތުގައި އަޒްމާރާ ހުންނަން ޖެހުނުއިރު، މީގެ ކުރިން ފޮރުވިފައިވާ އެތައް ސިއްރުތަކެއް ފަޅާއަރަން ފަށައެވެ. ކަނޑުރެއްސިންނާ ބެހޭގޮތުން އަޒްމާރާއަށް ކުރިން އެނގިފައިވާ މައުލޫމާތުތަކަކީ ހަގީގަތާ މުޅިން ތަފާތު ކަންތައްތަކެއްކަން އޭނާއަށް އެނގިގެންދެއެވެ.

ހަމައެއާއެކު، ލޭއިންސިންގެ ޝާހީ އާއިލާގެ ފިރިހެން ދަރިންނަކީވެސް އަޒްމާރާ ހީކޮށްގެން ހުރި ފަދަ ބައެއް ނޫންކަން އޭނާއަށް އިހުސާސް ކުރެވެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން މުގުރާލެވޭނީ ކޮން ގާނޫނުތަކެއް ބާވައެވެ؟ އަދި އޭގެ ނަތީޖާއަކީ ކޮބައިބާވައެވެ؟ ހަގީގީ ލޯބިވުމަކީ ކަނޑުރެއްސިންގެ ގާނޫނާ ހިލާފު ކަމަކަށް ވެދާނެ ހެއްޔެވެ؟

🧜‍♀️ބާބު 01🧜‍♀️

ކަނޑުރެއްސިއެއް ނުވަތަ މާރމެއިޑެއްގެ ދިރިއުޅުމަކީ ތަކްލީފުތަކުން ފުރިގެންވާ އުނދަގޫ ކަމެކެވެ. ނަމަވެސް، އިންސާނުންގެ ދިރިއުޅުމުގެ ހާލަތާ އަޅާކިޔާއިރު، ކަނޑުރެއްސިއެއްގެ ގޮތުގައި އުޅުން މާ ފަސޭހަ ކަމެއްގެ ގޮތުގައި ސިފަވެއެވެ. އެހެނީ، އިންސާނުންނަކީ ނަފުރަތާއި، އަނިޔާވެރިކަމުގެ އިތުރުން އަމިއްލަ އެދުން ބޮޑުވުމުގެ ނުބައި ސިފަތައް އަށަގެންފައިވާ ބައެކެވެ.

އަހަރެންނަކީ ކަނޑުރެއްސިއެއްގެ ގޮތުގައި އުޅެން އަބަދުވެސް ވަރަށް ޝައުގުވެރިވާ މީހެއް ނުވަތަ މަޚްލޫޤެކެވެ. އެހެން ނަމަވެސް، ކަނޑުގެ މަޚްލޫގުންގެ ރަސްގެފާނު ކަމުގައިވާ އަހަރެންގެ ބައްޕަ، އަހަރެންގެ އުޚުތުންނާއެކު އެއްގަމަށް ގޮސް އިންސާނުންގެ ގޮތުގައި ކުޑަދުވަސްކޮޅަކު އުޅުމަށް އެންގެވުމުން، އަހަރެން އެކަމާ މާބޮޑަށް ގަޔާނުވީ އެހެންވެއެވެ. ނަމަވެސް، މިތަނުގައި އުޅެން އިންތިހާއަށް ބޭނުންވެފައި ހުރި އަހަރެންގެ ދޮށީ ދައްތަ ޒައިރާގެ ހާލަތު މިއާ މުޅިން ތަފާތެވެ.

ޒައިރާ އަކީ އިސްކޮޅުން ދިގު، ހަށިގަނޑުގެ ބައްޓަން ރީތި އަންހެނެކެވެ. އޭނާގެ އުނަގަނޑާ ހަމައަށް ފޯރާފައިވާ ކަޅުކަންގަދަ، ބުޅި އިސްތަށިގަނޑެއް އޮވެއެވެ. އޭނާގެ ދެލޯ ހުރީ ގަދަ ނޫކުލައެއްގައެވެ. ކަޅުކުލައިގެ އަނދުނާއި އަޅިކުލައިގެ އައިޝެޑޯއިން ލޮލުގެ ވަށައިގެން ފަވާލާފައިވާއިރު، އެ ވަށް ދެލޯ ފެންނަލެއް ވަރަށް ފުރިހަމައެވެ. އޭނާގެ ފިޔާތޮށިކަން ގަދަ ތުންފަތުގައި ޖައްސާފައިވާ އޮފުކަންގަދަ ޕްލަމް ކުލައިގެ ލިޕްގްލޮސްގެ ސަބަބުން، އޭނާގެ ރީތިކަން އިތުރަށް ފާޅުވެއެވެ. އޭނާ ލައިގެން ހުރި ބަބުޅާ، އަޅިކުލައިގެ ޓޮޕާއި ކަޅުކުލައިގެ ޖީންސުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބައްޓަން ވަރަށް ބޮޑަށް ހާމަވެއެވެ. މީގެ އިތުރުން، އޭނާ އެންމެ ގަޔާވާ ލެދަރް ޖެކެޓްވެސް ހުރީ ލައިގެންނެވެ. އޭނާގެ ހަމުގެ ކުލަ ގަދަވުމަކީ އޭނާގެ ހިތްގައިމުކަން އިތުރުކޮށްދޭ ކަމެކެވެ. އަހަރެންގެ އުމުރަކީ އަށާރަ އަހަރު ކަމަށްވާއިރު، އޭނާއަކީ އަހަރެންނަށްވުރެ ތިން އަހަރު ދޮށި މީހެކެވެ.

އަހަރެންނަކީ އަހަރެންގެ އުމުރާ އަޅާބަލާއިރު ވަރަށް ކުޑަކުޑަ މީހެކެވެ. އިސްކޮޅުގައި ހުރީ ކިރިޔާ ފަސް ފޫޓެވެ. އަހަރެންގެ ދައްތަގެ އިސްކޮޅުގައި ފަސް ފޫޓް ފަސް އިންޗި ހުންނައިރު، އޭނާ އަބަދުވެސް ހުންނަނީ އުސް ފައިވާނަށް އަރައިގެންނެވެ. އަހަރެންގެ އުމުރުގެ ގިނަ ފިރިހެން ކުދިންގެ އިސްކޮޅުގައި މަދުވެގެން ހަ ފޫޓް ހުންނައިރު، އަންހެން ކުދިންވެސް ތިބެނީ އަހަންނަށްވުރެ އެތައް އިންޗިއެއް އިސްކޮޅުން ދިގުކޮށެވެ.

އަހަރެންގެ ހުންނަނީ އާދަޔާ ހިލާފު މުށިކުލައިގެ އިސްތަށިގަނޑެކެވެ. ކުޑަކޮށް ބުޅި އެ އިސްތަށިގަނޑު އުނަގަނޑާ ހަމައަށް ދިގުވެފައިވެއެވެ. އަހަރެންގެ ދެލޮލުގެ ކުލައަކީ ފިނި ނޫކުލައެކެވެ. އަލި ހުންނަ ގޮތަކުން، ބައެއް ފަހަރު އެ ދެލޮލުން ދަނބުކުލައިގެ ކުލަވަރެއް ނުވަތަ ނޫ-ފެހި ކުލައެއްވެސް ފެނިދާނެއެވެ. އަހަރެންގެ ގަދަ މުށިކުލައިގެ ހަމުގެ ކުލައާ ގުޅިގެން، އެ ދެލޯ ފާހަގަވެގެންދަނީ އަހަރެންގެ ސިފަޔަށް ލިބިފައިވާ އެންމެ ފުރިހަމަ ރީތިކަމުގެ ގޮތުގައެވެ.

އަހަރެންގެ ހަށިގަނޑަކީ ދައްތައެކޭ އެއްފަދައިން ހިިިމަތޮޅި އަދި ބައްޓަން ރީތި ހަށިގަނޑެކެވެ. ނަމަވެސް، އަހަރެން އޭނާއާ އެއްވަރެއް ނުވެއެވެ. އަހަރެމެން ދެމީހުންގެ އުޅުމުގައި އެއްގޮތްކަމެއް ހުރެއެވެ؛ ހާއްސަކޮށް ރަށުގައި އުޅޭއިރުއެވެ. އިންސާނީ ފިރިހެނުންނަށް އަހަރެންގެ ޝައުގުވެރިކަމެއް ނުހުރެއެވެ.

އެވަގުތު އަހަރެން ލައިގެން ހުރީ ގަދަ ނޫކުލައިގެ ޖީންސަކާއި، ތަނބިކަށްޓަށްވުރެ ކުޑަކޮށް މައްޗަށް އަރާ އަޅިކުލައިގެ ބޫޓެކެވެ. މީގެ އިތުރުން، އަތްދިގު، ހަށިގަނޑަށް ބާރު އަދި ކަރުވަޅު ބޮޑު ކްރީމް ކުލައިގެ ސުވެޓަރެއް ލައިގެން ހުރިއިރު، އޭގެ އެތެރެއިން ހުދުކުލައިގެ ޓޭންކް ޓޮޕެއް ލައިގެން ހުރީމެވެ.

“ކަލެއަކީ މާ ލަދުވެތި ކުއްޖެއް. ފިރިހެން ކުދިންގެ ސަމާލުކަން ކަލެއަށް ހުއްޓުނު ނަމަވެސް، ކަލެއަށް އެކަން ފާހަގަ ނުވާތީ އެމީހުންނަށް އެއްވެސް ފުރުޞަތެއް ނުދެވި އޮންނަނީ،” ސޯފާގައި އިށީނދެގެން އިނދެ އަހަންނާ ދިމާލަށް ފޫހި ގޮތަކަށް ލޯ އަޅާލަމުން، ޒައިރާ އޭނާގެ މަޑުމައިތިރި އޮމާން އަޑުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ކަލޭ ކަހަލަ ގޯސް މީހަކަށް އޭނާ ހަދަން ނޫޅޭ،” މިހެން ބުނަމުން އަހަރެންގެ އަނެއް ދޮށީ ދައްތަ ތާރާ ސިޓިންގ ރޫމަށް ވަދެގެން އައެވެ. ތާރާއަކީ އަހަރެމެން ހަތް އަންހެން ކުދިންގެ ތެރެއިން އެންމެ ދޮށީ މީހާއެވެ. އަދި އަހަރެންނަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ.

އޭނާގެ އުނަގަނޑާ ހަމައަށް ފޯރާ، ރޫޅިފައިވާ ރަތްކުލައިގެ ދިގު އިސްތަށިގަނޑެއް އޮވެއެވެ. އަދި އޭނާގެ ލޮލުގެ ކުލައަކީ ގަދަ ފެހިކުލައެކެވެ. އޭނާގެ ސިފަ ޒައިރާ އާ ވަރަށް ވައްތަރެވެ. ނަމަވެސް އޭނާގެ ހަންގަނޑުގެ ކުލަ އަހަރެންނަށްވުރެ ދޮނެވެ. އޭނާގެ އުމުރުން ސައުވީސް އަހަރު ފުރިފައިވާއިރު، އޭނާއަކީ ވަރަށް ހަރުދަނާ، ތަހުޒީބީ މިޒާޖެއްގެ މީހެކެވެ. ޒައިރާއަކީ ނުހަނު ހިތްގައިމު، ރީތި ކުއްޖެކެވެ. އަދި އަހަރެންނަކީ ލަދުވެތި، އެހެނަސް އެހާމެ ހިތްގައިމު ސިފައެއް ލިބިފައިވާ ކުއްޖެކެވެ.

🧜‍♀️🧜‍♀️🧜‍♀️🧜‍♀️

އަހަރެމެންގެ މައިންބަފައިންނަކީ ކަނޑުގެ މަޚުލޫޤުން އުފެދުނީއްސުރެ، ނުހަނު ގިނަ ދުވަސްތަކެއް ވަންދެން އެ ދުނިޔޭގެ ރަސްކަމާއި ރަނިކަމުގެ ތަޚުތުގައި ތިބެމުން އަންނަ ބޭފުޅުންނެވެ. އަދި އަހަރެމެން ހުރިހާ އަންހެން ދަރިންނަކީވެސް އެ ދިގު މާޒީގެ ބޮޑު ބައެއްގައި އެމީހުންނާއެކު އުޅެމުން އަންނަ މީހުންނެވެ.

“އޭނާއަކީ އަދި ޒުވާން ކުއްޖެއް… މި ޒަމާނުގަ އޭގެ މާނައަކީ އޭނާވެސް ހިތްހަމަޖައްސާލާ މަޖާކުރަން ޖެހޭނެއޭ،” ޒައިރާ ޝަކުވާގެ ރާގަކަށް ބުންޏެވެ.

“އަހަރެން އުޅެނީ އުފަލުގައޭ،” މަޑުމަޑުން އަހަރެން ބުނެލީމެވެ.

“އަހަރެން މި ބުނާ އެއްޗަކީވެސް ތިޔައީ،” ކޮޅަށް ތެދުވަމުން ޒައިރާ ބުންޏެވެ. “އަހަރެން މިދަނީ ކަލޭ ގޮވައިގެން ބޭރަށް ހިތްހަމަޖައްސާލަން ނިކުންނަން.”

“ކޮންތާކަށް؟” ޒައިރާ އާއި މަށާ ދެމެދަށް ވަންނަމުން ތާރާ ސުވާލުކުރިއެވެ. އަދި އިންޒާރުގެ ރާގަކަށް ބުންޏެވެ. “އޭނާގެ އުމުރަކީ އަދި އެންމެ އަށާރަ އަހަރު. ވަރަށް ބަލައިގެން އުޅެންވާނެ!”

“އެކަމަކުވެސް އޭނާއަށް ބޭރަށް ގޮސް މަޖާކޮށްލެވޭނެ،” ތާރާގެ ކައިރިން ތެދުވެގެން އައިސް ސޯފާގައި އިން އަހަރެން ކޮޅަށް ނަގަމުން ޒައިރާ ބުންޏެވެ. “ދުނިޔޭގެ ހަގީގަތްތަކުން އޭނާ ފޮރުވައިގެން ތިހެން ނުގެންގުޅެވޭނެ.”

“ގެއަށް، އަހަރުމެންގެ ކަނޑުގެ ދުނިޔެއަށް ފޮނުވާލައިގެން އަހަންނަށް އޭނާ ރައްކާތެރިކުރެވޭނެ،” ހިތްހަމަނުޖެހިފައި ހުރެ ތާރާ ބުންޏެވެ.

އަހަރެން ތާރާއަށް ހިނިތުންވުމެއް ދެމުން ބުނީމެވެ. “ތިޔައީ ވަރަށް ރަނގަޅު ޚިޔާލެއް.”

“ކީއްވެ ތިހެން ތި ބުނަނީ؟” ހައިރާންވެފައި ހުރެ ޒައިރާ ބުންޏެވެ. “އެ ރަށަކު ކުރާނެ ކަމެއްވެސް، އަދި އެކީގަ މަޖާކޮށްލަން އުޅޭނެ ބައެއްވެސް ނުތިބޭނެ. އަހަރެމެން އެނބުރި ދާން ނުޖައްސާ.”

ދެއަތް މޭމަތީގައި ބަނދެލަމުން ތާރާ ބުންޏެވެ. “އެ ރަށުގައިވެސް ރަނގަޅު ފިރިހެނުން އެބައުޅޭކަން ކަލެއަށްވެސް އެނގޭނެ.”

“އާނ، ކުރިއާލާ މީހަކާ އިންނަން ހަމަޖެހިފައި އޮންނަނަމަ ތިޔަކަން ވާނެ،” ފޫހިވެފައި ހުރެ ޒައިރާ ބުންޏެވެ.

“އަދާންގެ ވާހަކަ މިކަމުގެ ތެރެއަށް ނުވައްދާތި،” ތާރާ ވަރަށް ބޮޑަށް ރުޅިއައެވެ.

އަދާންއަކީ ތާރާ އިންނަން ހަމަޖެހިފައިވާ މީހާއެވެ. އެއީ ތާރާއަކީ ކަނޑުގެ ރަނިކަމުގައި ދެން ހުންނާނެ ރަނިކަމަނާ ކަމަށްވާތީއެވެ. ކަނޑުގެ އަޑީގެ އެ ދުނިޔެއަކީ އަންހެނުންގެ ބާރު ހިނގާ ތަނެކެވެ. އެހެންކަމުން ތަޚުތަށް އިސްކުރެވެނީ އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ބަދަލުގައި އެންމެ ދޮށީ އަންހެން ދަރިފުޅެވެ.

“ދެން ތިޔަ ޒުވާބު ހުއްޓާލާ،” އެ ދެމީހުންގެ ދެމެދަށް ވަންނަމުން އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. “ތާރާ، ހަމައެކަނި މިރޭ އެކަނި ޒައިރާ އެކު ބޭރަށް ދާން އަހަންނަށް ހުއްދަ ދީފާނަންތަ؟”

“އެންމެ ރަނގަޅު،” ފޫހި ގޮތަކަށް ތާރާ އެއްބަސްވިއެވެ.

އަހަރެން ވަރަށް ސީރިއަސްވެފައި ޒައިޒާއަށް ބަލާލަމުން ބުނީމެވެ. “ޒައިޒާ، އެހާ ދަންނުވަނީސް އަހަރެން ގެއަށް ގެނެސްދޭނެކަމަށް ވަޢުދުވޭ.”

“އެންމެ ރަނގަޅޭ،” އޭނާވެސް ފޫހިވެފައި ބުންޏެވެ.

“އޯކޭ، ހިނގާ ދާން،” އަހަރެން މަޑުމަޑުން ބުނެލުމަށްފަހު ޒައިރާގެ ފަހަތުން ދިޔައީމެވެ. އޭނާ ދޮރު ކައިރިއަށް ގޮސް އޭނާގެ ލެދަރ ޖެކެޓް ބާލާލުމުން، އެތެރެއިން ލައިގެން ހުރި ކަޅު ކުލައިގެ ފަށުވި ބެނީ ފެންނަން ހުއްޓެވެ.

ދޮރުމަތީގައި މަޑުކޮށްލުމަށްފަހު އަހަރެން ތާރާއަށް ބަލައިލީމެވެ. “އަހަރެމެންނަށް ދެން ރަށަށް ދެވޭނީ ކޮން އިރަކުން؟ މިހާރު ތިން މަސް ވެއްޖެ،” އަހަރެން ވަރަށް ސީރިއަސްކަމާއެކު އަހާލީމެވެ. އަހަރެން ހުރީ ރަށް މަތިން، ކަނޑުއަޑީގެ ދުނިޔެ މަތިން ވަރަށް ބޮޑަށް ހަނދާންވެފައެވެ. އަމިއްލަ މީހުންގެ ތެރޭގައި އުޅުމަށާއި ބައްޕަގެ އަރިހުގައި ހުރުމަށް އަހަރެންގެ ހިތް އެދި ގޮވަނީއެވެ.

“އަޒްމާރާ، ތިޔަކަށް ސީދާ ޖަވާބެއް ދޭކަށް ނޭނގެ. ބައްޕަ ބޭނުންފުޅުވީ މި ދިހަ މަސް ތެރޭގައި އިންސާނުންގެ އުޅުމާއި ގުޅުންތައް ހުންނަ ގޮތް އަހަރެމެން ދަސްކުރުމަށް. އެކަމަކު އަހަރެން ގަބޫލުކުރަނީ ދެން މާ ގިނަ ދުވަހު މަޑުކުރާކަށް ނުޖެހޭނެ ކަމަށް،” އަހަރެންގެ ކޮނޑުގައި އަތް ބާއްވާލަމުން ހިނިތުންވުމަކާއެކު ތާރާ ބުންޏެވެ.

“ތިއީ އުވާފެރި ޚަބަރެއް،” އަހަރެންވެސް އޭނާއަށް ހިނިތުންވުމެއް ރައްދުކުރީމެވެ.

“އަޒްމާރާ! އަވަހަށް އާދޭ!” ކާރުގެ ތެރޭގައި އިން ޒައިރާ ހަޅޭއްލަވައިގަތެވެ.

“އޭނާގެ ކަންތައް ހުންނަ ގޮތް ދެކިބަލަ،” އަހަރެން ފޫހިވެފައި ބުނީމެވެ. “ދެން ދަނީ.”

“އެންމެ ރަނގަޅު،” ބޭރަށް ބަލަހައްޓައިގެން ހުރެ ހިތްހަމަނުޖެހިފައި ތާރާ ބުންޏެވެ. އަދި އެނބުރި ގޭތެރެއަށް ހިނގައިގަތެވެ.

އަހަރެން ގޮސް ޒައިރާގެ ނޫކުލައިގެ ކާރަށް އެރީމެވެ.

“އަދާންގެ މައްސަލައިގައި ތާރާއާ ދިމާކުރުމުގެ ބޭނުމެއް ނެތް. އޭނާގެ އަތުގައި އެއްވެސް އިޚުތިޔާރެއް ނެތްކަން ދައްތައަށްވެސް އެނގޭނެ،” އަހަރެން ފުން ނޭވާއެއް ދޫކޮށްލަމުން ބުނީމެވެ.

“އޭނާ ކައިރީ ބުނޭ ކަންކަމާ މާ ބޮޑަށް ނުވިސްނާ ހަމަޖެހިލައިގެން އުޅުމަށް… އަދި އަހަރެންގެ ކަންކަމާ ނުބެހުމަށް،” ޒައިރާ ރުޅިވެރިކަމާއެކު ބުންޏެވެ. އޭނާގެ އަޑު ހުރި ގޮތުން އަހަރެން ކުޑަކޮށް ސިހޭގޮތްވިއެވެ. “އޭނާގެ އެ އުޅުމުގެ ސަބަބުން އަހަރެން މިހާރު މިހުރީ ވަރަށް ބޮޑަށް ފޫހިވެފަ!” އޭނާގެ ރުޅިގަނޑު ކާރުގެ ހުންގާނަށް ބޭރުކޮށްލިއެވެ.

އަހަރެން އަނެއްކާވެސް ސިހިފައި އޭނާއަށް ބަލައިލީމެވެ.

“އޯހް، ސޮރީ އަޒްމާރާ،” އޭނާ ދެރަވެފައި ބުންޏެވެ. “ކޮއްކޮ ބިރުގަންނަވާލުމަކީ އަހަރެންގެ މަގްސަދެއް ނޫން، މައި ޗުވީޓީ ސިސް.”

އަހަރެންގެ ހުރިހާ ދައްތަމެންނަކީވެސް އަހަރެންގެ ކަންކަމުގައި ވަރަށް ބޮޑަށް ފާރަވެރިވާ ބައެކެވެ. އަހަރެން އަބަދު ލަދުގަނެ، ބިރުން އުޅެނީ އެ ސަބަބަށްޓަކައި ކަމަށް އަހަރެން ގަބޫލުކުރަމެވެ. މުޅި އުމުރުގައިވެސް އަހަރެން އުޅެން ޖެހުނީ އެހެން މީހުންގެ ހިމާޔަތުގެ ދަށުގައި، މިނިވަންކަމެއް ނެތިއެވެ.

“އެންމެ ރަނގަޅު،” އަހަރެން ބުނީމެވެ.

“ދެން މިރޭ މާ ބޮޑަށް މަޑުމަޑުން ނުހުންނާތި،” ޒައިރާ ބުންޏެވެ.

“އައޭމް ސޯ ސޮރީ،” އަހަރެން ޖަވާބު ދިނީމެވެ. “އަސްލު އަހަރެމެން މިދަނީ ކޮންތާކަށް؟”

“ކުޑަ ޕާޓީއަކަށް…”

“އެހެންވީ އިރު އަހަރެން ނުގެނައި ނަމަ މާ ރަނގަޅުވީސް ކަންނޭނގެ،” ކާރުގެ ބިއްލޫރިގަނޑުން ބޭރަށް، އަނދިރި ރެއަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނީމެވެ. “އަހަރެންގެ ސަބަބުން ތިޔަ ނަގަން އުޅޭ މަޖާގަނޑަށް ހުރަސް އެޅޭނީ.”

“ނޫނޭ، އެހެނެއް ނުވާނެ. ކޮއްކޮ އަހަރެންނާއެކު މަޖާކޮށްލަން މަސައްކަތް ކޮށްފިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ،” ޒައިރާ ލޯތްބާއެކު އަހަރެންގެ އަތުގައި ކޮށްޓާލަމުން ބުންޏެވެ.

“އަހަރެންނަކަށް މަޖަލެއް ނުކުރެވޭނެ،” އަހަރެން ބުނީމެވެ. “އަހަރެން ހުންނާނީ ކޮންމެވެސް ކަނެއްގައި މޫނު ހަދައިގެން. އަހަރެން ބޭނުމީ އަހުރެމެންގެ އަސްލު ގެއަށް ދާން.”

“ކަނޑުގެ ދުނިޔޭގައި އުޅޭއިރު ކޮއްކޮއަކީ އެންމެންގެ ސަމާލުކަން ލިބޭ، އެންމެ އުޖާލާ މީހާ. ކޮއްކޮ ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް، އަހަރެމެންގެ ތެރެއިން އެންމެ ރީތީ ކޮއްކޮ،” ޒައިރާ ބުންޏެވެ. “އެކަމަށް އާރިއާ ވެސް އެއްބަސްވާނެ.”

އާރިއާގެ އުމުރަކީ އެންމެ ވިހި އަހަރެވެ. އޭނާއަކީ އާއިލާގައި ދެވަނައަށް އެންމެ ހަގު ކުއްޖާއެވެ. އޭނާއަކީ ހަރަކާތްތެރިވުމުގައި ނުހަނު ހިތްގައިމު ސިފަތަކެއް ލިބިފައިވާ، ނަމަވެސް ބޮޑާކަމެއް ހުންނަ އަންހެން ކުއްޖެކެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކަމުން އޭނާގެ ކިބައިގައި ފަހުރުވެރިކަން ހުންނައިރު، ފިރިހެން ކުދިންގެ ފަރާތުން ލިބޭ ސަމާލުކަމުގެ ސަބަބުން އެކަން އިތުރަށް ވަރުގަދަވެއެވެ. އޭނާގެ އިސްކޮޅު ޒައިރާއަށް ވުރެ މަދު އިންޗިތަކެއް ކުރެވެ. ބުރަކަށީގެ މެދާ ހަމައަށް އޮންނަ އޭނާގެ ރާޅުބާނި އިސްތަށިގަނޑު އޮންނަނީ މަޑު ރަންކުލައެއްގައެވެ. އޭނާގެ ދެލޯ އަޅިކުލައިން ބަބުޅާއިރު، ތުންފަތް ހުންނަނީ މަޑު ފިޔާތޮށި ކުލައެއްގައެވެ. އޭނާގެ ހަންގަނޑު ހުންނަނީ އިރުގެ އަވިން ކުލަޖެހިފައިވާ، ރީތި މުށިކުލައެއްގައެވެ. އޭނާގެ ރީތިކަމުގެ ސަބަބުން ފިރިހެން ކުދިންގެ މެދުގައި އޭނާއަކީ ނުހަނު މަގުބޫލު ކުއްޖެކެވެ.

“ގޭގައި ހުންނައިރު އަހަރެން މާ ބޮޑަށް ހިތްހަމަޖެހޭ،” ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ.

“މި އިންސާނީ ދުނިޔޭގަ އުޅޭއިރު ހިތްހަމަނުޖެހެނީ ކީއްވެ؟” ޒައިރާ ސުވާލުކުރިއެވެ.

“އިންސާނުންނަކީ މީހުންނާ މެދު މާ އަވަހަށް ގޮތް ނިންމާ ބައެއް،” ނޭފަތް ދަމާލަމުން އަދި ބޯ ހޫރުވާލަމުން އަހަރެން ބުނީމެވެ. “އަދި އެމީހުންނަކީ އެހާ ހިތްގައިމު ބައެއްވެސް ނޫން.”

ޒައިރާ ވަރަށް ހިތްގައިމު ގޮތަކަށް ހީނލިއެވެ. “އެހެން ވިޔަސް ހެޔޮ.”

🧜‍♀️🧜‍♀️🧜‍♀️🧜‍♀️

އަހަރުމެން ގޮސް މަޑުކޮށްލީ ވަރަށް ބާރަށް މިއުޒިކް ޖަހާފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. އެ ބޮޑު ގޭގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން މަސްތުގެ ހާލުގައި ތިބެ ބޭރަށް ނުކުންނަމުން ދިޔައެވެ.

“އަހަރެން މިތަނަށް ނައި ނަމަ ކިހާ ރަނގަޅުވީސް،” ގޮތް ހުސްވެފައިވާ ފަދަ ގޮތަކަށް އަހަރެން ޒައިރާއާ ދިމާލަށް ބަލާލަމުން ބުނީމެވެ.

“ބިރުނުގަނެ އަހަރެންގެ ކައިރީގައި ހުރޭ… އޭރުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް،” ކާރުން ފައިބަމުން، ކާރުގެ ދޮރު ލައްޕަމުން އޭނާ ބުންޏެވެ.

އަހަރެން ކާރުގެ ސީޓުން ގުޑާވެސް ނުލައި، ބޭރުގައި އޮތް ޕާޓީއަށް ކާރުގެ ބިއްލޫރިގަނޑުން ބަލަހައްޓައިގެން އިނީމެވެ.

“ތިހާ ބިރުގަތުން ހުއްޓާލާބަލަ،” އަހަރެން އިން ދޮރު ހުޅުވަމުން، ފޫހިވެފައިވާ ރޫހެއްގައި ޒައިރާ ބުންޏެވެ.

“އަހަރެން ބޮނީއެއް ނޫން… ނަށަނީއެއް ނޫން… މީހުންނާ ވާހަކަދައްކަނީވެސް ވަރަށް މަދުން. ދެން އަހަރެން މިތާ ކީއްކުރަނީ؟” އޭނާ އަހަރެންގެ އަތުގައި ހިފާ ކާރުން ބޭރަށް ނެރެ، ދޮރު ލެއްޕުމުން އަހަރެން ޝަކުވާ ކުރީމެވެ.

“ގޭގައި ހުންނަ އިރު އުޅޭ ގޮތަށް އުޅެބަލަ، އޭރުން ހަގީގަތުގައިވެސް މަޖާވާނެ،” އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

“ތިބުނީ ހަމަ ކަލޭ އުޅޭ ގޮތަށް އުޅޭށޭތަ؟” އަހަރެން އޭނާއަށް ސުވާލުގެ ނަޒަރަކުން ބަލާލީމެވެ. އެއީ ތެދެކެވެ. އަހަރެން ރަށުގައި އުޅޭއިރު، އަހަރެންގެ އެހެން އުޚުތުންނާ ވަރަށް އެއްގޮތެވެ. އަހަރެންނަކީ މީހުންނާ ގުޅޭ، މަޖާ އަދި އުފާވެރި ކުއްޖެކެވެ. ރަށުގެ ގިނަ ފިރިހެނުންގެ ޝައުގުވެރިކަން އަހަރެންނަށް އޮވެއެވެ.

“އާނ،” އޭނާ ހިނިތުންވެލަމުން ބުންޏެވެ.

“ކީއްވެ؟” އަހަރެން ހީލާފައި އެހީމެވެ.

“މަންމައާއި ބައްޕަ އަހަރެންމެން އަނބުރާ ރަށަށް ގެންދާނީ ކޮން އިރަކުން ކަމެއް ނޭނގެ،” ޒައިރާ ބުންޏެވެ. “އެހެންވީމާ މިތަނުގައި ހޭދަކުރާ ވަގުތުގެ ބޭނުން ހިފަންވާނެ.”

“ދެން އެންމެ ރަނގަޅު،” އެންމެ ފަހުން އަހަރެން އެއްބަސްވީމެވެ. އަދި އޭނާގެ ފަހަތުން ގެއަށް ވަންނަން ހިނގައިގަތީމެވެ. ނަމަވެސް ގެއާ ހަމައަށް ނުފޯރަނީސް، މީހަކު ކަހާލައިގެން ކަހަލަ ގޮތަކަށް ޒައިރާގެ ކައިރިއަށް އަތުވެއްޖެއެވެ. އެއީ ހަށިގަނޑު ބޮޑު، ވަރުގަދަ މީހެކެވެ. އޭނާގެ ބޯ، ބުޅި އިސްތަށިގަނޑާއި ނޫކުލައިގެ ދެލޮލުން އޭނާގެ ރީތިކަން ފާހަގަވެއެވެ. އޭނާ ޒައިރާގެ ކޮނޑުގައި އަތް އަޅުވާލަމުން އަހަރެންނަށް ބަލާލިއެވެ.

“ހޭއި ޒެޑް. މިއީ ކޮން ސަޅީ ބިޓެއް؟” އޭނާ އެހިއެވެ.

“ޖާސިމް، މިއީ އަހަރެންގެ ކޮއްކޮ، އަޒްމާރާ،” ޒައިރާ ހިނިތުންވުމާއެކު ތައާރަފުކޮށްދިނެވެ.

“މަށަކަށް ހިއެއްނުވޭ މިއީ އެހާ ކުޑަ ކުއްޖެއްހެނެއް،” އަހަރެންގެ އިސްކޮޅާއި ހަށިގަނޑަށް ބަލާލަމުން އޭނާ ބުންޏެވެ.

ޒައިރާ ހައިރާންވެފައި އޭނާއަށް ބަލާލިއެވެ.

“އާނ، އިސްކޮޅުން ކުރުވެދާނެ، އެކަމަކު އެހެން ގޮތްގޮތުން…”

ޒައިރާ ސަމާސާ ގޮތަކަށް އޭނާގެ ގައިގައި ޖަހާލާފައި ހީލިއެވެ. “ތިކުރަނީ އޭނާ ލަދުގަންނަވާލާ ކަހަލަ ކަމެއް.”

އަހަރެން ލަދުން އިސްދަށަށް ޖެހީމެވެ. މޫނުމަތިން ރަތްކަން ފާޅުވާން ފެށިއެވެ.

“މާފުކުރޭ، ބޭބް،” އޭނާ ބުންޏެވެ.

“އެންމެ ރަނގަޅު،” އަހަރެން މަޑުމަޑުން ބުނީމެވެ.

“ހިނގާ ޕާޓީ ކުރަން ދަމާ،” އޭނާގެ އަތުގައި އޮތް ރަތް ކުލައިގެ ޕްލާސްޓިކް ތަށި އުފުލާލަމުން، ޒައިރާ ގޮވައިގެން ގެއާ ދިމާލަށް ހިނގައިގަތެވެ.

އަހަރެން އެމީހުންގެ ފަހަތުން ވަންނަން މަސައްކަތް ކުރީމެވެ. ނަމަވެސް ގެއަށް ވަދެވުމާއެކު، ޖާސިމް، ޒައިރާ ގޮވައިގެން އެހެން ދިމާލަކަށް ދިޔައެވެ. އަދި އެތަނުގައި ތިބި މީހުންގަނޑުގެ ތެރެއިން އަހަރެން އަނެއް ފަރާތަށް ކޮއްޕާލެވުނެވެ.

އަހަރެން ހާސްވާން ފެށިއެވެ. އަތުގައި ފޯނެއް ނެތެވެ. ޒައިރާ ހޯދާނެ އެއްވެސް ގޮތެއް ނެތެވެ.

ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ބިރުން އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ.

“އަހަރެންގެ ގައިގައި އަތްނުލާ،” އަހަރެން ހަރުކަށިކަމާއެކު ބުނީމެވެ. އެހެން ބުނެވުމާއެކު އަހަރެން ދެރަވިއެވެ. އެއީ ރީތި ޒުވާނެކެވެ. އަހަރެންގެ ވާހަކައިން އޭނާ ހުރީ ދެރަވެފައެވެ. އޭނާގެ ހުންނަނީ މަޑު މުށިކުލައިގެ ބުޅި އިސްތަށިގަނޑަކާއި ފެހިކުލައިގެ ރީތި ދެލޮލެވެ. އޭނާގެ ހަންގަނޑު ވަރަށް ހުދެވެ. އޭނާ ބަލާބެލުމަށް ވަރަށް މައުސޫމެވެ.

“ތިހާ ހާސްވަނީ ކީއްވެ؟” އޭނާ ސުވާލުކުރިއެވެ.

“މާފުކުރޭ،” އަހަރެން ބުނީމެވެ. “މިއީ އަހަރެން އާދަވެގެން އުޅޭ ކަހަލަ މާހައުލެއް ނޫން.”

“ތިހުރީ ތާޒާ ވައި ބޭނުންވެފަ ހެން ހީވޭ،” އޭނާ ވަރަށް އޯގާތެރިކަމާއެކު ހިނިތުންވެލަމުން ބުންޏެވެ. އޭނާ އަނެއްކާވެސް އަހަރެންގެ އަތުގައި ހިފަން އުޅުނެވެ. އަހަރެން އިންކާރު ނުކުރުމުން، އޭނާ އަހަރެން ގޮވައިގެން މީހުންގަނޑުގެ ތެރެއިން ގޮސް ފަހަތު ދޮރުން ބޭރަށް ނުކުތެވެ. އެތަނަކީ މާ ގިނަ މީހުން ނޫޅޭ ހިމޭން ސަރަހައްދެކެވެ.

އަހަރެން އޭނާއަށް ބަލާލާފައި ހިނިތުންވެލަމުން “ޝުކުރިއްޔާ” އޭ ބުނީމެވެ.

“އެތެރޭގައި ޔޫގެ ގައިގައި އަތްލެވުނީތީ އާމް ރިއަލީ ސޮރީ،” އޭނާ ލަދުގަނެފައި ހުރެ ބުންޏެވެ. “އަހަރެން ކަހާލީމާ، ހިފަހައްޓާލެވޭނެ އެއްޗެއް ހޯދަން އުޅުމުގެ ތެރޭގައި އަތްލެވުނީ. މުޑުދާރު ތަޅުންގަނޑެއްގެ މައްޗަށް އަހަރެން ވެއްޓުނަ ނުދީ ޔޫ އަހަރެން ސަލާމަތްކޮށްދީފި.”

“ތިހުރީ މަސްތުވެފަ،” އަހަރެން ފޫހިވެފައި ބުނީމެވެ.

“ނޫން… މިހާރު އެހެނެއް ނޫން،” އޭނާ ލޯތްބާއެކު ހިނިތުންވެލަމުން ބުންޏެވެ.

“އޯ،” އަހަރެން އަނބުރާ ޕާޓީއާ ދިމާލަށް ބަލާލަމުން ބުނީމެވެ.

އޭނާވެސް ފުން ނޭވާއެއް ދޫކޮށްލާފައި އެ ދިމާލަށް ބަލާލިއެވެ.

މަޑުކޮށްބަލަ. އޭނާ އެ އުޅެނީ އަހަރެން ސެޓްކުރަން ހެއްޔެވެ؟ އެކަމާ ހައިރާންވެފައި އަހަރެން އޭނާގެ މޫނަށް ބަލާލީމެވެ. އާންމުކޮށް އަހަރެން އުޅެނީ ޒައިރާ ނުވަތަ ތާރާއާ އެކުގައެވެ. އެހެންވެ، މިފަދަ ކަންކަމާ އަހަރެންނަށް ކުރިމަތިލާކަށް ނުޖެހެއެވެ. އަހަރެންނަކީ ފިރިހެނުންގެ ޝައުގުވެރިކަން ދެނެގަންނަން އެނގޭ ކުއްޖެއް ނޫން ކަމަށް ޒައިރާ ބުނާ ބުނުމަކީ ތެދެކެވެ.

އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރިކަން އެނގުމުން އޭނާ ހިނިތުންވެލިއެވެ.

“ކީއްކުރަން މިތަނަށް އައީ؟ ތިއީ ޕާޓީ ކުރާ ކަހަލަ ކުއްޖެއްހެން ހީއެއްނުވޭ،” އޭނާ ބުންޏެވެ.

“އަހަރެންގެ ދައްތަ އަހަރެން މިތަނަށް ގެނައީ. އޭނާ ބުނީ އަހަރެން ބޭރަށް ނުކުމެ އުޅެން ޖެހޭނެ ކަމަށް. ދެން އޭނާ އަހަރެން ދޫކޮށްލާފައި ދިޔައީ،” އަހަރެން ކަންބޮޑުކޮށްލައިގެން ބުނީމެވެ. ހަގީގަތުގައި އޭނާ ގަސްތުގައި އަހަރެން ދޫކޮށްލީއެއް ނޫންކަން އަހަރެންނަށް އެނގެއެވެ.

“އޯހ، ސޮރީ،” އޭނާ ބުންޏެވެ. “ޖާސިމްގެ ޕާޓީތައް އަބަދުވެސް އޮންނަނީ މިކަހަލަ ގޮތަކަށް.”

“މިއީ ޖާސިމްގެ ގެތަ؟” އަހަރެން ހައިރާންވެފައި އެހީމެވެ.

“އާނ، ނޭނގޭތަ؟” އޭނާ ހައިރާންވިއެވެ.

“ނޫން، މިތަނުން އެކަކުވެސް އަހަރެންނަކަށް ނޭނގޭ،” އަހަރެން ބުނީމެވެ.

އޯ، މަޑުކޮށްބަލަ،” ކަމެއް ހަނދާންވި ފަދަ ގޮތަކަށް އޭނާ ބުންޏެވެ. “އަހަރެންގެ ނަމަކީ އިވާން.” އޭނާ އަހަރެންނާ ސަލާމްކުރުމަށް އަތް ދިއްކޮށްލިއެވެ.

އަހަރެން ފަސްޖެހިފައި ހުރެ އޭނާގެ އަތުގައި ހިފާލީމެވެ. އޭނާގެ ވަރުގަދަ އަތުގެ ތެރޭގައި އަހަރެންގެ އަތް ވަރަށް ނާޒުކުހެން ހީވިއެވެ. އަހަރެންނަށް ނޭނގި ހިނިތުންވެލެވުނެވެ. “އަޒްމާރާ،” އަހަރެންގެ ނަން ބުނީމެވެ.

“ތިއީ ވަރަށް ރީތި ނަމެއް،” އަހަރެންގެ އަތުން ދޫކޮށްލަމުން އޭނާ ހިނިތުންވެލިއެވެ. “ތިއީ ކުރުކޮށް ކިޔާ ނަމެއްތަ؟”

“އާއިޝަތު އަޒްމާރާ،” އަހަރެން ލަދުން އިސްދަށަށް ޖަހަމުން ބުނީމެވެ.

“ދެން އަހަރެން މިއީ ހަމަ އިވާން… ކުރުކޮށްލާނެ އެއްޗެއް ނެތް،” އޭނާ މަޖާވެލާފައި ބުންޏެވެ.

އަހަރެންނަށް ހެވުނެވެ. އޭނާއަކީ ވަރަށް ހަމަޖެހިގެން އުޅޭ މީހެކެވެ.

“ޔޫގެ ހުނުމަކީ ވަރަށް ހިތްގައިމު ހުނުމެއް. ތިއީ އެހެން މީހުންނަށްވެސް އުފާވެރިކަން ގެނެސްދޭ ކަހަލަ ހުނުމެއް،” އޭނާ ބުންޏެވެ.

“ޝުކުރިއްޔާ،” އަހަރެން އޭނާއަށް ބަލާލާފައި ހިނިތުންވެލީމެވެ.

“އިވާން،” ކުއްލިއަކަށް އިސްކޮޅުން ދިގު، ރީތި ކުއްޖަކު އުކުޅުގައި އަތް ވިއްދައިގެން ހުރެ އެތަނަށް އައެވެ. އޭނާ ހުރީ މުޅިން ކަޅު ހެދުމެއްގައެވެ. އޭނާގެ ބުޅި ކަޅު އިސްތަށިގަނޑު ހުރީ ކޮނޑާ ހަމައަށެވެ. އޭނާ އަހަރެންނަށް ބަލާލި ގޮތުން ހީވީ ޝިކާރައަކަށް ބަލާލި މިނިކާވަގެއް ހެންނެވެ.

ވަގުތުން އަހަރެންގެ ހިތަށް އެރީ އެއީ އޭނާގެ ލޯބިވެރިޔާ ކަމަށެވެ. އެހެން ނޫންނަމަ، ނުވެސް ދަންނަ މީހަކާ ދިމާލަށް އެފަދަ ނަޒަރަކުން ބަލަންވީ ކީއްވެ ހެއްޔެވެ؟

“ދާނިޝް،” އިވާން އޭނާއަށް ބަލާލިއެވެ.

“ކީއްވެ ތިހާ ގިނައިރު ވަނީ؟” އޭނާ ހަރުކަށިކަމާއެކު އެހިއެވެ.

“މަޑުކޮށްބަލަ…”

“ތިއީ ވަރަށް ރަނގަޅު ޗޮއިސްއެއް. މޮޅު މަސައްކަތެއް. ދެން ހިނގާ ދާން،” ދާނިޝް ބުންޏެވެ.

“މިއީ އަހަރެމެން ބޭނުންވާ ކަހަލަ މީހެއް ނޫން،” އިވާން ބުންޏެވެ.

އަހަރެންގެ ހިތުގެ ތެވުން އަވަސްވިއެވެ. މި ހިނގަނީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ އޭނާ އެ ބުނީ ކީކޭ ހެއްޔެވެ؟ އެމީހުން އެ ވާހަކަ ދައްކަނީ އަހަރެންގެ ވާހަކަ ހެއްޔެވެ؟ އެމީހުން އަހަރެން ބޭނުންވަނީ ކީއްކުރަން ހެއްޔެވެ؟

“މި ކުއްޖާ ފުދޭނެ… އަހަރެން މިހާރު ވަރުބަލިވެއްޖެ…”

“ދާނިޝް، ކަލޭ ތި އުޅެނީ އޭނާ ބިރުގަންނަވަން. އޭނާގެ ހިތުގެ ތެޅުން އަޑުއަހާބަލަ،” އިވާން ބުންޏެވެ.

“އަހަރެންގެ ކެތްތެރިކަން އިމްތިހާނު ނުކުރޭ، އިވާން،” ދާނިޝް އަހަރެންނަށް ބަލާލާފައި ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ.

މިކަން އެކަކަށްވެސް ފާހަގަ ނުވަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ބިރުން ހުރެ އެހެން ކުދިންނަށް ބަލާލީމެވެ. އެންމެން ތިބީ ގޭގެ ކައިރީގައެވެ. އިވާންއާއި ދާނިޝް އަހަރެން ގޮވައިގެން ގޭގެ ގޯތިތެރޭގެ މާ ދުރަށް ހިނގައިގަތެވެ. މިހާ އަނދިރި އިރު އެކަކަށްވެސް އަހަރެމެންނެއް ނުފެންނާނެއެވެ.

“ދާނިޝް، އާދޭސްކުރަން،” އިވާން ރުޅިއައިސްފައި ބުންޏެވެ.

“އެހީ…” އަހަރެން ހަޅޭއްލަވަން އުޅުނީމެވެ. ނަމަވެސް ދާނިޝް ވަގުތުން އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ.

“ދެން ތިކަން ހުއްޓާލާ،” އޭނާ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓަމުން ބުންޏެވެ.

ލިބުނު ތަދެއްގެ ސަބަބުން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާ ހިނިތުންވެލަމުން އަހަރެންގެ އަނގަމަތިން އަތް ނެގިއެވެ.

“މަޑުން ހުރޭ، ކުޑަކުޑަ ކުއްޖާ،” އޭނާ ބުންޏެވެ. އަދި އަހަރެން ދަމާފައި ކަހަލަ ގޮތަކަށް މަގުމައްޗާ ދިމާލަށް ގެންދަން ފެށިއެވެ.

އަހަރެމެން އެތަނަށް ދިއުމުން، އޭނާ އަހަރެން ކާރުގެ ފަހަތު ސީޓަށް ކޮއްޕާލުމަށްފަހު ބާރަށް ދޮރު ލެއްޕިއެވެ. އަހަރެން ބިރުން ގޮސް ހުރީ ގަނޑުވެފައެވެ. އެ ވަގުތު ހިނގަމުންދާ ކަންތައްތައް ދެނެގަންނާކަށްވެސް އަހަރެންނަކަށް ނޭނގުނެވެ.

އިވާން ކާރުގެ ޑްރައިވަރު ސީޓަށް އެރިއެވެ. އަދި ދާނިޝް ކުރީ ސީޓަށް އެރިއެވެ.

“މީގެ ޒިންމާ ނަގަން ޖެހޭނީ ކަލޭ،” އިވާން ރުޅިއައިސްފައި ދާނިޝްއާ ދިމާލަށް ބުންޏެވެ. ދާނިޝް އެއަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ބޭރަށް ބަލަހައްޓައިގެން އިނެވެ. އިވާން ބާރު ދުވެލީގައި ކާރު ދުއްވާލިއެވެ.

ކާރުގެ ބިއްލޫރިގަނޑުން ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަށް ބަލަހައްޓައިގެން އަހަރެން އިނީމެވެ. އެ މަންޒަރުތައް ހީވަނީ ހިޕްނޮޓައިޒް ކުރާ އެއްޗެއް ހެންނެވެ. ހޭލާ ހުންނަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ވަރުބަލިކަމުގެ ސަބަބުން އަހަރެންނަށް ނިދިއްޖެއެވެ.

🧜‍♀️ ނުނިމޭ 🧜‍♀️

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top