ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ސާދަވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“އަހަރެންގެ ޒޯޔާއާ އަޔާން ބައްދަލުވެ، އޭނައަށް އެއްވެސް ކަމެއް ވެއްޖެއްޔާ އަހަރެން ކަލޭމެންނަށް ހަދާލާނެ ގޮތް ކަލޭމެން ހިތަށްވެސް ނުގެނެވޭނެ.” އާފިޔާގެ ދުލުން ނުކުންނަ ބަސްތައް ޒަހަރެއް ފަދައެވެ.

“ފުރަތަމަ ކަމަކީ މީ ޒޯޔާގެ ކެފޭއެއް ކަމެއް އަހަރެމެންނަކަށް ނޭނގެ. އަދި ދެވަނަ ކަމަކީ ޒޯޔާއާ އަޔާން ބައްދަލުވެގެން ޒޯޔާއަށް ގެއްލުމެއް ވާނަމަ، ޒޯޔާއާ ބައްދަލުވެގެން އަޔާންއަށްވެސް ހަމަ އެވަރުގެ ގެއްލުމެއް ވާނެ. އެނގިއްޖެތަ؟” އާފިޔާ ގާތަށް ރުޅިއައެވެ.

“މަންމާ!” ދުރުން އިވުނު ޒޯޔާގެ އަޑަށް އެންމެން އެއްފަހަރާ ބަލާލިއެވެ. ޒޯޔާ ބާރުބާރަށް ހިނގާފައި އައިއިރު އޭނާގެ ނަޒަރު ހުރީ ހަމައެކަނި އާފިޔާއާ ނަސީރަށެވެ. ނަމަވެސް އެމީހުންނާ ހަމައަށް އާދެވުމާއެކު އޭނާގެ ނަޒަރު އަފްޒާމެންނަށް ބަދަލުވިއެވެ.

ދުވަސްތަކަކަށްފަހު ޒޯޔާ ފެނުމުން އަފްޒާ އާއި ރިޔާޒްގެ މޫނުމަތިން އުފާވެރިކަން ފެނުނުއިރު އަފްޒާ ޖަޒުބާތީވިއެވެ. ދެލޯ ފެންކަޅިވިއެވެ. ނަމަވެސް އޭނާގެ އިޙުސާސްތަކުގެ މައްޗަށް ބާރު ފޮރުވިއެވެ.

ޒޯޔާ އެމީހުންނަށް ބަލަން ހުރީ ނުވެސް ދަންނަ ބަޔަކަށް ބަލާހެންނެވެ. ނަމަވެސް އޭނާ އައިއިރު އެމީހުން ތިބިގޮތުން އޭނާގެ އާއިލާއާ ގުޅުމެއް އޮތްހެން ހީވިއެވެ. އާފިޔާ އަވަސްއަވަހަށް ޒޯޔާގެ އަތުގައި ހިފައި އޭނައާ ދިމާއަށް އަނބުރާލިއެވެ.

“ކޮންތާކުން ތި އައީ؟ އަހަރެމެން އިންތިޒާރުގައި ތިބޭތާ ކޮންއިރެއް. ހުރިހާ ކަމެއް ރަނގަޅުތަ؟” އާފިޔާ ކަންބޮޑުވެފައި އެހިއެވެ.

“އާނ މަންމާ. އެކަމަކު، ކަމެއް ވެއްޖެހެން މަންމައަށް ހީވީ ކީއްވެގެން؟” ޒޯޔާ ހައިރާންވެފައި އެހިއެވެ.

“މީ މަންމައޭ. އަހަންނަށް އިޙުސާސް ނުވާނަމަ ދެން ކާކަށް ވާނީ؟ ހުރިހާ ކަމެއް ހަމަ ރަނގަޅުތަ؟” އާފިޔާގެ ވާހަކައަށް ޒޯޔާ ބޯ ޖަހާލިއެވެ.

ޒޯޔާ އަނެއްކާވެސް އަފްޒާމެންނަށް ބަލައިލިއެވެ. އަދި އެއީ ކޮން ބައެއްތޯ ދެނެގަންނަން މަސައްކަތްކުރަމުން ދިޔައެވެ. އަފްޒާމެން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދެން ވާނެ ގޮތެއް ނޭނގިފައެވެ. އެހެންނަމަވެސް ހިނިތުންވެފައެވެ. ކަމެއް ނުވާކަމަށް ހެދިގެންނެވެ.

އެވަގުތު އަޔާން ކެފޭއިން ނުކުތެވެ. އަދި ޒޯޔާ ފެނުމާއެކު އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.

ފުދޭވަރަކަށް ކައިރިއަށް ދެވުމާއެކު އަޔާން ގޮވާލިއެވެ.

“މަންމަ ދޯ.”

އަޔާން އެހެން ބުނެލުމުން އެންމެންނަށް ސިހުން ލިބި އޭނައާ ދިމާލަށް ބަލައިލިއެވެ. މާހައުލުގައި ބުނަން ނޭނގޭ ކަހަލަ ހިމޭން ނުތަނަވަސްކަމެއް ފެތުރުނެވެ.

“އެހެންވީމަ މިއީތާ ދޯ ކަލޭގެ މަންމައަކީ؟ ސަލާމް. ބައްދަލުވީތީ ވަރަށް އުފާވެއްޖެ. ޒޯޔާ ވަރަށް ކިޔޭ މަންމަގެ ވާހަކަ.” އަޔާން ބުނެލިއެވެ.

އާފިޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އަޔާންގެ ހަނދާންތައް އެނބުރި އައީ ހެއްޔެވެ؟

“އާނ. މިއީ އަހަރެންގެ މަންމަ. އަދި މީ ބައްޕަ. ދެން ކިޔާބަލަ ތި ކިޔަން އުޅޭ އެއްޗެއް. ދެން އަހަންނަށް އުނދަގޫ ކޮށްބަލަ.” ޒޯޔާގެ ރާގުގައި ޒުވާބުގެ ކުލަ ޖެހެން ގިނައިރެއް ނުނެގިއެވެ.

“އަހަރެން ކީކޭ ކިޔަންވީ؟ ކަލެއެއްނު އަހަރެންގެ ޝަކުވާ ކުރަން އުޅުނީ. ދެން ކޮށްބަލަ.” އަޔާންވެސް ދުލެއް ނުދެއެވެ.

“އޭތް އަޑުއަހާ. މި ފިރިހެންކުއްޖާ އަހަރެންގެ ދަރިފުޅަށް އުނދަގޫކުރަން އުޅެފިއްޔާ، އަހަންނަށްވުރެ ނުބައި މީހަކު ނުހުންނާނެ.” އާފިޔާ ރުޅިވެރިކަމާއެކު އަފްޒާ އާއި ރިޔާޒަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އަޔާން ފަހަތަށް ބަލައިލިއެވެ. އަފްޒާ އާއި ރިޔާޒް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދިނެވެ.

“ތިވާހަކަ އަހަންނާ ދައްކަބަލަ.” އަޔާން ބުނެލިއެވެ.

“އިހަށް މަޑުކޮށްބަލަ. ތި ދެމީހުން އެކަކު އަނެކަކު ދަންނަންތަ؟” ނަސީރު އެމީހުންގެ ވާހަކަ ހުއްޓުވަމުން އެހިއެވެ.

“އަހަރެން ހަމައެކަނި އޭނަ ދަންނަނީކީ ނޫން. ވަރަށް ރަނގަޅަށް ދަންނަން. އަދި އަހަރެން އުނދަގޫ ކުރަނީޔޭ؟ އޭނަ އަހަންނަށް ދީފައިވާ އުނދަގުލުގެ ވާހަކަ އަޑުއިވިއްޖެއްޔާ، ބޭބެމެން އަމިއްލައަށްވެސް ސަހަރޯއޭ ހިތަށް އަރާނެ.” އަޔާން ބުންޏެވެ.

އަފްޒާ ރިޔާޒްއާ ކައިރިވެލިއެވެ. އަދި މަޑުމަޑުން ބުނެލިއެވެ.

“ރިޔާޒް! ބަލާބަލަ. އެ ދެމީހުން އެކަކު އަނެކަކު ކުރިމަތީ ތިބެ އެ ބަލަނީ އެއްވެސް ކަމެއް ނުވާ ކަހަލަ ގޮތަކަށް. ޑޮކްޓަރު ބުނީ އެ ދެމީހުން ބައްދަލުވެއްޖެނަމަ ޝޮކެއް ލިބިދާނެ ކަމަށް. އެކަމަކު އެކަހަލަ އެއްވެސް ކަމެއް ނުވޭ.”

“އޭތް ރަތް ޓީޝާޓާ. އަހަރެން ކަލެއަށް ކޮން އުނދަގުލެއް ކުރީ؟ މަންމާ. މިޔޭ އަހަރެން ބުނި އެއްވެސް ގޮތެއްފޮތެއް ނެތް މީހާއަކީ.” ޒޯޔާ ބުންޏެވެ.

“އަހަރެންތަ އަދިވެސް ގޮތެއްފޮތެއް ނެތީ؟ ދެން ކަލޭ ތީ ކާކު؟ އަހަރެން ގަޔަށް ހޫނު ކޮފީ ޖަހާ ފިއްސާލަން އުޅުނީ.” އަޔާން ބުނެލިއެވެ.

ދެމީހުންގެ ރުޅި ސަތޭކައަށް އެރިއެވެ. ދެ އާއިލާއިން އެމީހުން ނުހިފެހެއްޓިނަމަ ގަޔަށްބޮލަށް އަރައިގަތީހެވެ. ޒޯޔާ ގޮވައިގެން އާފިޔާ އާއި ނަސީރު ދާން ހިނގައިގަތްއިރު، އަފްޒާ އާއި ރިޔާޒް އަޔާން ގޮވައިގެން ދުރަށް ދިޔައެވެ. އަދި އެވަގުތު އަޔާން އެމީހުންނަށް ފުރަގަސްދެމުން ގޮސް އެމީހުންނާ ދުރަށް ހުއްޓުނެވެ. އޭނާ ފުންކޮށް ނޭވާލާން ފެށިއެވެ. އޭނާ ރުޅި ކޮންޓްރޯލްކުރަން މަސައްކަތް ކުރަނީއެވެ.

“މަންމާ. އަހަރެން ދެތިން މިނެޓުތެރޭ އެބަ އަންނަން.” ޒޯޔާ އާފިޔާމެން މަޑުކުރުވާފައި ބުންޏެވެ. އާފިޔާ ޒޯޔާ ދިޔަނުދޭން އުޅުނެވެ.

“މަންމާ. އަހަންނަށް އިތުބާރު ކޮށްބަލަ. އެންމެ ދެތިން މިނެޓު.” ޒޯޔާ ބުނެލިއެވެ.

ޒޯޔާ އަޔާންމެންނާ ދިމާއަށް ހިނގައިގަތުން އާފިޔާއަށް ނަސީރަށް ބަލައިލެވުނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ވާން އުޅެނީ ކިހިނެއްކަން ނޭނގި އޭނަގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ.

އަފްޒާ އާއި ރިޔާޒްގެ ކައިރިން ލާފައި ގޮސް ޒޯޔާ ހުއްޓުނީ އަޔާންއާ ދެ ފޫޓެއްހާ ހިސާބުގައެވެ.

“އޭތް.” ޒޯޔާ ގޮވާލި އަޑު އިވުމުން އަޔާން ލޯ މަރާލިއެވެ. ކަތުރުކަށިގަނޑަށް ބާރުވި ގޮތުން އޭނާ ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރާވަރު ހާމަވިއެވެ.

“އޭތް ރަތް ޓީޝާޓާ. އަހަރެން ކަލެއާއޭ މި ވާހަކަ ދައްކަނީ.” ޒޯޔާ ތަންކޮޅެއް ބާރަށް ބުންޏެވެ. އަޔާން އެނބުރިލިއެވެ.

ދުރުގައި މަންޒަރު ބަލަން ތިބި ޒޯޔާގެ މައިންބަފައިންނާއި އަފްޒާ އާއި ރިޔާޒް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. މާހައުލުގައި ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.

“އަހަރެން އެ އަންހެންކުއްޖާއަށް އެ ޝޯވ ބާއްވަން ފުރުސަތު ދިނީމަ ހީނުކުރާތި ކަލެއަށް ސަލާމަތް ވެވުނީއޭ. އަހަރެން އެހާ ފަސޭހައިން ކަލޭ ދުލެއް ނުކުރާނަން. މާދަމާ ހެނދުނު އަހަރެން ކެފޭއަށް އަންނައިރު، ކެފޭގެ ހުރިހާ އެއްޗެއް ހުންނަންވާނީ ކުރިން އެ ހުރި އަސްލު ތަނުގައި. އެނގިއްޖެތަ؟” ޒޯޔާ ހަރުކަށިކަމާއެކު ބުނެލިއެވެ.

“ނިމުނީތަ؟ ނޫނީ އަދި އިތުރު އެއްޗެއް ބުނަން އެބައޮތްތަ؟” އަޔާން ވަރަށް ފަރުވާކުޑަ ގޮތަކަށް އެހިއެވެ.

“އާނ. އަދި އޭގެ ފަހުން އަހަރެންގެ ކެފޭ ކައިރިން ކަލޭ ފެނިގެން ނުވާނެ. ފެނިއްޖެއްޔާ ކަލޭގެ ތި ދެފައިން އެއްވެސް ތަނަކަށް ނުދެވޭވަރު ކޮށްލާނަން.” ޒޯޔާ އިންޒާރެއް ދިނެވެ.

“އެހެންތަ؟ އެ ކީއްވެޔޯ؟ ކަލެއަކީ މި ސަރަހައްދުގެ ގޭންގު ލީޑަރެއްތަ؟ ނޫނީ މިއީ ކަލޭގެ ނަންމަތީ އޮތް ސަރަހައްދެއްތަ؟” އަޔާން ޖެއްސުމުގެ ރާގަކަށް ބުންޏެވެ.

“އަހަންނަކީ ކާކުކަން ކަލެއަށް ވަރަށް އަވަހަށް އެނގޭނެ.” ޒޯޔާ ބުނެލިއެވެ.

ދެމީހުން އިރުކޮޅަކު އެކަކު އަނެކަކަށް ބަލަން ތިއްބެވެ. އަދި ޒޯޔާ އެނބުރި އާފިޔާމެން ގާތަށް ދިޔައެވެ.

“ޒޯޔާ! އެއީތަ ކެފޭއަށް ތަކުރާރުކޮށް އަންނަ ފިރިހެން ކުއްޖަކީ؟” އާފިޔާ އެހިއެވެ.

“އާނ މަންމާ. އަހަރެން މަންމަމެން ގާތު އޭނަގެ ވާހަކަ ބުނީމެއްނު. ފައިސަލް ގާތުވެސް ބުނަން. މަޑުކޮށްބަލަ. ކޮބާ ފައިސަލް؟” ޒޯޔާ ކުއްލިއަކަށް ހަނދާންވެގެން އެހިއެވެ.

“ފައިސަލް ހަމަ އަހަރެމެންނާ އެއްކޮށް އަންނަން ނުކުމެ ނުކުމެ ހުއްޓާ ހޮސްޕިޓަލުން އެމަޖެންސީ ކޭސްއެއް އައިސްގެން ދާން ޖެހުނީ. ޑޮކްޓަރުންނަކީ އެކަހަލަ ބައެއްނު.” ނަސީރު ހިނިތުންވެލަމުން ބުނެލިއެވެ. ޒޯޔާ ވެސް ހިނިތުންވެލިއެވެ.

“ޒޯޔާ! ކަލޭ އަޔާންއާ އެކަނި ދެއްކީ ކޮން ވާހަކައެއް؟” ޒޯޔާގެ އަތުގައި ހިފައި އޭނައާ ދިމާއަށް ޒޯޔާ އަނބުރާލަމުން އާފިޔާ އެހިއެވެ.

“ކޮން އަޔާންއެއް؟ އޭނަތަ؟ އެ ރަތް ޓީޝާޓުލީ މީހާތަ؟ އޭނައަށް ކިޔަނީ އަޔާންތަ؟ އެކަން ދޫކޮށްލަބަލަ. މަންމަ ތިހާ ގިނަ ސުވާލު ކުރަނީ ކީއްވެތަ؟ އަހަރެން ބޭނުމެއް ނޫން އޭނަގެ ވާހަކަ ދައްކާކަށް، އޭނަ ފެނުނަސް ފޫހިވޭ. އައި ޖަސްޓް ހޭޓް ހިމް. ބައްޕާ ހިނގާބަލަ ދާން.” ނަސީރުގެ އަތުގައި ހިފަމުން ޒޯޔާ ހިނގައިގަތެވެ. ފުން ނޭވައެއް ދޫކޮށްލަމުން އާފިޔާވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.

*****

ގެއަށް ދިޔަ މަގުމަތީގައި މިރޭ ކެފޭތެރޭ ޒޯޔާއާއި އަޔާންގެ މެދުގައި ހިނގި ކަންތައްތައް ނަތާޝާ އަފްޒާމެންނަށް ކިޔައިދިނެވެ. އަފްޒާ ހުރީ ހިތްހަމަނުޖެހުމާއެކު ކަންބޮޑުވެސް ވެފައެވެ.

ރޭގަނޑުގެ ކެއުމަށް އެންމެން ތިބިއިރު، ކާމޭޒުދޮށުގައި ވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. އިވެނީ ސަމުސަލާއި އޫތައް ތަށިތަކުގައި ޖެހިލާ އަޑެވެ. އެންމެން ހިމޭންކަމާއެކު ކަމުން ގެންދިޔައިރު އަފްޒާ އިނީ ކާއެއްޗެއްގައި އަތްވެސް ނުލައެވެ. އޭނާގެ ދެލޯ ފެންކަޅިވެފައި ހުރިއިރު އޭނާ ހުރީ ކާހިތް ކެނޑިފައެވެ.

“އައި ޖަސްޓް ހޭޓް ހަރ. އޭނަ ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެން އޭނަ ދުލެއް ނުކުރާނަން.” އަޔާންގެ އަޑު ކިތަންމެ މަޑަސް އެތަނުގައި އެ ހަމަހިމޭން މާހައުލުގައި އެ އަޑު އިވުނީ ވަރަށް ބާރަށެވެ. އަފްޒާ އިނީ އަޔާންއަށް ބަލަހައްޓައިގެންނެވެ.

އަޔާން ކައިރީގައި އިން ނަތާޝާ އަޔާންއަށް ބަލާލާފައި މޭޒުގެ އަނެއް ފަޅީގައި ތިބި ރިޔާޒާއި އަފްޒާއަށް ބަލައިލިއެވެ. އަދި އަފްޒާ އިންގޮތުން އޭނާގެ ހިތަށް އުނދަގޫވިއެވެ.

“ދައްތާ. ކީއްވެ އެއްޗެއް ނުކައި ތި އިންނަނީ؟ ކާން ފަށާބަލަ.” ތަށި ގާތްކޮށްލައިދެމުން ނަތާޝާ ބުނެލިއެވެ.

“ނޫން ނަތާ. އަހަރެން ބަނޑުހައެއް ނުވޭ. ރާއިޒް ނިދައިފިތޯ ބަލާލާފައި އެބަ އަންނަން.” އަފްޒާ ގޮނޑިން ތެދުވެގެން ހިނގައިގަތެވެ. އަދި ވަރަށް ސިއްރުސިއްރުން ލޯ ފޮހެލިތަން އަޔާންއަށް ފެނުނެވެ.

އަޔާން އަފްޒާގެ ކުރިމައްޗަށް އަރާ އޭނަ ހުއްޓުވިއެވެ.

“ފަހަރީ. އަހަރެން ޤަބޫލުކުރަމޭ އަހަންނަށް ކުރެވުނީ ކުށެއްކަން. އެ އަންހެންކުއްޖާ އެތާނގައި ބަންދުކޮށްގެން ނުވާނެ. އެކަމަކު އެވަގުތު އަހަންނަށް ފެނުނު އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރީ. އެހެން ނުހެދިނަމަ އޭނަ އެ ޝޯވ އެތާ ބޭއްވިޔަކަ ނުދޭނެ.” އަޔާން ކިޔައިދިނެވެ.

އަފްޒާ ބަލަން ހުރީއެވެ. އަޔާންއަށް ހީވަނީ އޭނައަށް އައި ބަދަލަކީ އެއީ ކަމަށް ހެއްޔެވެ؟ ނޫނެކެވެ. އެއީ އެހެން ކަމެކެވެ.

******

ގެއަށް ވަދެގެން އައި އާފިޔާ ހީވަނީ ރުޅިއައިސްގެން ގޮސް ހަލާކުވެދާނެހެންނެވެ. ގެއަށް އައި މަގުމަތީ ޒޯޔާގެ ފަރާތުން ކެފޭގެ ތެރޭ ހިނގި ކަންތައްތައް އެނގުމުންނެވެ.

“އަހަންނަކަށް ޤަބޫލެއްވެސް ނުކުރެވޭ އެކަހަލަ ބޭކާރު ޝޯވއަކަށްޓަކައި އެ ގޮތެއްނެތް ކުއްޖާ ޒޯޔާ ކޮޓަރީގައި ބަންދުކޮށްފާނެ ކަމަކަށް. އޭނައަކަށް އެއްވެސް ބަދަލެއް ނާދޭ. އެއީ ހަމަ..” އާފިޔާއަށް ބުނެވެން އުޅުނީ އޭނާ ދުވަހަކުވެސް ބޭރުކުރަން ބޭނުންނުވާ ވާހަކަތަކެކެވެ. އެގޭގައި އަޔާންއަކީ އެމީހުން ކުރިން ދަންނަ މީހަކަށް ވެގެން ނުވާނެއެވެ.

“އާފިޔާ! ވީކަމެއް އެވީ ވަރަށް ގޯސްކޮށް. އެކަމަކު އަހަރެމެންގެ ޒޯޔާ އޭނަ ކެފޭއަށް ވަނުން މަނާކުރިކަން އެއީ ވަރަށް ރަނގަޅު ކަމެއް. އަނެއްކާ ޒޯޔާ އެހެރީ ރަނގަޅަށް.” ނަސީރު އަވަހަށް އާފިޔާ ދެއްކި ވާހަކައަށް ޒޯޔާގެ ސަމާލުކަން އެނބުރިދާނެތީ ބުންޏެވެ.

“ބައްޕާ. މަންމާ. އަހަންނަކަށް އުޅެއުޅެ ނުވިސްނުނު މަންމަމެން ތިހާ ކަންބޮޑުވާން ޖެހޭ ސަބަބެއް؟ އެހާވަރަށް އެ ރަތް ޓީޝާޓުލީ މީހާއާ ބެހޭގޮތުން މަންމަ އެބަ ސުވާލުކުރޭ. އަނެއްކޮޅުން އެތަނުން އަހަންނަށް ހީވީ މަންމަމެން އެމީހުން އާއިލާ ކުރިންވެސް ދަންނަހެން.” ޒޯޔާ ބުނެލިއެވެ.

އާފިޔާ އާއި ނަސީރު އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. އެ ނަޒަރު ޒޯޔާއަށް ފާހަގަކުރެވުނެވެ.

******

“އަހަންނަށް ކީއްވެ ހީވަނީ ފަހަރިމެން އެ އަންހެންކުއްޖާގެ އާއިލާ ކުރިންވެސް ދަންނަހެން؟” އަޔާން އެހިއެވެ.

އަފްޒާ ހުރީ އަޔާންއަށް ބަލަހައްޓައިގެންނެވެ. އަޔާންގެ ހަނދާންތައް އަންނަނީބާވައެވެ.

“ނޫނީ އަހަރެން އެމީހުން ދަންނަންތަ؟”

******

“ބައްޕާ. ބުނެބަލަ.” ޒޯޔާ އެދުނެވެ.

“ދަރިފުޅާ. ތިކަހަލަ އެއްވެސް ކަމެއް ނެތް. ދެން ބުނެބަލަ. ދަރިފުޅަށް ކީއްވެ އެހެން ހީވީ؟” ނަސީރު އެހިއެވެ.

ނަސީރު އެއްޗެކޭ ބުނެފާނެތީ އާފިޔާ އަވަހަށް ވާހަކަދައްކަން ފެށިއެވެ. ހަޤީޤަތް ޒޯޔާއަށް އެނގިގެން ނުވާނެއެވެ.

“އެމީހުންނާ އަހަރެމެންނާ އޮތީ ހަމައެކަނި ބޮސް އާއި މުވައްޒަފެއްގެ ގުޅުން. އެ އަޔާންގެ ބޭބެ މަސައްކަތްކުރީ ކަލޭގެ ބައްޕަގެ ކުންފުނީގައި. އޭނަގެ މަސައްކަތާމެދު ހިތްހަމަނުޖެހިގެން ކަލޭގެ ބައްޕަ އޭނަ ވަޒީފާއިން ވަކިކުރީ. އެކަމާ ހެދި ކުޑަ ނުތަނަވަސްކަމެއް އުފެދުނީ. އެނޫން ކަމެއް ނެތް.”

ޒޯޔާ ވިސްނުމެއްގައި ހުރެ ހިނިތުންވެލީ އެވާހަކަ ޤަބޫލުކުރެވޭ ކަހަލަ ވާހަކައަކަށް ވާތީއެވެ.

******

“ކީއްވެ އެއްޗެކޭ ނުބުނެ ތި ހުންނަނީ؟ ބުނެބަލަ.” އަފްޒާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އަޔާން ބުންޏެވެ.

އަފްޒާ ރިޔާޒާ ދިމާލަށް އެނބުރި ބަލައިލިއެވެ. ރިޔާޒް އިޝާރާތުން ނޫނެކޭ ބުނެލިއެވެ.

“އަހަރެން އެބަ ސުވާލެއް ކުރަމޭ. ޖަވާބު ދީބަލަ.” އަޔާން އާދޭހުގެ ރާގެއްގައި ބުންޏެވެ.

އަފްޒާ އަނބުރާލާފައި ގޮސް ރިޔާޒްގެ ގާތުގައި މަޑުކޮށްލިއެވެ. އަދި ރިޔާޒާ ދެމީހުން ލޮލުން އިޝާރާތްތަކެއް ކުރިއެވެ. އަޔާން ހުރީ ވާނުވާ ނޭނގިފައެވެ.

“ރިޔާޒް! އަހަންނަށް ހީވަނީ މިހާރު އަޔާންއަށް ހަޤީޤަތް ކިޔައިދޭންވީ ވަގުތު ޖެހިއްޖެހެން. އަހަރެމެން އޭނައަށް ހަޤީޤަތް ކިޔައިދޭން ޖެހޭނެ.” އަފްޒާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

“ކޮން ހަޤީޤަތެއް؟” އަޔާން އެހިއެވެ.

“އަޔާން! އަހަރެމެންނާ އެ އާއިލާއަކީ މާ ކުރިންވެސް ދަންނަ ބައެއް.” އަފްޒާ ބުނެލިއެވެ. އަޔާންގެ މޫނުމަތިން ފާޅުވި ހައިރާންކަމާއެކު ނިތްކުރިއަށް ރޫތައް އަރައިގެން ދިޔައެވެ.

(ނުނިމޭ)

12
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top