ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ފަނަރަވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“ރިޔާޒް! އަހަންނަށް ހީވަނީ މިހާރު އަޔާންއަށް ހަޤީޤަތް ކިޔައިދޭންވީ ވަގުތު ޖެހިއްޖެހެން. އަހަރެމެން އޭނައަށް ހަޤީޤަތް ކިޔައިދޭން ޖެހޭނެ.” އަފްޒާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

“ކޮން ހަޤީޤަތެއް؟” އަޔާން އެހިއެވެ.

“އަޔާން! އަހަރެމެންނަށް އެ އާއިލާއަކީ މާ ކުރިންވެސް ދަންނަ ބައެއް.” އަފްޒާ ބުނެލިއެވެ. އަޔާންގެ މޫނުމަތިން ފާޅުވި ހައިރާންކަމާއެކު ނިތްކުރިއަށް ރޫތައް އަރައިގެން ދިޔައެވެ.

“ކިހިނެއް؟” އަޔާން އަހާލިއެވެ. އޭނާ ބޭނުންވަނީ ރަނގަޅަށް އޮޅުންފިލާށެވެ.

“އަޔާން! އެއީ..”

“އަޔާން! އަހަރެން ކިޔައިދީފާނަން. ހަޤީޤަތުގައި އަހަރެމެން ކުރިން ނެގީ އެމީހުންގެ ވިޔަފާރިއެއްގެ ޑީލަރޝިޕެއް. އެކަމަކު އެ މަސައްކަތް އަހަރެމެންނަކަށް ކާމިޔާބެއް ނުވި. އެހެންވެ، ކުޑަ ދުވަސްކޮޅެއް ފަހުން އަހަރެމެން އެ ވިޔަފާރި ހުއްޓާލީ. އެކަމާ ހެދި ދެ އާއިލާގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮވޭ. އެއީ ވީ ގޮތަކީ.” އަފްޒާގެ ވާހަކަ މެދުކަނޑާލަމުން ރިޔާޒް ބުންޏެވެ. އަފްޒާ ހިތްހަމަނުޖެހުމާއެކު ރިޔާޒަށް ބަލާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.

“ދެން އެ އަންހެން ކުއްޖާ؟” އަޔާން އެހިއެވެ.

“ކޮން އަންހެން ކުއްޖެއް؟” ރިޔާޒް އެހިއެވެ. އަޔާން އެ އަހަނީ ޒޯޔާގެ ވާހަކަކަން އެނގިހުރެއެވެ.

“އެމީހުންގެ ދަރިފުޅު. އަހަރެން ކުރިން އޭނަ ދަންނަންތަ؟” އަޔާން އެހިއެވެ.

ރިޔާޒަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަމަވެސް އެއްޗެކޭ ނުބުނެފިނަމަ ކަންތައް ގޯސްވާނެކަން އެނގެއެވެ.

“އަޔާން! ކަލެއަށް އަހަރެންގެ އޮފީހުގެ ހުރިހާ މުވައްޒަފުން އެނގޭތަ؟ ނޫނެއްނު؟ އެހެންވީމަ ދެން އެވާހަކަ ބާއްވާ.” ރިޔާޒް ބުންޏެވެ.

އަޔާން ބޯޖަހާލި ނަމަވެސް އެންމެ ފަހުން އެ ދެއްކި ވާހަކަ އޭނައަށް އެހާ ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް އަފްޒާ ފެނުމުން އޭނާ އެވަގުތަށް އެވާހަކަ ހުއްޓާލީ މިހާރުވެސް އޭނާގެ ސަބަބުން އަފްޒާ ކަންބޮޑުވެފައި ހުރީމައެވެ.

“ފަހަރީ. އަހަންނަށް އެނގޭ އަހަރެންގެ ސަބަބުން ފަހަރި ތިހިރީ ކަންބޮޑުވެ ހިތްހަމަނުޖެހިފައިކަން. އެކަމަކު ދެން މިހާރު ކާން އިށީނދެބަލަ. އަހަރެންދެކެ އަންނަ ރުޅި ކާއެއްޗިއްސަށް ނުބާލާ. ފަހަރިއެއްނު އަބަދުވެސް އެހެން ބުނަނީ. ދެން އިށީނދޭ.” އަޔާން އަފްޒާގެ ކޮނޑުގައި ހިފަހައްޓާލައިގެން ގެންގޮސް ގޮނޑީގައި ބޭންދިއެވެ. އަފްޒާ ގަދަކަމުން ހިނިތުންވެލިއެވެ.

******

ދުވަސްތައް ފާއިތުވަމުން ގޮސް ހަމަސް ދުވަސް ހޭދަވީ ވަރަށް އަވަހަށެވެ. އަޔާން ތައްޔާރުވަމުން ދަނީ އަމިއްލަ އާޓް ގެލެރީއެއް ހުޅުވުމަށެވެ. ކުރެހުންތައް ގާތްގަނޑަކަށް ނިމިފައި ހުރިއިރު، އޭނާއަށް އާޓް ގެލެރީ ބާއްވާނެ ރަނގަޅު ތަނެއް އަދި ނުފެނެއެވެ. އޭނާ ހިތްހަމަޖެހޭ ކަހަލަ ހެޔޮވަރުގެ ޖާގައެއް އޮތުމުގެ އިތުރަށް މީހުން ގިނައިން ގޮސް އައިސް ހަދާނެ ހިސާބެއްގައި އާޓް ގެލެރީ ބާއްވަން އޭނާ ބޭނުންވެއެވެ.

ގެލެރީ ބާއްވާނެ ތަނެއް ހޯދަމުން ދަނިކޮށް އަޔާންގެ ހަނދާނަށް އައީ ޒޯޔާސް ކެފޭ ކައިރީގައި ހުރި އިމާރާތެވެ. އެއީ ކުއްޔަށްދޭ ތަނެކެވެ. ފެންނަ ފެނުމަށް ބޮޑު ޖާގައެއް އޮވެފައި ތަން ރީއްޗެވެ. އަނެއްކޮޅުން ޒޯޔާސް ކެފޭއަކީ ގިނަ މީހުންގެ މެދުގައި މަޤުބޫލު ކެފޭއަކަށް ވުމުން އެތާނގައި އާޓް ގެލެރީ ބޭއްވުމުން އޭނައަށް ވަރަށް ބޮޑު ފައިދާއެއް ނެގޭނެއެވެ. އަޔާން އެ އިމާރާތުގެ ވެރިފަރާތާއި ގުޅައިގެން އެތަން ހޯދިއެވެ.

އެއްދުވަހަކު ހެނދުނު ޒޯޔާ ކެފޭއަށް ދިޔައިރު އޭނާގެ ކެފޭއާ ދިމާ ކުރިމައްޗަށް ހުރި އިމާރާތުގައި އާޓް ގެލެރީއެއްގެ ނަން ބޯޑު ހަރުކޮށްފައި ހުއްޓެވެ. ވަރަށް ޝައުޤުވެރިކަމާއެކު އެ ނަން ބޯޑަށް ބަލަން ހުރެފައި ހިނގައިގަތް ވަގުތު އެ އިމާރާތުގެ ތެރެއިން ނުކުތް އަޔާން އާއި ނަތާޝާ ފެނުމުން ފޫހިކަމެއް އުފެދުނެވެ. އާޓް ގެލެރީ ހުޅުވުމުން ބަލައިލުމަށް އުފެދުނު ޝައުޤު މުޅިން ނެތުނެވެ. ތުން އަނބުރާލާފައި އޭނާ ކެފޭއާ ދިމާއަށް ހިނގައިގަތެވެ.

އަޔާން ތުނބުން ފުމެލިއެވެ. ޒޯޔާ ކިތަންމެ ފޫހިވި ނަމަވެސް މަޑުކުރިއެވެ.

“އެކްސްކިއުޒް މީ. ލޯބީގެ ކަސްތޮޅު އަނެއްކާވެސް މިއޮތީ އެޅިފަ. މިހާރު އަހަރެމެން މިއީ އަވަށްޓެރިން. ދެން އަހަރެމެން ދުރުކުރެވޭނެ އެކަކުވެސް ނުހުންނާނެ. ދުވަހަކުވެސް ނުވާނެ.” ޒޯޔާގެ ޖަވާބު އަންނާނީ ކިހިނެއްކަން އެނގިހުރެ އަޔާން ބުނެލިއެވެ. ޒޯޔާ ރުޅިއަރުވާލެވުމުން އޭނައަށް ހިތްހަމަޖެހުމެއް ލިބޭ ކަހަލައެވެ.

ޒޯޔާ އެނބުރި އަޔާންއާ ކުރިމަތިލިއެވެ.

“އަހަރެމެން ދެމީހުންނަށް އަވަށްޓެރިންނެއް ނޫން. އޭތް ރަތް ޓީޝާޓާ. އަބަދުހެން މިފަހަރުވެސް ތިކުރީ ކުށްހީއެއް. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތީ މިއޮތް ބޮޑު މަގު. އަދި އަހަރެމެން ދާން ބޭނުންވާ މަންޒިލްވެސް މުޅިން ތަފާތު. އެނގިއްޖެތަ؟” ޒޯޔާ ހަރުކަށިކަމާއެކު ބުންޏެވެ.

“މަންޒިލް ތަފާތިއްޔާ ވާނީ ކީއް؟ ދާން އޮތީ ހަމަ މި މަގުންނެއްނު. ބަލާބަލަ.” އަޔާން ބުނެލިއެވެ. އޭނާގެ އަޑު ކިތަންމެ އާދައިގެކޮށް ހުރި ނަމަވެސް ޒޯޔާއަށް އެ ބަސްތަކުގައި ހުރި ޖެއްސުމުގެ ގޮތްގަނޑު އެނގެއެވެ.

“ތި ބޭކާރު ވާހަކަތައް ހުއްޓާލާ. ކަލޭ ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެންގެ ކެފޭ ކުރިމަތީގައި ކަލޭ ތި އާޓް ގެލެރީއެއް ހުޅުވީމަ، އަހަރެމެންނަކީ ދުވާލަކު ދެފަހަރު ވާހަކަދައްކާ، ކަލޭގެ ގެއިން ހަކުރު ހުސްވީމަ އަހަރެންގެ ގާތަށް ހަކުރު ބަލައި އަންނަ ކަހަލަ ގާތް އަވަށްޓެރިންނަށް ވެވޭނެ ކަމަށްތަ؟” ޒޯޔާ ރައްދު ދިނެވެ. އޭނާގެ އަޑުގައި ވަނީ ޒުވާބު ކުރުމުގެ ރާގެވެ.

“ނޫންނޫން. މިފަހަރު ކުށްހީ ތި ކުރެވުނީ ކަމަނާއަށް. އަހަރެން ކަލޭގެ ކެފޭއިން ކޮފީ ބޮއިފާނަން. އެކަމަކު އެތަނަކަށް އަހަންނެއް ނުވަންނާނަން.” އަޔާން ބުނެލިއެވެ.

“ތެދެއް ބުނަން. މިހާރު އަހަންނަށް ކޮންމެވެސް ވަރަކަށް މި ކަންކަން ވިސްނެން ފަށައިފި. އަހަރެންގެ ބައްޕަ ކަލޭގެ ބޭބެ ވަޒީފާއިން ވަކިކުރީ ކީއްވެގެންކަން މިހާރު އެނގިއްޖެ. އޭނާގެވެސް ހުންނާނީ ހަމަ ކަލޭގެ ތި ހުންނަ ކަހަލަ ގޮތެއް. އެހެންނު؟” ޒޯޔާ ބުނެލި ވާހަކައިން އަޔާންގެ ރުޅި ކޮންޓްރޯލުން ނެއްޓެން އުޅުނެވެ.

“މައިންޑް ޔޯރ ލެންގުއޭޖް. އަހަރެންގެ ބޭބެ ކަލޭގެ ބައްޕަގެ ދަށުން މަސައްކަތްކުރަން؟ އެ ދެމީހުންނަކީ ވިޔަފާރީގެ ބައިވެރިން. އެނގިއްޖެތަ؟ އެއީ ޕާޓްނަރުން.” އަޔާން ޒޯޔާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.

“ހަހް. ހިތްހަމަޖައްސާލުމަށްޓަކައި ތިކަހަލަ ކުށްހީތަކެއް ކުރުން، ގޯހެއް ނޫން. ހޭވް އަ ގުޑް ޑޭ.” މަލާމާތުގެ ގޮތަކަށް ބުނެލުމަށްފަހު އޭނާގެ ކެފޭއާ ދިމާއަށް ހިނގައިގަތެވެ.

އަޔާން އުޅުނީ ފަހަތުން ދާށެވެ. ރަނގަޅަށް ޒޯޔާއާ ޒުވާބުކޮށްލާށެވެ. އޭނަގެ ބޭބެއާ ބެހޭގޮތުން ދެއްކި ދަށް ފެންވަރުގެ ވާހަކައިގެ ބަދަލު ހިފާލާށެވެ. އޭނައާ ދިމާލަށް ކޮންމެ އެއްޗެކޭ ކިޔަސް ހެވެވެ. އޭނަގެ އާއިލާއާ ބެހިގެން ނުވާނެއެވެ. އަޔާން ދާން ހިނގައިގަތް ވަގުތު ކައިރީގައި މަންޒަރު ބަލަން ހުރި ނަތާޝާ އޭނާގެ ކުރިބައްދައި ހުއްޓުވިއެވެ.

“ހައު ޑެއަރ ޔޫ؟ ފުރޭތަގަނޑު. އޭނަ ހީކުރަނީ ކީކޭ ކަމަށްތަ؟ އަހަރެން އޭނަ އެހެން ދުލެއް ނުކުރާނަން.” އަޔާން ރުޅިއައިސްގެން ހަލާކުވާވަރު ވިއެވެ.

“އަޔާން. މައިތިރިވެބަލަ. ހަމަޖެހިބަލަ. އޭނައަކީ ކޮންކަހަލަ މީހެއްކަން އަޔާންއަށް އެނގެއެއްނު. އަޔާން. އޭނަ ރުޅިއަރުވާ ވަރަކަށް އޭނަ ދޭ ރައްދު މާ ހަރުކަށިވެފައި ހިތަށް ތަދުކުރާނެ.” ނަތާޝާ އަޔާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“އަހަރެންތަ އޭނަ ރުޅިއަރުވަނީ؟ އަހަރެންތަ؟ އޭނަ އެ ކުރަނީ ކީއް؟” އަޔާން ރުޅިވެރިކަމާއެކު އެހިއެވެ.

“އަޔާން. ކަން އޮތީ ވަރަށް ސާފުކޮށް ފެންނަން. އަޔާން އޭނައާމެދު ކަންތައް ކުރާ ގޮތަށް އެހެން އެއްވެސް މީހަކާމެދު ކަންތަކެއް ނުކުރޭ. އޭނަ ފެނުނީމަ އަޔާންއަށް ވަނީ ކިހިނެއް ކަމެއްވެސް ނޭނގެ. ހީވަނީ ކުރީގެ ކޮންމެވެސް ބަދަލެއް ހިފަން އުޅޭހެން.” ނަތާޝާ ބުންޏެވެ.

އަޔާން ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. ކުޑަ އިރުކޮޅަކަށް އޭނައަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެންމެ ހިނގި ހުރިހާ ކަމެއް އެންމެ ކައިރިން ފެންނާނީ ނަތާޝާއަށެވެ.

“ތީ އަހަރެންގެ ރަހުމަތްތެރިއެއްތަ؟ ނޫނީ އޭނަގެ ރަހުމަތްތެރިއެއްތަ؟ އަހަރެންގެ ދޮންބެއާ ބެހޭގޮތުން އޭނަ އެ ދެއްކި ވާހަކަތައް އަޑެއް ނީވޭތަ؟” އަޔާން އެހިއެވެ.

“އޭނަ ކޮޓަރީގައި ބަންދުކުރީ ކާކު؟” ނަތާޝާ އެހިއެވެ.

އަޔާން އަނެއްކާވެސް ބަލަހައްޓައިގެން ހުރީއެވެ. ނަތާޝާގެ ވާހަކައިން ހައިރާންވެފައެވެ.

“ލުކް އަޔާން. ކޮންމެ ދުވަހަކު އޭނައާ ޒުވާބުކޮށް ދިރިއުޅުމުގައި ނުތަނަވަސްކަން އިތުރުކުރުމުގެ ބަދަލުގައި އޭނަ މަތިން ހަނދާން ނައްތާލަބަލަ. އޭނަ ފެންނަ ކަމަށްވެސް ނުހަދާ ހަމަޖެހިގެން ދިރިއުޅެވޭތޯ ބަލާބަލަ.” ނަތާޝާ ބެލީ އަޔާންއަށް ވިސްނައިދެވޭތޯއެވެ.

“ކިހިނެއް ތިވީ؟ އިއްޔެއާ ހަމައަށް ނަތާޝާވެސް ހުރީ އޭނައާ ދެކޮޅަށް. މިއަދު ކުއްލިއަކަށް ތިހާ ބޮޑު ހަމްދަރުދީއެއް އުފެދިގެން ތިއުޅެނީ ކީއްވެ؟” އަޔާން އެހިއެވެ. ނަތާޝާ ފުން ނޭވައެއް ބޭރުކޮށްލިއެވެ.

“އަޔާން. އަހަރެން އަދިވެސް މި ހުންނަނީ އޭނަދެކެ ވަރަށް ހިތްހަމަނުޖެހިފައި. އެކަމަކު ތަފާތަކީ އަޔާން އޭނައަށް ތިދޭ ސަމާލުކަން އަހަރެން އޭނައަށް ނުދޭކަން. ދެން ތިކަން ހުއްޓާލަބަލަ. ތިކަންތައް އިތުރަށް ބޮޑުކުރަނީ ކީއްކުރަން؟” ނަތާޝާ ބުންޏެވެ.

“ނޫން. އަހަންނަކަށް މިކަމެއް ހުއްޓައެއް ނުލެވޭނެ. ތީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން.” އަޔާން ބުނެލިއެވެ.

“އަޔާން ޕްލީޒް. ތި ރުޅިގަނޑު ކޮންޓްރޯލް ކޮށްބަލަ. އޭތް އަޑުއަހާބަލަ. އަހަރެން މިދަނީ ގެއަށް ބާކީ ހުރި ސާމާނުތައް ބަލައި. އެކަމަކު ޕްރޮމިސްކުރޭ އޭނައާ ދެން ޒުވާބު ނުކުރާނެ ކަމަށް.” ނަތާޝާ ވިސްނައިދެމުން ބުންޏެވެ. އަދި އޭނާގެ އަތް ދިއްކޮށްލީ އަތާއަތާ ޖެހުމަށް އެދިއެވެ.

“އެންމެ ރަނގަޅު.” އަޔާން ނަތާޝާގެ އަތާއަތާ ޖަހައި ވަޢުދުވިއެވެ.

ނަތާޝާ ދިޔުމުން އަޔާން ފޯނު ނަގާފައި އަފްޒާއަށް ގުޅިއެވެ.

“ކޮބާ ކައިފިންތަ މިހާރު؟ އަޔާންއަށް އެންމެ މީރު އެއްޗެހި ހަދާފައި ފޮނުވިން.” އަޔާންއަށް އެއްވެސް އެއްޗެކޭ ނުބުނެވެނީސް އަފްޒާ އެހިއެވެ.

“ފަހަރީ. އަހަރެން ވަރަށް ބޮޑު ވާހަކައެއް އަހަންވެގެން މި ގުޅީ. ދެންމެ އެ ފުރޭތަ ބުނީ ދޮންބެ އޭނައާ އެކުގައެއް ނޫނޭ މަސައްކަތްކުރީ، އޭނަގެ ބައްޕަގެ ދަށުންނޭ މަސައްކަތްކުރީ. އެއީ ތެދެއްތަ؟” އަޔާން މަޑުމައިތިރިކަމާއެކު އެހިއެވެ.

އަފްޒާގެ މޫނުމަތީގައި ހުރި ކުލަވަރު ބަދަލުވިއެވެ. އޭނާ އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ހުއްޓެވެ. ނަމަވެސް މާގިނައިރު އެއްޗެކޭ ނުބުނެ ހުރެއްޖެނަމަ އަޔާންއަށް ޝައްކުވެދާނެތީ އޭނަ ވާހަކަދެއްކިއެވެ.

“އެހެންތަ؟ ތިދެމީހުން މިހާރު އެހާވެސް ގާތްވީތަ އާއިލާގެ ކަންތައްތައް ޝެއާ ކުރާހާ؟ ހޫމް.”

“ފަހަރީ. އަހަރެން ސަމާސައެއް ނޫނޭ މި ކުރަނީ. އަހަންނަށް އެކަން އެނގުން ވަރަށް މުހިންމޭ. އެމީހުންގެ މެދުގައި ހިނގި ހުރިހާ ވިޔަފާރި ޑީލްތަކުގެ ތަފްސީލު އަހަރެން ބޭނުން. ޕްލީޒް.” އަޔާން އާދޭހާއެކު އެދުނެވެ.

“އަޔާން. އަސްލުގައި އޭނަވެސް އެބުނީ ރަނގަޅަށް. އަދި އަޔާންއަށް އެނގިފައި އޮތީވެސް ރަނގަޅަށް. ދޮންބެއަކީ އޭނަގެ ބައްޕަގެ އޮފީހުގެ ޖޫނިއަރ ޕާޓްނަރެއް. ހޫމް. ދެން އެވާހަކަ ބާއްވާފަ ބުނެބަލަ. ކައިފިންތަ؟ ޚާއްސަކޮށް އަޔާންއަށް ތައްޔާރުކުރި އެއްޗިއްސޭ އެއީ.” އަފްޒާ ބެލީ އެވާހަކަ އެހިސާބުން ހުއްޓާލެވޭތޯއެވެ.

“އާނ ފަހަރީ. އަހަރެން ކާނަމޭ. އަހަރެންގެ ވާހަކަ ހަނދާން ބަހައްޓައްޗޭ. އަހަރެން އެ ތަފްސީލުތައް ބޭނުން. ބާއި.” އަޔާން އެހެން ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ.

އަޔާންއަށް އެނގެއެވެ. ފަހަރިމެން ކޮންމެވެސް ކަމެއް އޭނައަށް އެބަ ސިއްރުކުރެއެވެ. ނޫންނަމަ އޭނަ ސުވާލެއް ކުރުމުން އެވާހަކަ އަވަހަށް އަނބުރާލާކަށް ނޫޅޭނެއެވެ. ނަމަވެސް އެމީހުން އޭނައަށް ސިއްރުކުރަން އޮންނާނީވެސް ކޮންކަމެއް ހެއްޔެވެ؟ އަދި އެއަށްވުރެ ބޮޑަށް އޭނަގެ ހިތުގައި އުފެދޭ ސުވާލަކީ އެއީ ކީއްވެ ހެއްޔެވެ؟

*******

ނަތާޝާ އާޓް ގެލެރީ ކައިރިއަށް ކާރުގައި މަޑުކޮށްލިއެވެ. އަދި ކާރުން ސާމާނުތައް ބާލަން ފެށިއެވެ. އަޔާން އޭރު ވީ އެތެރޭގައެވެ. އޭނާ އެއްފަހަރާ ގިނަ ސާމާނުތަކެއް ނަގައިގެން ހިނގައިގަތް ވަގުތު އޭނަ އެއް އަތުން ހިފަހައްޓައިގެން ހުރި ގިޓާ ވެއްޓެން އުޅުނެވެ. އޭނާ ވަގުތުން މަޑުޖެހިލައި ގިޓާ ކާރުގެ މަތީގައި ބޭއްވިއެވެ. އަދި އޭނާ އަތުގައި ހުރި އެހެން ސާމާނުތައް ހިފައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

ޒޯޔާ ކެފޭއިން ނުކުތް ވަގުތު ކާރު މަތީގައި އޮތް ގިޓާ ފެނުނެވެ. އޭނާ ވަރަށް ޝައުޤުވެރިކަމާއެކު ބަލަމުން ގޮސް އެ ގިޓާގައި މަޑުމަޑުން އަތް ހިންގާލިއެވެ. އޭނާއަށް ތަފާތު އިޙުސާސެއް ކުރެވުނެވެ. އޭނަ ގިޓާ ނަގައި އޭނަގެ ގައިގައި ޖައްސާލައިގެން މަޑުމަޑުން އޭގެ ނަރުތަކުގައި އަތް ހިންގާލިއެވެ. ކުރެވުނު ތަފާތު އިޙުސާސް ފުންވިއެވެ. ދެލޯ މަރާލެވުނެވެ.

(ނުނިމޭ)

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top