ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރޭ – ޗެޕްޓަރ 20
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ހޭލުންތެރިކަން

ކޮޓަރި ތެރޭގައި އޮތީ ފަނޑު އަލިކަމެކެވެ. އެ އަލިކަން ލިބެނީ މެޑިކަލް މޮނިޓަރުތަކުން ފެންނަ މަޑު އައްޔަކުންނެވެ. ވަގުތުގެ އެއްވެސް އިޙުސާސެއް ނެތް އެ މާހައުލުގައި، ވަގުތު ހިނގާކަން އަންގައިދޭ ހަމައެކަނި ނިޝާނަކީ އެ މޮނިޓަރުތަކުން އިވޭ އެއްވަރުގެ އަޑެވެ. ހޭނެތުމާއި ހޭލުންތެރިކަމުގެ ދެމެދުގައި ޔަސްނާ އޮތް އެނދުގެ ކައިރީގައި، ރިހާން އިނީ ހިމޭނުންނެވެ. އެއީ ހުސްކަމެއް ނޫނެވެ. އެއީ އޭނާ ދިރިއުޅެން ދަސްކޮށްފައިވާ އަމާންކަމެކެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ނަމަވެސް، ރިހާން މިހާރު ދުވަސްތަކެއް ނުގުނައެވެ. ޔަސްނާ ކޯމާއަކަށް ދިޔަ ހިސާބުން، ވަގުތުގެ މާނަ އޭނާއަށް ވަނީ ބަދަލުވެފައެވެ. މިހާރު ވަގުތަކީ ކުރިއަށް ދިއުމަށްވުރެ ބޮޑަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރުމެވެ. މަޖުބޫރުން ނުކުރެވޭނެ ކަމަކަށް އުއްމީދު ކުރުމެވެ.

ރިހާން އޭނާއާ އެތައް ފަހަރަކު ވާހަކަ ދެއްކިއެވެ. އެއީ ޔަސްނާއަށް އޭނާގެ އަޑު އިވޭނެކަމުގެ ޔަޤީންކަމެއް އޮވެގެނެއް ނޫނެވެ. ނަމަވެސް، އެގޮތަށް ވާހަކަ ދެއްކުމަކީ، ވަށައިގެންވާ ބުރަ ކަންތައްތަކުގެ ތެރޭގައި އަމިއްލަ ނަފުސު ހަމަބިމުގައި ބެހެއްޓުމަށް އޭނާ ކުރާ ކަމެކެވެ. މިހާރު ވެސް އޭނާ އިނީ ޔަސްނާގެ އަތުގައި މަޑުމަޑުން ހިފަހައްޓާލައިގެން، ވަރަށް މަޑުމައިތިރިކަމާއެކު ވާހަކަ ދައްކާށެވެ.

“ކަލޭ އަބަދުވެސް ހިމޭންކަން ދެކެ ފޫހިވޭ.” ރިހާން ސިއްރުސިއްރުން ބުންޏެވެ. އޭނާ ބަލަހައްޓައިގެން އިނީ ޔަސްނާގެ ހިމޭން މޫނަކަށް ނޫނެވެ. އޭނާ ހޯދަމުން ދިޔައީ މި ހުރިހާ ކަމެއް ހިނގުމުގެ ކުރިން އުޅުނު ޔަސްނާއެވެ. “ކަލޭ ބުނާނެ އެއީ ނުނިމި އޮތް ކަމެއްގެ އިޙުސާސޭ.”

އެއްވެސް ޖަވާބެއް ނުލިބުނެވެ. އިވެނީ ހަމައެކަނި މެޝިނުގެ އެހީގައި ޔަސްނާ ލަމުންދާ ނޭވާގެ އަޑެވެ. ނަމަވެސް، ކުއްލިއަކަށް މާހައުލަށް ކުޑަކުޑަ ބަދަލެއް އައި ފަދަ އިޙުސާސެއް ކުރެވުނެވެ. ރިހާން ސިހިފައި، ޔަސްނާގެ އަތަށް ބާރުކޮށްލިއެވެ.

ހަރަކާތެއްވީއެވެ. ކުޑަކުޑަ ހަރަކާތެކެވެ. ނުވިސްނާ ހުރި މީހަކަށް ފާހަގަވެސް ނުވާނެހާ ކުޑަ ކަމެކެވެ. އެކަމަކު އެއީ ހަޤީޤަތެކެވެ.

ފުރަތަމަ ރިހާން އެއްވެސް އެއްޗެއް ނުބުނެއެވެ. އެއީ ޤަބޫލުކުރަން ދަތިވުމުން ވާ ގޮތެކެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ބަލަން އިނީ ކުޑަ ނަމަވެސް އިތުރު ބަދަލެއް އާދޭތޯއެވެ.

ދެން އަނެއްކާވެސް އެކަން ތަކުރާރުވިއެވެ. ޔަސްނާގެ އިނގިލިތަކަށް ލަޮޅުމެއް އަރައިފިއެވެ. މިފަހަރު ރިހާން ގާތަށް ޖެހިލާފައި، ފާޅުކަން ބޮޑު އަޑަކުން ގޮވާލިއެވެ. “ޔަސްނާ.”

އެ ނަން ކޮޓަރި ތެރޭގައި ގުގުމައިގެނެއް ނުދިޔައެވެ. އެކަމަކު އެއީ ފަރުވާކުޑަކޮށްލެވޭނެ އަޑެއް ނޫނެވެ. ޔަސްނާގެ އެސްފިޔަތައް ތަޅުވާލިއެވެ. ވަރަށް ލަސްލަހުންނެވެ. ހީވަނީ ބަރު އެއްޗެއް އުފުލަން އުޅޭހެންނެވެ. އޭނާ ލޯ ހުޅުވާލިއިރު، ފުރަތަމަ ރިހާނަކަށް ނުބަލައެވެ.

އޭނާގެ ނަޒަރު ދަތުރުކުރަމުން ދިޔައީ މާހައުލު ދެނެގަތުމަށެވެ. އެއީ ކޮންތަނެއްކަން ދެނެގަތުމަށް ކުރާ މަސައްކަތެއް ކަހަލައެވެ.

“ޔަސްނާ.” ރިހާން އަނެއްކާވެސް މަޑުމައިތިރިކަމާއެކު ގޮވާލިއެވެ.

މިފަހަރު އޭނާގެ ނަޒަރު ރިހާނާ ދިމާލަށް ހުއްޓުނެވެ. މުޅިން ސާފުކޮށެއް ނޫނެވެ. އެކަމަކު އޭނާއަށް ރިހާން އެނގުނު ކަހަލައެވެ. ޝައްކެއްގެ ތެރޭގައި ހުރެމެ، ކޮންމެވެސް ވަރެއްގެ ދެނެގަތުމެއް ފެނުނެވެ. އޭނާގެ ތުންފަތް ކުޑަކޮށް ހަރަކާތްވިއެވެ. އެއްޗެއް ބުނަން އުޅޭ ކަހަލައެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. ނިކުތީ ހަމައެކަނި ނޭވާއެވެ.

އެވަގުތު ޑޮކްޓަރު ޝިފާ ކޮޓަރިއަށް ވަނެވެ. މޮނިޓަރުތަކުން އައި ބަދަލު ފެނިގެންނެވެ. ޑޮކްޓަރު ވަރަށް ހަމަޖެހިލައިގެން ހުރެ، ޔަސްނާގެ ހާލަތު ބައްލަވަމުން ގެންދެވިއެވެ.

“ހާސްނުވޭ.” ޑޮކްޓަރު މަޑުމަޑުން ވިދާޅުވިއެވެ. “އޭނާ އެ ހޭލަނީ، އެކަމަކު އަދި ފުރިހަމައަށް ހޭވެރިކަން ނުލިބިދާނެ.”

ރިހާން ބޯޖަހާލިއެވެ. ނަމަވެސް އޭނާ ދުރަކަށް ނުދިޔައެވެ. އޭނާއަށް އެތަނުން ދުރަށް ދިއުންވީ ނުކުރެވޭނެ ކަމަކަށެވެ. ޔަސްނާގެ ނަޒަރު ރިހާނާ ސީދާވިއެވެ. އެ މޫނުމަތިން ފެނުނީ އިންސާނީ އިޙުސާސްތަކެވެ. ދެނެގަތުމާއި، އޮޅުންބޮޅުންވުމާއި، ބިރުވެރިކަމެވެ.

“ރިހާން..” ޔަސްނާ ސިއްރުސިއްރުން ބުންޏެވެ. އެއީ ވަރަށް މަޑު އަޑެކެވެ. ނަމަވެސް ވަރަށް ސާފެވެ.

ރިހާނަށް ހަމަޖެހުމެއް ލިބުނީ ވަރަށް ލަހުންނެވެ. އޭނާއަށް އެނގެއެވެ. މީހަކު ދެނެގަތުމަކީ ބަލިން މުޅިން ފަސޭހަވުމެއް ނޫންކަމެވެ.

“އަހަރެން މިހުރީ މިތަނުގަ.” ރިހާން ބުންޏެވެ. އޭނާގެ އަޑުގައި ހަމަޖެހުން ހުއްޓަސް، ހިތުގައި ނުތަނަވަސްކަން އޮތެވެ.

ޔަސްނާގެ ނޭވާލުން ބަދަލުވިއެވެ. ހަލުވިވީއެއް ނޫނެވެ، ނަމަވެސް ފުންވީއެވެ. އޭނާގެ ހޭވެރިކަން އިތުރުވަމުން ދިޔައެވެ.

ދެން ކައިރީގައި ހުރި ނަރުސް ކުއްޖަކު، އެ ވަގުތުގެ ނާޒުކުކަން ނޭނގި ހުރެ، އާދައިގެ ގޮތަކަށް ވާހަކަ ދެއްކިއެވެ. “އޭނާ ހަމައަކަށް އެޅުނީމާ ފޭސް ޓޫ (ދެވަނަ މަރުހަލާ) ގެ އޮބްޒަވޭޝަން ފަށަން ޖެހޭނެ.”

އެއީ އާދައިގެ ބަސްތަކެކެވެ. ނަމަވެސް އެ “ފޭސް ޓޫ” އޭ ބުނި އަޑަށް ޔަސްނާ ގަނޑުވި ކަހަލައެވެ. އޭނާގެ މުޅި ހަށިގަނޑަށް އައި ބަދަލަކީ ޤުދުރަތީ ކަމެއް ނޫން ކަހަލައެވެ. ކުރިން ހުރި މަޑުމޮޅިކަން ކެނޑި، އޭނާގެ ލޮލުން ފެންނަން ފެށީ ތޫނުފިލިކަމާއި، ސަމާލުކަމެވެ.
މުޅި މީހާ ބަދަލުވީ ސިކުންތެއްގެ ތެރޭގައެވެ. އޭނާ އޮތް ގޮތް ބަދަލުކޮށްލިއެވެ. ވަށައިގެންވާ މާހައުލު ވަރަށް ހުޝިޔާރުކަމާއެކު ބަލަން ފެށިއެވެ.

އަދި އޭނާ ހިނިތުންވެލިއެވެ. އެއީ އުފާވެރި ހިނިތުންވުމެއް ނޫނެވެ. އެއީ އެއްވެސް އިޙުސާސެއް ނެތް، ބީރައްޓެހި ހިނިތުންވުމެކެވެ. މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ހޭލި އަންހެންމީހާއާ އެ މީހަކާ އެއްވެސް ގުޅުމެއް ނެތް ކަހަލައެވެ.

ޑޮކްޓަރު ޝިފާގެ މޫނުމަތިން ސީރިއަސްކަން ފެނުނެވެ. “އެންމެން ފަހަތަށް ޖެހިލާ.” ޑޮކްޓަރު ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

ނަމަވެސް ރިހާން ގުޑައެއް ނުލިއެވެ. އޭނާ ބަލަން ހުރީއެވެ. ރިހާނަށް އެނގުނެވެ. މި އަންނަ ބަދަލަކީ އާދައިގެ ކަމެއް ނޫންކަމެވެ. އެއީ ދުރާލާ ރޭވިގެން، ތަމްރީނު ކުރެވިގެން އަންނަ ބަދަލެއް ކަމެވެ.

ޔަސްނާގެ ލޯ މުޅި ކޮޓަރި ތެރޭގައި ދަތުރުކުރަމުން ދިޔައީ ކަމެއް ދެނެގަންނަން އުޅޭ ފަދަ ގޮތަކަށެވެ. އަދި އޭނާގެ ނަޒަރު ރިހާނަށް ހުއްޓުނުއިރު، އެ ލޮލުގައި ހުރީ ބިރުގަންނަވާ ފަދަ ސާފުކަމެކެވެ.

“އެމީހުން އެބަ ބަލާ.” އޭނާ ބުންޏެވެ. އޭނާގެ އަޑު ހުރީ ސާބިތުކޮށް، ކޮންޓްރޯލް ކުރެވިފައެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އިވުނު ނާޒުކު އަޑާ މުޅިން ތަފާތެވެ.

އެއްވެސް އޮޅުންބޮޅުންވުމެއް ނެތެވެ. ޖެހިލުންވުމެއް ނެތެވެ. ފެންނަނީ ހަމައެކަނި ޔަޤީންކަމެވެ. ރިހާނަށް އޭނާގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނާއަށް ޝައްކު ކުރެވިފައިވާ ހަޤީޤަތް ކަށަވަރުވުމުންވީ ގޮތެކެވެ.

“ޔަސްނާ.” ރިހާން ވަރަށް ފަރުވާތެރިކަމާއެކު ބުންޏެވެ.

ޔަސްނާގެ ލޮލަށް ކުޑަ ލޮޅުމެއް އަރައިފިއެވެ. އެ ނަން އިވުމުން އޭނާގެ އެތެރެހަށީގައި ރާޅުބާންޏެއް އުފެދުނު ކަހަލައެވެ.

“އެ ނަމުން ނުގޮވާ.” އޭނާ ބުންޏެވެ. އެއީ ހީވީ އިޚްތިޔާރުން ބޭރުގައި ބުނެވުނު ބަހެއް ހެންނެވެ. އެއަށްފަހު އޭނާ މަޑުޖެހިލިއެވެ. މޫނުމަތީގެ ކުލަވަރު ސިކުންތެއްގެ ތެރޭގައި ބަދަލުވެގެން ދިޔައެވެ.

ދެން އޭނާ ހުއްޓުނެވެ. ނޭވާ ތާށިވިއެވެ. ލޯ ބޮޑުވިއެވެ. އަދި އޭނާގެ މައްޗަށް އޮތް ކޮންޓްރޯލް މުޅިން ގެއްލި ފުނޑުފުނޑުވިއެވެ.

“ނޫން..” އޭނާ ސިއްރުސިއްރުން ބުންޏެވެ. އޭނާގެ އަތްތިލަ ތަޅުވާލަމުން، އަޑު ބެދޭ ހާލު ބުނަމުން ދިޔައެވެ. “ނޫން، ނޫން، ނޫން..”

އޭނާގެ މުޅި ހަށިގަނޑު ފަހަތަށް ޖެހިލީ، އަމިއްލަ ނަފުސުގެ ބޭރުން ކަމެއް ފެނިގެން އުޅޭ ފަދަ ގޮތަކަށެވެ. ހީވަނީ އޭނާގެ ދެ ޝަޚްޞިއްޔަތެއް އެއްވަގުތެއްގައި ކުރިމަތިލީހެންނެވެ. އެކަކީ ކޮންޓްރޯލް ކުރެވިފައިވާ މީހާއެވެ. އަނެކަކީ ބިރުގަނެފައިވާ އިންސާނާއެވެ.

ޑޮކްޓަރު ޝިފާ ވަގުތުން ކުރިއަށް ޖެހިލިއެވެ. “ޔަސްނާ، އަހަރެން ދައްކާ ވާހަކަ އަޑުއަހާ.” ޑޮކްޓަރު ވަރަށް ސާބިތުކަމާއެކު، ނަމަވެސް އޯގާތެރިކަމާއެކު ވިދާޅުވިއެވެ. “ކަލޭ ތިއޮތީ ސަލާމަތުން. ކަލޭ ތިއޮތީ މިތަނުގައި.”

ނަމަވެސް ޔަސްނާ ބޯ ހޫރުވަމުން ދިޔައެވެ. އޭނާގެ ނޭވާ އަވަސްވަމުން ދިޔައެވެ. “ނޫން.. އެމީހުން ބުނި.. އެމީހުން ބުނި އަހަރެން ހަނދާންވެއްޖެއްޔާ.. އަހަރެން ވާހަކަ ދައްކައިފިއްޔާ..”

އޭނާގެ އަޑު މެދުކެނޑުނެވެ. ދެން އޭނާ ރިހާނަށް ބަލާލިއެވެ. ވަރަށް ފުންކޮށް، ސާފުކޮށެވެ. މިފަހަރު އޭނާގެ ލޮލުން ފެނުނީ އޮޅުންބޮޅުންވުމެއް ނޫނެވެ. އެއީ ހަޤީޤަތެވެ.

“އެމީހުން އަހަރެމެން ތަމްރީނުކުރި.” އޭނާ ބުންޏެވެ. އޭނާގެ އަޑު ތުރުތުރުލީ ނަމަވެސް، އެއީ އަޒުމުން ފުރިގެންވާ އަޑެކެވެ. “ހަމައެކަނި ކިޔަމަންވާކަށް ނޫން.. ބަދަލުވާން ވެސް.”

ކޮޓަރި ތެރެއަށް ހިމޭންކަން ވެރިވިއެވެ. ސަބަބަކީ، މިހާރު ހުރިހާ ކަމެއްގެ މާނަ އެނގެން ފެށުމެވެ.

“އެމީހުން ބޭނުންކުރީ ބަސްތައް.” ޔަސްނާ ކުރިއަށް ގެންދިޔައެވެ. ހަނދާންތައް އާކުރަން މަސައްކަތް ކުރަމުން އޭނާގެ އަޑަށް ބާރު ލިބެމުން ދިޔައެވެ. “އާދައިގެ ބަސްތައް.. އާދައިގެ ޖުމްލަތައް.. އެއްވެސް މީހަކު ސުވާލު ނުކުރާނެ ފަދަ ކަންކަން.. އެކަމަކު ކޮންމެ ބަހަކުން އަންގައިދެނީ ތަފާތު މާނައެއް.”

އޭނާގެ އަތުން އެނދުގައި އޮތް ރަޖާގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. “ކޮންމެ ބަހަކުން.. އަހަރެމެން ވާންޖެހޭ މީހާ ބަދަލުކޮށްލާ.”

ޑޮކްޓަރު ޝިފާ، ދުރުގައި ތިބި ޚާއްޞަ ޓީމާ ނަޒަރު ބަދަލުކޮށްލިއެވެ. “ޓްރިގާ ބޭސްޑް ކޮންޑިޝަނިންގ.” ޑޮކްޓަރު މަޑުމަޑުން ބުންޏެވެ. “މިއީ މީހާގެ ސިކުނޑި ބައިބައިކޮށްގެން ކޮންޓްރޯލް ކުރުން.”

ނަމަވެސް ޔަސްނާ ބޯ ހޫރުވާލިއެވެ. “އެއީ ހަމައެކަނި ކޮންޓްރޯލެއް ނޫން.” އޭނާ ބުންޏެވެ. “އެއީ.. ބަދަލުކުރުން.”

އޭނާގެ ނަޒަރު އަނެއްކާވެސް ބަދަލުވިއެވެ. މިފަހަރު އޭނާ ހުރީ ވަރަށް ސާބިތުކަމާއެކުގައެވެ. “އެމީހުން އަހަރެމެންގެ ތަފާތު ސިފަތައް އުފެއްދި.” އޭނާ ލަސްލަހުން ބުންޏެވެ. “އިޙުސާސް ކުރެވޭ މީހަކާ.. ކިޔަމަންވާ މީހަކާ.. ސަލާމަތްވެގެން ހުންނަ މީހަކާ.. އަދި އެމީހުން ބޭނުންވާ ކޮންމެ ކަމެއް މުޅިން ހަލާކުނުވެ ކުރާނެ މީހެއް.”

ރިހާނަށް އެ ބަސްތަކުގެ ބުރަދަން އިޙުސާސް ކުރެވުނެވެ. “ދެން ޒުލޭޚާ؟” ރިހާން ސާބިތުކަމާއެކު އެހިއެވެ.

ޔަސްނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ބިރުވެރިކަމަކަށް ނޫނެވެ، ނަމަވެސް ނުހަނު އަނދިރި ކަމަކަށެވެ. “އޭނާއަކީ ހަމައެކަނި އޭގެ ބައެއް ނޫން.” ޔަސްނާ މަޑުމަޑުން ބުންޏެވެ. “އޭނާއަކީ އެކަން ހިންގި މީހާ.”

ހިމޭންކަން ވެރިވިއެވެ. އެއީ ވަރަށް ބަރު، ނިހާއީ ހިމޭންކަމެކެވެ.

“އޭނާ އެކުދިން ހޯދި.” ޔަސްނާ ކުރިއަށް ގެންދިޔައެވެ. ހަޤީޤަތް ހާމަވަމުން ދިޔަ ވަރަކަށް އޭނާގެ އަޑަށް ބާރު ލިބެމުން ދިޔައެވެ. “ރަށްރަށުގެ އަންހެން ކުދިން.. އިތުބާރުކުރާ އާއިލާތަކުން.. އެހީތެރިކަމަށް ބޭނުންވެފައިވާ ކުދިން.. އޭނާ ވަޢުދުވީ ތަޢުލީމާއި، ވަޒީފާއާއި، ފުރުސަތުތައް ހޯދައިދޭނެ ކަމަށް..”

އޭނާ ދަތްކުނޑިވިކާލިއެވެ. “އެކަމަކު އެއީ ދުވަހަކުވެސް އެކަން އޮތް ގޮތެއް ނޫން.”

ރިހާންގެ އަތް މުށްކަވާލެވުނެވެ. ނަމަވެސް އޭނާ ވާހަކަ މެދުކަނޑައެއް ނުލައެވެ.

“އޭނާ އިޚްތިޔާރުކުރި ތަމްރީނު ކުރެވޭނީ ކޮންބައެއްކަން.. ކޮންބައެއްކަން މުޅިން ހަލާކުކޮށްލެވޭނީ.. އަދި އައު ގޮތަކަށް ބިނާކުރެވޭނީ ކޮންބައެއްކަން.” ޔަސްނާ ބުންޏެވެ.

އޭނާގެ ލޯ ރިހާނާ ސީދާވިއެވެ. “އަހަރެންނަކީ އޭގެ ތެރެއިން އެކަކު.”

އެ ބަސްތައް އިވިގެން ދިޔައީ ނުހަނު އަސަރާއެކުގައެވެ. އެއީ ދުވަހަކުވެސް ބަދަލު ނުކުރެވޭނެ ހަޤީޤަތެކެވެ.

“އެމީހުން ބޭނުންވީ އެކި ދާއިރާތަކުގެ ތެރޭގައި އުޅެވޭނެ މީހެއް.” އޭނާ ބުންޏެވެ. “އާދައިގެ މީހެއްގެ ގޮތުގައި ފެންނާނެ މީހެއް.. ބާރުގަދަ މީހުންނާ ކައިވެނިކުރާނެ މީހެއް.. އެއްވެސް ޝައްކެއް ނެތި ނުފޫޒުގަދަ މީހުންގެ ގާތުގައި ހުރެވޭނެ މީހެއް.”

ރިހާންގެ ނޭވާ ހުއްޓުނު ކަހަލައެވެ. “ދެން ކަލޭ؟” އޭނާ މަޑުމަޑުން އެހިއެވެ.

ޔަސްނާ އޭނާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. “އަހަރެން ހޮވީ އާދައިގެ ގޮތަކަށް ނޫން.”

އެ ހަޤީޤަތަކީ މުޅި ދިރިއުޅުން ސުންނާފަތިކޮށްލި ފަދަ ކަމެކެވެ. “އަހަރެން އެތަނަށް ލީ ބޭނުމެއްގައި.”

އަނެއްކާވެސް ކޮޓަރި ތެރެއަށް ހިމޭންކަން ވެރިވިއެވެ. ނަމަވެސް މިފަހަރު އެއީ ހުސްކަމެއް ނޫނެވެ. އެއީ ފުރިހަމަވުމެވެ. ސަބަބަކީ، މިހާރު އުނިވާ އެއްވެސް ބައެއް ނެތެވެ. އޮތީ ހަމައެކަނި އޭގެ ނަތީޖާއެވެ.

ޔަސްނާގެ ކޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނަމަވެސް އޭނާގެ އަޑެއް ނުބެދެއެވެ. “ފުރަތަމަ އަހަރެންނަކަށް ނޭނގޭ.” އޭނާ ބުންޏެވެ. “ފުރިހަމައަކަށް ނޫން.. ބައެއް މަންޒަރުތައް ފެންނަނީ.. ކޮންމެވެސް ކަމެއް ގޯސްކޮށް އުޅޭކަމުގެ އިޙުސާސްވަނީ.. އަހަރެންނަކީ އަބަދު އެއް ސިފައެއްގައި ހުންނަ މީހެއް ނޫންކަން އިޙުސާސްވަނީ..”

އޭނާގެ އަތް ކުޑަކޮށް ތުރުތުރުލިއެވެ. “އެކަމަކު މިހާރު ހުރިހާ ކަމެއް ހަނދާންވެއްޖެ.”

ޑޮކްޓަރު ޝިފާ ގާތަށް ޖެހިލިއެވެ. “ދެން އެ ޓްރިގާތައް؟” ޑޮކްޓަރު އެހިއެވެ.

ޔަސްނާ ލަސްލަހުން ނޭވާލިއެވެ. “އެ ކަންކަމަކަށް މިހާރު އަހަރެން ކޮންޓްރޯލެއް ނުކުރެވޭ.” އޭނާ ބުންޏެވެ. “މުޅިން އެއްކޮށެއް ނޫން.”

މަޑުޖެހުމަކަށްފަހު އޭނާ ބުންޏެވެ. “ނަމަވެސް އެ ކަންކަން އަދިވެސް އަހަރެންގެ ސިކުނޑީގައި އެބަހުރި.”

ރިހާން ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. “ކަލެއަށް އެކަންކަން ހުއްޓުވިދާނެތަ؟” އޭނާ އެހިއެވެ.

ޔަސްނާ ރިހާނަށް ބަލާލިއެވެ. އޭނާ ހޭލިފަހުން ފުރަތަމަ ފަހަރަށް އެ މޫނުމަތިން ސާބިތުކަމެއް ފެނުނެވެ. އެއީ އަމިއްލަ އިޚްތިޔާރުގައި ނިންމި ނިންމުމެކެވެ.

“އާނ.” އޭނާ މަޑުމަޑުން ބުންޏެވެ.

ދިގު ހިމޭންކަމެއް ދެން ވެރިވިއެވެ. ސަބަބަކީ އެންމެ ބަހަކުން ހުރިހާ ކަމެއް ބަދަލުކޮށްލީތީއެވެ.

އެ ދުވަހުގެ އިރުއޮއްސުނު ވަގުތު، އުޑުމަތި އާދައިގެ މަތިން ރިހިކުލައިގެ ފަނޑު އައްޔަކަށް ބަދަލުވަމުން ދިޔައިރު، ރިހާން ހުރީ ކުޑަދޮރު ކައިރީގައެވެ. އަލިކަމާއި އަނދިރިކަން މަސްހުނިވަމުން ދިޔަ އެ ވަގުތަކީ ހަޤީޤަތުގައި ކޮންކަމެއް ރަމްޒުކޮށްދޭ ވަގުތެއްކަން މިހާރު އޭނާއަށް ވިސްނެއެވެ.

އޭނާގެ ފަހަތުގައި ޔަސްނާ އޮތީ އަރާމުކުރާށެވެ. ކުރިން އޮތް ގޮތަކަށް ނޫނެވެ. އޭނާ އޮތީ ހޭލައެވެ. ހޭވެރިކަން ހުރެގެންނެވެ. އޭނާ އުފުލި ތަހައްމަލުތަކުގެ ބުރަދަނާއި، އެ ހުރިހާ ކަމަކުން ސަލާމަތްވުމަށް ދެއްކި ހިތްވަރު އޭނާގެ ކިބައިން ފެންނަން ހުއްޓެވެ.

އެ ރިހި ރޭތައް ނިމުމަކަށް ނާދެއެވެ. ނަމަވެސް އެ ރޭތަކުގެ މާނަ ވަނީ ބަދަލުވެފައެވެ. ސަބަބަކީ މިހާރު އެއީ ހަމައެކަނި އަނދިރިކަމުގެ ތެރޭގައި ސަލާމަތްވުމަށް ކުރާ މަސައްކަތެއް ނޫނެވެ. އެއީ އެ އަނދިރިކަމުގެ ތެރެއިން ހާމަވި ހަޤީޤަތާއެކު، ކުރިއަށް ދާނެ ގޮތެއް އަމިއްލައަށް އިޚްތިޔާރު ކުރުމެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top