ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ލަމީން ޔަމާލް: މިއީ އޭނާގެ ވޯލްޑް ކަޕަށް ވެދާނެކަން ސާބިތުކޮށްދީފި

މެޗު ފެށުމުގެ ކުރިންވެސް އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ލަމީން ޔަމާލްގެ ވާހަކައެވެ. އަދި މެޗު ނިމުމަށްފަހުވެސް އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އޭނާއަށެވެ. އުމުރުން އެންމެ 18 އަހަރުގެ މި ކުޅުންތެރިޔާ އެޓްލާންޓާއަށް އެނބުރި ދިޔައީ، ކޭޕް ވާޑްއާ ދެކޮޅަށް ސްޕެއިން ކުޅެ އެއްވަރުވި މެޗުގައި ލިބުނު 19 މިނެޓުގެ ފުރުސަތަށްފަހު، ވޯލްޑް ކަޕްގެ މެޗެއްގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމުގެ އުންމީދުގައެވެ.

މިދިޔަ އޭޕްރީލް މަހު އޭނާއަށް ކުރިމަތިވި ފައިގެ ފަލަމަސްގަނޑުގެ އަނިޔާއިން ސަލާމަތްވެ، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅެވޭ ވަރަށް ފިޓްވުމާއެކު، އޭނާގެ ހުނަރު ދައްކާލަން ގިނަ ވަގުތެއް ނުނެގިއެވެ. ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ވިދާޅުވީ ޔަމާލްގެ ރިކަވަރީއަށް ބަލައި، އޭނާ ބޭނުންކުރަމުންދަނީ ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން ކަމަށެވެ.

ބޯޅައިގައި ފުރަތަމަ ފަހަރަށް ފައި ބީހުމުގެ ކުރިންވެސް، ދަނޑުގެ ތެރެއިން ފެނުނު ފޯރިއަކީ އާދަޔާޚިލާފު ފޯރިއެކެވެ. އެތައް ހާސް ސަޕޯޓަރުންނެއް ތިބީ އޭނާގެ ނަން ޖަހާފައިވާ ޖާޒީތަކުގައެވެ. ދަނޑުގެ ބޮޑު ސްކްރީނުން އޭނާގެ މޫނު ފެންނަ ކޮންމެ ފަހަރަކު މުޅި ދަނޑު ގުގުމާލައެވެ. ސްޕެއިންގެ މި ޒުވާން ތަރި ބޯޅައިގައި އަތްނުލަނީސް، މުޅި މެޗުގެ ފޯރި އޭނާ ވަނީ އުފުލާލާފައެވެ.

އަދި ބޯޅައާއެކު އޭނާ ކުޅެން ފެށުމުން، މެޗުގެ ފުރަތަމަ ހާފު މުޅިން ބަދަލުކޮށްލިއެވެ. ސްޕެއިންއިން ކުރިން ވައުދުވި ފަދައިން، މި މެޗުގައި ފެނުނީ ވަރަށް ބޮޑު އިތުބާރަކާއެކު، ހަލުވިކޮށް އަދި ޖެހިލުމެއް ނެތި ކުޅުނު މަންޒަރެވެ. ސައުދީ އަރަބިއްޔާ 4-0 އިން ބަލިކުރި އިރު، މި ހުރިހާ ކަމެއްގެ މެދުގައި ހުރީ ލަމީން ޔަމާލްއެވެ. މީގެ ކުރީ މެޗުގައި ސްޕެއިންގެ ކުޅުމުން ފެނުނު ފަރުވާކުޑަކަމެއް މިފަހަރަކު ނެތެވެ. މިފަހަރު ފެނުނީ ހަކަތައިން ފުރިގެންވާ، ސީދާ އަމާޒަށް ކުޅުނު މޮޅު ކުޅުމެކެވެ.

ޔަމާލްއާއެކު ސްޕެއިން ޓީމަށް ކުރިން ކުޅުނު ސެޒާ އަޒްޕިލިކުއެޓާ ބުނި ގޮތުގައި، ޔަމާލް ފަދަ އަމިއްލަ ނަފްސަށް އިތުބާރު އޮތް މިނިވަންކަމާއެކު ކުޅޭ ކުޅުންތެރިއަކަށް ދަސްކޮށްދޭނެ އިތުރު އެއްޗެއް ނޯންނާނެއެވެ. އޭނާ ދަނޑުމަތީގައި ހުންނައިރު ފުރުސަތުތައް ތަނަވަސްކުރާނެ ގޮތާއި، ޑިފެންޑަރުން ކައިރިން ނައްޓާލާނެ ގޮތް ވަރަށް ރަނގަޅަށް ދަނެއެވެ.

ހަލުވިކަމާއި ޖެހިލުންކުޑަކަމާއެކު ޔަމާލް ޑިފެންޑަރުން ކައިރިން ނައްޓާލަމުން ދިޔަގޮތުން، އޭނާ ލަނޑެއް ޖަހާނެކަން ކަށަވަރުވިއެވެ. އަދި މެޗުގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބުކުރީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ގޯލުގެ ކުރިމައްޗަށް ހުރަސްވި ބޯޅައެއްގައި ފައި ޖައްސާލައިގެން އޭނާ ވަނީ އޭނާގެ ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.

ޔަމާލް ވެފައިވަނީ އުމުރުން 19 އަހަރު ނުފުރެނީސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ތާރީޚީ 7 ވަނަ ކުޅުންތެރިއަށެވެ. އަދި އުމުރުން 18 އަހަރު ނުވަތަ އެއަށްވުރެ ހަގު އުމުރެއްގައި މެޗެއްގެ ފުރަތަމަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިއަށެވެ. މީގެ ކުރިން މި ޝަރަފް ހޯދާފައިވަނީ 1958 ވަނަ އަހަރު ބްރެޒިލްގެ ޕެލޭއެވެ.

ވޭން ރޫނީ ވެސް ވަނީ ޔަމާލްއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި އޭނާ ލިއޮނަލް މެސީއާ އަޅާކިޔުން ވަނީ އާންމުވެފައެވެ. ބާސެލޯނާގައި މެސީ ހަދާފައިވާ ގިނަ ރެކޯޑުތަކެއް ޔަމާލް މުގުރާލާފައިވާއިރު، މިހާރު އޭނާ ވަނީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައިވެސް މެސީއަށްވުރެ ކުރި ހޯދާފައެވެ. މެސީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑު ޖެހިއިރު އުމުރަކީ ގާތްގަނޑަކަށް 19 އަހަރެވެ. ނަމަވެސް ޔަމާލް މިވަނީ އެއަށްވުރެ ދެ ހަފުތާ ހަގު އުމުރެއްގައި އެކަން ހާސިލްކޮށްފައެވެ.

ރޫނީ ބުނި ގޮތުގައި ޔަމާލްއަކީ މިހާރު ސްޕެއިން އަދި ބާސެލޯނާގެ މައި ތަނބެވެ.

“އެންމެން މިހާރު ބަލަނީ އޭނާ މޮޅުކޮށްދޭނެ ކަމަށް. ޔޫރޯ ކާމިޔާބު ކުރުމުގައި އޭނާ ބޮޑު ދައުރެއް އަދާކުރި، އަދި މި ވޯލްޑް ކަޕްގައިވެސް އެކަން ފެންނާނެ. އެހާ ހަގު އުމުރެއްގައި އެފަދަ ޕްރެޝަރެއް އުފުލުމަކީ އަޖައިބުވާފަދަ ކަމެއް،” ރޫނީ ބުންޏެވެ.

މެޗުގެ ކުރީކޮޅު ޔަމާލް ދެއްކި މޮޅު ކުޅުމާއެކު، ސްޕެއިންގެ އެހެން ކުޅުންތެރިންވެސް ފޯރިއަށް އައެވެ. މައިކަލް އޮޔަރްޒަބަލް ދެ ލަނޑު ޖެހިއިރު، ޔަމާލް ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން އެސިސްޓެއްވެސް ކޮށްފައެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ 25 މިނެޓު ތެރޭގައި ތިން ލަނޑުގައި ސީދާ ބައިވެރިވި ދެވަނަ ކުޅުންތެރިއެވެ.

ފުރަތަމަ ހާފު ނިމުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޔަމާލް ބަދަލުކުރިއެވެ. އޭނާގެ ފިޓްނަސްއަށް ސްޕެއިންއިން ވަރަށް ބޮޑަށް ސަމާލުކަން ދޭނެއެވެ. ސަބަބަކީ ފިޓްކޮށް ހުރި ލަމީން ޔަމާލްއަކީ ކޮންމެ މެޗެއްގެ ނަތީޖާ ބަދަލުކޮށްލެވިދާނެ ފަދަ ކުޅުންތެރިއަކަށް ވާތީއެވެ.

އޭނާއަށް 19 އަހަރު ފުރޭއިރު، ވޯލްޑް ކަޕްގެ ފައިނަލަށް އޮންނާނީ ހަފުތާއަކަށްވުރެ ކުޑަ ދުވަސްކޮޅެކެވެ. މިހާރު އުފެދޭ ސުވާލަކީ، ސްޕެއިން ފައިނަލަށް ގެންގޮސްދޭނެ ސަބަބަކީ އޭނާ ކަމުގައި ވެދާނެ ހެއްޔެވެ؟

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top