އަހަރެންގެ ނަމަކީ ހައްވާ ހިޖްރާ އެވެ. އަހަރެންގެ އުމުރުން 30 އަހަރެވެ. އަހަރެން މި ކިޔައިދެނީ އަހަރެންގެ ވާހަކައެވެ. މިވާހަކައާމެދު ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދެކުނަސް މިކަމާއިމެދު އެމީހަކު އަމިއްލައަށް ގޮތް ނިންމިޔަސް އެގޮތަށް އަމަލުކުރާކަށް މިއަދު އަހަރެން ނެތީމެވެ. މިކޮޅުން ދައްކާނީ އެވެ. ތިކޮޅުން ބޭނުން ގޮތެއް ތިކޮޅުން ނިންމާށެވެ. އެކަމު ބުނަމެވެ. ބަޔަކު ނިންމާހާ ގޮތަކަށް އަމަލުކުރާ މީހަކަށް އަހަރެން ދެން ނުވާނެއެވެ.
އަހަރެންގެ ވާހަކަ މެންދަމުން މިފަށަނީ، ދެވަނަ ފަހަރަށް މިވާހަކަ ދައްކަން ޖެހުނު ސަބަބު މެދުވެރިވީ މެންދަމެއްގައި ކަމަށް ވާތީއެވެ.
މެންދަމުން އަލިވެ ތިނެއް ޖަހާކަން ހާއިރެވެ. އިރާކޮޅު ވެހޭންފެށި ވާރޭ ދޭތެރެއަކުން ކޮންމެވެސް ވަރަކަށް ތުނިކޮށްލި ނަމަވެސް މުޅިއަކުން އަދި ވެސް ހުއްޓައެއް ނުލައެވެ.
ހިޖްރާ އިންތިޒާރު ކުރަމުން ދިޔައީ ސިޔާދު އަންނާނެ އިރަކަށެވެ. އިރާކޮޅު ބޭރަށް ދިޔަ ސިޔާދު އެގާރަ ޖަހާކަން ހާއިރު ގެއަށް އަންނާނެ ކަމަށް ބުނި ނަމަވެސް، އަދިވެސް ނާދެއެވެ. އެއްފަހަރަށްވުރެ ގިނަ ފަހަރު ގުޅިއްޖެއެވެ. މެސެޖް ކުރެވިއްޖެއެވެ. ޚަބަރެއް ނުވިއެވެ.
މިރޭ ވެސް ހިޖްރާ ނުނިދާ އިނީ ސިޔާދު ގެއަށް އައިމަ އޭނާއަށް ކާންދީފައި ނިދާށެވެ. އެކަން އެހެން ނުކުރެވުނު ދެ ރެއަކު ކަންތައް ވީ ގޮތް އޭނާ ހަނދާން އެބަހުއްޓެވެ. އެއީ އޭނާގެ ހަނދާނުން ފިލައިގެން ނުދާނެ ދެ ރެއެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ.
ފެންޑާ ސޯފާގައި، ނިދިޖެހިފައި އިން ހިޖްރާ ސިއްސައިގެން ދިޔައީ، ބޭރުން ވަންނަން ހުރި ދޮރު ހުޅުވުނު އަޑަށެވެ. އަވަސް އަވަހަށް ގޮނޑީގައި ހަމަޖެހިލަމުން ދޮރާއި ދިމާއަށް ބަލައިލިއިރު، ސިޔާދު ގެއަށް އައީ އެވެ.
ސިޔާދުއާ ގުޅޭގޮތުން އިވެމުންދިޔަ ވާހަކަތަކާއި އޭނާގެ ފަރާތުން ފެންނަމުންދާ ޢަމަލުތަކާއިމެދު ކަންބޮޑުވެ، އެކަންކަން ރަނގަޅު ކުރުމަށް އެދި ހިޖްރާ އާދޭސް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.
“ސިޔާދު! ކޮންތާކުން ތިއައީ؟ … ހެޔޮނުވާނެ …. އާދޭސް ކޮށްފަ މިބުނީ … ތިޔަ އުޅުން ދޫކޮށްލާ. ތިޔަ ރައްޓެހިންނާ ދުރުވޭ. މިއަދު ތިއީ އުފަލެއްކަމަށް ދެކުނަސް މާދަމާ ތިކަމުގެ ނުރަނގަޅުކަން އެނގުނީމާ ދެރަވާނެ. އަހަރެން މީނީ އަދުތޯ މާދަން ވިހަން ވެފަ. ދަރިފުޅާއި މެދު ވެސް ނިކަން ވިސްނާލަބަލަ. ” އެހެން ރޭތައް ފަދައިން މިރޭ ވެސް ހިޖްރާ އާދޭސް ކުރިއެވެ.
“ވަރަށް ދުވަހު ކެތްކޮށްފިން. ތިޔަ ބޭކާރު އަނގަ ނުތަޅާށޭ ވެސް ބުނެވުނު އަދަދެއް ނޭނގެ. ކެތްތެރިކަން ކޮޅުން ލައިފި …. ތިހުރީ ވަރި ކޮށްފަ…. ހަމަ މިހާރު ގެއިން ނުކުމޭ.” ރުޅިއައިސްފައިވާ ސިންގާއެއް ފަދައިން ހިޖްރާއާ ދިމާއަށް ސިޔާދު ޖެހިގަތެވެ.
އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެފައި އިން ހިޖްރާ، ސިއްސައިގެން ދިޔައީ ސިޔާދު އައިސް އޭނާގެ އިސްތަށިގަނޑުގައި ހިފާ ލައްކެއް ޖެހުމުންނެވެ. ހިޖްރާ ތެދުވީ ގޮނޑިން ލުހިގެން ކަހަލަ ގޮތަކަށެވެ.
ހިޖްރާ ކުރަމުންދިޔަ އާދޭހަކަށް. ރޮމުންދިޔަ ރުއިމަކަށް ސިޔާދު ނުބަލައެވެ.
އިސްތަށިގަނޑުގައި ހިފައިގެން އެ ހުރިގޮތަށް ގޮސް ގެއިން ބޭރަށް ހިޖްރާ ކޮށްޕާލިއެވެ. ދިފާއުގައި އެއްވެސް ކަމެއް ނުކުރެވުނު ހިޖްރާ ގޮސް ޖެހުނީ ބިންމައްޗަށެވެ. ނަސީބު ރަނގަޅުކަމުން ދެކަކުލާއި އަތް ވިދިފައި ބަނޑުވަތަށް ނުވެއްޓި ސަލާމަތް ވިއެވެ.
“މިތާކު ނުހުންނާނެ ކަލެއާ ބެހޭ އެއްވެސް އެއްޗެއް. ހަނދާން ކުރާތި …. މީގެ ފަހުން އޮޅިގެން ވެސް މިގެއަށް ވަދެގެން ނުވާނެ.” ދިން އިންޒާރާއިއެކު ސިޔާދު ދޮރުލެއްޕިއެވެ.
ހިތްވަރާއިއެކު ހިޖްރާ ތެދުވިއެވެ. މިވަގުތު މިނޫން އެހެން ގޮތެއް އޭނާއަކަށް ނެތެވެ. ވެހެމުންދިޔަ ވާރޭއިން ސަލާމަތް ވުމަށްޓަކައި ފިހާރައެއްގެ އަސްކަނިދަށަށް ޖެހެލިއިރު ކޮންމެ ވެސް ވަރަކަށް ބަނޑުގައި ރިއްސަން ފަށައިފިއެވެ. ދެކަކުލާއި އަތުގެ ކުޑަހުޅުގައި ވެސް ރިހުމެއް ހުއްޓެވެ.
މިވަގުތަށް އެންމެ މުހިންމީ ސިއްހީއެހީތެރިއެއްގެ އެހީތެރިކަން ހޯދުމެވެ. އެފަދަ ތަނަކަށް ދާން ބަލާއިރު އެހީތެރިއެއް މުހިންމު ވާނެއެވެ. އެފަދަ މީހެއް ނެތެވެ. ފައިސާ ވެސް ބޭނުން ވާނެއެވެ. ފައިސާއެއް ވެސް ނެތެވެ. މީހަކަށް ގުޅައިގެން ނޫނީ އެހެން މީހަކަށް މިކަން އެންގޭނެ ގޮތެއް ނެތެވެ. ގުޅަން ބަލާލިއިރު ފޯނެއް ނެތެވެ. ހިނގާފައި ދާން ވިސްނިއިރު، އެހިސާބަށް ދާނެހާ ހަކަތައެއް އޭނާގެ ނެތެވެ. އެހާ ދުރަށް ހިނގާނެހާ ވަރު ވެސް އޭނާގެ ފައިގާ ހުންނާނެކަމާއިމެދު ޝައްކެވެ.
ކޮންމެ ގޮތެއް ވިޔަސް ހޮސްޕިޓަލަށް ދެވޭތޯ ހިޖްރާ މަސައްކަތް ފެށިއެވެ. މަޑުމަޑުން ކުރިޔަށް ދިޔައެވެ. މަގުމަތިން ދިޔަ އެތައް ޓެކްސީ އަކަށް ގޮވައިގެން ދެ ޓެކްސީއެއް މަޑުކުރި އެވެ. ކައިރި ވެސް ކުރިއެވެ. ފައިސާ ނެތް މައްސަލަ އާއި ޝީޓްތައް ތެމިދާނެ މައްސަލަ ކުރިމަތި ވިއެވެ. އެކަކު ވެސް ދަތުރު ކޮށެއް ނުދިނެވެ.
ގައިން ވަރުހުސްވެ އުންމީދު ކެނޑި ފިހާރައެއް ކައިރީ ފާރުބުޑަށް ޖެހިފައި ކަހަލަ ގޮތަކަށް އިން ހިޖްރާ ސިއްސައިގެން ދިޔައީ ކޮންމެ ވެސް މީހަކު އޭނާގެ ގައިގާ އަތް ޖައްސާލުމުންނެވެ.
ސިއްސައިގެން ގޮސްފައި ލޯ ހުޅުވާލިއިރު، ޒުވާން ފުރައިގެ އަންހެން ކުއްޖަކު އޭނާ ކައިރީ އުޑުފައިން ކަހަލަ ގޮތަކަށް އިށީންދެގެން އިނެވެ. ކައިރީގައި ކާރެއް ވެސް އޮތެވެ. ތުނިކޮށް ވެހެމުންދިޔަ ވާރެއަށް މާބޮޑު ސަމާލުކަމެއް ނުދީ އެ އަންހެން ކުއްޖާ މަސައްކަތްކުރީ ހިޖްރާ ކޮޅަށް ނަގާށެވެ. އެމީހުނާއި އެކު ހޮސްޕިޓަލަށް ގެންދާށެވެ.
ކުރިން ކުރިމަތިވި ތަޖުރިބާގެ ވާހަކަ ހިޖްރާ ދެއްކީ ރޮމުންނެވެ.
“މިއީ އަހަރެންގެ އަމިއްލަ ކާރެއް. ދުއްވަން އޭނީ އަހަރެންގެ ފިރިމީހާ. ދައްތަގެ ސަބަބުން އެއްވެސް ކަމެއް ދިމާވެގެން ދައްތައާ މެދު ހިތްހަމަ ނުޖެހޭނެ މީހެއް، ސުވާލުކުރާނެ މީހެއް، ޝަކުވާކުރާނެ މީހެއް ނުހުންނާނެ … ހިނގާ އަވަހަށް ދާން. މިހާރު ތިހުރީ ވަރަށް ބޮޑަށް ހީ ވެސް ކަރުވާފަ.” އެއަންހެންކުއްޖާގެ އެހީތެރިކަމާއިއެކު ހިޖްރާ ތެދުވިއެވެ.
ހިޖްރާ ކާރަށް އެރުވުމުގައި އޭނާގެ ފިރިމީހާގެ އެހީތެރިކަން ވެސް ލިބުނެވެ.
ފެނުނީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. ތަނަވަސްކަމުގެ އަހަލުވެރިއެއްގެ ހުރި ބޮޑާކަމާއި ކިބުރުވެރިކަމެއް ނޫނެވެ. ޓިޝޫއަކުން ހިޖްރާގެ މޫނު ފޮހެލަދީ ބޮލުގައި ފިރުމާލަ ދިނެވެ. ކޮނޑުގައި ފިރުމާލަމުން ހިތްވަރު ދިނެވެ.
ހޮސްޕިޓަލް ކައިރިއަށް ކާރު މަޑުކުރުމުން، ކާރުން ފޭބީ ހިޖްރާ އަމިއްލަ އަށެވެ. އެ ދެމަފިރިން ދިޔައީ ދެން ހުރިހާ ކަމެއް އޭނާއަށް އަމިއްލައަށް ވާނެ ކަމަށް ހިޖްރާ ބުނުމުންނެވެ.
ހޮސްޕިޓަލަށް ވަދެގެން ތަންކޮޅަކަށް ދެވުނުކަން ހިޖްރާއަށް ޔަގީނެވެ. ދެން ވީގޮތެއް ނޭންގުނެވެ.
ހޭވެރިކަން ވީއިރު އޮތީ އެނދުމަތިކޮށްފައެވެ. ކައިރީގައި ޑޮކްޓަރަކާއި ދެ ނަރުހަކު ތިއްބެވެ. ނަރުސް އަންހެންކުއްޖާ ހިޖްރާގެ ކަންކަމުގައި އުޅުނުއިރު ދެން ތިބި ދެމީހުން ތިބީ ކޮންމެވެސް ވާހަކައެއް ދައްކާށެވެ.
ޑޮކްޓަރާއި ވާހަކަ ދައްކަންހުރި ނަރުސް ފިރިހެން ކުއްޖާ ނުކުތުމުން، ހިޖްރާއާ ދިމާއަށް ޑޮކްޓަރު އެނބުރުނެވެ. މިހާރުގެ ހާލަތު ކިޔައި ދިނެވެ.
ޑޮކްޓަރު އެދުނު ފަދައިން ހިތަށާއި ސިކުނޑިއަށް ކުޑަނަމަވެސް އަރާމެއް ދެވޭތޯ މަސައްކަތްކުރި، ހިޖްރާއަށް ނިދުނީ ކޮން އިރަކު ކަމެއް ވެސް އޭނާއަކަށް ނޭންގެއެވެ.
ހެނދުނުގެ ވަގުތުވެ. ބޭސް ދޭން އައި ނަރުސްކުއްޖާ އޭނާގެ މަސައްކަތް ނިންމާލުމަށްފަހު ނުކުތެވެ.
ކޮތަޅެއް ހިފައިގެން އައިސް ކޮޓަރިއަށް ވަތް ޝުއޫން، ހިޖްރާގެ ލޮލުގައި އަޅައިގަތީ ކުއްލިއަކަށެވެ. އެއާއެކު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހޮރިގަތީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ.
ޝުއޫންއަށް ބަލާނެ ހިތްވަރު ނެތިގެން އަނެއް ފަރާތަށް އެނބުރުނު ހިޖްރާއަށް އޭނާގެ މާޒީ ހަނދާނަށް އައީ ކުއްލިއަކަށެވެ.
އެއީ މީގެ ފަސް އަހަރެއްހާ ދުވަސް ކުރިއެވެ.
ހިޖްރާ އާއި ޝުއޫން ދިމާވީ ކޮލެޖުގައި ކިޔަވަމުންދިޔަ ދުވަސްވަރު އެތަނުންނެވެ. ޝުއޫނުއަކީ ހިޖްރާ ކަހަލަ މީހުނާއި ނުހަނު ގުޅޭ އެހާމެ ހަރަކާތްތެރި ޒުވާނަކަށް ވާތީ އެ ދެމެދުގައި ނުހަނު ފަސޭހައިން ގާތް ރަހުމަތްތެރިކަމެއް އުފެދުނެވެ.
އެގުޅުމުގައި މާގިނަ ދުވަހެއް ނުވެ ލޯބީގެ ކުލަ ޖެހުނެވެ.
ސިޔާދުއަކީ އިއްޒަތާއި ގަދަރާ ތަނަވަސްކަމުން ފުދިފައި ތިބި ދެމަފިރިއަކަށް ލިބިފައިވާ ތިން ދަރިންގެ ތެރެއިން ހަގަށް ހުރި ދަރިއެވެ. ހަމައެހެން އެޢާއިލާއަށް ނިސްބަތްވާ ހަމައެކަނި ފިރިހެން ދަރިއެވެ.
ސިޔާދުއަށް ހިޖްރާ ފެނުމާއިއެކު އޭނާއަށް ހިތް ކިޔެވެ. އެތައް އަންހެންކުދިންގެ ކަޅި އޭނާއަށް ހުއްޓިފައި ހުރި ނަމަވެސް، ހިޖްރާ ނޫން އަންހެން ކުއްޖަކަށް އޭނާގެ ހިތެއް ނޭދުނެވެ.
ސިޔާދުގެ ހިތުގައި ހިޖްރާއަށް އުފެދުނު ޝައުގުވެރިކަން ހިޖްރާގެ ހިތުގައި ސިޔާދުއަށް އުފައްދަން އެންމެބޮޑު ދައުރެއް އަދާކުރި ބަޔަކީ ހިޖްރާގެ ގާތް ރަހުމަތްތެރިންނެވެ. ސިޔާދުގެ ފަރާތުން އެމީހުނަށް ލިބެމުންދިޔަ ދަޢުވަތުތަކެވެ.
ޝުއޫންއަކީ ރާއްޖެތެރެއިން ކިޔަވަން މާލެ އައިސްހުރި ޒުވާނެކެވެ. އޭނާ އެ ކިޔަވަނީ ފިރިހެންކުދިން ކިޔަވާ ކަހަލަ ދާއިރާއެއް ނޫނެވެ. އެއީ އަންހެންކުދިންނާއި އަންހެންދުޅާ ފިރިހެނުން އަދާކުރާ ވަޒީފާއެކެވެ. އެކަހަލަ މީހުންނަކަށް ފިރިހެނެކޭ އެއްވެސް މީހަކު ނުކިޔާނެއެވެ. އޭނާއާ ކައިވެނިކޮށްފިނަމަ ހިޖްރާ ޖެހޭނީ ރާއްޖެތެރެއަށް ދާށެވެ. އެތާކުން އެކަށީގެންވާ ގޮތަކަށް އެއްވެސް ޚިދުމަތެއް ނުލިބޭނެއެވެ. އެކަހަލަ މީހަކާއި އިނދެފިނަމަ އެއްވެސް މީހަކު ހިޖްރާ ބަލައެއް ވެސް ނުގަންނާނެއެވެ. ބެދޭނީ ލަދެއް ގައެވެ. މީހުން ކުރާނީ މަލާމާތެވެ.
އަބަދު އަބަދު އިވެމުންދިޔަ ވާހަކަތަކާއި އޭނާއާހެދި ސިޔާދު އުޅޭވަރުން ހިޖްރާގެ ވިސްނުން ބަދަލުވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ.
ޝުއޫންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު އެ އާދޭސްތަކުގައި ކޮޅުފައިން ޖެހުމަށްފަހު، އަބަދުގެ އަބަދަށް ޝުއޫންއާ ދުރަށް ހިޖްރާ ދިޔައެވެ. އެންމެ ކުޑަމިނުން ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާލަން ފުރުސަތެއް ނުދޭހާ ވެސް ދުރު މީހަކަށް ޝުއޫން ހަދާލިއެވެ.
“މަންޖޭ … މަންޖޭ. ކޮންތާކަށް؟” ކުލާހުން ނުކުމެގެން ގޭޓާއި ދިމާއަށް ދިޔަ ޝުއޫންގެ ފިޔަވަޅުތަކަށް ހުއްޓުން އައެވެ. އަބަދުހެން އެ ދިމާކުރާ ދިމާކުރުންތަކާއި ކޮށްލާ މަލާމާތުން ހިތަށް ކިތައްމެ އަސަރެއް ކުރިނަމަވެސް ޝުއޫން ހިތްވަރު ކުރިއެވެ. އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އެހެން ކޮށްލާ މަލާމާތަކުން ބުނެލާ ބަހަކުން ބަދަލެއް ނާއްނާނެކަން ދައްކަން ވެސް އޭނާ ހުރީ އެކަން ކުރާގޮތަށެވެ.
“އަސަރެއް ކުރާނީ. އަހަރެންގެ މި އަޒުމެއް، އަހަރެންގެ މި އުންމީދެއް، ތިހެން ކޮށްލާ މަލާމާތަކުން ގުޑުވައެއް ނުލެވޭނެ …. މިއަދު ތިހެން މޭ ފުއްޕާމަ މާ ފުޅާވެގެން އުޅޭ މީހާއަށް، ޚިދުމަތް ދޭން މާދަމާ ހުންނާނީ އަހަރެން ނޫންކަމެއް ވެސް ކާކަށް އެނގޭނީ.” ޝުއޫން އައިސް ހުއްޓުނީ ސިޔާދު ކައިރި އަށެވެ.
“ކަލޭމެން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަހަރެން ވާނީ ނަރުހަކަށް. އިންޝަﷲ … ގެޓް ވެއްޖެތަ؟” ސިޔާދު ކައިރީ ހުރި ހިޖްރާއަށް ޝުއޫން ބަލާލިއެވެ.
ކުލާހުން ނުކުމެގެން އައި ނިފްލާ ގޮވާލުމާއިއެކު އެދިމާއަށް ޝުއޫން ހިނގައިގަތެވެ. އަދި ސިޔާދަށް ހަނާ އަޅާލިއެވެ.
ކަންތައް ދިމާވީ ދިމާވެދާނެކަމަށް ސިޔާދު ހީކުރި ގޮތަކަށް ނޫނެވެ. ޝުއޫން ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ކުރިން ހުރި ފިނޑިކަމާއި ނުކެރުންތެރިކަން މިހާރަކު އެއްވެސް ވަރަކަށް އޭނާގެ ކިބާގައި ނެތެވެ. އެކަމުގެ އަސްލަކީ ނިފްލާ އެވެ. އޭނާ ދޭ ހިތްވަރާއި އޭނާގެ ސާބިތުކަމެވެ. އެކަން ސިޔާދަށް އެނގެއެވެ.
ދުވަސްތައް މާޒީއާއެކުވަމުން ދިޔައެވެ.
ކިޔެވުން ނިމުމާއިއެކު ސިޔާދުއާ ހިޖްރާ ކައިވެނި ކުރިއެވެ. އޭގެ ފަހުން ހިޖްރާ އާ ޝުއޫން ދިމައެއް ނުވެއެވެ.
ސިޔާދުގެ އަސްލު ސިފަ ހިޖްރާއަށް ފެންނަން ފެށީ ދުވަސްތަކެއް ފަހުންނެވެ.
“ސައިބޯން ވީނު. ކޮއްކޮ އެބަ އާދޭ ސައި ހިފައިގެން.” ހިޖްރާ އޭނާގެ ޚިޔާލީ އާލަމުން ހޭލައްވާލީ ޝުއޫންގެ އަޑެވެ.
“ކީއްކުރަން އަހަރެން މިތަނަށް ގެނައީ؟ …. ކީއްވެގެން އަހަރެންނަށް އަޅާލީ؟ ….. އަހަރެން ދޫކޮށްލާ. ޝުއޫން ދޭ. އަހަރެންނަކީ ޝުއޫންގެ އެހީތެރިކަން … ބޭނުންވާ ވަރަށްވުރެ ބޮޑާ ކިބުރުވެރި މީހެއް …. އަހަރެންނަށް އަހަރެން ފެނިފައި ހުރި މީހެއް …. އަހަރެން ބޭނުމެއް ނޫން ޝުއޫންގެ އެހީތެރިކަމެއް.” ރޮމުން ރޮމުން ހިޖްރާ ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެހެން މީހަކަށް އެމަންޒަރު ދައްކަން ބޭނުން ނުވާތީ ހިޖްރާ އަވަސް އަވަހަށް ބެޑްޝީޓުން ލޯ ކައިރި ފޮހެލިއެވެ.
“ދައްތާ! ހިނގާ ސައިބޯން.” ހިޖްރާގެ ކޮނޑުގައި އަތް ޖައްސާލަމުން އަންހެން ކުއްޖަކު ވާހަކަ ދެއްކިއެވެ. ކަންފަތުގައި އަޑު ޖެހުމާއިއެކު ހިޖްރާ ދިޔައީ ސިއްސައިގެންނެވެ. ބަލަން ބޭނުން ނުވިޔަސް ނުބަލާ އޮންނާނެ ހިތްވަރެއް އޭނާ އަކަށް ނުލިބުނެވެ.
އެކަކަށް އަނެކަކު ފެނުނު ވަގުތު ދެމީހުނަށް ވެސް ލިބުނީ ހައިރާން ކަމެވެ.
— ނުނިމޭ —
