ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބޯބުޅި ކުރި ދޫނި: އެމެޒޯންގެ “ކާލް-ކްރެސްޓެޑް އެރަސާރީ”
ފޮޓޯ: މުނިއަަވަސް ގްރެފިކްސް

އެމެޒޯންގެ ޖަންގަލިތަކުގެ ފުންމިނުން ފެންނަ މި ކުޑަ ދޫންޏަކީ، އޭގެ ހައިރާންކުރުވަނިވި ސިފައެއްގެ ސަބަބުން ގިނަބައެއްގެ ސަމާލުކަން ލިބެމުންދާ ދޫންޏެކެވެ. ބޮލީވިއާ، ޕެރޫ އަދި ބްރެޒިލްއިން ފެންނަ “ކާލް-ކްރެސްޓެޑް އެރަސާރީ” އަކީ އޭގެ ބޮލުގައިވާ ތަފާތު ފަތްތަކުގެ ސަބަބުން މަޝްހޫރުވެފައިވާ ދޫންޏެކެވެ. އޮމާންކޮށް، ގަދަ ކަޅުކުލައިގައި ހުންނަ މި ފަތްތަކަކީ ޕްލާސްޓިކް ނުވަތަ ވިދާ ހަންގަނޑަކާ އެއްފަދަ ހަރު ފަތްތަކެކެވެ.

ކޯނެލް ލެބް އޮފް އޯނިތޮލޮޖީގެ “ބާޑްސް އޮފް ދަ ވޯލްޑް” (2026) ގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ފަތްތަކުގެ އޮނިގަނޑެއް ލިބިފައިވާ އެހެން އެއްވެސް ދޫންޏެއް ދުނިޔެއަކު ނެތެވެ. މި ދޫންޏާ ބެހޭގޮތުން އެންމެ ފުރަތަމަ 1831 ވަނަ އަހަރު ފަރަންސޭސި ޤުދުރަތީ ޢިލްމުވެރިއެއް ކަމަށްވާ ރެނޭ ލެސަން ލިޔެފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް މިއީ ސައިންސްވެރިންނަށް ހައިރާންކަން ގެނުވާ ދޫންޏެކެވެ.

މި ދޫނީގެ ކުލަތަކަކީވެސް އެހާމެ ފާހަގަކޮށްލެވޭ ރީތި ކުލަތަކެކެވެ. އެގޮތުން، ކުލަގަދަ ތުންގަނޑަކާއި، ނޫކުލައިގެ މޫނާއި، ރަތްކުލައިގެ ބުރަކަށީގެ އިތުރުން، ރަތްކުލައިގެ ރޮނގެއް ދަމާލެވިފައިވާ ރީނދޫކުލައިގެ މޭމައްޗެއް މި ދޫންޏަށް ލިބިފައިވެއެވެ. މިއީ ކުދި ބައިތަކަށް އުޅޭ، މައިގަނޑު ގޮތެއްގައި މޭވާ ކައިއުޅޭ ދޫންޏެކެވެ. އަދި ގަސްގަހުގެ ހޮރުތަކުގައި އެކި ދޫނިތައް އެކުވެގެން ހާލި ހަދައިގެން ދިރިއުޅުމަކީ މީގެ ސިފައެކެވެ.

މި ދޫންޏާ ބެހޭގޮތުން ގިނަ ދިރާސާތަކެއް ކުރެވިފައިވީ ނަމަވެސް، އޭގެ ބޮލުގައިވާ އާދަޔާ ޚިލާފު ބުޅި ފަތްތަކުގެ ބޭނުމަކީ ކޮބައިކަން އަދިވެސް ވަނީ ދެނެގަނެވޭ ގޮތް ނުވެފައެވެ. މިއީ މި ދޫނީގެ ފާހަގަކޮށްލެވޭ ބޮޑު ސިއްރެކެވެ.

މި ދޫނި ފެނުނުތާ ގާތްގަނޑަކަށް ދެ ގަރުނު ފާއިތުވެގެން ގޮސްފައިވާއިރު، “ކާލް-ކްރެސްޓެޑް އެރަސާރީ” އަކީ އެމެޒޯންގެ ޤުދުރަތީ ދިރުންތަކުގެ މުއްސަނދިކަން ހާމަކޮށްދޭ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top