ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިވްރިޝާ – އެޕިސޯޑް 08

“އަހަރެންވެސް ދާނަން،” ސަދީގް ބުންޏެވެ.

އަހަރެންނަށް ރޮވޭވަރުވިއެވެ. “އަހަރެން މި ޖެހުނީ ތިޔަ ދެ މޮޔައިންނާއެކު ސްޓަކްވާން ދޯ؟”

އަހަރެން ކާރުގެ ފަހަތު ސީޓަށް އަރައި އޮށޯވެލީމެވެ.

“ހިމޭނުން އިނދޭ!” މާލިކް ހިނިތުންވެލަމުން ބުންޏެވެ.

“ކަލެއަށް މި ދަތުރު ވަރަށް ކަމުދާނެ،” ސަދީގް އިތުރުކޮށްލިއެވެ. އެއަށްފަހު މާލިކް ކާރު ދުއްވާލިއެވެ.

******

ސެޕްޓެމްބަރު މަސް އައިސް ނިމިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިހާރު މިއީ އޮކްޓޯބަރު މަހުގެ މެދުތެރެއެވެ. ރާއްޖޭގެ މޫސުމާއި، މީހުންނާއި، އެމީހުންގެ އުޅުމަށް އަހަރެން މިހާރު ވަނީ އާދަވެ ފަރިތަވެފައެވެ.

އަހަރެންނާއި އަންހެން ކުދިން އަބަދުވެސް އުޅެނީ އެކުގައެވެ. ބައެއް ފަހަރު ބޭރަށް ގޮސް މަޖާކޮށް، އަހަރެންގެ ކައިވެނީގެ ކަންތައްތައް ރާވާށެވެ. އަނެއްބައި ފަހަރު ހަލީމާއްތަގެ ގޭގެ ޕޫލް ކައިރީގައި އަރާމުކޮށްލާށެވެ.

އެއީ ވަރަށް ބޮޑު، ރީތި ގެއެކެވެ. ގެއެއްގައި ހުންނަން ބޭނުންވާނެ ހުރިހާ ވަސީލަތެއް އެގޭގައި ހުއްޓެވެ. ބޮޑެތި ކޮޓަރިތަކާއި، ސިޓިންގ ރޫމްތަކާއި، ކުޑަ ސިނަމާއަކާއި، ބޮޑު ބަދިގެއެއްގެ އިތުރުން ރީތި ބެލްކަންޏަކާއި ގޯއްޗެއްވެސް އޮވެއެވެ. އަދި ކަސްރަތު ކުރާނެ ޖިމެއްވެސް ހުރެއެވެ!

އަހަރެން އަބަދުވެސް ކަސްރަތު ކުރަން ބޭނުންވެއެވެ. ނަމަވެސް މާލިކާއި ސަދީގު، އެ ދެ ފިރިހެން ކުދިން އަބަދުވެސް އުޅޭނީ ޖިމުގައެވެ. އެއްފަހަރަކު އެމީހުން ތިއްބާ އަހަރެން ދިއުމުން، އެމީހުން އަހަރެން ފަހަތުން ދުވެފައި އައިސް ބައްދާލިއެވެ. އެއީ އެއްގޮތަކަށްވެސް ލޯބިން ބައްދާލި ބައްދާލުމެއް ނޫނެވެ. އެމީހުން އެހެން ހެދީ މުޅި ގައިގައި ދާހިއްލާފައި ހުރުމުން އަހަރެންގެ ގައިގައި ދާ އުނގުޅާށެވެ!

އެ ދެމީހުން ގޭގައި ނޫޅޭ ހަމައެކަނި ވަގުތަކީ ރޭގަނޑު، އެމީހުންގެ ލޯބިވެރިންނާ ބައްދަލުކުރަން ދާ ވަގުތެވެ.

“ހޭއި އިވްރީ!” ހައިޘަމް ގޮވާލި އަޑަށް އަހަރެން ސިހުނެވެ. އޭނާ ހުރީ ދޮރުމަތީގައި ބޯދިއްކޮށްލައިގެންނެވެ.

އަހަރެން ހިނިތުންވެލަމުން އޭނާގެ ގާތަށް ދުވެފައި ގޮސް އެހީމެވެ. “ކޮންތާކު އުޅެފަ ތިޔައައީ؟ މިދިޔަ ހަފްތާއިން ފެށިގެން ދައްކާވެސް ނުލަމެއްނު!”

އޭނާ އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. އަހަރެންގެ ކޮޓަރިއާ ކުރިމަތީގައި ހުރީ ސަބީނާގެ ކޮޓަރިއެވެ. އޭނާ އެ ކޮޓަރި ހިއްސާކުރަނީ ތަސްނީމާއާއެވެ.

އަހަރެން ހިނގަމުން ގޮސް ސިޓިންގ ރޫމަށް ވަނީމެވެ.

“އަހަރެން އައްޑުއަށް ދިޔައީ އެއްޗެހި ބަންދުކުރަން ފަށަން. މަންމަ (ހަލީމާއްތަ) ބޭނުންވަނީ އަހަރެން އެނބުރި އައިސް މިތަނުގައި ވަޒަންވެރިވާން،” ބޮލުގައި އަތް ހާކާލަމުން ހައިޘަމް މަޑުމަޑުން ބުންޏެވެ.

ސިޓިންގ ރޫމުން ތަސްނީމާ، ސަބީނާ، ސަދީގު އަދި މާލިކާ ބައްދަލުވިއެވެ.

“އަދިވެސް އޭނާއާ ވާހަކަ ދައްކަންތަ؟ ނަންވެސް ހަނދާނެއް ނެތް…” އަހަރެން ހަނދާން ކުރަން އުޅެމުން ބޯ ކަހާލީމެވެ.

“އިވްރީ! ކީއްވެ ތިޔަ މައްޗަށް ބަލަނީ؟ ޖަވާބު އޮތީ އުޑުމަތީގައިތަ؟” މާލިކް ހީގަތެވެ.

އަހަރެން އޭނާއަށް ލޮލުން އިޝާރާތެއް ކޮށްލުމަށްފަހު ހައިޘަމްއާއެކު ސޯފާގައި އިށީނީމެވެ. ތަސްނީމާއާއި ސަބީނާ ތިބީ ފޯނާ ކުޅޭށެވެ. މާލިކާއި ސަދީގު ތިބީ ޕިއްޒާ ކާށެވެ.

ހައިޘަމް ހީލާފައި ބުންޏެވެ. “އޭނާގެ ނަމަކީ ޔަސްމީން. އާނ، އަހަރެން މި މަސައްކަތް ކުރަނީ ކަންތައްތައް ރަނގަޅު ކުރެވޭތޯ.”

އަހަރެން ބޯޖަހާލާފައި ހިނިތުންވެލީމެވެ. އެވަގުތު ސަދީގު ތުނބުން ފުމެލަމުން އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ.

“މާލިކް، މިއަށް ބަލާބަލަ!” ސަދީގު އޭނާގެ ފޯނު މާލިކްގެ މޫނާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.

“އެމީހުން އެ ދައްކަނީ އަންހެން ކުދިންގެ ވާހަކަ،” އަހަރެން ހައިޘަމް ގާތު ބުނީމެވެ.

“ތިޔަ ބުނި އެއްޗެއް އަހަރެމެންނަށް އިވިއްޖެ!” އެ ދެމީހުން އެއްފަހަރާ ބުންޏެވެ.

އަހަރެން އަޅާނުލާ އެމީހުންގެ ޕިއްޒާއިން ފޮއްޗެއް ނަގަމުން ބުނީމެވެ. “އަހަރެން ބޭނުންވީވެސް ކަލޭމެންނަށް އިއްވަން.”

“އޯމައިގޯޑް!” ތަސްނީމާ ސޯފާއިން ފުންމައިގެން ތެދުވެ އަހަރެމެންގެ ގާތަށް އައެވެ. “ހައިޘަމް، ކަލޭގެ ދައްތަ އަހަރެންގެ އިންސްޓަގްރާމް ރިކުއެސްޓް ގަބޫލުކޮށްފި!”

ހައިޘަމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާ ފޯނު އަތުލައި ބަލާލުމަށްފަހު ހައިރާންވެފައި ބުންޏެވެ، “އޭނާގެ ދަރިއަކުވެސް އެބައޮތް!”

އަހަރެމެން އެންމެން އެ ފޮޓޯ ބަލަން ބޯދިއްކޮށްލީމެވެ. އެ ލޯބި ކުއްޖާ ފެނުމުން އަހަރެން އުފަލުން ރޮވޭވަރުވިއެވެ.

“އަސްތާ! ކަލޭގެ ދައްތަ ހާދަ ރީއްޗޭ މިކަހަލަ ލޯބި ކުއްޖަކު ލިބުނީމާ.”

އޭނާ އެހެން ފޮޓޯތަކަށް ބަލަން ފެށިއެވެ. ހަނީނާ (އޭނާގެ ދައްތަ) އަކީ ވަރަށް ލޯބި ކުއްޖެކެވެ. އޭނާގެ އިންސްޓަގްރާމްގައި ހުރީ އޭނާގެ އާއިލާގެ ފޮޓޯތަކެވެ. އޭނާގެ ފިރިމީހާ ފެނުމުން އަހަރެން ހައިރާންވިއެވެ. “އަސްތަޣްފިރުﷲ، އޭނާއަކީ ހަމަ އިންސާނެއްތަ؟” އެހާވެސް ފުރިހަމައެވެ.

“ހައިޘަމް، ކަލޭވެސް އޭނާއަށް ފޮލޯ ކުރަންވީނު؟ ފަހަރެއްގައި ގަބޫލުކޮށްފާނެ،” ސަބީނާ ބުންޏެވެ.

ހައިޘަމްގެ ލޮލުން ކަރުނަ ފާޅުވާން ހުއްޓެވެ. އޭނާގެ ހުރިހާ ދައްތައިންނާއި މަންމަ ހިމެނޭ ފޮޓޯއެއް ފެނުމުން، އޭނާ އެ ފޮޓޯގެ ސްކްރީންޝޮޓެއް ނެގިއެވެ. އަދި ތަސްނީމާއަށް ފޯނު ދިނުމަށްފަހު ތެދުވިއެވެ.

“އަހަރެން ކުޑަކޮށް ބޭރަށް ނިކުމެލަން ބޭނުން،” އޭނާ މަޑުމަޑުން ބުންޏެވެ.

އޭނާ ދާތަން ބަލަން ހުރިއިރު އަހަރެން ދެރަވިއެވެ. އޭނާއަށް ކުރެވޭނެ އިހުސާސްތައް އަހަރެންނަށް ތަސައްވަރު ކުރެވެއެވެ. އާއިލާ ގާތުގައި ހުރެމެ، ބައްދަލުނުވެ އުޅުމުގެ ހިތްދަތިކަމެވެ.

ތަސްނީމާއާއި ސަބީނާ އަދިވެސް ތިބީ އެ ޕޭޖު ބަލާށެވެ. އެމީހުންނަށް އެ ދެ ކުދިންގެ ލޯބިކަމުން ނަޒަރު ވަކިކޮށްލަންވެސް ނޭނގުނެވެ. އެއީ އެއްމާބަނޑު ދެ ކުދިންތޯ ބަހުސް ކުރަމުން ދިޔައެވެ. އަހަރެން ވަރުބަލިވުމުން ތެދުވެގެން ދިޔައީ ތައްޔާރުވާށެވެ. ޝިރާނީ އާއި އަޚީރާ އަންނާތީ، އަހަރެމެން ދާން އޮތީ އަންހެން ކުދިންގެ ޝޮޕިންގް ދަތުރަކަށެވެ.

“މިއަދުގެ ޕްލޭނަކީ ކޮބާ؟” އަޚީރާގެ ކާރަށް އަރަމުން އަހަރެން އެހީމެވެ.

އޭނާ އިނީ ދުއްވާށެވެ. ޝިރާނީ އިނީ އޭނާގެ ކައިރީގައެވެ. ދެމީހުންވެސް ތިބީ ޖީންސާއި ޓޮޕްކޮޅެއް ލައިގެންނެވެ. އަހަރެން ހުރީ ގްރޭ ކުލައިގެ ޕިޖާމާ ފަޓުލޫނަކާއި ކަޅު ކުލައިގެ އަތްނެތް ގަމީހެއްގެ މަތިން ޖެކެޓެއް ލައިގެންނެވެ.

“ޕްލޭނަކީ ކަލޭގެ ކައިވެނީގެ ހެދުންތައް ފަހާ ޑިޒައިނަރާ ބައްދަލުކުރުން،” އަޚީރާ ބުންޏެވެ.

އަހަރެން އުފަލުން ހީލީމެވެ. “އޯކޭ، ހިނގާ ދާން!”

ކާރު ދުއްވާލިއިރު ބާރަށް ލަވަ ޖަހާފައި ހުއްޓެވެ. އެތަނަކީ ހަލީމާއްތަގެ ގެއާ ދުރު ތަނަކަށް ވުމުން، އަހަރެން ފަހަތު ސީޓުގައި އަރާމުކޮށްލީމެވެ. ޚަލީލަށް ގުޅާނަންތޯ އަހަރެން ފިކުރު ކުރީމެވެ. މިއަދު ހެނދުނުވެސް އަހަރެމެން ވާހަކަ ދެއްކީމެވެ. އޭނާ މިހާރު ހުރީ ލަންކާގައެވެ.

އޭނާ އެނބުރި އަންނާނީ ނޮވެމްބަރުގެ ފުރަތަމަ ހަފްތާގައެވެ. ކައިވެންޏަށްފަހު ނޫނީ އޭނާ ދެން ރާއްޖެއިން ބޭރަކަށް ނުދާނެއެވެ. ޚަލީލަކީ ވަރަށް ހިތްހެޔޮ، އޯގާތެރި މީހެކެވެ. ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު އޭނާގެ ލޯބި މެސެޖުތައް އަހަރެންނަށް ލިބެއެވެ.

އަހަރެމެންގެ ގުޅުމަކީ ވަރަށް އުފާވެރި ގުޅުމެކެވެ. އަހަރެންގެ ހަޔާތުގައި މިހާ އުފާވި ދުވަހެއް މީގެ ކުރިން ނާދެއެވެ.

އަޚީރާ ކާރު ދުއްވަމުން ދިޔައިރު، ކާރުގައި ޖަހާފައި ހުރި މިއުޒިކާ އެއްވަރަށް އަހަރެން ހަށިގަނޑު ހަލުވަމުން ދިޔައީމެވެ. އެއީ އަހަރެން އެންމެ ގަޔާވާ ދެވަނަ ދިވެހި ލަވައެވެ. ފުރަތަމަ ލަވައަކީ ‘މެޒޯ މޯޑްގެ އުޑުންތަރިައް ލަވަ’ އެވެ.

އެ ލަވަ އަޑުއިވޭ ކޮންމެ ފަހަރަކު އަހަރެން ހަނދާންވަނީ ޚަލީލް މަތިންނެވެ. އޭނާ އަބަދުވެސް އެ ލަވަ ކިޔާފައި ވޮއިސް މެސެޖު ނުވަތަ ވީޑިއޯ ފޮނުވައެވެ. އެއީ ހަމަ އަހަރެމެން ދެމީހުންގެ ލަވައެވެ.

އަޚީރާ އެންމެ ފަހުން ބޮޑު އިމާރާތެއްގެ ކުރިމަތީގައި ކާރު މަޑުކޮށްލިއެވެ. ކާރުން ފޭބިއިރު އެ އިމާރާތުގެ އުސްކަމުން އަހަރެން ހުރީ ހައިރާންވެފައެވެ.

“މާލިކާ، ތިޔަވަރަށް ހައިރާންނުވެބަލަ،” އަހަރެންގެ ކޮނޑުގައި ހިފާ ކޮއްޕާލަމުން ޝިރާނީ ބުންޏެވެ. “މިއަށްވުރެ މާ އުސް އިމާރާތްތައް ކަލޭ ދެކެފަ ހުންނާނެ. ތިޔައީ ލަންކާގައި އުޅޭ މީހެއް ނޫން ހެއްޔެވެ؟”

އަހަރެން ހިނިތުންވެލީމެވެ. އޭނާ އެ ބުނީ ތެދެކެވެ. އަހަރެމެން އެތެރެއަށް ވަނީމެވެ. އެތަނުގެ ނަމަކީ ‘ހައުސް އޮފް ކްލޯތުސް’ އެވެ.

އަހަރެމެން ރިސެޕްޝަނަށް ދިޔައީމެވެ. އެތަނުގައި އިނީ ހިތްހެޔޮ ފާޑުގެ އަންހެނެކެވެ.

“ހަލޯ! އަހަރެމެން މިއައީ ޖުމޭއާ ބައްދަލުކުރަން އެޕޮއިންޓްމަންޓެއް އޮވެގެން،” އަޚީރާ ބުންޏެވެ.

ޖުމޭއަކީ އިންސްޓަގްރާމުން އަހަރެމެންނަށް ފެނުނު މަޝްހޫރު ޑިޒައިނަރެކެވެ. އޭނާގެ ހެދުންތައް ވަރަށް ފުރިހަމަވާނެކަމުގެ ޔަގީންކަން އަހަރެންނަށް އޮވެއެވެ.

“އަހަރެން އޭނާއަށް އަންގައިފިން، ތިޔަބޭފުޅުންނަށް ތިންވަނަ ފަންގިފިލާއަށް ދުރުވޭ،” ރިސެޕްޝަނިސްޓް ހިނިތުންވުމާއެކު ބުންޏެވެ.

ލިފްޓަށް އަރައިގެން ދިޔައިރު ޝިރާނީ އެހިއެވެ. “މިތަނުން ނިމިގެން ދެން ދާނީ ކޮންތާކަށް؟”

އަހަރެން ޝިރާނީގެ ސިފައަށް ބަލާލީމެވެ. އޭނާ ފެންނަނީ ވަރަށް ‘ބޭޑްގާލް’ އެއްގެ ގޮތަށެވެ. ލޮލުގެ އެސްފިޔަތަކާއި ކަޅު ކުލައިގެ ލިޕްސްޓިކްގެ ސަބަބުން އޭނާ ފެންނަލެއް ބިރުވެރިއެވެ. ނޭފަތުގައިވެސް ބޮޅެއް އިންނައިރު، އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ތޮރުފާފައެވެ. އަހަރެންގެ ހިތުގެ އަޑިން އޭނާގެ އެ ސިފަތަކާ ގަޔާނުވި ނަމަވެސް، އެކުވެރިއެއްގެ ގޮތުން އޭނާ ދެކެ ލޯބިވަމެވެ.

“އަހަރެން ހީކުރަނީ މިއަދަށް މިއީ ފުދޭވަރު ކަމަށް. ނާނާ ބޭނުންވަނީ އަހަރެމެން އަވަހަށް ގެއަށް ދާން. އަދުނާނާއި ނާރާ މިއަދު އެގެއަށް އަންނާނެ،” އަޚީރާ ބުންޏެވެ.

ލިފްޓު ހުޅުވުމާއެކު އަހަރެމެން ތިންވަނަ ފަންގިފިލާއަށް ފޭބީމެވެ. އެތަނަކީ ވަރަށް ކުލަގަދަ، ކުރެހުންތަކުން ފުރިފައިވާ ތަނެކެވެ.

“ކޮބާ ނާނާއަކީ؟ ތި ކުދިންގެ މަންމަ ތަ؟” އަހަރެން އެހީމެވެ. އަހަރެން އަދި ދުވަހަކުވެސް އެމީހުންގެ ގެއަކަށް ނުދަމެވެ.

“އާނ،” އަޚީރާ ހިނިތުންވެލަމުން ބުންޏެވެ. “އަހަރެމެން އޭނާއަށް ނާނާ ކިޔަނީ ‘މަންމަ’ ކިޔުމުން އޭނާ މުސްކުޅިވާހެން ހީވާތީ.”

އަހަރެން ހައިރާންވިއެވެ. ބޮޑެތި ތިން ކުދިން ތިބިއިރުވެސް އޭނާ ބޭނުންވަނީ ޒުވާންކޮށް ހުންނަން ހެއްޔެވެ؟

“ތިން ކުދިން ތިބިއިރުވެސް އޭނާ މުސްކުޅިވާން ބޭނުން ނުވަނީތަ؟” އަހަރެން އެހީމެވެ.

“އިވްރިޝާ އަކަށް ނޭނގޭނެ،” ޝިރާނީ މަލާމާތުގެ ރާގަކަށް ބުންޏެވެ.

“އަދި އަސްލު އަހަރެމެން ހަތަރު ކުދިން ތިބޭ. އަހަރެމެންގެ ކުޑަ ކޮއްކޮއެއް ހުރޭ، އޭނާގެ ނަމަކީ ފާރޫގް،” އަޚީރާ ދެރަވެފައި ބުންޏެވެ.

“ތެދެއްތަ؟ އޭނާއާ ބައްދަލުކުރަން އަހަރެން ވަރަށް ބޭނުން،” އަހަރެން ބުނީމެވެ.

އަހަރެމެން ޖުމޭގެ އޮފީހުގެ ދޮރުމަތީގައި މަޑުކޮށްލީމެވެ.

“ފާރޫގަކީ މިހާރު އަހަރެމެންގެ ތެރޭގަ ހުރި މީހެއް ނޫން،” ދޮރު ހުޅުވާލަމުން ޝިރާނީ މަޑުމަޑުން ބުންޏެވެ.

 

—- ނުނިމޭ —

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top