ކާނާއާއި ސިއްހަތަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ކަންތައް ނަމަވެސް، އެކި މީހުންގެ ދިރިއުޅުމުގެ އާދަކާދަތައް ހުންނަގޮތުން މި ގުޅުން ސީދާ ދެނެގަތުމަކީ ބައެއް ފަހަރު އުނދަގޫ ކަމެކެވެ. ސައިންސްވެރިންނަށް މިކަމުގައި ސާފު މައުލޫމާތުތަކެއް ލިބުނުވަރަކަށް، އަޅުގަނޑުމެން ކައިބޮއި އުޅޭ ތަކެތީގެ އެހީގައި ސިއްހަތު ރަނގަޅު ކުރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
ބައިނަލްއަގުވާމީ ދިރާސާ ކުރާ ޓީމަކުން ދާދިފަހުން ކުރި ދިރާސާއަކުން ވަނީ މި ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ އާ ހޯދުންތަކެއް ހޯދާފައެވެ. މި ހޯދުންތައް ހާއްސަވަނީ ފިޔައަށެވެ.
މި ދިރާސާގައި ފާހަގަވެފައިވާ ގޮތުގައި، ފިޔާގެ ރަހައާއި ވަހަށް ލޯބިކުރާ މީހުންނަށް، ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ނުވަތަ ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު ކުޑައެވެ. މި ނަތީޖާއާ ހަމައަށް ސައިންސްވެރިން ދިޔައީ ޖެނެޓިކްސް ނުވަތަ މީހާގެ ނަސްލީ ސިފަތައް މެދުވެރިކޮށެވެ. މިއީ ކާނާއާއި ސިއްހަތާ ހުންނަ ގުޅުން މިއަށްވުރެ އިތުބާރު ހުރި ގޮތެއްގައި ދެނެގަތުމަށް ބޭނުންކުރެވިދާނެ އުސޫލެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑްގެ ޖެނެޓިކް އެޕިޑެމިއޮލޮޖިސްޓް ޑެނިއަލް ހުވަންގް ވިދާޅުވި ގޮތުގައި، ރަހައާއި ވަސް ދެނެގަތުމަށް އެހީވާ ޖީންތަކަކީ ކާނާއާއި ބަލިތަކާ ހުންނަ ގުޅުން ދިރާސާކުރުމަށް ބޭނުންކުރެވިދާނެ މުހިންމު ވަސީލަތްތަކެކެވެ. މިއީ ހަކުރުބަލި، ހިތުގެ ބަލި އަދި ކެންސަރު ފަދަ ބަލިތަކަށް ކާނާގެ ސަބަބުން ކުރާ އަސަރު ދެނެގަތުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.
މި ދިރާސާގައި އިނގިރޭސިވިލާތުގެ ހެލްތު ރިސާޗް ޑޭޓާބޭސްއިން 37 އަހަރާއި 73 އަހަރާ ދެމެދުގެ 160،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ބޭނުންކޮށްފައިވެއެވެ. މީގެ ތެރޭގައި އެ މީހުންގެ ޖެނެޓިކްސްއާއި، އެކި ބާވަތްތަކުގެ ކާނާއަށް ހުންނަ ޝައުގުވެރިކަން ހިމެނެއެވެ.
މި ތަހުލީލުތަކުން 96 ބާވަތެއްގެ ކާނާއަށް ހުންނަ ޝައުގުވެރިކަމާ ގުޅޭ ސަތޭކައަށްވުރެ ގިނަ ގުޅުންތައް ފާހަގަކުރެވުނެވެ. މީގެ ތެރޭގައި ލޮނުމެދު، ގްރޭޕް ފްރުޓް، ފިޔާ، ހޯރސްރެޑިޝް (ވަސާބީ)، ބްރޯޑް ބީންސް (ތޮޅި އޮށް)، އަދި ކެއުމުގައި އިތުރަށް ލޮނު ބޭނުންކުރުން ފަދަ ކަންކަމާ ގުޅޭ ޖީންތައް ހިމެނެއެވެ.
325 ރަހައާއި ވަހުގެ ޖީންތަކާއި 140 ތަފާތު ކާނާގެ ބާވަތްތައް ދިރާސާކުރުމުން، ފިޔައަށް ހުންނަ ޝައުގުވެރިކަމާއި ކިޔޫއާރް2ޓީ6 ނަމަކަށް ކިޔާ ވަސް ދެނެގަންނަ ޖީންއަކާ ދެމެދު އޮތް ވަރުގަދަ ގުޅުމެއް ފާހަގަވިއެވެ. މި ގުޅުން އުމުރުން 25 އަހަރުގެ ޒުވާނުންގެ މައުލޫމާތު ބޭނުންކޮށްގެން ހެދި ކުޑަ ދިރާސާއަކުންވެސް ވަނީ ކަށަވަރުވެފައެވެ. މިއިން އެނގެނީ މި ޖީންއަކީ ހުރިހާ އުމުރުފުރައެއްގައިވެސް ފިޔައަށް ހުންނަ ލޯބި ދައްކުވައިދޭ ނިޝާނެއް ކަމެވެ.
ޖީންތަކަކީ އުފަންވީއްސުރެ ބަދަލުނުވެ ހުންނަ އެއްޗަކަށް ވުމީ މި ދިރާސާގައި ވަރަށް މުހިންމު ކަމެކެވެ. ދިރިއުޅުމުގެ އާދަކާދައަށް އަންނަ ބަދަލަކުން ޖީންއަކަށް އަސަރެއް ނުކުރާނެއެވެ. މިސާލަކަށް، މީހަކަށް ހަކުރުބަލި ޖެހުމުން އޭނާގެ ކެއުމުގެ އާދަތައް ބަދަލުކޮށްފާނެއެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރި ޖީންތަކެއް ބަދަލެއް ނުވާނެއެވެ.
މި ގުޅުން ދެނެގަތުމަށްފަހު، ސައިންސްވެރިން ވަނީ ކިޔޫއާރް2ޓީ6 ޖީންއާއި ސިއްހީ ނަތީޖާތަކާ ހުރި ގުޅުން ބަލާފައެވެ. އެގޮތުން މި ޖީން ހުންނަ މީހުންނަށް ލޭގެ ޕްރެޝަރު މަތިވުމާއި ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ނުރައްކާ ކުޑަކަން ހާމަވިއެވެ. މީހުން އަމިއްލައަށް ދޭ މައުލޫމާތުގެ ބަދަލުގައި، ބަދަލުނުވާ ޖީންތައް ބޭނުންކޮށްގެން ހަދާ މިފަދަ ދިރާސާތަކަށް ކިޔަނީ “މެންޑޭލިއަން ރެންޑަމިޒޭޝަން” އެވެ.
ހުވަންގް ވިދާޅުވި ގޮތުގައި، މިފަދަ ދިރާސާތަކުގެ ސަބަބުން ކޮފީ، ބަނގުރާ އަދި ކިރު ބޭނުންކުރުމުން ސިއްހަތަށް ކުރާ އަސަރުތައް މިހާރު ދަނީ އިތުރަށް ސާފުވަމުންނެވެ. މިއީ ކާނާއާއި ސިއްހަތާ ހުންނަ ނުސާފު ގުޅުންތައް ދެނެގަތުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ސައިންސްވެރިން ލަފާކުރާ ގޮތުގައި، ރަހައާއި ވަހުގެ ޖީންތަކަށް އިސްކަންދިނުމުން، ކާނާއަށް ހުންނަ ޝައުގުވެރިކަމާއި ޖެނެޓިކްސްއާ ދެމެދު އޮންނަ ސާފު ގުޅުން ދެނެގަނެވޭނެއެވެ. ސަބަބަކީ އަޅުގަނޑުމެން ކާން ބޭނުންވާ ތަކެތި ނިންމުމުގައި ރަހައާއި ވަސް ސީދާ ގޮތެއްގައި ބައިވެރިވާތީއެވެ.
މިވަގުތަށް ބަލާއިރު، ފިޔައަށް ލޯބިކުރުމާއި ސިއްހަތު ރަނގަޅުވުމާ ދެމެދު އޮތް ގުޅުމަކީ ސީދާ “ސަބަބާއި ނަތީޖާ” ކަމަށް ބުނަން އަދި އަވަހެވެ. މި ނަތީޖާ ކަށަވަރު ކުރުމަށްޓަކައި މިއަށްވުރެ ބޮޑެތި އަދި އެކި ނަސްލުތަކުގެ މީހުން ހިމެނޭ ގޮތަށް އިތުރު ދިރާސާތައް ކުރަން ޖެހެއެވެ. ނަމަވެސް މިއީ އިތުރަށް ދިރާސާކުރަން ޖެހޭ މުހިންމު ކަމެކެވެ. ފަހަރެއްގައި މިއީ ފިޔާގައި ހިމެނޭ ބައެއް ފައިދާހުރި މާއްދާތަކުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ.
ދުނިޔޭގައި ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 11 މިލިއަން މީހުން މަރުވަނީ ސިއްހަތަށް ފައިދާނެތް ކާނާ ބޭނުންކުރުމުގެ ސަބަބުންނެވެ. މިފަދަ ދިރާސާތަކުގެ އެހީގައި، ކާނާއާއި ބަލިތަކާ ހުރި ގުޅުން ރަނގަޅަށް ދެނެގަނެވިއްޖެނަމަ، މި އަދަދު މަދުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ.
“ވަކި ކާނާއެއްގެ ސަބަބުން ބައްޔެއް ޖެހެނީތޯ ނުވަތަ ބައްޔަކާ ގުޅުމެއް ހުރީތޯ ބެލުމަކީ ސައިންސްވެރިންނަށް އޮތް ބޮޑު ގޮންޖެހުމެއް، އަޅުގަނޑުމެން މިވަނީ ރަހައާއި ވަހުގެ ޖީންތަކުގެ އެހީގައި، ދިގު މުއްދަތުގެ ބަލިތަކަށް ކާނާގެ ސަބަބުން ކުރާ އަސަރު ދެނެގަތުމަށްޓަކައި އައު އޮނިގަނޑެއް އެކުލަވާލާފައި.” ހުވަންގް ވިދާޅުވިއެވެ.
މި ދިރާސާ މިހާރު ވަނީ “ބީއެމްސީ މެޑިކަލް” މަޖައްލާގައި ޝާއިއުކޮށްފައެވެ.
