“ސިއްރުން މިހިތާ ކުޅެނީހޭ” ވާހަކައިގެ މައިގަނޑު ކެރެކްޓަރުންނާ ބައްދަލުކޮށްލަމާ ހިނގާށެވެ.
މުޙައްމަދު އައްބާސް
- އުމުރު: 54 އަހަރު
- މަގާމު: އައްބާސް އެންޑް ކޯގެ ޗެއާމަން
- އޭނާއަކީ އައްބާސް އާއިލާގެ އިސްވެރިޔާއެވެ. އަދި ވަސީމް، ވިޔާމް، ވިޝާލް އަދި ވިފާޤްގެ ބައްޕައެވެ.
ވަސީމް އައްބާސް
- އުމުރު: 27 އަހަރު
- އިސްކޮޅު: 6 ފޫޓު 2 އިންޗި
- މަގާމު: އައްބާސް އެންޑް ކޯގެ ސީ.އީ.އޯ
- އޭނާއަކީ ހަރުކަށި މިޒާޖެއްގެ، މަސައްކަތަށް މާބޮޑަށް ހުސްވެފައިވާ ބޮޑާ މީހެކެވެ. އޭނާއަކީ ވަހީދާގެ ފިރިމީހާގެ އިތުރުން ވިޔާމް، ވިޝާލް އަދި ވިފާޤްގެ ބޭބެއެވެ.
ޢާއިޝަތު ވަހީދާ އާދިލް
- އުމުރު: 24 އަހަރު
- އިސްކޮޅު: 5 ފޫޓު 4 އިންޗި
- އޭނާއަކީ ވަކީލުކަން ކިޔަވައިގެން ހުރި ނަމަވެސް، އަމަލީ ގޮތުން އެ މަސައްކަތުގައި އުޅޭ މީހެއް ނޫނެވެ. އޭނާއަކީ އާއިލާގެ އެންމެންގެ ލޯބި ލިބިފައިވާ، އޯގާތެރި އަންހެނެކެވެ. އޭނާ އަބަދުވެސް އެދެނީ ފިރިމީހާގެ ލޯތްބާއި އަޅާލުމަށެވެ.
ވިޔާމް އައްބާސް
- އުމުރު: 26 އަހަރު
- އޭނާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާމިޔާބު ވަކީލެކެވެ. ކޮލެޖުގައި ވަހީދާއަށްވުރެ ސީނިއަރ ކުއްޖަކަށް ވުމާއެކު، އޭނާ ވަހީދާއާ މެދު ދެކެނީ އަމިއްލަ ކޮއްކޮއެއްގެ ގޮތުގައެވެ. އޭނާއަކީ ވަސީމްއަށްވުރެ އެންމެ އަހަރެއް ހަގު ކޮއްކޮއެވެ.
ވިޝާލް އަދި ވިފާޤް އައްބާސް
- އުމުރު: 21 އަހަރު
- ވިޝާލަކީ އެމް.ބީ.އޭ ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ އަންނަނީ ވަސީމްގެ ދަށުން ތަމްރީނު ހޯދަމުންނެވެ.
- ވިފާޤަކީ އާކިޓެކްޗަރ ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ ތަމްރީނު ހޯދަމުންދަނީ އޭނާގެ ބައްޕަގެ ދަށުން އައްބާސް އެންޑް ކޯގައެވެ.
- މިއީ އެއްމާބަނޑު ދެބެއިންނެވެ. ވިފާޤަކީ ވިޝާލަށްވުރެ 12 މިނެޓް ހަގު ކުއްޖެކެވެ.
ޙަސަން ރަޝާދު
- އުމުރު: 74 އަހަރު
- މިއީ ވަހީދާގެ ކާފައެވެ. ވަހީދާ ބޮޑުކުރީ އޭނާއެވެ. އަދި ވަހީދާގެ ބައިވެރިޔަކަށް ވަސީމް އިޚްތިޔާރުކުރީ ވެސް އޭނާއެވެ. އޭނާ ވަހީދާދެކެ އިންތިހާއަށް ލޯބިވެއެވެ.
އާދިލް ރަޝާދު
- އުމުރު: 51 އަހަރު
- ވަހީދާގެ ބައްޕަ އަދި ރަޝާދު ކޮންސްޓްރަކްޝަންގެ ޗެއާމަންއެވެ. ނޭނގޭ ސަބަބުތަކަކާ ހުރެ އޭނާއާއި ދަރިފުޅާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. އެހެންކަމުން އޭނާ ވަހީދާގެ ކައިވެނީގައި ވެސް ބައިވެރިއެއް ނުވެއެވެ.
********
ވަސީމް އަދި ވަހީދާގެ ހަޔާތުގެ ދަތުރުގައި ބައިވެރިވެވަމާ ހިނގާށެވެ. އެމީހުންގެ ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، އެކަކު އަނެކަކަށް ފުރިހަމަ ބައިވެރިންނަށް ވެވޭނެތޯ ބަލަމާދޯ އެވެ!
——
ބުނެނުދެވޭ ގުޅުންތައް
ކުންފުނީގެ ބޮޑު ދޮރާށި ހުޅުވިގެން ދިޔުމާއެކު، ނަލަ ރޯލްސް ރޮއިސް ކާރެއް މަޑުމަޑުން ގޯތިތެރެއަށް ވަދެގެން އައެވެ. ކާރުގެ ދުއްވާ ސީޓުން ފޭބީ ވަރަށް ފުރިހަމަ ފަރުމާއެއްގެ ކަޅުކުލައިގެ ތުރީ-ޕީސް ސޫޓެއްގައި ހުރި، އިސްކޮޅުން ދިގު، ރީތި ފިރިހެނެކެވެ. އޭނާ އިތުބާރާއެކު ހިނގާފައި ގޮސް އިމާރާތުގެ މެދުގައި ހުރި ޕްރައިވެޓް ލިފްޓަށް އަރައި، އެންމެ މަތީ ފަންގިފިލާއަށް ދިޔުމަށް ފިތަށް އޮބާލިއެވެ.
ލިފްޓުގެ ދޮރު ހުޅުވުމާއެކު އޭނާ ބޭރަށް ނިކުތް ވަގުތު، އެތަނުގައި ތިބި ހުރިހާ މުވައްޒަފުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އެންމެންގެ ވާހަކަދެއްކުންތައް ހުއްޓި، މާހައުލަށް ހިމޭންކަން ވެރިވިއެވެ. އެއީ އެމީހުންގެ ބޮސްކަން އެނގުމުން، އެންމެން ކުރި ސަލާމަށް ބޮލުގެ އިޝާރާތަކުން ޖަވާބު ދިނުމަށްފަހު، އޭނާ ގޮސް އޮފީސް ކޮޓަރިއަށް ވަނެވެ.
އޭނާގެ ކޮޓަރިއަށް ވަދެ، ކޯޓުގެ ގޮށް ނައްޓާލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. އޭނާގެ މޭޒުމަތީގައި ބާއްވާފައި އޮތް ފޯނުގެ ކައިރީގައި “ސީ.އީ.އޯ މިސްޓަރ ވަސީމް އައްބާސް” ޖަހާފައިވާ ނަންބޯޑު ފެންނަން ހުއްޓެވެ. މުޅި ކޮޓަރިން ފެންނަނީ މަސައްކަތުގެ މާހައުލަށް އޮތް ސީރިއަސްކަމެވެ.
ވަސީމްގެ ނަޒަރުން:
އޮފީހަށް ވަތްތަނާހެން ސެކްރެޓަރީ އައިސް ދުވަހުގެ ތާވަލާއި ފައިލްތައް ހަވާލުކުރިއެވެ. ކުރަން ހުރި މަސައްކަތްތައް ގިނަ ނަމަވެސް، އަހަންނަކީ މަސައްކަތަށް ހުސްވެފައި ހުންނަ މީހަކަށް ވުމުން އެއީ މާބޮޑު ކަމެއް ނޫނެވެ. އަސްލު ބުނާނަމަ، އަހަރެން މަސައްކަތުގައި އުޅޭ އުޅުމަކީ ގޭގެ މާހައުލާ ދުރުގައި ހުރުމަށް އަހަރެން އަމިއްލައަށް ރާވައިގެން ކުރާ ކަމެކެވެ.
މީގެ ސަބަބު އަހަރެން ކިޔައިދޭނަމެވެ. އަހަރެން މަސައްކަތުގައި މާބޮޑަށް މަޝްޢޫލުވެގެން މިއުޅެނީ ގޭގެ ދިރިއުޅުމާ ދުރުގައި ހުރުމަށެވެ. މިއީ އަހަރެންގެ އައު އަނބިމީހާއާ ގުޅުންހުރި ކަމެކެވެ. އެކަމަކު އޭގެ މާނައަކީ އަހަރެން އޭނާދެކެ ރުޅިއަންނަނީއެއް ނޫނެވެ. ކަންތައް އޮތީ މިއަށްވުރެ މާ ބޮޑަށް އޮޅުންބޮޅުންވެފައެވެ. މި ކައިވެންޏަކީ ބައްޕަގެ ވަރަށް ބޮޑު އެދުމަކަށް، ބައްޕަގެ އާދޭހަށްޓަކައި އަހަރެން ކުރި ކައިވެންޏެކެވެ.
މީގެ ނުވަ އަހަރު ކުރިން އަހަރެންގެ މަންމަ ނިޔާވުމަށްފަހު، ބައްޕަގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ބައްޕަ ބޭނުންވީ އަހަރެން ކައިވެންޏެއް ކުރުމަށެވެ. އެހެންކަމުން ބައްޕަގެ އާދޭހަށްޓަކައި އަހަރެން މިކައިވެންޏަށް އެއްބަސްވީމެވެ.
ހައިރާންވާންޖެހޭ ކަމަކީ، އަހަރެން މި ނިންމުމާ މެދު ދެރަނުވާ ކަމެވެ. އަހަރެންގެ އަނބިމީހާއަކީ ވަރަށް އޯގާތެރި، އަދި އެއްވެސް ބަދަލަކަށް އެދުމެއް ނެތި އާއިލާގެ އެންމެންގެ ކަންތައްތައް ބަލަހައްޓާ މީހެކެވެ. އޭނާގެ ހިތްހެޔޮކަމުގެ ސަބަބުން ބައްޕައާއި އަހަރެންގެ ކޮއްކޮމެންގެ ލޯބި އޭނާއަށް ވަނީ ލިބިފައެވެ.
ކޮއްކޮ ވިޔާމްއާ އޭނާއާ ދެމެދު އޮންނަނީ ގާތް ގުޅުމެކެވެ. އެއީ ކޮލެޖް ދުވަސްވަރުން ފެށިގެން އެކަކު އަނެކަކު ދަންނާތީއެވެ. އަދި އަނެއް ދެ ކޮއްކޮ ކަމަށްވާ ވިޝާލް އާއި ވިފާޤް އޭނާއަށް ގޮވަނީ “ކުޑާންމަ” (ކުޑަ މަންމަ)ގެ ނަމުންނެވެ.
އެންމެ އަސަރުގަދަ ކަމަކީ ބައްޕައާ އޭނާއާ ދެމެދު އޮންނަ ގުޅުމެވެ. އަހަރެންގެ މައިންބަފައިން އަބަދުވެސް އަންހެން ދަރިއަކަށް އުންމީދު ކުރިއެވެ. ނަމަވެސް ލިބުނީ ހަތަރު ފިރިހެން ދަރިންނެވެ. މިހާރު ބައްޕައަށް އޭނާގެ ފަރާތުން އެ ލިބުނީ ބައްޕަ އަބަދުވެސް އުންމީދު ކުރި އަންހެން ދަރިއެވެ.
ކައިވެންޏަށް ދެ ހަފްތާ ވެގެން ދިޔައިރު، އަހަރެމެންނަށް ރަނގަޅަށް ވާހަކަދެކެވުނީ އެންމެ ރެއަކުއެވެ. އެއީ ކައިވެނީގެ ފުރަތަމަ ރެއެވެ. އެ ރޭ އަހަރެން ބުނި ބަސްތަކާ މެދު މިހާރު އަހަރެން ވަރަށް ދެރަވެއެވެ. އަހަރެން އޭނާ ގާތު ބުނީ މި ކައިވެންޏާމެދު މާ ބޮޑު އުންމީދުތަކެއް ނުކުރުމަށެވެ. އެއީ ފިރިއެއްގެ މަސްއޫލިއްޔަތު އަދާކުރެވިދާނެ ކަމަށް އަހަންނަށް ގަބޫލުނުކުރެވޭތީއެވެ. އެ ވަގުތު އޭނާގެ ލޮލުން އައި ކަރުނަ ފެނުމުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭނާ އެއްޗެކޭ ބުނުމުގެ ކުރިން އަހަރެން ކޮޓަރިން ނިކުމެގެން ދިޔައީއެވެ.
ޖެހިގެން އައި ދުވަހު، އަހަރެން ފޯނުން މީހަކާ ރުޅި އައިސްގެން ވާހަކަދައްކަނިކޮށް އޭނާއަށް އަޑުއިވުނެވެ. އެއަށްފަހު އޭނާ އަހަރެންގެ ކުރިމަތީގައި ވާހަކަދެއްކުން މުޅިން ހުއްޓާލިއެވެ. އަހަރެން ފެނުމުން އޭނާގެ ލޮލުން ބިރުވެރިކަން ފެނެއެވެ. އަހަރެން ދުވަހަކުވެސް އޭނާއާ ދިމާއަށް ބާރަށް ވާހަކަދައްކާފައި ނުވާއިރު، އޭނާ ބިރުގަންނަ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.
އަހަރެމެންގެ ދެމެދުގައި އޮތް ހިމޭންކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔައެވެ. އޭނާގެ އަޑުވެސް މިހާރު އަހަރެން ހަނދާނެއް ނެތެވެ. ރޭގަނޑު އޭނާ ނިދަނީ ސޯފާގައެވެ. ނަމަވެސް، ކިތަންމެ ލަހުން ގެއަށް އައި ނަމަވެސް، އޭނާ އަބަދުވެސް ކާން ތައްޔާރުވެގެން އަހަރެންގެ އިންތިޒާރުގައި އިނދެއެވެ.
އަހަރެންގެ މަންމަ ދަސްކޮށްދީފައިވާ ރީތި އާދަތަކުގެ ސަބަބުން، އަންހެނުންނަށް އިހުތިރާމް ކުރުމުގެ ގޮތުން މިހާރު އަހަރެން ރޭގަނޑު 9 ޖަހާއިރަށް ގެއަށް ދެވޭތޯ ބަލަމެވެ. އަހަރެމެން ވާހަކަ ނުދެއްކި ނަމަވެސް، އޭނާ އަހަރެންގެ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ބަލަހައްޓައެވެ. ހެނދުނު ހޭލާއިރު ސައި ތައްޔާރުކޮށްފައި ހުރެއެވެ. އަދި އޮފީހަށް ކާންވެސް ފޮނުވައެވެ.
މި ކަންތައްތަކުގެ ސަބަބުން އަހަރެންގެ ހިތުގައި ކުށްވެރިކަމުގެ އިހުސާސް އުފެދެއެވެ. އޭނާގެ ހިތްހެޔޮކަން ފެނިފައި އަހަރެންގެ އަމަލުތަކާ މެދު ދެރަވެއެވެ. އެކަމަކު، އަހަރެން ކުރިން ވެފައިވާ ވައުދެއްގެ ސަބަބުން، އަހަރެންގެ ހިތް އޭނާއަށް ލެނބުނަސް، އޭނާ އެއްކޮށް ބަލައިގަންނާކަށް ނުކެރެއެވެ. އެހެންކަމުން އަހަރެން އަނެއްކާވެސް މަސައްކަތުގެ ތެރެއަށް ގެއްލިގެން ދަނީއެވެ.
—
ހުދުކުލައިގެ ބޮޑު ގަނޑުވަރެއް ފަދަ ގެއެކެވެ. ގޭގެ އެތެރެ ފަރުމާކޮށްފައިވަނީ ވަރަށް ޒަމާނީކޮށް، ހުދު އަދި އަޅިކުލަ ބޭނުންކޮށްގެންނެވެ.
ގޭގެ ބަދިގޭގައި އުމުރުން ވިހި އަހަރުގެ ޒުވާން އަންހެނަކު މަސައްކަތުގައި އުޅެއެވެ. އޭނާ ލައިގެން ހުރީ ފިޔާތޮށި ކުލައިގެ ހެދުމެކެވެ. އިސްތަށިގަނޑު އޮތީ އާދައިގެ ގޮތަކަށް އައްސާލާފައެވެ. މިއީ ވަހީދާ ވަސީމް އައްބާސްއެވެ. މި ބޮޑު ގެއަކީ ދިރިއުޅޭ ހިތްވާ ފަދަ އުފާވެރި ގެއަކަށް ހަދައިދެނީ އޭނާއެވެ.
ވަހީދާގެ ނަޒަރުން:
އަހަރެން ބަދިގޭގައި އުޅެނީ އާއިލާއަށް މެންދުރުގެ ކެއުން ތައްޔާރުކުރުމުގައެވެ. އަހަރެންގެ ނަމަކީ ޢާއިޝަތު ވަހީދާ އައްބާސް އެވެ. އަހަންނަކީ ވަސީމުގެ އަނބިމީހާ އެވެ. ނަމަވެސް ވަސީމް ދެކޭގޮތުގައި އަހަރެން މިއީ ހަމައެކަނި އައްބާސް އާއިލާގެ ޅީދަރިއެކެވެ. އޭނާގެ އަނބިމީހާއެއް ނޫނެވެ.
އަހަރެންގެ މުޅި ދިރިއުޅުން ހޭދަވެފައިވަނީ ހިތާމައާއި ހިމޭންކަމުގައެވެ. އުފާވެރިކަމަކީ އަހަންނަށް ވަގުތީ އެއްޗެކެވެ. އެހެންކަމުން ވަސީމްއާ ކައިވެނިކުރުމުގެ ހުށަހެޅުން އައުމުން އަހަރެން ވަގުތުން އެއްބަސްވީމެވެ. އޭގެ ދެ ސަބަބެއް އޮތެވެ. އެކަކީ އަމިއްލަ އާއިލާއެއް ބޭނުންވުމެވެ. އަދި ވިޔާމް ކަހަލަ ބޭބެއެއް ލިބޭނެތީއެވެ. ދެވަނަ ސަބަބަކީ ވަސީމްގެ ފޮޓޯ ފެނުނު ހިނދު އަހަރެންގެ ހިތަށް ކުރި އާދަޔާޚިލާފު އިހުސާސެކެވެ. ފަހަރުގައި އެއީ ފުރަތަމަ ނަޒަރުން އުފެދުނު ލޯބި ކަމަށް ވެދާނެއެވެ.
ނަމަވެސް އޭނާ ރުޅި އައިސްގެން ބާރަށް ވާހަކަދެއްކި އަޑު އިވުމުން ހުރިހާ ކަމެއް ބަދަލުވިއެވެ. އެ އަޑުން އަހަރެންގެ މާޒީގެ ބިރުވެރި ހަނދާންތަކެއް އާވިއެވެ. އެއީ ކުރީގެ ލޯބިވެރިއެއްގެ ހަނދާނެއް ނޫނެވެ، އަދި ކިއެއްތަ، އެއީ އަހަރެން ދުވަހަކުވެސް ހަނދާންކުރަން ބޭނުންނުވާ މީހެކެވެ.
ދެދުވަސް ފަހުން، ބައްޕައާއި ވިޔާމް ބޭބެ އައިސް އަހަންނާ ވާހަކަދެއްކިއެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ދުރުކަން އެމީހުންނަށް ފާހަގަވީއެވެ. އެމީހުން އެދުނީ ބިރުނުގަނެ މި ގުޅުމަށް ފުރުސަތެއް ދިނުމަށެވެ. އެކަމަކުވެސް އަހަރެންގެ ހިތުން ބިރުވެރިކަމެއް ނުފިލިއެވެ.
އަހަރެން ކޮންމެ ރެއަކުވެސް އޭނާ އަންނަންދެން ކާން މަޑުކުރަމެވެ. އޭނާ ކައި ނިމުމުން އަހަރެމެން ދަނީ ކޮޓަރިއަށެވެ. އޭނާ އެނދުގައި ނިދާއިރު އަހަރެން ނިދަނީ ސޯފާގައެވެ. މިއީ އެންމެ ރަނގަޅު ގޮތް ނޫން ނަމަވެސް، ފާއިތުވި ދެ ހަފްތާގައި މިއީ އާދައަކަށް ވެއްޖެއެވެ. އޭނާގެ ލޯބި ނުލިބުނަސް، މި އާއިލާގެ ފަރާތުން ލިބޭ އޯގާތެރިކަމުން އަހަރެންގެ ހިތުގެ ޒަޚަމްތަކަށް ތަސައްލީއެއް ލިބެއެވެ.
އަހަރެންގެ ހިތުގެ ކަނެއްގައި އޭނާގެ ލޯބި ހޯދުމުގެ އެދުން އަދިވެސް އެބައޮތެވެ. އަހަރެން ބޭނުންވަނީ އޭނާގެ ސަމާލުކަމާއި އޯގާތެރިކަމެވެ. އޭނާގެ އެހެން ލޯބިވެރިއަކު ނެތްކަން އެނގޭތީ، އޭނާ އަހަރެން ބަލައިނުގަނެގެން އެ އުޅެނީ ކޮންމެވެސް އެހެން ސަބަބަކާ ހުރެކަން ޔަގީނެވެ.
ވިޔާމް ބޭބެ ބުނާ ގޮތުން އަހަރެން ކަންކަން ދަސްކުރަނީ ވަރަށް ލަހުންނެވެ. އެކަމަކުވެސް އަހަރެން މިދަނީ ވަސީމް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ ފެނުމުން އަހަރެން ހާސްވެ، ބުނަން ބޭނުންވާ ވާހަކަވެސް ހަނދާން ނެތެއެވެ. އެހެންނަމަވެސް، މިއަދު އަހަރެން ނިންމައިފީމެވެ. އަހަރެން އޭނާއާ ރަނގަޅަށް ވާހަކަދައްކާނަމެވެ. އޭނާގެ އެ ތޫނު ދެލޮލަށް ބަލާފައި އަހަރެންގެ ހިތްވަރު އެލިގެންނުދާނޭ ކަމަށް އުންމީދު ކުރަމެވެ. އަހަރެން މި ގުޅުމަށް މަސައްކަތް ކުރާ ފަދައިން، އޭނާވެސް އަހަންނާ ދިމާއަށް އެންމެ ފިޔަވަޅެއް ނަމަވެސް އަޅަންޖެހޭނެއެވެ.
މި ވާހަކަދައްކަން ޖެހުމުން އަހަރެން ބިރުގަތް ނަމަވެސް، އަހަރެން ހުރީ މިކަން ކުރަން އަޒުމް ކަނޑައަޅައިގެންނެވެ. އަހަރެމެންގެ ދެމެދުގައިވާ މި ދުރުކަން ނައްތާލަންވީ ވަގުތު ޖެހިއްޖެއެވެ.
— ނުނިމޭ —
