ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ސިއްރުން މިހިތާ ކުޅެނީހޭ؟ – އެޕިސޯޑް 03

ނިދުމުގެ ކުރިން ވަހީދާ އެހިއެވެ. “ވަސީމު މި ކައިވެންޏާ މެދު އުފަލެއް ނުވޭތަ؟”
ވަސީމް ޖަވާބުދިނެވެ. “އެހެންނެއް ނޫން. އަހަރެން މިއީ ވަރަށް ފިނޑި މީހެއް. އަމިއްލަ ޒިންމާތަކުން ފިލަން ދުވީ. އެކަމަކު މިހާރު ހުރިހާ ކަމެއް ރަނގަޅުވާނެ. ދެން ނިދާލާ.”

ދެމީހުން އެކަކު އަނެކަކަށް އުފާވެރި ރެއަކަށް އެދެމުން، އާ އުއްމީދުތަކަކާއެކު ނިދީގެ ފުން ކަނޑަށް ގެނބިގެން ދިޔައެވެ.

އާއިލީ ގުޅުމާއި ސަމާސާ ވާހަކަތައް

ވަސީމްގެ ނަޒަރިއްޔާއިން:

މޭމަތީގައި އެއްޗެއް ހަރަކާތްތެރިވާހެން ހީވެގެން އަހަރެންގެ ނިދި ޚަރާބުވިއެވެ. ލޯ ހުޅުވާލިއިރު، އަހަރެންގެ އަންހެނުން އަހަރެންގެ ގައިމައްޗަށް އޮތީ އަހަންނާ ވަރަށް ގާތުގައެވެ. އޭނާގެ ބޯ އޮތީ އަހަރެންގެ މޭމަތީގައެވެ. ކަނާތް އޮތީ އަހަރެންގެ ހަށިގަނޑުގައި ބައްދާލައިގެންނެވެ. އަދި އޭނާގެ ފައި އޮތީ އަހަރެންގެ ފަޔާ އޮޅިފައެވެ. ފުރަތަމަ އަހަރެން އޭނާގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާ އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ.

ކުޑަވަގުތުކޮޅަކު ވިސްނާލުމަށްފަހު، އަހަރެން ސަލާމަތްވާން މަސައްކަތް ކުރަނީ ކީއްވެގެންތޯ އަމިއްލަ ނަފްސާ ސުވާލުކުރީމެވެ. ހަގީގަތުގައި އެއީ އަހަރެން ހިތްހަމަނުޖެހޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ގާތްކަމުން އަހަންނަށް ހިތްހަމަޖެހުން ލިބެމުންދިޔައެވެ. މި ހިޔާލުތަކުގައި އޮއްވާ، ނިދީގައި އޭނާ ކުޑަކޮށް ގުޑިލިއެވެ. އަހަރެން ނިދާފައި އޮތްކަމަށް ހެދިގެން އޮތީމެވެ. އޭނާ ހޭނުލުމުން އަހަންނަށް ހިތްހަމަޖެހުން ލިބުނެވެ. އޭނާގެ މޫނު ކުޑަކޮށް ހިއްލާލުމުން، އޭނާގެ އަމާން މޫނު އަހަންނަށް ވަރަށް ސާފުކޮށް ފެނުނެވެ.

އަހަންނަށް އޭނާގެ ރީތިކަމަށް ގެއްލިފައި އޮވެވުނެވެ. އަދި ނޭނގި އޮވެ، އޭނާގެ ކަންފަތް މަތީގައި އޮތް އިސްތަށިކޮޅެއް ކަންފަތް ފަހަތަށް ލައްވާލެވުނެވެ. އެވަގުތު، ކުރިން ފާހަގަނުކުރެވޭ ކަމެއް އަހަންނަށް ފާހަގަވިއެވެ. އޭނާގެ ތިރީ ތުންފަތުގެ ވާތްފަރާތު ކައިރީގައި ކުޑަ ކަޅުތިލައެއް އިނެވެ. އެ ކަޅުތިލައަށް ބަލަހައްޓައިގެން އޮތްއިރު، އަހަރެންގެ ހިތުގެ ތެޅުން އަވަސްވެ، އެތަނުގައި އަތްލާ، ބޮަސްދިނުމުގެ އެދުންވެރިކަން ހިތުގައި އުފެދުނެވެ. އެވަގުތު ނިދީގައި އޭނާގެ ތުންފަތުގައި ދޫހާކާލިއެވެ.

އަހަރެންގެ ހިޔާލުތަކުގެ ބާރުގަދަކަން އިހުސާސްވުމުން، “އަހަންނަށް މި ވިސްނެނީ ކޮން އެއްޗެއްބާއޭ” ހިތަށް އެރިއެވެ. އިތުރަށް އޭނާއަށް ބަލަން އޮވެއްޖެނަމަ، އަހަރެންގެ އިހުސާސްތަކުގެ މައްޗަށް ބާރުނުފޯރުވޭނެކަން އެނގުމުން، މަޑުމަޑުން އޭނާގެ ކިބައިން ނެއްޓިގެން އެނދުން ތެދުވީމެވެ.

ޓްރިން… ޓްރިން…

އޭނާގެ އެލާމް ވީއިރުވެސް، އޭނާ ގުޑިވެސް ނުލައެވެ. އޭނާއަކީ އެހާ ފުންކޮށް ނިދާ މީހެއްބާވައެވެ؟ ކޮންމެއަކަސް، ރޭގަނޑު މާ ލަސްވަންދެން ވާހަކަދައްކަން ތިބުމުން، އޭނާއަށް އިތުރަށް ނިދާލަން ފުރުސަތު ދިނުމަށް އަހަރެން ނިންމީމެވެ. އެލާމް ނިވާލުމަށްފަހު ފާހަނައަށް ވަނީމެވެ. ފެންވަރަން ހުރިއިރު، އިއްޔެ ވިޔާމް ކިޔައިދިން ވާހަކަތަކާ މެދު ވިސްނުނެވެ. އޭނާގެ މާޒީގެ ބައެއް ކަންތައްތައް އެނގުމުން އަހަރެން ހައިރާންވިއެވެ. އޭނާގެ އެ ސާދާ ސޫރައިގެ ފަހަތުގައި އެހެން މީހުންނަށް ނޭނގޭ އެތައް ކަމެއް ފޮރުވިފައިވާކަން އަހަންނަށް އިހުސާސްވިއެވެ.

އަހަރެމެން ދެމީހުންގެ ގުޅުން ބަދަހިވެ، އޭނާގެ ހިތުގެ ވާހަކަތައް އަމިއްލައަށް ހިއްސާކުރާނެ ދުވަހަކަށް އަހަރެން އުންމީދު ކުރަމެވެ. އޭނާ އެ ވާހަކަތައް ކިޔައިދޭން ބޭނުން ނުވި ނަމަވެސް، އަހަރެން އޭނާއަށް މަޖުބޫރެއް ނުކުރާނަމެވެ. އަހަރެންގެ އެންމެ ބޮޑު ބޭނުމަކީ މި ކައިވެނި ކާމިޔާބު ކުރުމެވެ. ރޭގައި ދެކެވުނު ވާހަކަތަކުން، އޭނާވެސް އެގޮތަށް ބޭނުންވާކަން ވަނީ ހާމަވެފައެވެ.

އަހަރެން ކުރިން ހީކުރީ އޭނާގެ އުނަގަނޑާ ހަމައަށް އޮންނަ ދިގު އިސްތަށިގަނޑަކީ އަހަރެންގެ އެންމެ ފޭވަރިޓް ކަންތައް ކަމަށެވެ. ނަމަވެސް، ހައިރާންވާންޖެހޭ ކަމަކީ، އެ ކުޑަ ކަޅުތިލައިގެ ޖާދޫގައި އަހަރެން މާ ބޮޑަށް ޖެހިއްޖެކަމެވެ.

ލިޔުންތެރިޔާގެ ނަޒަރުން:

އާދީއްތަ ދުވަސް ކަމުން، ވަސީމް ފާހަނައިން ނުކުތީ އާދައިގެ ހެދުމެއްގައެވެ. ވޭތުވެދިޔަ ދެ ހަފްތާ ބަންދުގައި އޭނާ އުޅުނީ އޮފީސް މަސައްކަތުގައެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއް ހަމައަކަށް އެޅިފައިވުމުން، މިއަދު ގޭގައި މަޑުކުރަން އޭނާ ނިންމިއެވެ. ހެދުން ބަދަލުކުރާ ބައިން ނުކުތްއިރު، އޭނާގެ އަންހެނުން ވަރަށް އަރާމުގައި ނިދާފައި އޮތެވެ. ކައިރީގައި ހުރި ދޮރުގައި ލެގިލައިގެން ހުރެ، އޭނާގެ އަންހެނުންގެ ލޯބިކަމަށް ތައުރީފުކޮށް، އެ ރީތިކަމަށް އޭނާ ގެއްލިފައި ހުއްޓެވެ. އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ އެ ކަޅުތިލައަށެވެ.

ދޮރުގައި ޓަކިޖެހި އަޑަށް އޭނާ ސިހުނެވެ. ދޮރު ހުޅުވާލިއިރު، ކުރިމަތީގައި ހުރީ ވިޝާލްއެވެ. އޭނާގެ ބޭބެ ގޭގައި ހުރުމުން ވިޝާލް ހުރީ ހައިރާންވެފައެވެ.

ވިޝާލް: “ސުބުހާނަﷲ! ބޭބޭ، މިއަދު ގޭގައިތަ؟”

ވަސީމް ކުޑަކޮށް ފޫހިވެފައި ހުރެ ލޯ އަރުވާލިއެވެ.
ވަސީމް: “ކީއްވެ؟ އެއްވެސް މައްސަލައެއް އެބައޮތްތަ؟”

ވިޝާލް ވަރަށް މަޑުމަޑުން އަހާލިއެވެ.
ވިޝާލް: “އެކަހަލަ ކަމެއް ނޫން ބޭބޭ. އެކަމަކު ފަހަރި ކޮބާ؟”
ވަސީމް: “އޭނާ އެއޮތީ ނިދާފަ. އެކަމަކު ތިޔަހާ މަޑުން ތި ވާހަކަދައްކަނީ ކީއްވެ؟”
ވިޝާލް: “ފަހަރިއަށް ހޭނުލެވޭތޯ.”

ވަސީމް ހިނިތުންވެލިއެވެ.
ވަސީމް: “އޭނާ ހޭނުލާނެ. އެލާމް ވިއިރުވެސް އޭނާއަށް އަޑެއް ނީވުނު.”

ވިޝާލް ސަމާސާކޮށްލިއެވެ.
ވިޝާލް: “އަޅެ ބޭބޭ، ބޭބެ ތި ހިނިތުންވަނީތަ؟ ކޮން އިރަކުއްސުރެ؟”

ވަސީމް އެކަމަށް ސަމާލުކަން ނުދީ އަހާލިއެވެ.
ވަސީމް: “މަޑުން ހުރެބަލަ. ބުނެބަލަ ކީއްކުރަން މިތަނަށް ތި އައީ؟ އެއްވެސް ކަމެއް ބޭނުންވަނީތަ؟”

ވިޝާލް ބޯ ޖަހާލިއެވެ.
ވިޝާލް: “އާނ.”
ވަސީމް: “ކޮން ކަމެއް؟”
ވިޝާލް: “ކުރިއަށް އޮތް އެއް ގަޑިއިރު ވަންދެން ފަހަރި ތިރިއަށް ނުފޮނުވާ މަޑުކުރުވައްޗޭ.”
ވަސީމް: “އެއީ ކީއްވެ؟”
ވިޝާލް މަޖާވެލަމުން ބުންޏެވެ.
ވިޝާލް: “އަޅެ ބޭބޭ، ތިޔަހާ ގިނަ ސުވާލު ނުކޮށްބަލަ. ފަހަރިއަށް ސަޕްރައިޒެއް އެބައޮތް. އެހެންވީމާ އަހަރެން މި ބުނި ގޮތަށް ކަންތައް ކުރައްޗޭ. އޯކޭ، ބާއި.”

އެހެން ބުނުމަށްފަހު ވިޝާލް އަވަހަށް ދުވެފައި ދިޔައެވެ. ވަސީމް ހުރީ ވާނުވާ ނޭނގިފައެވެ. ދޮރު ލެއްޕުމަށްފަހު، އަނެއްކާވެސް ވަހީދާއަށް ލޯބިން ބަލާލާފައި އެނދާ ދިމާލަށް ދިޔައެވެ. ފޯނު ނަގަން ކުޑަކޮށް ގުދުވި ވަގުތު، ވަހީދާ ނިދީގައި އެއްޗެހިތަކެއް ކިޔާ އަޑު އިވުނެވެ. އޭނާގެ ނިތްކުރިން ދާހިއްލާފައި ހުއްޓެވެ.

ވަސީމް ހިތަށްއެރިއެވެ: “އޭނާއަށް ބިރުވެރި ހުވަފެނެއް ފެންނަނީބާ؟”

ކަންބޮޑުވެފައި ހުރެ، ވަސީމް އޭނާގެ ކައިރީގައި އިށީނދެ، މަޑުމަޑުން ގުޑުވާލާފައި އޭނާ ހޭލައްވަން މަސައްކަތް ކުރިއެވެ. އޭނާ އުޅޭ ހާލު ފެނިފައި ވަސީމް އިތުރަށް ހާސްވިއެވެ.

ވަސީމް: “ވަހީދާ، ހޭލަބަލަ، ޕްލީޒް.”

ވަހީދާ އެނދުގެ ބެޑްޝީޓުގައި ބާރަށް ހިފަހައްޓައިގެން އޮތެވެ. އޭނާގެ ލޮލުން ކަރުނަ އަންނަން ފެށުމުން، ވަސީމް އޭނާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ.

ވަހީދާ ހަޅޭއްލަވައިގަތެވެ: “ނޫން!”

އަވަސް ނޭވާތަކަކާއެކު ހޭލެވުނުއިރު، ވަސީމް އޭނާގެ ކައިރީގައި އިނދެ، ބުރަކަށީގައި ފިރުމާ، ކަރުނަ ފޮހެދެމުންދިޔައެވެ.

ވަސީމް ވަރަށް އަޅާލުމާއެކު އަހާލިއެވެ: ކިހިނެއްވީ؟ ހުރިހާ ކަމެއް ރަނގަޅުތަ؟”

ވަސީމްގެ ލޮލަށް ބަލާލުމަށްފަހު، ވަހީދާ ހަމަޖެހިލިއެވެ.

ވަސީމް: “ބިރުވެރި ހުވަފެނެއް ފެނުނީތަ؟”
ވަހީދާ: “ހޫނ.”
ވަސީމް: “އެއީ މައްސަލައެއް ނޫން. މިހާރު ރަނގަޅުތަ؟”
ވަހީދާ: “އާނ. ވަރަށް ބޮޑަށް ސޮރީ، އަހަރެންގެ ސަބަބުން ވަސީމުގެ ނިދި ހަރާބުވީތީ.”

ވަސީމް: “ނޫނޭ، ނޫނޭ. އަހަރެން ހޭލިތާ ކިތަންމެ އިރެއް. މިހާރު މިހުރީ ތައްޔާރުވެސް ވެގެން.”
ވަހީދާ: “ތައްޔާރުވެގެންނޭ؟ މިހާރު ގަޑިން ކިހާއިރެއް؟”

ވަސީމް ޖަވާބު ދެންދެން މަޑުނުކޮށް، އޭނާ ގަޑިއަށް ބަލާލުމަށްފަހު ސިހުނެވެ.

ވަހީދާ: “އޯ ނޯ! ކީއްވެ އަހަރެން ހޭނުލެއްވީ؟ މިހާރު 9 ޖަހަނީ. އެންމެން ތިބޭނީ ހެނދުނުގެ ސައިގެ އިންތިޒާރުގަ. އަހަރެން މާ ލަސްވެއްޖެ.”

އޭނާ އަވަސްއަވަހަށް އެނދުން ފޭބުމަށްފަހު ފާހަނައަށް ދާން ދުއްވައިގަތެވެ. ނަމަވެސް ވަސީމް އޭނާގެ އަތުކުރީގައި ހިފާ ހުއްޓުވިއެވެ.

ވަހީދާ: “ލައްބަ؟”
ވަސީމް: “ތިޔަހާ އަވަސް އަރުވާލާނެ ކަމެއް ނެތް. ދެންމެ ވިޝާލް އައިސް ބުނި ކަލޭ އިތުރު އެއްގަޑިއިރު ވަންދެން މަޑުކުރުވުމަށް.”

ވަހީދާ: “އެކަމަކު ކީއްވެ؟”
ވަސީމް: “އެއީކީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެ.”
ވަހީދާ: “އޯކޭ.”

އޭނާ އަނެއްކާވެސް ފާހަނައަށް ދާން އެނބުރުނެވެ. ނަމަވެސް އޭނާއަށް ކުރިއަށް ނުދެވުނެވެ. އެނބުރި ބަލާލިއިރު ވަސީމް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ވަހީދާ އިސްދަށަށް ޖެހިއެވެ.

ވަހީދާ: “ލައްބަ، ތިޔަ…”
ވަސީމް: “އަހަރެން ކީއްވީ؟”
ވަހީދާ: “ވަސީމް އަދިވެސް އަހަރެންގެ އަތުގައި ތިހިރީ ހިފަހައްޓައިގެން.”

ވަސީމް ވަގުތުން އަތުން ދޫކޮށްލިއެވެ.

ވަސީމް: “އޯ، ވަރަށް ބޮޑަށް ސޮރީ.”

އޭނާ އަވަހަށް ފާހަނައަށް ވަނެވެ. ވަސީމް ކަރުގެ ފަހަތުގައި އަތް ހާކާލަމުން ވިސްނާލިއެވެ.

ވަސީމް: “ރޭއްސުރެ އަހަންނަށް މިވަނީ ކީއްބާ؟ އޭނާ ކައިރީގައި ހުންނައިރު އަހަރެންގެ ހަށިގަނޑުގެ ބާރު ކެނޑެނީ ކީއްވެބާ؟”

ވަހީދާގެ ނަޒަރިއްޔާއިން:

އޭނާ އަހަރެންގެ އަތުން ދޫކޮށްލުމާއެކު، އަހަރެން އަވަހަށް ފާހަނައަށް ވަނީމެވެ. އޭނާގެ އެ އަތްލުމުން އެކަނިވެސް އަހަރެންގެ ހިތް އޮތީ ބާރަށް ތެޅިތެޅިއެވެ. ރޭގައިވެސް އޭނާ އަހަރެންގެ ކޮނޑުގައި އަދި އަތުގައި ހިފެހެއްޓުމުން، ބުނެދޭން ނޭނގޭ ފަދަ އިހުސާސްތަކެއް ކުރެވުނެވެ. ނަމަވެސް މިވަގުތު އަހަރެން މިހުރީ ވަރަށް އުފަލުންނެވެ. އެއީ އެއްވެސް ޖެހިލުމެއް ނެތި އަހަރެމެންގެ ދިރިއުޅުމުގެ އާ ބާބެއް ފަށަން ދެމީހުންވެސް ބޭނުންވާތީއެވެ. މީގެ ފަހުން ހުރިހާ ކަމެއްވެސް އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރަމެވެ.

ފެންވަރާ ތާޒާވެލައިގެން، އަހަރެން މަޑު ނޫކުލައިގެ ހެދުމެއް ލީމެވެ. މޮއިސްޗަރައިޒާ އާއި، އަނދުނާއި، ސެންޓު އަދި ކުޑަ ލިޕްގްލޮސްއެއް ބޭނުންކުރީމެވެ. ދެން ބާކީ އޮތީ ހަމައެކަނި ސިންދޫރު ޖެހުމެވެ. އަހަރެން އަބަދުވެސް ދެކޭ ހުވަފެނަކީ ކޮންމެ ދުވަހަކުވެސް ފިރިމީހާ އަމިއްލައަށް އަހަރެންގެ ބޮލުގައި ސިންދޫރު ޖަހައިދިނުމެވެ. އޭނާ އެކަމަށް އެއްބަސްވާނެބާވައެވެ؟

މި ހިޔާލުގައި ހުރެ، މަޑުމަޑުން ދޮރުން ބޭރު ބަލާލިއިރު، އޭނާ ސޯފާގައި އިށީނދެގެން ފޯނާ ކުޅެން އިނެވެ.

ލިޔުންތެރިޔާގެ ނަޒަރުން:

އަހަންވީތޯ ނުވަތަ ނޫންތޯ ފަސްޖެހިފައި ހުރެ، ވަހީދާ މަޑުމަޑުން އޭނާއާ ދިމާލަށް ހިނގައިގަތެވެ. ވަސީމް ފޯނަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ.

ވަސީމް: “ކިހިނެއްވީ މަގޭ ވައިފް؟”

ވަހީދާ ހިތަށްއެރިއެވެ: “އޭނާ އަހަންނަށް ބަލާވެސް ނުލާ އެނގުނީ ކިހިނެއްބާ؟ އޭނާގެ ތިންވަނަ ލޮލެއް އިނީބާ؟”

ވަސީމް އޭނާގެ ހިތުގައި ހިނގާ ކަންތައްތައް އެނގޭ ފަދައަކުން ބުންޏެވެ.
ވަސީމް: “ނޫނޭ، އަހަރެންގެ ތިންވަނަ ލޮލެއް ނީނދޭ. ދެން ބުނެބަލަ ކިހިނެއްވީތަ؟”

ވަސީމްގެ ވިސްނުންތޫނުކަމުން ވަހީދާ ހައިރާންވިއެވެ. ވަސީމް އިސްއުފުލާ ބަލާލިއިރު، އޭނާގެ އަންހެނުންގެ ރީތިކަމުން އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭނާގެ ނަޒަރު ހުއްޓުނީ ވަހީދާގެ ތުންފަތަށާއި އެ ކުޑަ ކަޅުތިލައަށެވެ.

ވަސީމް: “ބުނެބަލަ…” ވަސީމް އޭނާގެ ހިޔާލީ ދުނިޔެއިން ބޭރުކޮށްލިއެވެ.

ވަހީދާ އިސްއުފުލާ ބަލަން ނުކެރި ހުރެ، ހިތްވަރުކޮށްފައި ބުންޏެވެ.
ވަހީދާ: “އަހަރެން ކަމަކަށް އެދިލަންތަ؟”

ވަސީމް އޭނާގެ ގާތަށް ގޮސް، ވަހީދާގެ ލޮލަށް ބަލާލެވޭ ވަރަށް ކުޑަކޮށް ގުދުވެލިއެވެ.
ވަސީމް: “އަހަން ބޭނުންވާ ކަންތައްތަކަށް އެދޭކަށް ނުޖެހޭނެ. ހަމައެކަނި އަމުރުކޮށްލާ.”

ވަސީމްގެ އެ ރީތި ހިނިތުންވުމާއެކު ބުނި ބަސްތަކުން ވަހީދާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ.

ވަހީދާ އެންމެ ފަހުން އަހާލިއެވެ: “އަހަރެންގެ ބޮލުގައި ސިންދޫރު ޖަހައިދީފާނަންތަ؟”

ވަސީމް ސީދާވެލުމަށްފަހު، ސަމާސާ ރާގަކަށް ބުންޏެވެ.
ވަސީމް: “ނޫން.”

ފުރަތަމަ ފަހަރަށް ވަހީދާގެ ލޮލުން މާޔޫސްކަން ފެނުނެވެ. އޭނާ ދާން އެނބުރުނު ވަގުތު، ވަސީމް އޭނާގެ އަތުގައި ހިފާ އަމިއްލަ ގަޔާ ދިމާލަށް ދަމާލިއެވެ. ވަހީދާގެ އަތް ޖެހުނީ ވަސީމްގެ ސަމައްތަރުހެޔޮ މޭމަތީގައެވެ. ވަސީމް އޭނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ވަހީދާ އިސްދަށަށް ޖަހައިގެން ހުރުމުން، ވަސީމް އޭނާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލިއެވެ.

ވަސީމް: “ތިޔަގޮތަށް އާދޭސްކޮށްގެން އަހާނަމަ އެކަމެއް ނުކުރާނަން. އެކަމަކު އަހަރެންގެ އަނބިމީހާގެ ހައްގުން އެދޭނަމަ، ޔަގީނުންވެސް ކޮށްދޭނަން.”

އެ ވާހަކައިން ވަހީދާގެ މޫނުމައްޗަށް އުޖާލާ ހިނިތުންވުމެއް އައެވެ.
ވަހީދާ: “އެހެންވީމާ، އަހަރެންގެ ބޮލުގައި ސިންދޫރު ޖަހައިދީ.”

އޭނާ އެހެން ބުނީ ކުޑަ އަމުރުވެރިކަމަކާ އެކުގައެވެ. ވަސީމް އުފަލުން އެކަން ގަބޫލުކުރިއެވެ.
ވަސީމް: “ލައްބަ، ކަލޭގެ އަމުރަށް ކިޔަމަންތެރިވަން.”

ވަހީދާ ހީނލިއެވެ. އެއީ ވަސީމްގެ ކަންފަތަށް އިވުނު އެންމެ ފޮނި މިއުޒިކެވެ. އޭނާ ސިންދޫރު ފުޅި ނަގާ، ވަރަށް ފަރުވާތެރިކަމާއެކު ވަހީދާގެ ބޮލުގައި ޖަހައިދިނެވެ. ވަހީދާ ލޯ މަރާލައިގެން އެ ވަގުތުކޮޅުގެ އިހުސާސް ކުރިއެވެ.

ވަހީދާ: “ޝުކުރިއްޔާ، ފިރިމީހާ.”
ވަސީމް: “ފިރިމީހާ؟ އާހާ، ވަރަށް ބޮޑު ކުރިއެރުމެއް.”
ވަހީދާ: “އާނ، ވަސީމުވެސް އަހަންނަށް ‘އަނބިމީހާ’ އޭ ކިޔާފައި ގޮވަނީއެއްނު.”

އޭނާގެ އެ މައުސޫމް ސަމާސާއަށް ވަސީމް ހީލިއެވެ. އިސްތަށިގަނޑު ގަތާލައިގެން ވަހީދާ ތައްޔާރުވެ ނިމުނެވެ.

ވަހީދާ: “ތިރިއަށް ދަމާ؟”
ވަސީމް: “ވަހީދާގެ ފަހަތުން އަހަރެން މިދަނީ.”

ދެމީހުން އެކުގައި ތިރިއަށް ދާން ހިނގައިގަތެވެ. ހަރުފަތްތަކުން ފައިބަނިކޮށް، ކުއްލިއަކަށް ވިފާޤް ހަޅޭއްލަވައިގަތެވެ.
ވިފާޤް: “ކުޑާންމާ! ނޫން!”

ސިހުނުވަރުން ވަހީދާ އަރިއަޅައިލިއެވެ. ނަމަވެސް ވަސީމް ވަރަށް އަވަހަށް އޭނާގެ ކޮނޑުގައި ހިފަހައްޓާލައި، ވެއްޓުނަ ނުދީ ސަލާމަތްކުރިއެވެ.

ވަސީމް ބާރަށް ބުންޏެވެ: “ވިފާޤް، ކަލޭ މޮޔަވީތަ؟”
ވިފާޤް މާފަށް އެދުނެވެ: “ސޮރީ ބޭބޭ، އެކަމަކު ކުޑާންމާ، ޕްލީޒް އިތުރު 5 މިނެޓު މަޑުކޮށްލަބަލަ.”

އެވަގުތު އަތުގައި އުނދުޅިއެއް ހިފައިގެން ހުރި ވިޝާލް އައެވެ.
ވިޝާލް: “މަޑުކުރާނެ ކަމެއް ނެތް، ކުޑާންމާ، އަވަހަށް އާދޭ.”

ވަހީދާ އެދުނެވެ: “ވިޝާލް، އެންމެ 5 މިނެޓު ދީ. އަހަރެން ހެނދުނުގެ ނަމާދުކޮށްލައިގެން އެބަ އަންނަން.”
ވިޝާލް އެއްބަސްވިއެވެ: “އޯކޭ.”

ދެން ވަހީދާ އުންމީދުން ފުރިގެންވާ ނަޒަރަކުން ވަސީމްއަށް ބަލާލަމުން އަހާލިއެވެ: “އަހަންނާއެކު ދާނަންތަ؟”
ވަސީމް ސަމާސާ ރާގަކަށް ބުންޏެވެ: “ކަލޭ ބުނެފިއްޔާ ނުގޮސް ހުންނާނެތަ؟”

ވަހީދާ ހިނިތުންވެލަމުން “ހިނގާ ދާން” އޭ ބުންޏެވެ. ދެމީހުން އެކުގައި ގޭގެ ފައްޅިއަށް ގޮސް، ވަހީދާ އޭނާގެ ބޯ ނިވާކޮށްލައިގެން އަޅުކަން ފެށިއެވެ. ވަސީމްއާ އެކު ދުންބުރުވައި، އަޅުކަމުގެ ގޮވެލިފަތި ކިޔަވަމުން ދިޔައިރު، އޭނާގެ ކޮންމެ ހަރަކާތަކަށް ވަސީމް ހުރީ ގެއްލިފައެވެ.

އަޅުކަން ނިންމާފައި ކާބަޔަށް ދިޔައިރު ވިޝާލް އައިސް އެމީހުންނާ ބައިވެރިވިއެވެ. ވިޝާލް ދުވެފައި ގޮސް ވަހީދާގެ ކޮނޑުގައި އޮތް ވަސީމްގެ އަތް ފޮޅާލުމަށްފަހު، ވަހީދާގެ ގައިގައި ބައްދާލައިގެން ކާ މޭޒާ ދިމާލަށް ގެންދިޔައެވެ. މި ހީނުކުރާ އަމަލުން ވަސީމް ހުރީ ހައިރާންވެފައެވެ. ވަހީދާ އެނބުރި ބަލާލިއިރު ފިރިމީހާގެ މޫނުމަތިން ފެނުނު ހައިރާންކަމުން އޭނާއަށް ހީލެވުނެވެ.

ވަހީދާ އަހާލިއެވެ: “ވިޝާލް، ވީރު، މިއީ ކޮން ކަމެއް؟”
ވިފާޤް ޖަވާބުދިނެވެ: “މިއީ އަހަރެމެންގެ ކުޑާންމައަށް ދޭ ސަޕްރައިޒެއް.”

ދެން އޭނާ ވަހީދާގެ ލޮލުގައި އަތް އެޅިއެވެ. ވަހީދާ ކުޑަކޮށް ފޫހިވެފައި ބުންޏެވެ: “އަޅެ ވިފާޤް، ތި ކުރަނީ ކީއް؟”
ވިފާޤް ހީލާފައި ބުންޏެވެ: “ކުޑަކޮށް ކެތްކޮށްލަބަލަ ކުޑާންމާ.”

ދެ ކޮއްކޮވެގެން ވަހީދާ ކާބަޔަށް ގެންދިޔައިރު ވަސީމް ހިނިތުންވެފައި ހުރެ އެމީހުންގެ ފަހަތުން ދިޔައެވެ. އޭނާގެ ކޮއްކޮމެން އެމީހުންގެ ކުޑާންމައަށްޓަކައި ވެފައިވާ ތައްޔާރީތައް ފެނުމުން އޭނާ އުފާވިއެވެ.

ވިޔާމް ބުންޏެވެ: “އޯކޭ ވަހީ، ތައްޔާރުވޭ. ތިނަކާ ހަމައަށް ގުނާލާއިރު ލޯ ހުޅުވާލައްޗޭ.”
ވަހީދާ ބުންޏެވެ: “އޯކޭ، އެކަމަކު އަހާން ބޭބޭ، އަހަންނަށް ‘ވަހީ’ އޭ ނުކިޔާތި.” (ވަހީދާ ވިޔާމްއަށް ގޮވަނީ އަހާން ބޭބެއެވެ.)

ވިޔާމް އެ ޝަކުވާއަށް އަޅާނުލާ، ވިޝާލް އާއި ވިފާޤްއާއެކު “3، 2، 1، ސަޕްރައިޒް” އޭ ބުންޏެވެ. ވިފާޤް ލޮލުން އަތް ނެގުމުން، މޭޒުމަތީގައި ހުރި ތައްޔާރީތައް ފެނިފައި ވަހީދާ ސިހުނެވެ. މޭޒުމަތީގައި ހުރީ އޭނާ އެންމެ ގަޔާވާ ކާތަކެއްޗާއި ފޮނި އެއްޗެހިން ފުރާލާފައެވެ. އަދި މޭޒުވަނީ މަލުން ޒީނަތްތެރިކޮށްފައެވެ.

ވިޝާލް: “ކަމުދޭތަ؟”
ވަހީދާ ހިނިތުންވެލަމުން ބުންޏެވެ: “ވަރަށް ބޮޑަށް ކަމުދޭ.”

ވިޔާމް އޭނާ ގޮނޑީގައި ބޭންދުމަށްފަހު ބުންޏެވެ: “ބޭބޭ، ވައިފްގެ ކައިރީގައި އިށީނދޭ. މި ހުރިހާ ތައްޔާރީއެއް މީ އަހަރެންގެ ކުޑަ ކޮއްކޮއަށްޓަކައި ކުރި ކަމެއް ނަމަވެސް.” އޭނާ މިހެން ބުނީ ވަސީމްއަށް ބަލާލާފައެވެ. ވަސީމް ކުޑަކޮށް ރުޅިއައި ނަމަވެސް، ވަހީދާގެ ކައިރީގައި އިށީނދެއްޖެއެވެ.

އެވަގުތު ބަދިގެއިން އެމީހުންގެ ބައްޕަ، މިސްޓަރ މުޙައްމަދު އައްބާސް ނުކުތެވެ. އޭނާ ފެނުމާއެކު ވަހީދާއަށް ބާރަށް ހީލެވުނެވެ. އެއީ އޭނާގެ މޫނުމަތީގައި ފުށް އުނގުޅިފައި ހުރުމުންނެވެ. އެންމެން އެކުގައި ހޭން ފެށިއިރު، ވަސީމް އިނީ އޭނާގެ އަންހެނުންގެ އެ އުފާވެރި ހިނިގަނޑަށް ބަލަހައްޓައިގެންނެވެ.

ވަހީދާ ހިނިތުންވެފައި އަހާލިއެވެ: “ޕޮޕްސީ، މިއީ ކޮން ކަމެއް؟”
ވަސީމް ހައިރާންވެފައި އަހާލިއެވެ: “ޕޮޕްސީއަކީ ކޮބައި؟”
ވަހީދާ: “ޕޮޕްސީއަކީ ބައްޕަ… ހެހެ.”
ވަސީމް ފުން ނޭވާއެއްލިއެވެ: “ޔާ އިލާހީ!”

މުޙައްމަދު: “ކަލޭ ގޭގައި އުޅޭ މީހެއް ނޫން، އެހެންވީމާ މަޑުން ހުރޭ. އަދި އަހަރެންގެ ލޯބި ލައްޑޫ، މި އއަލުވި ފަރާޓާ ކާލާ.”
ވަހީދާ ހީނލިއެވެ: “އެކަމަކު ކުއްލިއަކަށް ތިޔަ އެންމެންނަށް ކިހިނެއްވީ؟ މިހާރު ކީއްވެ މިހާ ބޮޑު ކަމެއް ތި ކުރަނީ؟”

ވިޝާލް އާއި ވިފާޤް ކުރިއަށް ޖެހިލާ، ވަހީދާގެ ފައިކައިރީގައި އިށީނދެ އޭނާގެ ދެއަތުގައި ހިފާލަމުން ވަރަށް އިހުލާސްތެރިކަމާއެކު ވާހަކަދެއްކިއެވެ.

ވިޝާލް ބުންޏެވެ: “ސަބަބަކީ އަހަރެމެންގެ ކުޑާންމަ އުފަލުގައި ހުންނަން ބޭނުންވާތީ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގަ ކުޑާންމަ ހުރީ ވަރަށް ދެރަވެފައިކަން އަހަރެމެންނަށް ފާހަގަވި. އެއީ ކޮންމެ ސަބަބަކާ ހުރެ ކަމަށްވިޔަސް.”

ވަހީދާ އިސްދަށަށް ޖެހިއެވެ. އޭނާ ދެރަވެފައި ހުރި ސަބަބަކީ އޭނާ ކަމަށް ވެދާނެތީ ވަސީމް ދެރަވިއެވެ.

ވިފާޤް އިތުރުކޮށްލިއެވެ: “ދެވަނަ ކަމަކީ، ކުޑާންމަ އަހަރެމެންގެ ދިރިއުޅުމަށް އައި ދުވަހުން ފެށިގެން މި ގެއަކީ ‘ގެއެއް’ ހެން ހީވާން ފަށައިފި. އަހަރެމެންނަށް މީރު ކާތަކެތި ތައްޔާރުކޮށްދޭނެ، ލޯބިދޭނެ، އަދި ގޭގައި މައެއް ފަދަ ހިޔާވަހިކަމެއް ދޭނެ މީހަކު މިހާރު އެބަހުރި.”

ވަހީދާގެ ލޮލުން ކަރުނަ އައެވެ. ވިފާޤް މަޑުމަޑުން އެ ކަރުނަ ފޮހެދިނެވެ. ވިޔާމް އާއި މުޙައްމަދު ވެސް އޭނާގެ ކައިރީގައި އިށީނދެ، ހަތަރު މީހުން އެއްފަހަރާ ބުންޏެވެ.

މުޙައްމަދު: “އަހަރެމެން ކަލޭ ދެކެ ލޯބިވޭ، ލައްޑޫ.”
ވިޔާމް: “އަހަރެމެން ކަލޭ ދެކެ ލޯބިވޭ، ވަހީ.”
ވިޝާލް: “އަހަރެމެން ކަލޭ ދެކެ ލޯބިވޭ، ކަޕްކޭކް.”
ވިފާޤް: “އަހަރެމެން ކަލޭ ދެކެ ލޯބިވޭ، ސްވީޓީ ޕައި.”

އެމީހުން ދިން ލޯބި ނަންތަކުން ވަހީދާއަށް ހީލެވުނެވެ.
ވަހީދާ ބުންޏެވެ: “އަހަރެންވެސް ތިޔަ އެންމެން ދެކެ ވަރަށް ލޯބިވޭ.”

ކުއްލިއަކަށް ވަސީމް ގޮނޑިން ތެދުވެ ވަހީދާ އޭނާގެ ގާތަށް ދަމާލިއެވެ. ވަހީދާ ހުރީ ސިހިފައެވެ.
ވަސީމް: “މިއީ ކޮން ލައްޑޫއެއް، ވަހީއެއް، ކަޕްކޭކެއް އަދި ސްވީޓީ ޕައީއެއް؟ ކަލާނގެ ކިބަފުޅަށްޓަކައި ބުނަން، މިއީ އަހަރެންގެ އަންހެނުން، ކަލޭމެންގެ ފޭވަރިޓް ކާ އެއްޗެއް ނޫން!”

މުޙައްމަދު، ވަހީދާ އަނބުރާ އޭނާގެ ގާތަށް ގެނެސް ބޭންދިއެވެ.
މުޙައްމަދު: “ބޭރު މީހުންނަށް މިތާކު ޖާގައެއް ނެތް.”

ވަސީމް ހައިރާންވެފައި އަހާލިއެވެ: “ބައްޕާ، ތި ބުނަނީ އަހަރެން މިއީ ބޭރު މީހެއް ކަމަށްތަ؟”
ވިޔާމް ބުންޏެވެ: “މި ގޭގައި މަޑުނުކޮށް ބޭރުގައި އުޅޭ މީހަކީ ބޭރު މީހެއް.”
ވިޝާލް ބުންޏެވެ: “ދޯ ކުޑާންމާ؟”
ވަހީދާ ހިނިތުންވެފައި ބޯ ޖަހާލިއެވެ.

ވަސީމް ކުޑަކޮށް ރުޅިއައިސްފައި ވަހީދާއަށް ބުންޏެވެ: “އަނބިގޮއްޔޭ، ކަލޭވެސްތަ؟”
ވިޔާމް އާއި ވިފާޤް އޭނާއާ ދިމާކުރިއެވެ: “އޯ… އަނބިގޮއްޔެޔޯ!” އެމީހުން އެހެން ބުނުމުން ވަހީދާގެ މޫނަށް ލަދުވެތި ހިނިތުންވުމެއް އައެވެ.

ވަސީމް ސީރިއަސްވެލާފައި އަހާލިއެވެ: “ކަލޭމެންގެ އެއްވެސް މައްސަލައެއް އެބައޮތްތަ؟” އޭނާ ވަހީދާއަށް ބަލާލުމުން، ވަހީދާ އިސްދަށަށް ޖެހިއެވެ. ވިފާޤް މަސްލަހަތު ހަމައަކަށް އަޅުވަން ބުންޏެވެ.
ވިފާޤް: “އޯކޭ ސްވީޓީ ޕައި، މި ކާލާ.” އޭނާ ވަހީދާއަށް އަލުވި ފަރާޓާ ކޮޅެއް ކާންދިނެވެ.

ވަސީމް ރުޅިއައިސްފައި ބުންޏެވެ: “މިއީ ކޮން ސްވީޓީ ޕައިއެއް؟ އޭނާއަށް ގޮވާނީ ކުޑާންމަ ކިޔާފަ.”
ވިޝާލް ސަމާސާކޮށްލިއެވެ: “އޯހް، ހަސަދަވެރިވަނީ ދޯ؟”
ވަސީމް ބުންޏެވެ: “މަޑުން ހުރޭ.”

ވަސީމްގެ ބަހަށް އެއްވެސް ސަމާލުކަމެއް ނުދީ ވިޝާލް ކުރިއަށް ގެންދިޔައެވެ.
ވިޝާލް: “ނޫން ކަޕްކޭކް، މި ކާލާ.” އޭނާ ވަހީދާއަށް ސަމުސަލަކުން ޕޯހާ ކާންދިނެވެ.

ވަސީމް އިންޒާރު ދިނެވެ: “މިހެން ގޮސްފިއްޔާ ފަހުން ކަލޭމެންނަށް އަހަރެންގެ ފަރާތުން ހަދިޔާއެއް ލިބޭނެ.”
ވިފާޤް ޖެހިލުމެއް ނެތި ބުންޏެވެ: “ޔާ އިލާހީ! ބޭބޭ، އޭނާއަކީ ހަމައެކަނި އަހަރެމެންގެ ކުޑާންމައެއް ނޫން، އޭނާއަކީ އަހަރެމެންގެ ގާލްފްރެންޑްވެސްމެ.”

ވަސީމް ސިހިފައި ހަޅޭއްލަވައިގަތެވެ: “ކީކޭ؟”
ވަސީމް އެހާ ބާރަށް ހަޅޭއްލަވައިގަތުމުން އެންމެން ބާރަށް ހޭންފެށިއެވެ. ވަހީދާ ލަދުން މޫނު ރަތްވެ، އިސްދަށަށް ޖަހައިގެން އިނެވެ. ވަސީމް ކަރުގެ ފަހަތުގައި އަތް ހާކާލުމަށްފަހު، ހިމޭނުން އިނދެ ހެނދުނުގެ ސައި ބޯން ނިންމިއެވެ.

މުޙައްމަދު، ވިޔާމް، ވިޝާލް އަދި ވިފާޤް އެންމެން ވެގެން ވަހީދާއަށް ކާންދީ، އޭނާއަށް ވަރަށް ބޮޑަށް އަޅާލަމުންދިޔައެވެ. އެމީހުންގެ މެދުގައި އޮތް އެ ގާތް ގުޅުމަށް ވަސީމް ބަލަން އިނީ ތައުރީފާއެކުގައެވެ.

ވިޝާލް ހިނިތުންވެލާފައި އަހާލިއެވެ: “އޯކޭ ކުޑާންމާ، ބުނެބަލަ މެންދުރު ކާން ބޭނުންވަނީ ކޯޗެއް؟”
ވަސީމް ވަރަށް އަވަހަށް ޖަވާބު ދިނެވެ: “އެކަމާ ހާސްވާނެ ކަމެއް ނެތް. މަގޭ އަނބިގޮއްޔެ، މިއަދު މެންދުރު ކާން ދާނީ އަހަންނާއެކު ބޭރަށް.”

ވަސީމްގެ މި ކުއްލި ނިންމުމުން ވަހީދާ ހުރީ ހައިރާންވެފައެވެ. އެންމެ ދުވަހެއްގެ ތެރޭގައި އޭނާއަށް މިހާ ބޮޑު ސަމާލުކަމެއް ލިބުމުން އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާއިލާގެ އެހެން މީހުން ތިބީ ސަމާސާ ހިނިތުންވުމަކާއެކުގައެވެ.

އެންމެން އެއްފަހަރާ ބުންޏެވެ: “އޯހް! އަނބިމީހާއާއެކު މެންދުރުގެ ކެއުމަށް!”

ވަސީމް ވަހީދާއާ ދިމާލަށް ބަލާލާފައި ބުންޏެވެ: “އަނބިގޮއްޔޭ، ތިގޮތަށް އަހަންނަށް ތި ބަލަނީ ކީއްވެ؟ އަހަންނާއެކު ނުދާނަންތަ؟”
ވަހީދާ ހާސްވެފައި ފުރަތަމަ ބުންޏެވެ: “ނޫން.”
ވަސީމް: “ކީކޭ؟”
އޭނާ ވަގުތުން ބަސް ބަދަލުކުރިއެވެ: “މާނައަކީ، އާނ، އަހަރެން ދާނަން.”

ވަސީމް ހިނިތުންވެލިއެވެ. އެންމެން އެކުގައި ސަކަރާތްޖަހަމުން ހެނދުނުގެ ސައި ބޮއެ ނިންމާލިއެވެ. ސައިބޮއެ ނިމިގެން ވަސީމް ވަހީދާއާ ދިމާލަށް އެނބުރުނެވެ.

ވަސީމް: “ދަމާ އަނބިގޮއްޔޭ؟”
ވަހީދާ: “ލައްބަ، މިހާރުތަ؟”
ވަސީމް: “ލައްބަ، އަނބިގޮއްޔޭ.”

ވަހީދާ އިހުތިރާމާއެކު މުޙައްމަދުގެ މޫނަށް ބަލާލާފައި ހުއްދައަށް އެދުނެވެ: “ޕޮޕްސީ، އަހަރެން ދަންތަ؟”
މުޙައްމަދު ބުންޏެވެ: “ތިދަނީ ފިރިމީހާއާއެކު، އޭގައި އަހަރެންގެ ކައިރީގައި އަހާނެ ކަމެއް ނެތް. މޮޔަ ކުއްޖާ، އަވަހަށް ދޭ.”

ވަހީދާ ހިނިތުންވެލިއެވެ: “ބާއި އެންމެންނަށް.”
ވިޔާމް: “ބާއި ވަހީ.”
ވަހީދާ: “އަހާން ބޭބޭ، އަނެއްކާވެސްތަ؟” ވިޔާމް ހީނލިއެވެ.
ވިޝާލް: “ބާއި ކަޕްކޭކް.”
ވިފާޤް: “ބާއި ސްވީޓީ ޕައި.”

ވަސީމް އެ ދެމީހުންނަށް ރުޅިވެރިކަމާއެކު ބަލާލިއެވެ.
ވަހީދާ: “ހިނގާ ދާން.”

ވަސީމް ވަހީދާގެ ކޮނޑުގައި އަތް ބާއްވައިގެން ހުރެ ކޮއްކޮމެންނާ ދިމާކުރިއެވެ: “އާދެބަލަ ބޮޑު ކަޕްކޭކް އާއި ސްވީޓީ ޕައި! މޮޔައިން.”

އެހެން ބުނުމަށްފަހު ދެމީހުން އެކުގައި ނުކުމެގެން ދިޔައެވެ.

— ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top