ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ސިއްރުން މިހިތާ ކުޅެނީހޭ؟ – އެޕިސޯޑް 04

ވަހީދާ ހިނިތުންވެލިއެވެ: “ބާއި އެންމެންނަށް.”
ވިޔާމް: “ބާއި ވަހީ.”
ވަހީދާ: “އަހާން ބޭބޭ، އަނެއްކާވެސްތަ؟” ވިޔާމް ހީނލިއެވެ.
ވިޝާލް: “ބާއި ކަޕްކޭކް.”
ވިފާޤް: “ބާއި ސްވީޓީ ޕައި.”

ވަސީމް އެ ދެމީހުންނަށް ރުޅިވެރިކަމާއެކު ބަލާލިއެވެ.
ވަހީދާ: “ހިނގާ ދާން.”

ވަސީމް ވަހީދާގެ ކޮނޑުގައި އަތް ބާއްވައިގެން ހުރެ ކޮއްކޮމެންނާ ދިމާކުރިއެވެ: “އާދެބަލަ ބޮޑު ކަޕްކޭކް އާއި ސްވީޓީ ޕައި! މޮޔައިން.”

އެހެން ބުނުމަށްފަހު ދެމީހުން އެކުގައި ނުކުމެގެން ދިޔައެވެ.

ދެމަފިރިންގެ ދުވަސް

ގޭގެ ދޮރާށްޓާ ދިމާލަށް ހިނގަމުން ގޮސް، ވަސީމް އޭނާގެ ކާރާ އަރާ ހަމަވުމުން މަޑުކޮށްލިއެވެ. އަދި އޭނާގެ ފަހަތުން ނުހަނުގާތުން އަންނަ އޭނާގެ އަންހެނުންނަށް އިންތިޒާރުކޮށްލިއެވެ. އޭރު އޭނާގެ އަންހެނުން އުޅެނީ ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ ދޯއްޕައްޓާ ރީތިކުރުމުގައެވެ. އެކަމަށް ހުސްވެފައި ހުރުމުގެ ސަބަބުން، ނޭނގި ހުރެ އޭނާއަށް ވަސީމްގެ ވަރުގަދަ މޭގައި ލައިގަނެވިއްޖެއެވެ.

ވަހީދާ: “އޫހް!”

ވަހީދާ އޭނާގެ ނިތްކުރީގައި އަތް އުނގުޅާލީ ތަދުވިލެއް ބޮޑުކަމުންނެވެ. ވަސީމް ދެއަތް މޭމަތީގައި ބަނދެލައިގެން ހުރެ، ސަމާސާ ރާގަކަށް ބުންޏެވެ.

ވަސީމް: “މިއީ ކޮން ކުޑަކުއްޖެއްތަ އެހާ ފަރުވާކުޑަކޮށްލައިގެން އުޅޭ؟”

އޭނާގެ އެ ބަހުން ހައިރާންވެފައި ހުރެ، ވަހީދާ އޭނާއަށް ބަލާލިއެވެ.

ވަހީދާ: “އެއްފަހަރު ގައިގައި ޖެހުނު އިރަށް އަހަރެން ފަރުވާކުޑަވީތަ؟”

ވަސީމް އޭނާގެ ބުމަ އަރުވާލަމުން ސުވާލުކުރިއެވެ.

ވަސީމް: “އެއްފަހަރު؟ ޔަގީންތަ؟”

ވަހީދާ ވަރަށް ފުންކޮށް ވިސްނާ ކަމަށް ހެދިގެން ހުރެ، ލާނެތް ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ.

ވަހީދާ: “އާނ، ދެން ފަހަރުގައި އެއްފަހަރު ނޫނީ ދެފަހަރު ކަމަށް ވެދާނެ.”

ވަސީމް، އެމީހުންގެ ފުރަތަމަ ބައްދަލުވުން ހަނދާންކޮށްދެމުން އަނެއްކާވެސް އޭނާއާ ދިމާކޮށްލިއެވެ.

ވަސީމް: “އަނބިގޮއްޔޭ، އަހަރެން ހަނދާންކޮށްދީފާނަން. ކަލޭގެ ފަރުވާކުޑަކަމުން އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ދުވަހުވެސް ލައިގަތީ އަހަރެންގެ ގައިގައި. އޭގެ ފަހުން އަހަރެންނަށް ފާހަގަކުރެވުނު ގޮތުގައި ކަލޭ ކޮންމެ ތަނަކުން ހިނގިޔަސް، ކޮންމެވެސް އެއްޗެއްގައި ޖެހި ތަދުނުވެ ނުދާނެ.”

ވަހީދާ ތުންފަތް އޫކޮށްލިއެވެ. އޭނާގެ އެ މައުސޫމް ސިފަ ފެނިފައި ވަސީމްގެ ހިތް މަޑުވިއެވެ.

ވަހީދާ: “އާހް، ތިހާ ވަރުގަދަ ވާންޖެހޭތަ؟”

އޭނާ ނިތްކުރީގައި އަތް އުނގުޅަމުން ދިޔައިރު، ވަސީމް ކުޑަކޮށް ސިހުނެވެ.

ވަސީމް: “ތިއީ ކޮން މާނައެއްގައި ބުނި އެއްޗެއް؟”

ވަހީދާ އަދިވެސް ނިތްކުރީގައި އަތް އުނގުޅަމުން ސާފުކޮށްދިނެވެ.

ވަހީދާ: “ވަސީމްގެ މޭމަތި މާ ވަރުގަދައީއޭ. އަހަރެންގެ ބޮލުގައި އެބަ ރިހޭ.”

އެއީ މައުސޫމް އޮޅުމެއްކަން އެނގުމުން ވަސީމް ހަމަޖެހުމުގެ ނޭވާއެއްލިއެވެ.

ވަސީމް ހިތާހިތުން ބުންޏެވެ: “މާތްކަލާކޯ! އަނބިގޮއްޔޭ، ތިއީ ކޮންފަދަ މައުސޫމް ކުއްޖެއް؟ އެއްވެސް ކަމަކާ ވިސްނާލުމެއް ނެތި ވާހަކަދައްކަނީ.”

ވަހީދާއަށް ފޯނެއް އައުމުން، ވަސީމް އޭނާއަށް ކާރުގެ ދޮރު ހުޅުވައިދިނެވެ. ވަހީދާ ކާރަށް އެރުމުން ވަސީމްވެސް ޑްރައިވަރު ސީޓަށް އަރާ އިށީނދެ ދަތުރަށް ތައްޔާރުވިއެވެ.

ވަހީދާ ފޯނުން އޭނާގެ ކާފައަށް ސަލާމް ގޮވައިލިއެވެ.

ވަހީދާ: “ހޭއި، ކާފާ.”

ޙަސަން: “ހޭއި ވަހީދާ، ކިހިނެއް؟”

ވަސީމް ކުއްލިއަކަށް ވަހީދާއާ ދިމާލަށް ގުދުވެލުމުން އޭނާ ސިހުނެވެ. ދެމީހުންގެ މޫނު އެހާ ގާތްވުމުން ވަހީދާގެ ހިތް ތަޅުވާލިއެވެ. ވަސީމްގެ ބޭނުމަކީ ކޮބައިކަން ނޭނގި ހުރެ، ވަހީދާ ހުރީ ހިތް އަވަސްވެފައެވެ. ނަމަވެސް ވަސީމް ހަމައެކަނި ސީޓް ބެލްޓް އަޅުވައިދިނީއެވެ. އޭނާގެ އިނގިލިތައް ޖެހިލާ ކޮންމެ ފަހަރަކު ވަހީދާއަށް ތަފާތު އިހުސާސެއް ކުރެވެމުން ދިޔައެވެ. ސީޓް ބެލްޓް އަޅުވާ ނިންމާލުމަށްފަހު، ވަސީމް ފަހަތަށް ޖެހިލީ ކާމިޔާބީގެ ހިނިތުންވުމަކާއެކުގައެވެ.

ޙަސަން: “ވަހީދާ، އެބަ ހުރިންތަ ދަރިފުޅާ؟”

ވަހީދާ ހަމައަކަށް އެޅިލަމުން ކާފައަށް ޖަވާބު ދިނެވެ. ވަސީމް އުފަލުން ހުރެ ކާރު ދުއްވަން ފެށިއެވެ.

ވަހީދާ: “އާނ.. އާނ.. ކާފާ، އަހަރެން ރަނގަޅު. ކާފަ ކިހިނެއް؟ ހެނދުނު ނާސްތާ ކުރިންތަ؟ މާދަމާ ޑޮކްޓަރަށް ދައްކަން އޮތްކަން ހަނދާން އެބަހުރިތަ؟ އަހަރެން ދާންވީތަ ކާފައާއެކު؟”

ވަސީމް ހިނިތުންވެލީ ވަހީދާގެ އޯގާތެރިކަން ފެނިފައެވެ.

ވަސީމް: “މަޑުކޮށްބަލަ އަނބިގޮއްޔޭ. ކާފައަށް ވާހަކަދައްކަން ފުރުސަތު ދީބަލަ.”

ޙަސަން: “ވަސީމް އެބައިންތަ ތިތާ؟”

ވަހީދާ: “އާނ.”

ޙަސަން: “އޯހް، ތިޔަ ދަނީ ކޮންތާކަށް؟”

ވަހީދާ: “މިދަނީ މެންދުރުގެ ކެއުމަކަށް. އެކަމަކު އަދިވެސް އަހަރެންގެ ސުވާލުގެ ޖަވާބެއް ނުލިބޭ.”

ޙަސަން: “އާނ، އަހަރެން ނާސްތާކޮށްފިން. އަދި ޑޮކްޓަރުގެ ވާހަކަވެސް ހަނދާން އެބަހުރި. އަހަރެން އެކަންޏެއް ނޫން ދަނީ. އެހެންވީމާ ހާސްނުވޭ. އަދި ފޯނު ސްޕީކަރަށް ލާބަލަ.”

ވަހީދާ: “ކީއްކުރަން؟”

ޙަސަން: “ދަރިފުޅާ، ބުނާގޮތް ހަދާބަލަ.”

ވަހީދާ ފޯނު ސްޕީކަރަށް ލިއެވެ.

ވަހީދާ: “ލައިފިން.”

ޙަސަން: “ހަލޯ، ދަރިފުޅާ، ކިހިނެއް؟”

ކާފަ ވާހަކަދެއްކި ގޮތުން ވަހީދާއަށް ހެވުނެވެ.

ވަސީމް: “އަހަރެން ރަނގަޅު ކާފާ. އަހަރެންނަށް ވަސީމްއޭ ކިޔާފައި ގޮވިޔަސް އޯކޭވާނެ.”

ޙަސަން: (ހީލަމުން) “އާނ، އެނގޭ ދަރިފުޅާ. އެކަމަކު އަހަރެމެންނަކީ މާ މުސްކުޅި މީހުންނެއްނު.”

ވަހީދާ: “އެކަމަކު ކާފަ އަދިވެސް ފެންނަނީ ވަރަށް ޒުވާންކޮށް، ރީތިކޮށް.”

ޙަސަން ހީލިއެވެ.

ޙަސަން: “ދެން އަހަރެން ތިޔަ ކުދިންނަށް އުނދަގޫ ނުކުރާނަން. ތިޔަ ދާ ދަތުރު އުފަލުގައި ކުރިއަށް ގެންދޭ. ބާއި.”

ވަސީމް: “ބާއި ކާފާ.”

ފޯނު ކަނޑާލުމުން، ވަހީދާ ޝައުގުވެރިކަމާއެކު ވަސީމްއަށް ބަލާލިއެވެ.

ވަސީމް: “ބުނެބަލަ އަނބިގޮއްޔޭ، ކޮން ސުވާލެއް ކުރަން ތިއުޅެނީ؟”

ވަހީދާ: “އަހަރެމެން މިދަނީ ޑޭޓަކަށްތަ؟”

ވަސީމް: “އާނ.”

އޭނާ ހިނިތުންވެލާފައި ކުޑަދޮރުން ބޭރަށް ބަލާލީ، އޭނާގެ މޫނު ރަތްވެފައި ހުރިކަން އެނގޭތީއެވެ. އިރުކޮޅަކުން އަނެއްކާވެސް ސުވާލުކުރިއެވެ.

ވަހީދާ: “އެކަމަކު ކެއުމުގެ ވަގުތު ޖެހެން އަދި އެބައޮތް. އެހެންވީމާ މިހާރު މިދަނީ ކޮންތާކަށް؟”

ވަސީމް: “އަހަރެން ހިތަށްއެރީ ޝޮޕިންއަށް ދާނީއޭ. ކިހިނެއްވާނީ؟”

ވަހީދާ: “ނޫން.”

ވަސީމް: “ދެން ކޮންތާކަށް ދާން ބޭނުމީ؟”

ވަހީދާ: “ރުޅި ނާންނާނެ ކަމަށް ވަންޏާ ތަނެއް ބުނަންތަ؟”

ވަސީމް: “ފުރަތަމަ ބުނެބަލަ، އަހަރެން އަބަދު ރުޅިއައިސްފަ ހުންނަނީއޭ ކަލެއަށް ހީވަނީ ކީއްވެ؟”

ވަހީދާ: “ވިޝާލް އާއި ވިފާޤް ބުނި އޮފީހުގައި ވަސީމް އަބަދު ވަސީމް ހުންނަނީ މުވައްޒަފުންދެކެ ރުޅިއައިސްފައޭ. ބައެއް ފަހަރު ވިޝާލްއަށްވެސް އެއްޗެހި ކިޔާ ކަމަށް ބުނި.”

ވަސީމް: “އެއީ ކޮންމެވެސް މީހަކު ގޯހެއް ހެދީމަ. އެ ނޫން ގޮތަކަށް އަހަރެން މިއީ ވަރަށް ރަނގަޅު މީހެކޭ. އެ ދެމީހުން ދައްކާ ވާހަކަ އަޑުނާހާތި. ގެއަށް ގޮސް އެމީހުންނާ ބައްދަލުކުރާނަން.”

ވަހީދާ: ” “ބަލާބަލަ، އަނެއްކާވެސް ތިޔަ އުޅެނީ އެ ދެމީހުން ދެކެ ރުޅިއަންނާށެއްނު.”

ވަސީމް: “އެންމެ ރަނގަޅު، ދެން ރުޅިއެއް ނާންނާނަން. ބުނެބަލަ ދާން ބޭނުންވަނީ ކޮންތާކަށް؟”

ވަހީދާ: “އަސްލު ކައިވެނީގެ ކުރިން އަހަރެން ޔަތީމުޚާނާއަކަށް ޒިޔާރަތްކުރަން. އެކަމަކު އެތަނަށް ނުދާތާ މިހާރު ވަރަށް ދުވަސްވެއްޖެ. އެތަނަށް ގޮސްލެވިދާނެތަ؟”

ވަސީމް އޭނާއަށް ބަލާލިއެވެ. އޭރު ވަހީދާ ހުރީ ވަރަށް އުންމީދީ ނަޒަރަކުން ވަސީމްއަށް ބަލާށެވެ. ވަސީމް ހިނިތުންވެލަމުން ބުންޏެވެ.

ވަސީމް: “ޔަގީނެއްނު.”

މާގިނަ އިރުތަކެއް ނުވެ، ކުދިންނަށް ބައެއް ހަދިޔާ ހިފައިގެން އެމީހުން ޔަތީމުޚާނާއަށް ދިޔައެވެ. ވަސީމް ކާރު ޕާކުކުރުމަށްފަހު ދެމީހުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ސިޑި ކައިރިން އަނެއްކާވެސް ވަހީދާ އަރި އަޅާލަން އުޅުނެވެ. އެވަގުތު ވަސީމް ވަރަށް އަވަހަށް އޭނާގެ ގައިގައި ހިފަހައްޓައި، ހިތްހަމަނުޖެހިފައި ހުރި ކަމަށް ދައްކަމުން ބަލާލިއެވެ.

ވަހީދާ: “ސޮރީ.”

އޭނާ ދެރަވެފައި ބުނެލުމުން ވަސީމްއަށް ހެވުނެވެ.

ވަސީމް: “ހިނގާ ދާން، ފަރުވާކުޑަ ކުއްޖާ.”

އެމީހުން ޔަތީމުޚާނާއަށް ވަތްއިރު، ވިހި އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު އެމީހުންނާ ބައްދަލުކުރަން އައެވެ.

ޒުވާން ކުއްޖާ (އަޝްފާޤް): “ހޭއި ވަހީދާ، ކިހިނެއް؟”

އޭނާ ވަރަށް ފޮނި ރާގަކަށް ބުނެލި މި ޖުމްލަ ވަސީމްއަށް ފާހަގަކުރެވުނެވެ. ވަސީމް ވަގުތުން ވަހީދާގެ ކޮނޑުގައި އަތް އަޅުވާލިއެވެ. ވަހީދާ އަޝްފާޤްއަށް ހިނިތުންވުމެއް ދިނުމަށްފަހު ޖަވާބު ދިނެވެ.

ވަހީދާ: “ހައި އަޝްފާޤް، އަހަރެން ރަނގަޅު. ކިހިނެއް؟ ކުދިންތައް ކިހިނެއް؟”

އަޝްފާޤް: “ހުރިހާ ކުދިންވެސް ރަނގަޅު. މިއީ ކާކު؟”

ވަހީދާ: “އޯހް، މިއީ އަހަރެންގެ ފިރިމީހާ.”

ވަހީދާ އޭނާއަކީ ފިރިމީހާގެ ގޮތުގައި ތައާރަފުކޮށްދިނުމުން ވަސީމްއަށް ވަރަށް ބޮޑު އުފަލަކާއި ފަޚުރެއް އިހުސާސްކުރެވުނެވެ. ނަމަވެސް، އެއާއެކު އަޝްފާޤްގެ މޫނުމަތިން މާޔޫސްކަން ވަސީމްއަށް ފެނުނެވެ.

އަޝްފާޤް: “އޯހް، ހައި ސަރ. އެތެރެއަށް ވަޑައިގަންނަވާ.”

އެތަނުގައި ތިބި ކުދިންނާއެކު ހޭދަކުރި ވަގުތުތަކަކީ ދެމީހުންނަށްވެސް ވަރަށް އުފާވެރި ވަގުތުތަކެކެވެ. ކުދިންނާއެކު އުޅުނުއިރު ވަހީދާވެސް ކުޑަކުއްޖަކަށް ބަދަލުވެގެން ދިޔަ މަންޒަރު ބަލަން ވަސީމް ހުރީ ވަރަށް ޝައުގުވެރިވެފައެވެ. އޭނާގެ ހިތުގެ އަޑިން ގަބޫލުކުރެވުނީ ވަހީދާއަކީ އަދިވެސް ހިތްސާފު ކުޑަކުއްޖެއް ފަދަ މީހެއް ކަމަށެވެ. ވަހީދާގެ އުފާވެރިކަން ފެނިފައި ވަސީމްގެ ހިތަށްވެސް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ.

ކެއުމަށްޓަކައި ރެސްޓޯރެންޓަށް ދިޔުމަށް ދަތުރު ފެށިއިރު، ކާރުތެރޭގައި އޮތީ ވަރަށް ހިމޭން، ހަމަޖެހޭ މާހައުލެކެވެ. އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް، އެ ހިމޭންކަމުގެ ތެރެއިން ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ގާތްކަން އިހުސާސްކުރެވެމުން ދިޔައެވެ.

އެމީހުން ދާން އުޅުނު އާދައިގެ ރީތި ރެސްޓޯރެންޓަކަށް (ގާޑިޔާ ރެސްޓޯރެންޓަކަށް) ދެވުމުން ވަސީމް ކާރު ޕާކުކުރިއެވެ. އަދި އަނެއް ފަރާތަށް ގޮސް ވަހީދާއަށް ދޮރު ހުޅުވައިދީ، އޭނާގެ އަތުގައި ހިފައި ކާރުން ފޭބުމަށް އެހީތެރިވެދިނެވެ. މިއީ ކުޑަ ނަމަވެސް ވަރަށް އޯގާތެރި އަމަލެކެވެ.

ވަހީދާ ވަރަށް އުފަލުން ހުރެ ގޮވާލިއެވެ.

ވަހީދާ: “އާހް، ގާޑިޔަލަކަށް!”

ވަސީމް: “އާނ، މިއީ އަހަރެން އެންމެ ކާން ބޭނުންވާ އެއް ތަން. އުންމީދު ކުރަން ވަހީދާއަށްވެސް ކަމުދާނެ ކަމަށް.”

ވަހީދާ އޭނާގެ ހިތްހަމަޖެހުން ފާޅުކުރިއެވެ.

ވަހީދާ: “އަސްލުވެސް ވަރަށް ކަމުދޭ. ތެދަށް ބުނަންޏާ އަހަރެން ހީކުރީ ވަރަށް އަގުބޮޑު ‘ފޭންސީ’ ރެސްޓޯރެންޓަކަށް ގެންދާނެ ކަމަށް. އެކަހަލަ ތަންތަން އަހަރެންނަކަށް ކަމަކުނުދޭ.”

އެތެރެއަށް ވަދެގެން ދިޔައިރު، ވަސީމް އަނެއްކާވެސް ވަހީދާގެ ކޮނޑުގައި އަތް އަޅުވާލިއެވެ.

ވަސީމް: “ދެން އެހެންވީމާ ކުރިން އެވާހަކަ ނުބުނީ ކީއްވެ؟”

ވަހީދާ: “ވަސީމް އަހަރެން ގޮވައިގެން ބޭރަށް އައި ފުރަތަމަ ފަހަރު ކަމަށްވާތީ، ބޭކާރު އެދުންތައް ކުރިމަތިކޮށްގެން އެ ވަގުތުތައް ބޭކާރުކޮށްލަން ބޭނުންނުވީ.”

ވަސީމް ހައިރާންވެފައި ހުރެ ހިތަށްއެރިއެވެ: “މީހަކު މިހާ އަމިއްލަ އެދުމެއް ނެތި އުޅެފާނެ ހެއްޔެވެ؟”

އެމީހުން މޭޒެއްގެ ދޮށުގައި އިށީނދެލިއެވެ.

ވަސީމް: “ކޯއްޗެއް ކާނީ؟”

ވަހީދާ: “ވަސީމް އޯޑަރުކުރި ކޮންމެ އެއްޗެއް.”

ވަސީމް ހައިރާންވެފައި ބުންޏެވެ: “ތިއީ ކޮން ކަހަލަ ވާހަކައެއް؟ ކާން ބޭނުންވާ އެއްޗެއް ބުނެބަލަ.”

ވަހީދާ: “ވަސީމް ބުނީމެއްނު މިއީ ވަސީމްގެ އެންމެ ފޭވަރިޓް ތަނޭ. އެހެންވީމާ މިތަނުން އެންމެ މީރު އެއްޗަކަށް އޯޑަރު ދީ.”

ވަސީމް ބުންޏެވެ: “އެކަމަކު ވަހީދާގެ…”

ވަހީދާ އޭނާގެ ވާހަކަ މެދުކަނޑާލިއެވެ.

ވަހީދާ: “މެންދުރުގެ ކެއުން ވަސީމް ބޭނުންވާ އެއްޗެއް، ފޮނި އެއްޗެއް (ޑެސާޓް) އަހަރެން ބޭނުންވާ އެއްޗެއް. އޯކޭތަ؟”

ވަސީމް ހިނިތުންވެލަމުން އެއްބަސްވިއެވެ. އޭނާ ކަޑާއީ ޕަނީރް، ދާލް ތަޑްކާ، ޖީރާ ރައިސް އަދި ޗަޕާތީއަށް އޯޑަރު ދިނެވެ.

ވަސީމް: “އަނބިމީހާ، އަހަރެން ބޭނުން ވަހީދާގެ ހުރިހާ ކަމެއް އެނގެން.”

ވަހީދާ: “ހޫމް، އޯކޭ. އަހަރެމެން ކުޅެމާ ހިނގާ 20 ސުވާލުގެ ކުޅިވަރެއް. ފުރަތަމަ އަހަރެން ސުވާލުކުރާނީ، ދެން ވަސީމް.”

ވަސީމް އުފަލުން އެއްބަސްވިއެވެ.

ވަހީދާ ފެށިއެވެ: “އޯކޭ، އެންމެ ފުރަތަމަ އެންމެ ކަމުދާ ކުލަ. ވަސީމްއަށް އެންމެ ކަމުދަނީ ހުދު ކުލަތަ؟”

ވަސީމް ހައިރާންވެފައި އެހިއެވެ: “އާނ، އެކަމަކު އެނގުނީ ކިހިނެއް؟”

ވަހީދާ: “ވަސީމްގެ މުޅި ކޮޓަރި ހުންނަނީ ހުދުކޮށް. އަދި އަލަމާރީގައި ގިނައިން ހުންނަނީވެސް ހުދު ހެދުން.”

ވަސީމް ބުންޏެވެ: “އެއީ އަހަރެމެންގެ ކޮޓަރި، ހަމައެކަނި އަހަރެންގެއެއް ނޫން.”

ވަހީދާ ހިނިތުންވެލިއެވެ.

ވަސީމް: “މިހާރު އަހަރެންގެ ފުރުސަތު. ވަހީދާއަށް އެންމެ ކަމުދާ ކުލައަކީ ކޮބައި؟”

ވަހީދާ: “ނޫކުލަ.”

އެމީހުން އޯޑަރުކުރި ކެއުން ލިބުމުން، ކަމުން ކަމުން އެކަކު އަނެކަކަށް ތައާރަފުވުމުގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ. މި ވާހަކަތަކުގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮތް ބިރުވެރިކަން ކެނޑި، ގާތްކަން އިތުރުވިއެވެ.

ކައި ނިމުމުން، ވަހީދާ ބޭނުންވީ ‘ވޮފްލްސް’ ކާށެވެ. ވަސީމް އުފަލުން އެކަމަށް އެއްބަސްވިއެވެ.

އަނބުރާ ކާރާ ދިމާލަށް ހިނގަމުން ދިޔައިރު، ނޭނގި ހުރެ ވަހީދާ އަނެއްކާވެސް ވަސީމްގެ ގައިގައި ލައިގަތެވެ. ވަސީމްއަށް ބާރަށް ހެވުނެވެ.

ވަސީމް: “އަނބިގޮއްޔޭ، ތިއީ ކޮންކަހަލަ ކަމެއް؟ ވިސްނުން ހުންނަނީ ކޮންތާކު؟”

ވަހީދާ: “މަޑުން ހުރޭ (ޝަޓް އަޕް).”

ވަސީމްއަށް ލާނެތް ޚިޔާލެއް އައެވެ.

ވަސީމް: “މިހާ އާންމު ތަނެއްގައި ހެދުން ޝާޓް އަޕް އޭތަ ތިޔަ ބުނީ؟”

އޭނާ މިހެން ބުނީ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްގެން ހުރެއެވެ. ނަމަވެސް ވަހީދާ ދިން ޖަވާބުން އޭނާގެ އެ ހިނިތުންވުން ހައިރާންކަމަށް ބަދަލުވިއެވެ.

ވަހީދާ: “މަޑުން ހުރުމާއި އާންމު ތަނެއްގައި ހުރުމާ އޮތީ ކޮން ގުޅުމެއް؟”

ވަސީމް އިރުކޮޅަކު އޭނާއަށް ބަލަން ހުރެފައި ބާރަށް ހޭންފެށިއެވެ.

ވަހީދާ: “ކީއްވެގެންތަ ތިޔަ ހެނީ؟”

ވަސީމް: “އަނބިގޮއްޔޭ، ތިއީ މާ މައުސޫމް ކުއްޖެއް. މިކޮޅަށް އައިސްބަލަ.”

އޭނާ ހެމުން ހެމުން ވަހީދާއަށް ގާތަށް އައުމަށް އިޝާރާތް ކުރިއެވެ. އަދި ވަހީދާގެ އަތުގައި ހިފާ ގާތަށް ދަމާލުމަށްފަހު، ވަރަށް ބާރަށް ބައްދާލިއެވެ.

ވަހީދާ ފުރަތަމަ ހުރީ ސިހިފައެވެ. ނަމަވެސް އެ އޯގާތެރި ބައްދާލުމުން އޭނާއަށް ކުރިން އިހުސާސް ނުކުރެވޭ ފަދަ ރައްކާތެރިކަމެއް ލިބުނެވެ. އެ ބާރު ބައްދާލުމުގެ ތެރޭގައި ހޭދަވި ދެ މިނެޓެއްހާއިރުގެ ތެރޭގައި، ވަހީދާގެ ހިތް ފުރިގެން އައިސް އޭނާއަށް ރޮވޭގޮތްވިއެވެ. އޭނާ ގިސްލާފައި ރޯން ފެށުމުން ވަސީމް ކަންބޮޑުވިއެވެ.

ވަސީމް: “ހޭއި، ކިހިނެއްވީ އަނބިގޮއްޔޭ؟ ކީއްވެ ތިޔަ ރޮނީ؟”

ވަހީދާ އެއްވެސް ޖަވާބެއް ނުދީ މާ ބާރަށް ރޯން ފެށިއެވެ. ކަންބޮޑުވެފައި ހުރެ ވަސީމް ކާރުގެ ދޮރު ހުޅުވައި، އޭނާ ބޭންދުމަށްފަހު ކުރިމަތީގައި ކަކޫ ޖަހައިގެން އިށީނދެ ވަހީދާގެ ދެއަތުގައި ހިފެހެއްޓިއެވެ.

ވަސީމް: “ސޮރީ ވަހީދާ. ދެން ދުވަހަކުވެސް ކަލެއަށް މަލާމާތްކޮށް ނުހޭނަން.”

ވަހީދާ އޭނާއަށް ބަލާލާފައި އަދި މާ ބާރަށް ރޯން ފެށިއެވެ.

ވަސީމް: “ހޭއި، ކިހިނެއްވީތަ؟ ޕްލީޒް ހުއްޓާލާބަލަ. އަހަރެން މާފަށް އެދެފީމެއްނު.”

ވަހީދާ: “އާހް، އަހަރެންނަށް ވަހީދާއޭ ނުކިޔާ އަނބިގޮއްޔެ އޭ ކިޔާބަލަ.” އޭނާ މިހެން ބުނީ ގިސްލަމުންނެވެ.

ވަސީމް: “ވަހީދާއޭ ކިޔައިގެންތަ ތިޔަ ރޮނީ؟”

ވަހީދާ: “ނޫން.”

ވަސީމް: “ދެން ކީއްވެ؟”

ވަހީދާ: “އަހަރެންނަށް ރޮވުނީ ވަސީމް އަހަރެން ގައިގައި ބައްދާލީމަ.”

އެ ޖުމްލަ އަޑުއިވުމުން ވަސީމްގެ ހިތަށް ތަދުވިއެވެ. އޭނާ ހީކުރީ ވަހީދާ އުނދަގޫވީ ކަމަށެވެ. އެހެންވެ ވަގުތުން އަތުން ދޫކޮށްލިއެވެ.

ވަސީމް: “މާފުކުރޭ. ދެން ދުވަހަކުވެސް ގައިގައި އަތެއް ނުލާނަން.”

ވަސީމް ދުރަށް ދާން އުޅުމުން، ވަހީދާ ސީޓުން ތެދުވެ ކުއްލިއަކަށް ވަސީމްގެ ގައިގައި ބައްދާލިއެވެ.

ވަހީދާ: “އަހަރެން ބުނާ އެއްޗެއް ފުރަތަމަ އަޑުއަހާބަލަ. އަހަރެންނަށް ރޮވުނީ ފުރަތަމަ ފަހަރަށް މީހަކު އެހާ އޯގާތެރިކޮށް ބައްދާލީމަ. އެ ބައްދާލުމުން އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ. ވަރަށް ގިނަ ދުވަސް ފަހުން، ނޫނީ ފުރަތަމަ ފަހަރަށް އަހަރެންނަށް ‘އަމިއްލަ ގެއެއްގަ’ ހުރި ފަދަ އިހުސާސެއް ކުރެވިއްޖެ.”

ވަހީދާގެ މި ވާހަކަތަކުން ވަސީމްގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އޭނާވެސް ބަދަލުގައި ވަހީދާގެ ގައިގައި ބައްދާލީ އުފަލުން ހުރެއެވެ.

ވަސީމް: “އަނބިމީހާ، ތިކަހަލަ ‘ހާޓް އެޓޭކް’ ނުދީބަލަ.”

ވަހީދާ ދުރަށް ޖެހިލާފައި ލާނެތް ގޮތަކަށް ވަސީމްގެ މޭގައި ޖަހާލިއެވެ.

ވަހީދާ: “ކޮންމެފަދަ އެއްޗެކޭވެސް ބުނެފާނެ.”

ވަސީމް: “ސޮރީ.”

ވަހީދާ: “އަހަރެން ކަމަކަށް އެދިއްޖެއްޔާ ކޮށްދޭނަންތަ؟”

ވަސީމް އޭނާގެ ލޮލުން ފޭބި ކަރުނަތައް ފޮހެދެމުން ބުންޏެވެ: “އަނބިގޮއްޔޭ، ކިތައް ފަހަރުތަ ބުނަންވީ؟ ހަމައެކަނި އަމުރުކޮށްލާ.”

ވަހީދާ ލަދުން ހުރެ އޭނާގެ ދޯޕައްޓާއާ ކުޅެމުން އެހިއެވެ: “އެއީ… ވަސީމް ކޮންމެ ދުވަހަކުވެސް އަހަރެން ގައިގައި މިހެން ބައްދާލާނަންތަ؟”

ވަސީމް އޭނާއާ ދިމާކޮށްލަން ބޭނުންވިއެވެ.

ވަސީމް: “ނޫނެކޭ ބުނެފިއްޔާ؟”

ވަހީދާ ދެރަވެފައި ބުންޏެވެ: “ބައްދައެއް ނުލާނަންތަ؟”

އޭނާގެ އެ މައުސޫމް ސިފަ ފެނިފައި ވަސީމްއަށް ކެތެއް ނުކުރެވުނެވެ. އޭނާ ވަގުތުން ވަހީދާ އުރާލައިގެން އެނބުރެން ފެށިއެވެ. ވަހީދާ އުފަލުން ހޭންފެށިއެވެ.

ވަހީދާ: “ތިޔަ ކުރަނީ ކީއް؟”

ވަސީމް އޭނާ ބޭލުމަށްފަހު ބުންޏެވެ: “އަހަރެންގެ އަނބިގޮއްޔެ އެދުނު ކަންތައް ފުރިހަމަކޮށްދެނީ.”

ވަހީދާ ލަދުން އިސްދަށަށް ޖަހާލިއެވެ.

ވަސީމް: “އަހަރެންނަށް އެންމެ ކަމުދަނީ ހުދު ކުލަ ކަމަށް ވިޔަސް، މިހާރު ތިޔަ ރަތްވެފައިވާ ކޯތާފަތް މާ ކަމުގޮސްފި.”

ދެން އެމީހުން އަނބުރާ ގެއަށް ދިޔުމަށް ދަތުރު ފެށިއެވެ. މަގުމަތީގައި ވަހީދާއަށް ވަސީމް ކުރިން ބުނި ވާހަކައިގެ މާނަ އެނގުނެވެ.

ވަހީދާ: “އޯހް، ވަސީމް އެ ބުނީ އެ މާނައިގައި ދޯ.”

ވަސީމް: “ކޮން މާނައެއް؟”

ވަހީދާ: “އާންމު ތަނެއްގައި މަޑުން ހުރުމާ ބެހޭގޮތުން ބުނި ވާހަކަ.”

ވަސީމް ހީލާފައި ބުންޏެވެ: “އޯހް، އެހެންވީމާ އަހަރެން ހީކުރި ވަރަށްވުރެ އަނބިމީހާ މާ ވިސްނޭ ދޯ.”

އެމީހުން ‘ވޮފްލްސް’ ކައިގެން ގެއަށް ދަނިކޮށް، ވަހީދާ ބޭނުންވީ ބޮޑު ‘ޓެޑީ ބެއާ’ އެއް ގަންނާށެވެ. އެއީ އޭނާ ނިދާއިރު އެއްޗެއްގައި ބައްދާލައިގެން ނިދަން އާދަވެފައި ހުންނާތީއެވެ. ނަމަވެސް ވަސީމް ބޭނުންވީ ވަހީދާ އޭނާގެ ގައިގައި ބައްދާލައިގެން ނިދާށެވެ. އެހެންވެ، މާދަމާ ގަނެދޭނެ ކަމަށް ބުނެ އެކަން ލަސްކޮށްލިއެވެ.

ގެއަށް ވަދެގެން ދިޔައިރު، އައްބާސް އާއިލާގެ އެންމެން އެމީހުންނަށް ބަލަން ތިއްބެވެ. ވަހީދާ އޭނާގެ ބައްޕަ، މުޙައްމަދު ގާތަށް ގޮސް ބައްދާލިއެވެ.

މުޙައްމަދު: “ދަރިފުޅު އުފާވިތަ؟”

ވަހީދާ: “ވަރަށް ބޮޑަށް ބައްޕާ.”

ވަސީމްގެ ކޮއްކޮމެން އޭނާއާ ދިމާކޮށްލިއެވެ. “ބޭބެ ރުޅިއެއް ނާދޭތަ؟” “ރޮމޭންސް ކުރީ ދޯ؟”

ވަހީދާ ލަދުން ދުވެފައި ކޮޓަރިއަށް ދިޔައެވެ. ވަސީމް އޭނާގެ ކޮއްކޮމެން ފަހާ ދުއްވައިގަތީ އެމީހުންނަށް ފިލާވަޅެއް ދަސްކޮށްދިނުމަށެވެ. އާއިލާގެ އެންމެން ތިބީ އެ އުފާވެރި މަންޒަރު ފެނިފައި ހިނިތުންވެފައެވެ.

— ނިމުނީ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top