ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޗެރީގެ އޮށް: ނުރައްކާތެރި ވިހަ މާއްދާތަކެއް
ފޮޓޯ: ވޯލްޑް ހެލްތު - އެފްބީ

ޗެރީގެ އޮށް ދަތުން ފިސްކޮށްލުމަކީ އޭގެ ސަބަބުން ނުރައްކާތެރި ވިހަ މާއްދާތަކެއް ހަށިގަނޑަށް ފޯރަފާނެ ކަމެއް ކަމަށް ބުނެ، ސިއްޙީ މާހިރުން އިންޒާރު ދީފިއެވެ.

ޗެރީގެ އޮށުގައި “އެމިގްޑަލިން” ކިޔާ ޤުދުރަތީ މާއްދާއެއް އެކުލެވިގެންވެއެވެ. މިއީ އޮށް ހަފާލުމުން ނުވަތަ ފިސްކޮށްލުމުން “ހައިޑްރޮޖަން ސަޔަނައިޑް” ކިޔާ ވިހަ ގޭހެއް އުފައްދާ މާއްދާއެކެވެ. މި ވިހަ މާއްދާގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން ބޭނުންކުރުމަށް ހުރަސްއެޅޭއިރު، ގިނަ އަދަދަކަށް މި މާއްދާ ހަށިގަނޑަށް އެތެރެވުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި، ޗެރީގެ އޮށް އެއްކޮށް ދިރުވާލުމަކީ އާންމުގޮތެއްގައި ނުރައްކާތެރި ކަމެއް ނޫނެވެ. ސަބަބަކީ އޮށުގެ ބޭރުގައިވާ ހަރު ތޮށިގަނޑުގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި އެ ފިސްނުވެ، ވިހަ މާއްދާތައް ބޭރުވިޔަ ނުދީ ހިފަހައްޓާތީއެވެ. ނަމަވެސް، އޮށް ހަފާލައި ނުވަތަ ފިސްކޮށްލައިފިނަމަ މި ކެމިކަލްތައް ބޭރުވެ، ސިއްޙީ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ފަދަ ބައިނަލްއަޤުވާމީ އިދާރާތަކުން ހާމަކުރާ ގޮތުގައި، މިފަދަ މާއްދާތަކަށް ތަކުރާރުކޮށް ހުށަހެޅުމުން ބޮލުގައި ރިއްސުން، ބޯއެނބުރުން، މޭނުބައިކުރުން އަދި ހާލަތު ގޯސްވެއްޖެ ނަމަ ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެނިދާނެއެވެ.

ޤުދުރަތީ ގޮތުން ގަސްގަހާގެހީގައި ހުންނަ ބައެއް މާއްދާތަކަކީވެސް، ރަނގަޅު ގޮތުގައި ބޭނުން ނުކުރެވިއްޖެނަމަ ނުރައްކާވެދާނެ އެއްޗެހިކަން މާހިރުން ފާހަގަކުރެއެވެ. އެހެންކަމުން، ޗެރީ ކާއިރު އޮށް ވަކިކުރުމަށާއި، މިފަދަ ކަންކަމުގައި ނުރައްކާ ބޮޑު ކުޑަކުދިންނަށް ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިރުޝާދު ދީފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top