ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތަޢުލީމީ ގުޅުމުން އެމްއެމްއޭ ސިއްސުވާލިއިރު، ހުޅުމާލޭ ހޮސްޕިޓަލް ދެވަނަ ބުރަށް ދަތުރުކޮށްފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މޯލްޑިވްސް ކުލެސިކް މުބާރާތުގެ 23 ވަނަ މެޗުން، އެމްއެމްއޭ މޮޅުވިޔަ ނުދީ ތަޢުލީމީ ގުޅުމުން ހިފެހެއްޓިއިރު، ތިންވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ހުޅުމާލޭ ހޮސްޕިޓަލް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 23

23 ވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގައި ހިމެނޭ ތަޢުލީމީ ގުޅުމާއި އެމްއެމްއޭ ސްޕޯރޓްސް ކުލަބެވެ. ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް ދެވަނަ މެޗުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދާއިއެކު ތިންވަނަ މެޗަށް އެމްއެމްއޭ ނުކުތްއިރު، ތަޢުލީމީ ގުޅުން ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު އެމްއެމްއޭ ފަސޭހަކަމާއިއެކު ކާމިޔާބު ކުރާނެކަމަށް ބެލެވުނު ނަމަވެސް، ފެނުނީ އެހެން މަންޒަރެކެވެ. މޮޅަކަށް ކެތްމަދުވެފައި ތިބި ތަޢުލީމީ ގުޅުމުން އެހެން މެޗުތަކަށްވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ދައްކައި ލީޑު ވެސް ނެގިއެވެ.

ފުރަތަމަ ހާފުގެ ދިހަވަނަ މިނިޓްގައި ތަޢުލީމީ ގުޅުމަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ އުމަރު ފާރޫޤެވެ. ތަޢުލީމީ ގުޅުމުން ހޯދި ލީޑު މެޗުގެ ފަހު މިނިޓާއި ހަމައަށް ވެސް އެ ޓީމުން ހިފެހެއްޓިއެވެ. ތަޢުލީމީ ގުޅުން މޮޅުވާނެކަމަށް ބެލެވުނު މި މެޗު އެމްއެމްއޭ އިން އެއްވަރުކުރީ ފަހު މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ފާރިސްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތަޢުލީމީ ގުޅުމުގެ ޢަލީ ސާހިރުއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަލީ ސާހިރު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މެޗު 24

ސައުވީސްވަނަ މެޗުގައި ބައްދަލުކުރީ މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައިވާ ހުޅުމާލޭ ހޮސްޕިޓަލާއި ޕެމާއެވެ. ނުވަ ޕޮއިންޓާއިއެކު ގުރޫޕް އޭގެ އެއްވަނައިގައި ހުޅުމާލޭ ހޮސްޕިޓަލް އޮތްއިރު، މިހާތަނަށް ޕޮއިންޓެއް ނުލިބި އޮތް ޕެމާ އޮތީ ގެއްލުން ލަނޑު މަދުވުމުން ބަންޑާރަ ކުލަބަށްވުރެ ކުރީގައި، ގުރޫޕްގެ ހަތަރު ވަނައިގައެވެ.

މެޗުގެ ނުވަވަނަ މިނިޓްގައި ހަސަން ސޮލާހް ޖެހި ލަނޑުން ހުޅުމާލޭ ހޮސްޕިޓަލް ލީޑު ނެގި ނަމަވެސް، މިނިޓެއްހާއިރު ތެރޭ ޢަލީ އަޝްފާޤު (ދަގަނޑޭ)ގެ ލަނޑުން ޕެމާއިން ނަތީޖާ ހަމަހަމަކުރިއެވެ. އާދިލް ޢަބްދުއްރަހުމާނުގެ ލަނޑުން ހުޅުމާލޭ ހޮސްޕިޓަލް ދެވަނަ ފަހަރަށް ލީޑު ނެގިއިރު، ހަސަން ނާއިފް އެ ލީޑު ފުޅާކޮށްދިނެވެ. ނަތީޖާ ހަމަހަމަ ކުރެވޭތޯ ޕެމާއިން މަސައްކަތް ކުރަމުން ދަނިކޮށް، އިބްރާހިމް ސޯލިހާއި އަޙްމަދު ފުއާދު، ހުޅުމާލޭ ހޮސްޕިޓަލަށް އިތުރު ދެ ލަނޑު ޖަހައިދިނެވެ. ޕެމާގެ ދެވަނަ ލަނޑު ޖަހައިދިނީ ޢަލީ ސާޖިދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލޭ ހޮސްޕިޓަލްގެ އާދިލް ޢަބްދުއްރަހްމާނެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު 12 ޕޮއިންޓް ހަމަކޮށް ދެވަނަ ބުރުން ހުޅުމާލޭ ހޮސްޕިޓަލް މިވަނީ ޖާގަ ހޯދާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އާދިލް ޢަބްދުއްރަޙުމާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

މި މުބާރާތުގެ ކުޅުން މިރޭވެސް އޮންނާނެއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާލާއިރު:

20:15 – ކުލަބް ޑީޖޭއޭ އާއި ހެލްތު ރެކްރިއޭޝަން ކުލަބް
20:15 – ކުލަބް އަވްސެކް އާއި ބަންޑާރަ ކުލަބް
21:30 – އެސްއެމްއީ ޑިޖިޓަލް އާއި އެމްއީޑީޓީޓީ
21:30 – ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް ކުލަބް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top