ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބިސްބުރު ބަލިކޮށް ދިވެހި ސިފައިންގެ ކުލަބް އެއްވަނައަށް ޖެހިލައިފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން ބާއްވާ އެއިޓީން ތާރޓީ އަންހެން ފުޓްސަލް މުބާރާތުގެ ދެވަނަ މެޗު ކާމިޔާބުކޮށް ދިވެހ ސިފައިންގެ ކުލަބް ލީގު ބުރުގެ އެއްވަނައަށް ޖެހިލައިފިއެވެ. މިރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކުލަބާއި ބިސްބުރު ސްޕޯރޓްސް ކުލަބެވެ. ބިސްބުރު އެ ޓީމުގެ ފުރަތަމަ މެޗާއި ކުރިމަތިލާއިރު، ދިވެހި ސިފައިންގެ ކުލަބް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

މިރޭގެ މެޗު ފަށައިގެން ރަނގަޅު ކުޅުނު ދިވެހި ސިފައިންގެ ކުލަބުން ވަނީ މެޗުގެ ފުރަތަމަ މިނިޓްގައި ލީޑު ނަގާފައެވެ. ދިވެހި ސިފައިންގެ ކުލަބްގެ ސުމައްޔާ މަޓްސުޝިމާ ގޯލާއި ދިމާއަށް ފޮނުވާލި ބާރު ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކީޕަރުގެ ފައިގައި ޖެހިފައި ލިބުނީ މައިޝާ އަބްދުލް ހަންނާންއަށެވެ. ގޯލް ދަނޑި ކައިރީ ހުސްކޮށް ހުރި މައިޝާ ވަނީ ފަސޭހަކަމާއިއެކު ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފައެވެ.

ދިވެހި ސިފައިންގެ ކުލަބުން ލީޑު ނެގިތާ މާގިނައިރެއް ނުވެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ބިސްބުރަށް ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން ބިސްބުރަށް ހިފޭގޮތެއް ނުވިއެވެ.

ވޭތުވެދިޔަ އަހަރުގެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސުމައްޔާގެ މޮޅު ކުޅުމާއިއެކު ދިވެހި ސިފައިންގެ ކުލަބުން ގިނަ ފުރުސަތުތަކެއް ފަހިކުރި ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއް ނުވިއެވެ.

ދިވެހި ސިފައިންގެ ކުލަބުން އެ ޓީމުގެ ލީޑު ފުޅާކުރީ ފަނަރަވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މައިޝާ އަބްދުލް ހަންނާނެވެ. ބިސްބުރުގެ ހާފުތެރެއިން މައިޝާ އަބްދުލް ހަންނާނަށް ލިބުނު ބޯޅަ އޭނާ ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ކައިރިއަށް ޖެހިލައި ކީޕަރުގެ ދުރުކަނަށް އޭނާ ވަނީ ވައްދާލާފައެވެ.

ކައުންޓާރ އެޓޭކަށް އިސްކަންދީގެން ކުޅެމުންދިޔަ ބިސްބުރަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދިވެހި ސިފައިންގެ ކުލަބުން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ ސުމައްޔާ މަޓުސުޝިމާއެވެ. ސުމައްޔާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޭރިޔާ ބޭރުގައި ހުރެ ތިރިތިރިން ވަރަށް ބާރަށް ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ދިވެހި ސިފައިންގެ ކުލަބެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް ބިސްބުރުން ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހާފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ދިވެހި ސިފައިންގެ ކުލަބުން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ބިސްބުރުގެ އޭރިޔާ ބޭރުން އަރިމަތިން ޝައްފަ ސިއުތު ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ކީޕަރުގެ ގައިގައި ޖެހިފައި ދަނޑީގައި ޖެހިފައެވެ.

ބިސްބުރުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 26 ވަނަ މިނިޓްގައެވެ. ދިވެހި ސިފައިންގެ ކުލަބްގެ އޭރިޔާ ބޭރުން އަރިމަތިން ބިސްބުރުގެ އަގްނެސް މަޓުލަޕެލްވާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ދިވެހި ސިފައިންގެ ކީޕަރުގެ ދެފައި ދޭތެރޭންނެވެ.

މަރިޔަމް ރިފާ އާއި ސުމައްޔާ ގުޅިގެން އުފެއްދި ހަމަލާއެއްގައި މަރިޔަމް ރިފާ ވަނީ ދިވެހި ސިފައިންގެ ކުލަބްގެ ފަސްވަނަ ލަނޑު ޖަހާފައެވެ.
ދިވެހި ސިފައިންގެ ހާފުގެ މެދުތެރެއިން ބިސްބުރުގެ އައިޝަތު ޝަޒްފީންއަށް ލިބުނު ބޯޅަ ތިރިތިރިން ގޯލްގެތެރެއަށް ވައްދާލައި ބިސްބިރުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއެވެ.

މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސުމައްޔާ މަޓުސުޝިމާ ވަނީ މެޗު ނިމުމުގެ ކުރިން ދިވެހި ސިފައިންގެ ކުލަބަށް ހަވަނަ ލަނޑު ޖަހައިދީފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ސުމައްޔާ މަޓުސުޝިމާ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މުބާރާތުގެ މެޗެއް ދެން އޮންނާނީ 12 ވަނަ ދުވަހުގެ ރެއެވެ. އެ މެޗުގައި ބައްދަލު ކުރަނީ ބިސްބުރާއި ވެމްކޯއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top