ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮޑިން ކެޔޮދޫ ލަދުގަންނަވާލައިފި!
ފޮޓޯ: އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް

ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން ދަށު ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ މެޗުން މޮޅުވެފައިވާ ވ. ކެޔޮދޫ ކޮޅަށް 8 ލަނޑު ޖަހައި އޮޑިން އެ ޓީމު ލަދުގަންނަވާލައިފިއެވެ. މި މުބާރާތުގެ ހަވަނަ މެޗުގައި ރޭ ބައްދަލުކުރީ ކެޔޮދޫ އާއި އޮޑި ސްޕޯރޓްސް ކުލަބެވެ. މި މެޗަކީ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. އޮޑި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވި ނަމަވެސް، ކެޔޮދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އޮޑިންނެވެ.

މެޗު ޑޮމިނޭޓް ކުރަމުން ދިޔަ އޮޑިން މި މެޗުގެ ލީޑު ނެގީ 8 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަލީ އައިހަމްއެވެ. އައިހަމް މި ލަނޑު ޖަހާފައިވަނީ އޮޑި ކުޅުންތެރިން ޕާސްކޮށްލައިގެން އޭރިޔާތެރެއަށް ވަދެ އުފެއްދި ފުރުސަތެއްގައެވެ.

އޮޑިން ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ކެޔޮދޫއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ފުރުސަތުގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ.
މެދުރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން އައިސް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ މުޅިން ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޮޑިއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޙުސައިން ޝުހާދު ސުހާންއެވެ. އޮޑިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 15 ވަނަ މިނިޓްއެވެ.

އޮޑިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހިތާ މިނިޓެއްހާއިރު ފަހުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއެވެ. އޮޑީގެ ކުޅުންތެރިއަކު މަތިމަތިން ކުރިޔަށް ފޮނުވާލި ބޯޅަ ކެޔޮދޫގެ ޑިފެންޑަރާއި ކީޕަރާއި ދޭތެރެއިން ހޯދުމަށްފަހު ކީޕަރު ކައިރިން ނައްޓާލައި މި ލަނޑު ޖަހައިދިނީ ޢަލީ އައިހަމްއެވެ.

ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކެޔޮދޫއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

އޭރިޔާ ތެރެއިން ކެޔޮދޫގެ ޑިފެންޑަރަކަށް ހެދުނު ގޯހަކުން ލިބުނު ބޯޅައެއް ހޯދައި، ގޯލް ކުރިމަތީ ހުރި ކުޅުންތެރިއަކަށް ޖައްސާލައިގެން އޮޑިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ ވިހިވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަލީ އައްސަމްއެވެ.

35 ވަނަ މިނިޓްގައި އޮޑިން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. ޑިފެންޑަރުންގެ ފަހަތަށް އޮޑީ ކުޅުންތެރިޔާ ކުޅެލި ބޯޅަ ހޯދައި ތިރިތިރިން ގޯލްގެ ކަނަށް ވައްދާލައިގެން އޮޑިއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝުހާދު ސުހާންއެވެ.

ގާތްގާތުގައި ފުރުސަތުތައް ފަހިކުރަމުންދިޔަ އޮޑިން އެ ޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކުރީ 39 ވަނަ މިނިޓްގައެވެ. ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭރިޔާތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްގެތެރެއަށް ވައްދާލީ ހުސައިން ޝުހާދު ސުހާންއެވެ. މި ލަނޑާއިއެކު ހުސައިން ޝުހާދު ސުހާން ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ކެޔޮދޫ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނުނު މި މެޗުގެ، ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑިން ވަނީ އެ ޓީމުގެ ހަތްވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހުސައިން ޝުހާދު ސުހާންއެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ އޮޑިންނެވެ. ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ކެޔޮދޫން ދެއްކިއިރު، މި ހާފުގައި އޮޑިއަށް ޖެހުނީ އެންމެ ލަނޑެކެވެ. 63 ވަނަ މިނިޓްގައި ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ކާމިޔާބުކޮށްދިން ހުސައިން ޝުހާދު ސުހާންއެވެ.

8-0 އިން އޮޑި މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޑީގެ ހުސައިން ޝުހާދު ސުހާންއެވެ.

މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މި މަހުގެ ފަސްވަނަ ދުވަހު ހަވީރުއެވެ. މި މެޗުގައި ބައްދަލު ކުރާނީ އޮޑި ސްޕޯރޓްސް އާއި ޓީސީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top