ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކިޑްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔާ އެކަޑަމީ ހޯދައިފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން މިއަހަރު އަލަށް ފެށި ކިޑްސަލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔާ އެކަޑަމީ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ބައްދަލުކުރީ އެލީޓް އެކަޑަމީ އާއި އެސްޕަޔާ އެކަޑަމީއެވެ.

މުބާރާތުގެ ފައިނަލަށް މި ދެ ޓީމު ދަތުރުކޮށްފައިވާ ގޮތަށް ބަލައިލާއިރު، އެލީޓް އެކަޑަމީއަކީ ގުރޫޕް އޭގެ އެއްވަނަ ޓީމެވެ. ކުއާޓާރ ފައިނަލްގައި ހުޅުމާލޭ ޔޫތު އެންޑް ސްޕޯރޓްސް ކުލަބް އެކަޑަމީ ބަލިކުރިއިރު، ސެމީ ފައިނަލްގައި ނިއުރޭޑިއަންޓް އެކަޑަމީ ބަލިކުރިއެވެ. އެސްޕަޔާ އެކަޑަމީއަކީ ގުރޫޕް ބީގެ އެއްވަނަ ޓީމެވެ. ކުއާޓާރ ފައިނަލްގައި ވިލިމާލޭ ޔުނައިޓެޑް އެކަޑަމީ ބަލިކުރިއިރު، ސެމީ ފައިނަލްގައި ވެލެންސިޔާ އެކަޑަމީ ބަލިކުރިއެވެ.

މިއަދު ހަވީރު ކުޅެވުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ބަލާހިތްވާފަދަ ރީތި މޮޅު ކުޅުމެއް ފެނުނު މި މެޗަކީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗެކެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނު އެލީޓް އެކަޑަމީން ވަނީ މެޗުގެ ފުރަތަމަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. އޭރިޔާގެ ބޭރު އަރިމަތިން، އެލީޓް އެކަޑަމީގެ ކެޕްޓަން އާދު ބިން މުޙައްމަދު ނިޔާޒް ތިރިތިރިން ފޮނުވާލި ބާރު ބޯޅަ ގޯލްގެތެރެއަށް ވަނީ ކީޕަރާއި ދަނޑިއާ ދޭތެރެއިންނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އެސްޕަޔާ އެކަޑަމީން ނަތީޖާ ހަމަހަމަކުރީ 7 ވަނަ މިނިޓްގައެވެ. އެލީޓް އެކަޑަމީގެ އޭރިޔާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު އޭރިޔާ ތެރެއަށް ވަދެ ކީޕަރުގެ ގައިދަށުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެސްޕަޔާ އެކަޑަމީއަށް މި ލަނޑު ޖަހައިދިނީ އަޙްމަދު ޔާލްއެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި، ދެވަނަ ފަހަރަށް އެލީޓް އެކަޑަމީން ލީޑު ނެގީ 8 ވަނަ މިނިޓްގައެވެ. އެސްޕަޔާ އެކަޑަމީގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ، އޭނާ ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ބޭރުން އާދު ބިން މުޙައްމަދު ނިޔާޒް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ފަސްވަރަކަށް ފޫޓް މަތިންނެވެ.

ފަހަތުން އަރައި ދެވަނަ ފަހަރަށް ވެސް ނަތީޖާ ހަމަހަމަކުރި އެސްޕަޔާ އެކަޑަމީން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައެވެ. އެސްޕަޔާ އެކަޑަމީ ކުޅުންތެރިއަކަށް އެލީޓްގެ ހާފުގެ ތެރެއިން ލިބުނު ބޯޅަ، އޭނާ ކައިރިއަށް ކުޅުންތެރިޔާ ކައިރިން ނައްޓާލާފައި ގޯލާއި ދިމާއަށް ފޮނުވާލުމުން ދަނޑީގައި ޖެހިފައި ލިބުނީ އެސްޕަޔާ އެކަޑަމީގެ ކުޅުންތެރިއަކަށެވެ. އޭރިޔާ ތެރޭ ހުސްކޮށް ހުރި ޔަލްސަން ބިން ހިސާން ވަނީ އެއްފަހަރުން ގޯލްގެތެރެއަށް ބޯޅަ ވައްދާލައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް އެސްޕަޔާ އެކަޑަމީ ކާމިޔާބު ކުރީ 2-4 އިންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެސްޕަޔާ އެކަޑަމީ ހޯދިއިރު، ރަނައަޕް ޓީމަކީ އެލީޓް އެކަޑަމީއެވެ. މުބާރާތުގެ މަގާމްތައް ހޯދި ކުޅުންތެރިންނަށް ބަލައިލާއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޕަޔާ އެކަޑަމީގެ ކީޕަރު ޢަބްދުﷲ ރައުސަމްއެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އެލީޓް އެކަޑަމީގެ އާދް ބިން މުޙައްމަދު ނިޔާޒެވެ. މުބާރާތުގެ ފެއާރ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިއުރޭޑިއަންޓް އެކަޑަމީގެ މުޙައްމަދު އަޒްހާން ޢަލީއެވެ. މުބާރާތުގެ ފެއާރ ޕްލޭ ޓީމަކީ ހުޅުމާލޭ ޔޫތު އެންޑް ސްޕޯރޓް ކުލަބް އެކަޑަމީއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެސްޕަޔާ އެކަޑަމީގެ ކޯޗް ނައުފަލް މުޙައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ: އެސްޕަޔާ އެކަޑަމީގެ އައްމާރު ބިން ނަވާޒް، ނިއުރޭޑިއަންޓް އެކަޑަމީގެ ރާއިޝް ރަމީޒް، އެލީޓް އެކަޑަމީގެ އާދް ބިން މުޙައްމަދު ނިޔާޒް، އެލީޓް އެކަޑަމީގެ މުޙައްމަދު ރައުސަމް ރަމީޒް އަދި އެސްޕަޔާ އެކަޑަމީގެ ޢަބްދުﷲ ރައުސަމްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެލީޓް އެކަޑަމީގެ އާދް ބިން މުޙައްމަދު ނިޔާޒެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top