ވޯލްޑް ކަޕްގެ ގަދަ 16 ގައި އާދީއްތަ ދުވަހު ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަށްޓަކައި، ނޯވޭއިން އެންމެ ބޮޑު އިތުބާރެއް ކުރަނީ އެޓީމުގެ ތަރި އާލިން ހާލަންޑަށެވެ. މި މުބާރާތުގައި އިދިކޮޅު ޑިފެންޑަރުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވަމުންދާ ހާލަންޑްގެ މޮޅު ކުޅުން، ވަރުގަދަ ބްރެޒިލް ބަލިކުރުމަށް ނޯވޭއަށް ނުހަނު ބޭނުންވެއެވެ.
އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ހާލަންޑް ކާމިޔާބުކުރި ލަނޑާއެކު، ނޯވޭއިން ވަނީ 28 އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި އައިސް، ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
މިހާރު ނޯވޭގެ އަމާޒަކީ 1998 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް ބަލިކުރި ތާރީޚީ ކާމިޔާބީ ތަކުރާރުކޮށް، ކުއާޓާ ފައިނަލުން ޖާގަ ހޯދުމެވެ. ބްރެޒިލް ބަލިކުރުމުގެ ފުރުސަތު ކުޑަކަމަށް ހާލަންޑް ގަބޫލުކުރި ނަމަވެސް، ތާރީޚަށް ބަލާއިރު ނޯވޭއަށް އުންމީދެއް އެބައޮތެވެ. އެގޮތުން މިހާތަނަށް މި ދެޓީމު ބައްދަލުކުރި ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ނޯވޭ މޮޅުވެފައިވާއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ ބްރެޒިލް އަތުން ނޯވޭ ބަލިވެފައި ނުވާކަން ހާމަކޮށްދޭ ތަފާސްހިސާބެކެވެ.
ނޯވޭގެ ކޯޗު ސްޓާލް ސޮލްބަކަން އަކީ މީގެ ތިން ދަހަރު ކުރިން ނޯވޭއިން ބްރެޒިލް ބަލިކުރި މެޗުގައި ކުޅުނު މިޑްފީލްޑަރެކެވެ.
“މި މެޗުގެ ފޭވަރިޓުންނަކީ ބްރެޒިލް، އެކަމާ ސުވާލެއް ނެތް. އެކަމަކު އަހަރެމެން މި ނުކުންނަނީ ހަމައެކަނި ކުޅެލާކަށް ނޫން، އަހަރެމެންގެ އަމާޒަކީ މެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ދިއުން،” ސޮލްބަކަން ބުންޏެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ފޯވާޑް ހާލަންޑް އޭނާގެ ޓީމުގައި ހުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މެންޗެސްޓާ ސިޓީގެ ތަރި ހާލަންޑް ވަނީ ބައިނަލްއަގުވާމީ ފަހު 13 މެޗުގައި 25 ލަނޑު ޖަހާފައެވެ.
ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ބުނިގޮތުގައި ހާލަންޑް ފަދަ ކުޅުންތެރިއަކު ޓީމުގައި ހުރުމަކީ ނަސީބެކެވެ. އަދި ޓީމުގެ މަސައްކަތަކީ އޭނާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމެވެ.
އަނެއްކޮޅުން ބްރެޒިލްގެ އެންމެ ވަރުގަދަ ހަތިޔާރަކީ މި މުބާރާތުގައި ހަތަރު ލަނޑު ޖަހާފައިވާ ވިނީޝިއަސް ޖޫނިއާ އެވެ. އޭނާއަކީ 2002 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި ލަނޑު ޖެހި ފުރަތަމަ ބްރެޒިލް ކުޅުންތެރިޔާއެވެ. ސޮލްބަކަން ސަމާސާ ރޫހެއްގައި ބުނީ ވިނީޝިއަސް ހުއްޓުވުމަށް “7-3-0” ފޯމޭޝަނަކަށް ކުޅެން ޖެހިދާނެ ކަމަށެވެ.
ނޯވޭގެ ގޯލްކީޕަރު އޯޔަން ނައިލަންޑް ބުނީ ވޭތުވެދިޔަ ދެތިން އަހަރު ޓީމުން ދައްކާފައިވާ ކުޅުމަށް ބަލާއިރު، ކޮންމެ ޓީމެއްވެސް ހުއްޓުވުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި އެބަހުރި ކަމަށެވެ.
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން އެޓީމު އޮތީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ. ގެބްރިއަލް މާޓިނެއްލީ ބުނިގޮތުގައި އަންޗެލޮއްޓީގެ ހަމަހިމޭންކަމާއި ދޭ އިތުބާރުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބެއެވެ. ނަމަވެސް ބްރެޒިލަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވޭތުވެދިޔަ ފަސް ވޯލްޑް ކަޕްގައިވެސް ނޮކްއައުޓް ބުރުގައި ޔޫރަޕްގެ ޓީމެއް ބަލިކުރެވިފައި ނުވުމެވެ.
ބްރެޒިލްގެ މަތިއަސް ކޫންޔާ ބުނީ ނޯވޭގެ ކުޅުންތެރިންގެ ހަށިގަނޑުގެ ވަރުގަދަކަމަށް ސަމާލުވާންޖެހޭ ކަމަށާއި، ހަމައެކަނި ހާލަންޑަށް ސަމާލުކަން ދިނުމަކީ ހެދޭނެ ގޯހެއް ކަމަށެވެ. ބްރެޒިލްގެ ލޫކަސް ޕަކޭޓާ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅޭނެއެވެ. އެކަމަކު އަނިޔާއިން ސަލާމަތްވެ ރަފީނިއާ ވަނީ އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.
