ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފިރިހެނުންގެ ޖިންސީ ބަލިކަށިކަމަކީ ހިތުގެ ސީރިއަސް ބައްޔެއްގެ އިންޒާރަކަށް ވެދާނެކަމަށް މާހިރުން ބުނޭ

ފިރިހެނުންގެ ޖިންސީ ބަލިކަށިކަން ނުވަތަ “އެރެކްޓައިލް ޑިސްފަންކްޝަން” (އީ.ޑީ) އަކީ ގިނަ ބަޔަކު ވާހަކަދައްކަން ފަސްޖެހޭ މައުޟޫޢެކެވެ. ނަމަވެސް، މިފަދަ މައްސަލައެއް ދިމާވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ނުހަނު މުހިންމު ކަމެކެވެ. ސަބަބަކީ ބައެއް ހާލަތްތަކުގައި މިއީ ހަށިގަނޑުގައި ފޮރުވިފައިވާ އެހެން ބޮޑު ބައްޔެއްގެ ކުރީގެ އަލާމާތަކަށް ވެދާނެތީއެވެ.

ޖިންސީ ގުޅުން ހިންގުމަށް ބޭނުންވާ ފޯރި ނުވަތަ ވަރުގަދަކަން ހޯދުމާއި އެކަން ދެމެހެއްޓުމަކީ ހަށިގަނޑުގެ ނާރުތަކާއި، ހޯރމޯންތަކާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އަދި ލޭހިނގާ ނިޒާމު އެކުއެކީގައި ފުރިހަމައަށް މަސައްކަތްކޮށްގެން ނޫނީ ވާނެ ކަމެއް ނޫނެވެ. މީގެ ތެރެއިން އެންމެ ކަމެއްގައި މައްސަލައެއް ޖެހުނަސް ޖިންސީ ބަލިކަށިކަން ކުރިމަތިވެއެވެ.

މި މައްސަލައަކީ އުމުރުން ދުވަސްވާ ވަރަކަށް އާންމުވަމުންދާ ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 40 އާއި 70 އަހަރާ ދެމެދުގެ ފިރިހެނުންގެ 50 އިންސައްތައަށްވުރެ ގިނަ މީހުންނަށް މި މައްސަލަ ކުރިމަތިވެއެވެ. ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 55 އަހަރުން މަތީގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20 އިންސައްތަ މީހުން މިފަދަ ކަމަކަށް ސިއްހީ މާހިރެއްގެ ލަފާ ހޯދަން ބޭނުމެއް ނުވެއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް މާހިރުން ބުނެއެވެ.

ޖޯންސް ހޮޕްކިންސް މެޑިސިންގެ ކާޑިއޮލޮޖިސްޓެއް ކަމަށްވާ މައިކަލް ޖޯސެފް ބްލާހާ ވިދާޅުވާ ގޮތުގައި، ޖިންސީ ބަލިކަށިކަމަކީ ގިނަ ފަހަރަށް ހިތުގެ ބަލިތަކުގެ ކުރީގެ އިންޒާރެކެވެ. މީގެ އިތުރުން، މިއީ ނަފްސާނީ ބަލިތަކާއި، ޓައިޕް 2 ހަކުރުބަލި އަދި ހޯރމޯންގެ މައްސަލަތަކުގެ އިތުރުން ޗިލްބިލް (ޕެންކްރިއަސް) ކެންސަރުގެ އަލާމާތަކަށް ވެސް ވެދާނެއެވެ.

އިޓަލީގެ އެންޑޯކްރިނޮލޮޖިސްޓުން ނެރުނު ފޮތެއް ކަމަށްވާ “ދަ ކެނަރީ އިން ދަ ކޯލް މައިން” ގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖިންސީ ބަލިކަށިކަމަކީ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ދެނެގަތުމަށް ހުރި އެންމެ ރަނގަޅު “ބަޔޯމާކަރ” އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ޖިންސީ ބަލިކަށިކަން ހުންނަ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އެހެން މީހުންނަށްވުރެ 1.4 ގުނަ އިތުރެވެ.

ހިތުގެ ބަލިތަކާއި ޖިންސީ ބަލިކަށިކަމާ ގުޅުން ހުންނަ ސަބަބަކީ ދެކަމަކީވެސް ލޭހިނގާ ނިޒާމާ ގުޅިފައިވާ ދެ ކަމަށް ވާތީއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކަސްރަތު ނުކުރުން ފަދަ ކަންކަމަކީ މި ދެ މައްސަލައަށްވެސް މަގުފަހިވާ ކަންކަމެވެ. ގިނަ ފަހަރަށް ހިތުގެ ބަލިތައް ފެންމަތިވުމުގެ އެތައް އަހަރެއް ކުރިން ޖިންސީ ބަލިކަށިކަން ފެންނަން ފަށައެވެ.

ހަކުރުބަލި ހުންނަ ފިރިހެނުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތައަށްވުރެ ގިނަ މީހުންނަށް ޖިންސީ ބަލިކަށިކަން ކުރިމަތިވެއެވެ. މިއީ ހަށިގަނޑުގެ އިންސިއުލިން ނިޒާމަށް މައްސަލައެއް ޖެހިފައިވާކަމުގެ ކުރީގެ ސިގްނަލެއް ކަމަށް ބެލެވެއެވެ.

މެޔޯ ކްލިނިކްގެ ޔޫރޮލޮޖިސްޓް ޓޯބިއަސް ކޯލާ ވިދާޅުވާ ގޮތުގައި، ޖިންސީ ބަލިކަށިކަމަކީ ހަމައެކަނި ދިރިއުޅުމުގެ ފެންވަރާ ގުޅޭ ކަމެއް ނޫނެވެ. އެއީ ސީދާ ހިތާއި ލޭހިނގާ ނިޒާމުގެ ސިއްހަތާ ގުޅިފައިވާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި، ޖިންސީ ބަލިކަށިކަމަށް ބޭސް ބޭނުންކުރާ މީހުންގެ ތެރެއިން ހިތުގެ ބަލިތަކުގައި މަރުވާ މީހުންގެ ނިސްބަތް 39 އިންސައްތަ ދަށެވެ.

އެހެންކަމުން، މިފަދަ މައްސަލައެއް ހުރިނަމަ ލަދުގަތުމެއް ނެތި ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަކީ ތިމާގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ސިއްހަތަށް ސަމާލުވުމަކީ އެއްވެސް ހާލެއްގައި ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top