ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިއުރޭޑިއަންޓުން ކެޔޮދޫ ކޮޅަށް ހަތް ލަނޑު ޖަހައިފި
ފޮޓޯ: އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް

ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބާއްވާ އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިޕް 2026” ގެ ނުވަވަނަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ނިއުރޭޑިއަންޓް ތިންވަނައަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގައި ބައްދަލުކުރީ ވ. ކެޔޮދޫ އާއި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބެވެ. ދެ ޓީމުން ވެސް ތިންވަނަ މެޗާއި ކުރިމަތިލީއިރު، ކެޔޮދޫ ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެވަނަ މެޗުން ތަފާތު ބޮޑުކޮށް ބަލިވެފައެވެ. ނިއުރޭޑިއަންޓް ކުޅުނު ދެ މެޗު ވެސް ވީ އެއްވަރެވެ.

މިއަދުގެ މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ނިއުރޭޑިއަންޓުން ލީޑު ނެގީ 14 ވަނަ މިނިޓްގައެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލުމަށްފަހު މަތިމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ނިއުރޭޑިއަންޓަށް ކާމިޔާބު ކޮށްދިނީ އަޔާން ހަސަން ޝަރީފްއެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ކެޔޮދޫއަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި އުޅެނިކޮށް ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. 22 ވަނަ މިނިޓްގައި ނިއުރޭޑިއަންޓަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު މާއިން މުޙައްމަދެވެ. ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ގޯލު ކުރިމައްޗަށް އީތަން ނަގައިދިން ބޯޅަ އަޙްމަދު މާއިން ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ. މި ލަނޑަށް މާގިނައިރެއް ނުވެ ނިއުރޭޑިއަންޓަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.

ނިއުރޭޑިއަންޓުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ނިއުރޭޑިއަންޓްގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލު ކުރިމަތީ ހުރީ މުޙައްމަދު އިޒާން ޢަލީއަށް ޖައްސާލިއިރު އޭނަ ހުރީ ހުސްކޮށެވެ. ކުރިމަތީ ހުރި ކުޅުންތެރިޔާގެ އެއް ކައިރިއަށް ޖެހިލުމަށްފަހު މުޙައްމަދު އިޒާން ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފައެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނިއުރޭޑިއަންޓަށް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0 އިންނެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅުނީ ނިއުރޭޑިއަންޓުންނެވެ. ނިއުރޭޑިއަންޓްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޒާކީ މުޖުތަބާއެވެ. ނިއުރޭޑިއަންޓްގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޒާކީ ގޯލުގެ ތެރެއަށް ފޮނުވާލީ ގޯލު ލައިން ކައިރީ ހުސްކޮށް ހުރެއެވެ.

ކެޔޮދޫން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ހާފުގެ މެދަކާއި ހިސާބުން، ކެޔޮދޫ ކުޅުންތެރިޔާއަށް ލިބުނު ބޯޅަ ހިފައިގެން އައިސް ނިއުރޭޑިއަންޓުގެ އޭރިޔާ ތެރެއަށް ވަދެ ކުރިޔަށް ދާން މަސައްކަތްކުރި ވަގުތު ނިއުރޭޑިއަންޓްގެ ކުޅުންތެރިއަކު ވަނީ އޭނާ ހުއްޓުވުމަށް ފައުލްކޮށްފައެވެ.

ކީޕަރުގެ ދުރުފަރާތު ކަނަށް ތިރިތިރިން ފޮނުވާލައި މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުޙައްމަދު ޝައްމާހު ސަލާހްއެވެ.

ނިއުރޭޑިއަންޓުން އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ ޢަބްދުﷲ އާއިޝްއެވެ. ކެޔޮދޫ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ ހިފައިގެން ޑީ އޭރިޔާ ތެރެއަށް ވަދެ ރާއިޝް ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރާއި ދަނޑިއާ ދޭތެރެއިން ކީޕަރުގެ އަތް ކައިރިންނެވެ. ފަސްވަނަ ލަނޑަށް މާގިނައިރެއް ނުވެ ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ހަވަނަ ލަނޑު ޖަހާފައެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ހަމްދާންއެވެ.

ނިއުރޭޑިއަންޓުން އެ ޓީމުގެ ހަތްވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އީތަން ނަގައިދިން ހުރަހަކުން ޒާކީ މުޖުތަބާއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ އީތަން އިބްރާހީމް ޒަކީއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނިއުރޭޑިއަންޓް ތިންވަނައަށް ޖެހިލީ ފަސް ޕޮއިންޓާއިއެކުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top