“ޚަލީލް…” އޭނާ އަހަރެންގެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ގޮވާލިއެވެ. “ދުވަހަކުވެސް ހުއްޓާނުލާތި!” އޭނާ ހަޅޭއްލަވައިގަތުމަށްފަހު އަހަރެންގެ ކޮނޑުމައްޗަށް ވެއްޓުނެވެ. އޭނާ ބޭނުންވި އުފާވެރިކަން އޭނާއަށް ލިބިއްޖެއެވެ. އަދި މަދު ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ހަށިގަނޑަށްވެސް ބޭނުންވެފައިވާ އަރާމު ލިބިއްޖެއެވެ.
އަހަރެން އޭނާ ހަލުވާލިއިރު، އޭނާ އޮތީ ނިދިފައެވެ. އަހަރެން އޭނާ ދުރަށް ޖައްސާލުމަށްފަހު އޭސީ ޖެއްސީމެވެ.
ނިދުމުގެ ކުރިން އަހަރެންގެ ހިތަށް އެންމެ ހިޔާލެއް އައެވެ.
އޭނާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟
******
ތަސްނީމްގެ ނަޒަރުން:
އަހަރެން އިނީ އަތުގެ އިނގިލިތަކާއި އަތުގައި އަޅާފައި ހުރި ތަނޑިތަކާ ކުޅޭށެވެ. އަހަރެން މިއައީ ވަޒީފާގެ އިންޓަވިއުއަކަށެވެ. އަހަރެން ކުރިމަތިލީ ކުޑަކުދިން ބަލަހައްޓާ ތަނެއްގެ ޕާކެއްގެ ކޯޑިނޭޓަރެއްގެ މަގާމަށެވެ.
އެއީ ޒަމާނީ ކުޅޭ އެއްޗިއްސާއި ކުދިން ކުޅޭ ހިތްވާ ބޮޑެތި މެޝިންތައް ހުރި ވަރަށް ބޮޑު ތަނެކެކެވެ. އަޑުއިވިފައިވާ ގޮތުގައި އެތަނުގެ ވެރިންނަކީ ތިން ރަހުމަތްތެރިންނެވެ. އެތަނަށް ކިޔަނީ “ލާ ލާ ލޭންޑް” އެވެ.
އެ ނަން އަޑުއިވުމުން އަހަރެން ގާތަށް ވަރަށް ހިނިއައެވެ. ނަމަވެސް އެތަނުން ވަރަށް ރަނގަޅު މުސާރައެއް ދޭކަމަށް އަޑުއިވުނެވެ. އަދި އޭގެ އިތުރުން އަހަރެން މިވަގުތު ހުރީ ވަޒީފާއަކަށް ވަރަށް ބޭނުންވެފައެވެ.
އަހަރެންގެ ޔުނިވަރސިޓީ ކިޔެވުން އަދި ފެށޭކަށް ނެތެވެ. އެކަން އޮތީ އަންނަ އަހަރު އަހަރެން ލަންކާއަށް އެނބުރި ދިއުމުންނެވެ. އެހެންކަމުން އޭގެ ކުރިން ދިރިއުޅުމުގައި ކޮންމެވެސް ކަމެއް ކުރަން އަހަރެން ބޭނުންވިއެވެ.
“ހަލޯ މިސް ތަސްނީމް،” ލާ ލާ ލޭންޑްގެ ރަތްކުލައިގެ ގަމީހެއް ލައިގެން ހުރި ޒުވާން އަންހެން ކުއްޖަކު އަހަރެންގެ ގާތަށް އައެވެ.
އަހަރެން ވަރަށް އަވަހަށް ތެދުވީމެވެ. އަހަރެން މިތަނުގައި އިންނަތާ އެތައް ގަޑިއިރެއް ވެއްޖެއެވެ. އުއްމީދު ކުރީ މިހާރު އިންޓަވިއު ފެށޭނެ ކަމަށެވެ.
“އާނ، މިއީ ތަސްނީމް،” އަހަރެން ހިނިތުންވުމަކާއެކު ބުނީމެވެ.
“ވެރިޔާ ވިދާޅުވި އޭނާއަށް މިއަދު މިތަނަށް ނާދެވުނީތީ މައާފަށް އެދުމަށް. އާއިލީ ކަމެއް ދިމާވުމުން ވަގުތު ނުވީ ކަމަށް ބުނި. އެކަމަކު އަދިވެސް އިންޓަވިއު ކުރިއަށް ގެންދަން ބޭނުންނަމަ އޭނާގެ އެޑްރެހަށް ދިއުމަށް ވިދާޅުވި.”
އަހަރެން ވަގުތުން އެއްބަސްވީމެވެ. އޭނާ އަހަރެންނަށް އެޑްރެސް ދިނުމުން، ޝުކުރު އަދާކުރުމަށްފަހު އޮފީހުން ނުކުތީމެވެ. އަހަރެން ސަބީނާގެ ކޮރޯލާ އެސް ކާރަށް އަރައި ލިޔެފައިވާ އެޑްރެހަށް ދިޔައީމެވެ. އެއީ ކުޑަކުދިންގެ ޕާކާ ވަރަށް ކައިރި ހިސާބެކެވެ.
ސެކިއުރިޓީއާ ވާހަކަދެއްކުމުން އޭނާ އަހަރެން އެތެރެއަށް ވެއްދިއެވެ. ގޭގެ ފުރިހަމަކަން ފެނިފައި އަހަރެން ހައިރާންވިއެވެ. އެއީ ވަރަށް ހިތްގައިމު ގެއެކެވެ. ގޭގެ ކުރިމަތީގައި އަގުބޮޑު ތިން ކާރު އޮތެވެ.
އަހަރެން ލޯގަނޑު ނަގައި މޫނު ބަލައިލުމަށްފަހު، މޭކަޕް ރީތިކޮށްލީމެވެ. އަދި ހިނިތުންވުމަކާއެކު ކާރުން ފައިބައިގެން ގޮސް ގޭގެ ދޮރުމަތީގައި މަޑުކޮށްލީމެވެ.
އަހަރެން ހުރީ ޖީންސަކާއި، ރީނދޫ ކުލައިގެ ކަފްތާން މަތިކޮޅެއް އަދި ހޫޑް ޖެކެޓެއް ލައިގެންނެވެ. އަހަރެން ތިން ފަހަރު ބެލް ޖަހާލުމުން ދޮރު ހުޅުވައިލިއެވެ.
ދޮރު ހުޅުވި މީހާ ފެނުމުން އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ.
“ތީ ހަނީނާ!” އަހަރެން ބުނީމެވެ.
އޭނާ ހިނިތުންވުމަކާއެކު ވަށައިގެން ބަލައިލަމުން ބުންޏެވެ. “އެންމެ ފަހުން ބެލިއިރުވެސް އަހަރެންގެ ނަމަކީ އެއީ.”
މިއީ އެ ލޯބި ދެ ކުދިންގެ މަންމައެވެ. އަދި އެ ރީތި ފިރިހެންމީހާގެ އަންހެނުންނެވެ. އޭގެ އިތުރުން އޭނާއަކީ ހައިތަމްގެ ދައްތައެވެ. ހައިތަމްގެ ހަދާނުގައި އޭނާގެ ގައިގައި ބައްދާލަން އަހަރެން ބޭނުންވިއެވެ. އެކަމަކު ވަޒީފާ ލިބުމުގެ ކުރިން އެފަދަ ކަމެއް ކުރަން އަހަރެން ބޭނުމެއް ނުވިއެވެ.
“މައާފްކުރޭ،” އަހަރެން ސަލާމަށް އަތް ދިއްކޮށްލަމުން ބުނީމެވެ. “އަހަރެން މިއީ ތަސްނީމް. މިއައީ އިންޓަވިއުއަކަށް.”
އޭނާ ހިނިތުންވުމަކާއެކު އަހަރެން އެތެރެއަށް ވައްދަމުން ބުންޏެވެ. “އަހަރެން މިއީ ހަނީނާ، މިހާރު ތިބުނި ފަދައިން. އިންޓަވިއު ކުރާ މީހާ މިވަގުތު ކުޑަކޮށް ބިޒީކޮށް އުޅެނީ. އެކަމަކު އެތެރެއަށް އާދޭ.”
އަހަރެން އެތެރެއަށް ވަދެ ވަށައިގެން ބަލައިލީމެވެ. ސިޓިންގ ރޫމް ވަރަށް ފުރިހަމައެވެ. ފާރުގައި އޭނާގެ އާއިލާގެ ފޮޓޯތައް ހުއްޓެވެ. މުޅި ތަނުގައި ހިފާފައިވަނީ ބަޚޫރާއި އޫދުގެ މީރު ވަހެވެ.
“އައިމާާާާން!” ހަނީނާ ބާރަށް ގޮވައިލިއެވެ.
އަހަރެން ކުޑަކޮށް ހީލީމެވެ. އޭނާގެ އެ މިޒާޖު އަހަރެންނަށް ވަރަށް ކަމުދިޔައެވެ.
“އަހަރެން މިހުރީ ގޭގެ ބެކްޔާޑް ގަ!” އައިމާން ބާރަށް ޖަވާބު ދިނެވެ. އެމީހުންގެ ގުޅުން ވަރަށް ލޯތްބެވެ.
“ހިނގާ ދަމާ،” ހަނީނާ އަހަރެން ގޮވައިގެން އެ ދިމާއަށް ހިނގައިގަތެވެ.
“ބަދިގެއާއި ކެއުމަށް ޚާއްޞަ ބައި އޮތް ގޮތުން ކަންބޮޑުނުވައްޗޭ. އަހަރެންގެ ދަރިންނާއި ފިރިމީހާ ކާން ވަރަށް ލޯބިކުރޭ، އެކަމަކު ސާފުކުރާކަށް އެހާ ގަޔަކެއް ނުވޭ.”
އަހަރެން ހީލަމުން ބުނީމެވެ. “އެންމެ ރަނގަޅު. އަހަރެންގެ ދެބެންގެ ދެދަރި ކުދިންވެސް އުޅެނީ ތިހެން.”
އަހަރެމެން ގޭގެ ބެކްޔާޑަށް ނުކުތްއިރު، ދުރުން ކުޑަކުޑަ ކުއްޖަކު އަހަރެމެންނާ ދިމާއަށް ދުވެފައި އާދެއެވެ.
“އާރްޔާން!” ހަނީނާ ބުންޏެވެ. “ދުވުމާ ބެހޭގޮތުން މަންމަ ކީކޭ ބުނީ؟”
އެ ކުއްޖާ ލާނެތް ހިނިތުންވުމަކާއެކު ބުންޏެވެ. “އައި ޝޮރީ މާމީ.”
ހަނީނާ އޭނާގެ ކޮލުގައި ހިފާލުމަށްފަހު އުފުލާލިއެވެ. އޭނާގެ މޫނުމައްޗަށް އިސްތަށިގަނޑު އެޅިފައިވާއިރު، ހިނިތުންވެލާއިރު ކަނާތު ކޮލަށް އަޑިވެއެވެ. މާޝާﷲ އެއީ ވަރަށް ލޯބި ކުއްޖެކެވެ.
“އާރްޔާން، މިއީ ތަސްނީމް. ތަސްނީމް، މިއީ އަހަރެންގެ ދެ އަހަރުގެ ދަރިފުޅު އާރްޔާން.”
“ޗަލާ އަލައިކުމް،” އަތް ދިއްކޮށްލަމުން އެ ކުއްޖާ ބުންޏެވެ.
އަހަރެން އުފަލުން “ވައަލައިކުމުއްސަލާމް” އޭ ބުނެ އެ ކުޑަކުޑަ އަތުގައި ހިފާލީމެވެ.
އޭނާ އޭނާގެ މަންމަގެ ކޮނޑުގައި މޫނު ފޮރުވާލަމުން މަޑުމަޑުން ބުންޏެވެ. “މާމީ، އޭނާ ވަރަށް ރީތި.”
އަހަރެން އޭނާގެ ކޮލުގައި ހިފާލީމެވެ. “ޝުކުރިއްޔާ އާރްޔާން. ތީ ވަރަށް ލޯބި ކުއްޖެއް.”
އާރްޔާން މަންމަގެ އަތްދަށުން ފައިބައިގެން ގޮސް މޭޒުތައް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.
“އައިމާން، މެހެމާނަކު އަތުވެއްޖެ،” ހަނީނާ ބުންޏެވެ.
އައިމާން ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އޭނާގެ ޖެހިލުންކުޑަ ގޮތުން އަހަރެން ކުޑަކޮށް ފަސްޖެހުނެވެ.
“ހޭ، ތަސްނީމް ދޯ؟” އޭނާ އިށީނުމަށް އިޝާރާތް ކުރިއެވެ. އަހަރެން ގޮނޑިއެއް ކައިރިކޮށްލައިގެން އިށީނީމެވެ.
“އާދެ ސަރ،” އަހަރެން ޖަވާބު ދިނީމެވެ.
ހަނީނާ ވަރަށް ބާރަށް ހޭންފެށިއެވެ. “ތި ގޮވަނީ އޭނާއަށް ސަރ އޭތަ؟ މާތް ކަލާކޯ!” އޭނާ ބަނޑުގަ އަތްއަޅައިގެން އޮވެ ހީހީ ހަލާކުވިއެވެ.
އައިމާން ހިނިތުންވުމަކާއެކު ހަނީނާއަށް ބަލައިލިއެވެ. އާރްޔާން އިނީ އޭނާގެ ބައްޕަގެ އުނގުގައެވެ.
“އާރްޔާން، މަންމަ އެއީ މޮޔައެއް،” އައިމާން އާރްޔާންގެ ގާތުގައި ބުންޏެވެ.
އާރްޔާން ހިނިތުންވެލި ވަގުތު އޭނާ އޭނާގެ ބައްޕައާ ހުރި ވައްތަރުކަން އަހަރެންނަށް ފާހަގަވިއެވެ.
“އާނ، މާމީ މޮޔަ!” އާރްޔާން އަތްޖަހަމުން ބުންޏެވެ.
“އެހެންތަ؟” ހަނީނާ އައިމާނަށް ބަލައިލިއެވެ. “އަހަރެންގެ ދަރިފުޅު ލައްވާ ތިބުނުވަނީ އަހަރެން މޮޔައޭ ދޯ. ފަހުން ބަލާލާނަން.”
އޭނާ ހިނިތުންވުމަކާއެކު ގޭތެރެއަށް ވަދެގެން ދިޔައެވެ. އޭނާ ދިއުމުން އަހަރެން ކުޑަކޮށް ލަދުގަނެ، އިސްޖަހާލައިގެން އިނދެ އަތުގެ އިނގިލިތަކާ ކުޅެން ފެށީމެވެ.
“ތަސްނީމް، ކުޑަކުދިންނާ ލައިކްވަންތަ؟” އައިމާން ސުވާލުކުރިއެވެ.
އަހަރެން އިސްއުފުލާލުމަށްފަހު ޖަވާބު ދިނީމެވެ. “އާދެ، އަހަރެން ދަންނަވާނީ ލައިކް ނުވަމެކޭ ނޫން. އަހަރެންނަކީ މާ އަވަހަށް ރުޅިއަންނަ މީހެއް ނޫން، އަދި ކުދިން ބޭނުންވާ ކަންކަން ވިސްނައިދޭން މަސައްކަތްކުރަން.”
އައިމާން ބޯޖަހާލިއެވެ. އެވަގުތު އާރްޔާން އައިސް އަހަރެންގެ ކައިރީގައި މަޑުކޮށްލިއެވެ.
“އަޕް އަޕް (އުފުލާލާ)!” އޭނާ ދެއަތް އުފުލާލަމުން ބުންޏެވެ.
އަހަރެން އައިމާނަށް ބަލައިލީ ހަދަންވީ ގޮތެއް ނޭނގިގެންނެވެ.
އޭނާ ހީލުމަށްފަހު ބުންޏެވެ. “އޭނާ އެ ބޭނުންވަނީ އޭނާ އުފުލާލަން.”
“އޯ،” އަހަރެންނަށް ވިސްނުނެވެ. އަހަރެން އާރްޔާން އުފުލާލުމަށްފަހު މޭޒުމަތީގައި ބޭންދީމެވެ. އޭނާ އަހަރެންގެ ކަރުގައި އޮތް ފަށާ ކުޅެން ފެށިއެވެ.
“އެނގޭތަ، އާރްޔާންއަށް ތަސްނީމް ވަރަށް ކަމުގޮސްފި،” އައިމާން ބުންޏެވެ.
“އެހެންތަ؟” އަހަރެން އުފަލުން އަހާލީމެވެ.
“އާނ، އާއިލާގެ މީހަކަށް ނޫނީ އޭނާގެ ގައިގައި އަތްލާކަށް އޭނާ ފުރުޞަތެއް ނުދޭނެ. އެކަމަކު އޭނާ ތަސްނީމާ ގަޔާވެއްޖެ. އެހެންވީމާ، ތި ވަޒީފާ ތަސްނީމަށް ލިބިއްޖެ.”
އަހަރެންގެ ހިތް އުފަލުން ފުރުނެވެ. ހިތާހިތުން ނަށައިގަނެވުނު ނަމަވެސް، ބޭރުފުށުން ހަމަޖެހިލައިގެން އިނީމެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން މި ވަޒީފާ ވަރަށް ފުރިހަމައަށް އަދާކުރާނަން.”
އަހަރެން އާރްޔާންއާ ސަލާމްކޮށްލުމަށްފަހު، އައިމާން އާރްޔާން ގޮވައިގެން ގޭތެރެއަށް ވަނެވެ. އެމީހުން ތިބީ އެއްކުލައެއްގެ ހެދުމުގައެވެ. ހަނީނާ ހުރީ ބަދިގެ ސާފުކުރާށެވެ.
“ތަސްނީމް، ފެންތަށްޓެއް ބޯލަންވީނު؟ ކުކީސްވެސް އެބަހުރި،” ހަނީނާ ބުންޏެވެ. އަހަރެން ފެންތަށި ބޯލުމުން އޭނާ ކުކީސް ދަޅު ދިއްކޮށްލިއެވެ.
“މާމީ، އާޔާން ބޭނުން ކުކީ،” އާރްޔާން ތުންފިއްތާލަމުން ބުންޏެވެ.
“އާރްޔާންއަށް ދެން ކުކީއެއް ނުލިބޭނެ، ބައްޕިއާއެކު މިހާރުވެސް ވަން ކުކީ އީޓްކޮށްފީމެއްނު،” ހަނީނާ ލޯބިން ބުންޏެވެ.
އާރްޔާން ރޯން ތައްޔާރުވެލި ގޮތުން އޭނާ އައިމާނާ ހުރި ވައްތަރުކަން އަހަރެންނަށް ފާހަގަވިއެވެ. ހަނީނާ އަވަހަށް އޭނާ އުފުލާލައި، ކޮލަށް ދޮނެދިނެވެ.
“ޝޫޝޫ… ނުރޮއޭ، މަންމަ ވަން ކުކީ ދޭނަމޭ.”
އޭނާ އަތްޖަހަން ފެށުމުން އަހަރެން ހިނިތުންވެލީމެވެ. “ޝުކުރިއްޔާ ހަނީނާ، ތީ ވަރަށް ހިތްހެޔޮ މީހެއް. އާރްޔާން، ފަހުން ބައްދަލުވާނެ، ބާއި.”
ހަނީނާ އާއި އާރްޔާން އަހަރެން ކާރާ ހަމައަށް ފޮނުވަން އައެވެ. އަހަރެން ކާރު ދުއްވާލާފައި ގެއަށް ދިޔައީމެވެ.
****
އަހަރެން ގެއަށް ގޮސް ސަބީނާ އާއެކު ވަގުތު ހޭދަކުރީމެވެ. އަހަރެމެން ތިބީ މާލިކާއި ސަދީގު ތިރިއަށް އަންނަންދެން މަޑުކޮށްގެންނެވެ.
އަހަރެންނަށް ވަޒީފާ ލިބުމުގެ އުފަލުގައި އެމީހުން އަހަރެމެން ޕާޓީއަކަށް ގެންދާނެ ކަމަށް ބުންޏެވެ. ވަޒީފާގެ އިތުރުން ހަނީނާއާ ބައްދަލުވުމުންވެސް އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އަހަރެން ހުރީ ހައިތަމް އަންނަންދެން މި އުފާވެރި ޚަބަރު އޭނާއާ ހިއްސާކުރަން ކެތްމަދުވެފައެވެ.
“ތަސްނީމް، އަހަރެންގެ ރަހުމަތްތެރިއަކު ބޭނުންވޭ ތަސްނީމްގެ ނަންބަރު،” ސަބީނާ ބުންޏެވެ.
އަހަރެން ހައިރާންވެފައި އަހާލީމެވެ. “އެއީ ކާކު؟”
ސަބީނާ ލާނެތް ގޮތަކަށް ހީލަމުން ބުންޏެވެ. “އެދުވަހު ތަސްނީމް ބުނި ރީތި ކުއްޖާ، ޒައިދު! ހަނދާން އެބަހުރިތަ؟”
އެ އަޑުއިވުމުން އަހަންނަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އަދި އަވަހަށް ނަންބަރު ދިނީމެވެ. ޒައިދަކީ ސަދީގުއާއި ސަބީނާއާއެކު ހިޔަލަ ޔުނިވަރސިޓީގައި ކިޔަވާ ކުއްޖެކެވެ. އަހަރެން އޭނާ ދެތިން ފަހަރަކު ދުށީމެވެ، އެކަމަކު ވާހަކަދައްކާލާކަށް ނުކެރުނެވެ.
“އޭނާ ދެކެ ލޯބިވޭތަ؟” ސަބީނާ އެހިއެވެ.
“އާނ،” އަހަރެން ލަދުން އިނދެ އެއްބަސްވީމެވެ.
ދެން މާލިކާއި ސަދީގު ތިރިއަށް އައުމުން އަހަރެމެން ނުކުތީމެވެ.
“ތިޔަދަނީ ކޮންތަނަކަށް؟” ބަދިގެއިން ނުކުތް އިވްރިޝާ ސުވާލުކުރިއެވެ.
އަހަރެން އަހަރެންގެ ދައްތައަށް ބަލައިލީމެވެ. އޭނާއަކީ ރީތި، ބަސްއަހާ، އަދި ހިތްހެޔޮ މީހެކެވެ. އަހަރެމެންގެ ދެމެދުގައި މައްސަލައެއް ޖެހެނީ ވަރަށް މަދުންނެވެ.
“މާލިކާއި ސަދީގު އަހަރެމެން ބޭރަށް ގެންދަނީ!” އަހަރެން ބުނީމެވެ.
މާލިކާއި އިވްރިޝާއަކީ އަބަދުވެސް ބަހުސްކުރާ ދެމީހުންނެވެ.
“އިވްރިޝާ، މިއަދު ތި ފެންނަނީ މާ ބޮޑަށް ހަޑިކޮށް،” މާލިކް އޭނާއާ ދިމާކޮށްލިއެވެ.
އިވްރިޝާގެ މޫނާއި ހަށިގަނޑުގައި ބައެއް ލަކުނުތައް ހުއްޓެވެ. އެއީ ކިހިނެއް ލިބުނު ލަކުނުތަކެއްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އެއީ އޭނާގެ އަމިއްލަ ވާހަކައަކަށްވާތީ އެވާހަކަ ދެއްކުން ރަނގަޅެއް ނޫނެވެ.
އެންމެފަހުން އަހަރެމެން މާލިކްގެ އައުޑީ ކާރުގައި ދާން ފެށީމެވެ. އަހަރެން ހުރީ ވަރަށް ބޮޑަށް ފޯރިގަދަވެފައެވެ. އަހަރެން ދުވަހަކުވެސް ޕާޓީއަކަށް ނުދަމެވެ. އުއްމީދު ކުރީ މިރޭ ވަރަށް މަޖާވާނެ ކަމަށެވެ.
އިވްރިޝާގެ ނަޒަރުން:
ގޭތެރެ އޮތީ ވަރަށް ހިމޭންކޮށެވެ. އަހަރެން އިނީ ފޫހިވެފައެވެ. ޚަލީލްގެ ޚަބަރެއް ނުވާތީ އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައެވެ. މުޅި ދުވަސް ދިޔައީ އޭނާގެ މަތިން ހަނދާންކޮށް އެކަމުގެ މޮޅީގައެވެ.
މިހާރު ރޭގަނޑު ދިހައެއް ޖަހައި ބޮޑުވެއްޖެއެވެ. އަހަރެން ކޮޓަރިން ނުކުމެ މަންމަގެ ކޮޓަރިއަށް ދިޔައީމެވެ. މަންމަ އޮތީ އައިޕެޑުން އެއްޗެއް ބަލާށެވެ.
“ކިހިނެއްވީ؟” އަހަރެން ފެނުމުން މަންމަ އެހިއެވެ. މަންމައަށް އަހަރެން ދެރަވެފައި ހުރިކަން ވަގުތުން އެނގުނެވެ.
“މަންމާ، އެއީ ޚަލީލްގެ ކަމެއްގަ،” އަހަރެން ދެރަވެފައި ބުނީމެވެ.
މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަދިނެވެ. އަހަރެމެންގެ ދެމެދުގައި މައްސަލައެއް ޖެހުނީކަން މަންމައަށް އެނގުނެވެ.
“ކޮންމެ ކަމެއްވިޔަސް، ތިމާގެ ކުށެއް އޮތްނަމަ މައާފަށް އެދޭ،” މަންމަ ނަސޭހަތް ދިނެވެ.
އަހަރެން މަންމަގެ ގައިގައި ބައްދާލުމަށްފަހު، ކޮޓަރިއަށް ގޮސް އޮށޯތީމެވެ. ޚަލީލްގެ ކޯލެއް އަތުވެދާނެ ކަމުގެ އުއްމީދުގައި ފޯނަށް ބަލަބަލައި އޮތީމެވެ.
— ނުނިމޭ —
