ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިވްރިޝާ – އެޕިސޯޑް 12

“ކިހިނެއްވީ؟” އަހަރެން ފެނުމުން މަންމަ އެހިއެވެ. މަންމައަށް އަހަރެން ދެރަވެފައި ހުރިކަން ވަގުތުން އެނގުނެވެ.

“މަންމާ، އެއީ ޚަލީލްގެ ކަމެއްގަ،” އަހަރެން ދެރަވެފައި ބުނީމެވެ.

މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަދިނެވެ. އަހަރެމެންގެ ދެމެދުގައި މައްސަލައެއް ޖެހުނީކަން މަންމައަށް އެނގުނެވެ.

“ކޮންމެ ކަމެއްވިޔަސް، ތިމާގެ ކުށެއް އޮތްނަމަ މައާފަށް އެދޭ،” މަންމަ ނަސޭހަތް ދިނެވެ.

އަހަރެން މަންމަގެ ގައިގައި ބައްދާލުމަށްފަހު، ކޮޓަރިއަށް ގޮސް އޮށޯތީމެވެ. ޚަލީލްގެ ކޯލެއް އަތުވެދާނެ ކަމުގެ އުއްމީދުގައި ފޯނަށް ބަލަބަލައި އޮތީމެވެ.

———

އިވްރިޝާގެ ނަޒަރުން:

ދުވަސްތައް ފާއިތުވަމުން ގޮސް އޮކްޓޯބަރު މަސް ނިމެން ކައިރިވެއްޖެއެވެ. އަހަރެންގެ ދިރިއުޅުން ވަރަށް ފޫހިވެފައި ކަހަލައެވެ. ހޭލައިގެން ކައިބޮއި، ފެންވަރައި، ފިލްމު ބަލައި، އަދި ބައެއް ފަހަރު އާޚިރާ އާއެކު ވަގުތު ހޭދަކުރަމެވެ. އާޚިރާ އަހަރެންގެ ގާތަށް އަންނަ އިރު ޝިރާނީ އަބަދުވެސް އުޅެނީ ބޭރުގައެވެ.

ޚަލީލާއި އަހަރެންގެ ދެމެދުގައި އޮތް ގުޅުން މިހާރު ވަނީ އާދައިގެ ހާލަތަކަށް އައިސްފައެވެ. އަހަރެމެންގެ ދެމެދުގައި ހިނގި ދެބަސްވުމަށް ހަފުތާއެއް ފަހުން އޭނާ މަޢާފަށް އެދުނެވެ. އެއީ އޭނާގެ ވަރަށް ހިތްހެޔޮކަމެކެވެ. އަހަރެން އޭނާއަށް ގުޅައިގެން ވާހަކަދައްކަން ތައްޔާރުވެފައި ހުއްޓާ، އޭނާ އަހަރެންނާ ބައްދަލުކުރަން އައިސް ހުރި ކަމަށް މަންމަ ބުންޏެވެ.

މިއަދަކީ ބަރަކާތްތެރި ހުކުރު ދުވަހެކެވެ. ރަސްމީ މަސައްކަތެއް ނެތުމުން، ހަލީމާ ދައްތައާއި ހައިޘަމް ވެސް ތިބީ ގޭގައެވެ. އަހަރެން ތިރީ ފަންގިފިލާގެ ކޮރިޑޯގެ ކޮޅުގައި ހުންނަ ހައިޘަމްގެ ކޮޓަރިއަށް ދިޔައީމެވެ. އަހަރެން ހުރީ ވަރަށް ފޫހިވެފައި ކަމުން، ވާހަކަދައްކާލާނެ މީހަކު ބޭނުންވެފައެވެ.

ތަސްނީމްއާއި ސަބީނާ ގޭތެރޭގެ އެއްވެސް ހިސާބަކުން ފެންނާކަށް ނެތެވެ.

“ހައިޘަމް، ތިތާ އެބައުޅެންތަ؟” ކޮޓަރީގެ ދޮރުމަތީގައި ހުރެ އަހަރެން އަހާލީމެވެ.

“އާނ އިވްރީ! މި ނުކުންނަނީ.”

މިހެން ބުނުމާއެކުހެން އޭނާ ބޭރަށް ނުކުތެވެ. އޭނާ ހުރީ ޖީންސަކާއި އަތްކެނޑި ޓީޝާޓެއް ލައިގެންނެވެ.

އަހަރެމެން އާދައިގެ ވާހަކަތަކެއް ދައްކަމުން ބަދިގެއާ ދިމާއަށް ދިޔައީމެވެ.

“މިއަދު އެއްވެސް ރޭވުމެއް އެބައޮތްތަ؟” ބަދިގޭގެ ކޮފީ ކައުންޓަރު ކައިރީގައި ހުރި އުސް ގޮނޑިއެއްގައި އިށީންނަމުން ހައިޘަމް އެހިއެވެ.

އަހަރެން ބޯކަހާލަމުން، އައިސްއަލަމާރިން އައިސްކްރީމް ތަށްޓެއް ނެގުމަށްފަހު މަތީގައި ހުރި ކަބަޑުން އޮރިއޯ ޕެކެޓެއް ނެގީމެވެ.

“އަދި އެއްވެސް ރޭވުމެއް ނެތް،” އަހަރެމެން ދެމީހުންގެ ތަށިތަކަށް އައިސްކްރީމް އަޅަމުން އަހަރެން ޖަވާބު ދިނީމެވެ.

“އަހަރެމެންނަށް މެންދުރުގެ ކެއުމަށް ބޭރަށް ދެވިދާނެ،” އަހަރެންގެ އަތުން އޮރިއޯއެއް ޖަހައިގަންނަމުން ހައިޘަމް ބުންޏެވެ.

އަހަރެން އޭނާއަށް ބަލާލީމެވެ. “ދެން ތިހެން ހަދައިފިއްޔާ އަތް ބުރިކޮށްލާނަން.”

އޭނާ ހީލަމުން ދޫ ނެރެލިއެވެ. “ފުރަތަމަ އަހަރެން އަތުލައިގަނެބަލަ.”

އައިސްކްރީމް ކައި ނިމުމުން، އަހަރެން ތައްޔާރުވާން ދިޔައީމެވެ. އަހަރެން ލީ ކަޅާއި ފިޔާތޮށި ކުލައިގެ ޝޯލްއަކާ ގުޅޭ ގަޔަށް ބާރު ހެދުމެކެވެ. އެއީ އެއްވެސް ކުރެހުމެއް ނެތް ސާދާ ހެދުމެކެވެ. އަހަރެންނަށް ކަމުދަނީ އެފަދަ ގޮތްގޮތެވެ.

ސެންޓް ޖަހައި، ކޮނޑުގައި އަޅުވާ ކަޅު ކުލައިގެ ދަބަސް އަޅުވައިގެން، މަންމައަށް އަންގާލުމަށް ކޮޓަރިން ނުކުތީމެވެ.

“މަންމާ، އަހަރެންނާއި ހައިޘަމް މިދަނީ ބޭރަށް!”

މަންމައާއި ހަލީމާ ދައްތަ ތިބީ ތިރީގައި ހުންނަ ކަސްރަތު ކުރާ ކޮޓަރީގައެވެ. އެމީހުން ފަލަވާން ބޭނުންނުވާތީ، ދޭތެރެ ދޭތެރެއިން ކަސްރަތު ކުރެއެވެ. އެވަގުތު އެމީހުން ތިބީ މެޓް މަތީގައި އިށީނދެލައިގެން އަރާމުކުރާށެވެ.

މަންމަ ބޯޖަހާލަމުން މާނޭވާލިއެވެ. “މާ ލަސްނުވާތި. ކައިވެނީގެ ކަންކަން ރާވާ މީހާ މާލަހެއް ނުވެ އަންނާނެ.”

“އޯކޭ މަންމާ.” އަހަރެން މަންމައާއި ހަލީމާ ދައްތަގެ ގައިގައި ބައްދާލުމަށްފަހު ދިޔައީމެވެ. ހައިޘަމް ހުރީ ބޭރު ދޮރުމަތީގައި އަހަރެންގެ އިންތިޒާރުގައެވެ.

“ހިނގާ ދާން!” އަހަރެން އުފަލުން އަތްޖަހާލީމެވެ.

ހައިޘަމް ހީލުމަށްފަހު ކާރުގެ ތަޅުދަނޑި ނަގައިގެން އަހަރެމެން ނުކުތީމެވެ.

****

އަހަރެމެން މިހާރު ތިބީ ކުޑަދޮރު ކައިރީގައި ހުރި މޭޒެއްގައެވެ. އޯޑަރު އަދި ނުލިބެއެވެ. އަހަރެމެން ދެމީހުން ތިބީ ފިނި އެއްޗެއް ބޮމުން އާދައިގެ ވާހަކަތަކެއް ދައްކާށެވެ.

“އެހެންވީމާ…” ހައިޘަމް މަޑުމަޑުން އަހާލިއެވެ. “ޚަލީލް ކޮބާ؟”

ދޫ ގަނޑުވެދާނެތީ ބިރުން، އަހަރެން ވަރަށް ފަރުވާތެރިކަމާއެކު ފިނިބުއިން ބޮމުން ދިޔައީމެވެ.

“އޭނާ އުޅޭނީ އޭނާގެ އާއިލާއާއެކު ކަންނޭނގެ. އެކަމަކު ޔަގީނެއް ނޫން، މިއަދު ހެނދުނު ވާހަކައެއް ނުދައްކަން.”

“އޭނާއަކީ ބޮޑު އާއިލާއެއްގެ މީހެއް ކަމަށް އަޑުއެހިން.”

“އާނ، އެއީ ތެދެއް،” އަހަރެން ޔަގީންކޮށްދިނީމެވެ. “އަހަރެންގެ އުއްމީދަކީ އެމީހުންގެ ނަންތައް ހަނދާން ނުނެތުން.”

ހައިޘަމް ހީލަމުން އަހަރެންގެ އަތުގައި ފިރުމާލިއެވެ. “ހަނދާން ނައްތާނުލާތި.”

އަހަރެން ބޯޖަހާލީމެވެ. “ޔަސްމީން ކޮބާ؟” އަހަރެން މަލާމާތުގެ ހިނިތުންވުމަކާއެކު އަހާލީމެވެ.

ހައިޘަމްގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. “އެއީ ވަރަށް އުނދަގޫ އަންހެން ކުއްޖެއް. އަހަރެން އޭނާދެކެ ލޯތްބެއް ނުވޭ، އޭނާވެސް އަހަރެންދެކެ ލޯތްބެއް ނުވޭ. އަހަރެމެންގެ މަންމަމެން ޖެހޭނީ އަހަރެމެންގެ އިހުސާސްތަކަށް އިހުތިރާމްކޮށް، އަވަސް ކައިވެންޏަކަށް އުއްމީދުކުރުން ހުއްޓާލަން،” އޭނާ ކަންބޮޑުވެފައި ހުރެ ބުންޏެވެ.

“ހަލީމާ މަންމަ އެކަމާ އެހާ ބޮޑަށް ބާރުއަޅާއިރު، މަސައްކަތް ކުރަމުން ގެންދޭ،” އަހަރެން ލަފާ ދިނީމެވެ.

ހައިޘަމް ފުން ނޭވާއެއްލަމުން ތުންފަތުގައި ދަތްއަޅާލިއެވެ. މިކަމުގެ ސަބަބުން އޭނާއަށް ވަރަށް އުނދަގޫވާކަން އަހަރެންނަށް އެނގުނެވެ. އޭނާގެ ސިފަތަކަށް ބަލާލިއިރު، ހައިޘަމަކީ ވަރަށް ރީތި މީހެކެވެ. އޭނާގެ ހުންނަނީ މަޑު މުށިކުލައިގެ ދެލޮލާއި، ރީތި ނޭފަތަކާއި، ތޫނު ދަތްދޮޅިއެކެވެ. މޫނުމަތިން ކުޑަކޮށް ތުނބުޅި ފަޅަން ފަށާފައި ހުއްޓެވެ.

އަހަރެން ހިތާހިތުން ބުނީމެވެ، ހައިޘަމް ކަހަލަ ރީތި، ހިތްހެޔޮ، ދީންވެރި އަދި މުއްސަނދި މީހަކު ކަމުނުދާނަމަ އެ ޔަސްމީނަކީ ހަމަ މޮޔައެކެވެ. މީގެ އިތުރަށް ބޭނުންވާނީ ކޮން އެއްޗެއް ހެއްޔެވެ؟

ކުއްލިއަކަށް އަހަރެމެންނާ ދިމާއަށް އަންނަ ދެ އަހަރުގެ ލޯބި ފިރިހެން ކުއްޖަކު ފެނުނެވެ. އޭނާގެ އަތުގައި އައިސްލޮލީއެއް އޮތްއިރު، ހިނގަމުން ދިޔައިރު މަޑުމަޑުން އެއްޗެހި ކިޔަމުން ދިޔައެވެ.

“ހައިޘަމް، ބަލާބަލަ އެހަރަ ލޯބި ކުއްޖެއް!” އަހަރެން އެ ކުއްޖާއަށް އިޝާރާތް ކުރަމުން ބުނީމެވެ. ހައިޘަމް އެ ކުއްޖާއަށް ބަލާލިއިރު، އެ ކުއްޖާ ހުރީ އަހަރެމެންނާ ދާދި ގާތުގައެވެ.

އޭނާ ހުރީ ހިނިތުންވެފައެވެ. އޭނާގެ ޗަބީ ދެކޮލުގައި އައިސްލޮލީގެ ތަތްކަން ހުއްޓެވެ.

“ހޭއި!” އަހަރެންނަށް ބުނެވުނެވެ. އެ ކުއްޖާ އަހަރެންގެ ހިތް އަތުލައިފިއެވެ. އެހާވެސް ލޯތްބެވެ.

“ޗަލަ އަލައިކުމް،” ތުންފަތް ލޮަވެލަމުން އޭނާ ބުންޏެވެ.

އަހަރެން ހިނިތުންވެލީ އެ ކުއްޖާގެ ލޯބިކަމުން ހައިރާންވެ ހުރެއެވެ.

“ވައަލައިކުމުއްސަލާމް،” ހައިޘަމް އެ ކުއްޖާގެ ކޮލުގައި ކޮއްޓާލަމުން ބުންޏެވެ.

އަހަރެންނަށް ކެތެއް ނުކުރެވުނެވެ. އެ ކުއްޖާ އުނގަށް ނަގައި އަހަރެންގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބޭންދީމެވެ. އޭނާ ލައިގެން ހުރީ ނޫކުލައިގެ ކުރު ސޯޓަކާއި އެނިމޭ ޓީޝާޓެކެވެ. އަތުގައި ރިހި އުޅެއެއް އޮތެވެ.

އަހަރެން އޭނާގެ މަންމަ ފެނޭތޯ ބަލައިލީމެވެ. އެ ކުއްޖާގެ ލޯބިކަމުން، އޭނާގެ މަންމައާ ރަހުމަތްތެރިވާން ވެސް އަހަރެން ބޭނުންވިއެވެ.

“ކޮބާ ކޮއްކޮގެ ނަމަކީ؟” އަހަރެން އެހީމެވެ. އޭނާގެ ގަދަ މުށިކުލައިގެ ދެލޮލުން އަހަރެންގެ މޫނަށް ބަލަމުން ދިޔައެވެ. ހީވަނީ އަހަރެން ދަސްކުރަނީ ހެންނެވެ. އޭނާ ރޮއިނުގަންނާނެ ކަމަށް އުއްމީދު ކުރަމެވެ.

“އަޔާން…” އޭނާ މަޑުމަޑުން ބުނެލިއެވެ. އަދި އޭނާގެ ރަތްކުލައިގެ އައިސްލޮލީ ބޯލިއެވެ. އޭނާ އެއަށް ވަރަށް ގަޔާވެފައި ހުރި ކަން އެނގެއެވެ.

“އަޔާން؟؟” ހައިޘަމް އޭނާގެ އަތާ ކުޅެލަމުން ބުންޏެވެ. “ކޮބާ މަންމަ؟”

އެވަގުތު ކަޅު ކުލައިގެ އަބާޔާއެއް ލައިގެން ހުރި ދިގު އަންހެނަކު އަހަރެމެންނާ ދިމާއަށް ދުވެފައި އައެވެ. އަހަރެމެންގެ ހަތަރުކަޅި ހަމަވުމުން އޭނާ މައާފަށް އެދޭ ފަދަ ގޮތަކަށް ހިނިތުންވެލިއެވެ. މޮޔައޭ ހިތަށް އަރާފާނެއެވެ، އެކަމަކު އޭނާ ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއް އަހަރެންވިއެވެ.

“އާރްޔަން ތިޔަބޭފުޅުންނަށް އުނދަގޫ ކުރީތީ ވަރަށް ބޮޑަށް މައާފަށް އެދެން. މި ކުއްޖާ އަކީ ވަރަށް ބޭރަށް ދާން އުޅޭ ކުއްޖެއް،” އޭނާ އަނެއްކާވެސް ހިނިތުންވެލިއެވެ. އޭނާގެ އުމުރުން ވާނީ ގާތްގަނޑަކަށް 17 އަހަރެވެ.

އަހަރެން ވަގުތުން އާރްޔަންގެ ދިފާއުގައި ވާހަކަ ދެއްކީމެވެ. “އެއީ އެއްވެސް މައްސަލައެއް ނޫން! އާރްޔަން އަކީ ވަރަށް ލޯބި ކުއްޖެއް. ތިއީ ވަރަށް ލޯބި ދަރިއެއް،” އަހަރެން އޭނާއަށް ބުނީމެވެ.

އޭނާ ހުރީ ހައިޘަމަށް ފުރަގަސް ދީގެންނެވެ. އަހަރެން ހައިޘަމަށް ބަލާލިއިރު، އޭނާ ހުރީ މާނޭވާލާން އުނދަގޫވެފައެވެ. އޭނާއަށް އެ އަންހެން ކުއްޖާއާ ދިމާއިން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ވަރަށް ލަސްލަހުން އޭނާ ވާހަކަދެއްކި އަޑު އިވުނެވެ.

“ހަނީނާ؟!” އޭނާ ހައިރާންކަމާއެކު ބުނެލިއެވެ. އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ.

އެ އަންހެން ކުއްޖާ ވަގުތުން އެނބުރުނެވެ. އޭނާގެ އަނގައިން ވެސް ހައިރާންކަމުގެ އަޑެއް ނުކުތެވެ.

“ހައިޘަމް؟” އޭނާ ވެސް މަޑުމަޑުން ބުނެލިއެވެ.

އެވަގުތު އަހަރެން ވެސް ހުރީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. ފިލްމުތަކުގައި ފެންނަ ފަދަ މަންޒަރެކެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން، އެއްވެސް ވާހަކައެއް ނުދައްކާ ތިބި މަންޒަރެވެ.

ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް ހުރިހާ ކަމެއް ވިސްނުނެވެ. އާރްޔަން އެހާ ދަންނަ ކުއްޖަކާ ވައްތަރުވީ އެހެންވެގެންނެވެ. އަހަރެން އިއްޔެ އޭނާގެ އިންސްޓަގްރާމް ޕޭޖުން އެ ކުއްޖާ ދުށީމެވެ. އަހަރެން ގޮނޑިން ތެދުވީމެވެ.

“އަހަރެން އާރްޔަން ގޮވައިގެން ގޮސްލަންތަ؟” އަހަރެން އެހީމެވެ. އާރްޔަން އުފަލާއެކު އަހަރެންގެ އަތްމައްޗަށް އައެވެ. އަދި އެމީހުންނަށް އެކަނި ވާހަކަދައްކާލަން ފުރުސަތު ދިނުމަށްޓަކައި އަހަރެން ދުރަށް ދިޔައީމެވެ.

ހައިޘަމް އޭނާގެ އަސްލު އާއިލާއާ ވަކިން އެތައް އަހަރެއް ހޭދަކުރުމަށްފަހު، އެންމެ ފަހުން އޭނާގެ  އައްލު ކޮއްކޮ ނުވަތަ ދައްތައާ ބައްދަލުވީއެވެ. އޭނާގެ ކޮއްކޮއާ ބައްދަލުވުމުގެ ފުރުސަތު ލިބުނީތީ އަހަރެން ވަރަށް އުފާވެއެވެ. އެއީ އޭނާ އަބަދުވެސް ވަރަށް ލޯބިން ދައްކާ ވާހަކައެވެ.

“ބޭބީ… ބޭބީ!” އާރްޔަން އަހަރެންގެ އަތްމަތީގައި ހުރެ ހަޅޭއްލަވައިގަތެވެ. އޭނާ އިޝާރާތް ކުރީ ދޮރުމަތީގައި ހުރި މޭޒެއްގެ ކައިރީގައި އިށީނދެގެން އިން އަންހެނަކަށެވެ. އެ އަންހެން މީހާގެ ކުރިމަތީގައި އެއް އަހަރުގެ އަންހެން ކުއްޖަކު އިނެވެ.

އެ އަންހެން މީހާ އަޑު އިވުމުން އެނބުރި ބަލާލިއެވެ. އަހަރެން އޭނާގެ ގާތަށް ދިޔައީމެވެ. “ހޭއި، އަހަރެންނަކީ އިވްރިޝާ،” އަހަރެން ތައާރަފުވީމެވެ.

“އަހަރެންނަކީ އާލިޔާ،” އޭނާ މަޑުމަޑުން ބުންޏެވެ. “ކިހިނެއް އާރްޔަން އާ ދިމާވީ؟ ހަނީނާ ކޮބާ؟” އޭނާ ރީތިކޮށް އެހިއެވެ.

އާރްޔަން އަހަރެންގެ އަތުން ފުންމާލައި މޭޒުމައްޗަށް އެރިއެވެ. “ބޭބީ ބޭބީ” އޭ ކިޔަމުން ގޮސް އެ ކުއްޖާގެ ކޮލަށް ބޮސްދިނެވެ.

އެ ކުއްޖާ އެނބުރި ބަލާލުމަށްފަހު އޭނާ ދުރަށް ކޮއްޕާލިއެވެ. އެ ދެކުދިންގެ މޫނު ވަރަށް ވައްތަރެވެ. ކަނާތްފަރާތު ކޮލުގައި ލޯބި އަޑިވަޅެއް އިނެވެ.

“އޯހް! މިއީ އެއްމާބަނޑު ދެކުދިން ދޯ!” ހުރިހާ ކަމެއް ވިސްނުމުން އަހަރެން ބުނީމެވެ. ފޮޓޯއަށްވުރެ އަސްލު މިކުދިން މާ ލޯތްބެވެ.

އާރްޔަންގެ އެއްމާބަނޑު ކޮއްކޮ ލައިގެން އިން ފިޔާތޮށި ކުލައެއްގެ ހެދުމަކާއި ކަޅު ކުލައިގެ ލޯބި ބޫޓެކެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ތިން ބަޔަށް ބަހާލައިގެން ރީތިކޮށް އަމުނާފައެވެ.

“އިވްރިޝާ..؟؟ އަހަރެން ހަނދާން ނެތުނީތަ؟” އާލިޔާ ހާސްވެފައި ހުރެ ހިނިތުންވުމަކާއެކު އެހިއެވެ.

އަހަރެން ބޯހޫރުވާލަމުން މައާފަށް އެދުނީމެވެ. “ސޮރީ، އަހަރެން އެހެން ކަމަކަށް ވިސްނާލެވުނީ. ހަނީނާ އެއުޅެނީ އޭނާގެ ބޭބެ ހައިޘަމާއެކު.”

އާލިޔާ ހައިރާންވިއެވެ. އަހަރެންގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.

“އެމީހުން ބައްދަލުވީތަ؟؟ އޯ މައި ގޯޑް، ހައިޘަމް ދުނިޔޭގައި އެބަހުރިތަ؟!” އޭނާ ސުވާލުގެ ނަޒަރަކުން ބަލަމުން އެހިއެވެ.

އަހަރެން ފަހަތަށް އެނބުރި އެމީހުން ތިބި ދިމާއަށް އިޝާރާތް ކުރީމެވެ. އަހަރެންނަށް ފެންނަނީ ހައިޘަމްގެ ބޮލުގެ ފަހަތެވެ. ހަނީނާގެ މޫނު ފެނެއެވެ. އޭނާ ހުރީ ކަރުނަ ފުހޭށެވެ.

“އަހަރެން އޭނާއަށާއި، ހައިޘަމަށާއި އެންމެންނަށްޓަކާ ވަރަށް އުފާވެއްޖެ! މާޝާﷲ!” އާލިޔާ އަތްޖަހާލިއެވެ. އަދި އާރްޔަންގެ ކޮލުގައި ހިފާލިއެވެ. އާރްޔަން ވެސް އޭނާ ކޮޕީކޮށްލައި އަތްޖަހާލިއެވެ.

އަހަރެން އެ އަންހެން ކުއްޖާ އުނގަށް ނަގަން އުޅުމުން އޭނާ ފަހަތަށް ޖެހި، އާލިޔާގެ ގާތަށް ދިޔައެވެ.

“ބޭބީ ބިރުގަތީ،” އަހަރެންގެ އަތުގައި ތަޅާލަމުން އާރްޔަން ބުންޏެވެ.

އަހަރެން ހިނިތުންވެލީމެވެ. “އޭނާގެ ނަމަކީ ކޮބާ؟”

“ބޭބީ،” އަނެއްކާވެސް އާރްޔަން ޖަވާބު ދިނީ ހިނިތުންވެ ހުރެއެވެ. އޭނާގެ މެދުމިޔަ ދަތްތައް ހުރީ ވަރަށް ރީތިކޮށެވެ.

އާލިޔާ ހީލިއެވެ. “އޭނާގެ ނަމަކީ ޖަނާން. އެކަމަކު އާރްޔަން އޭނާއަށް ކިޔަނީ ބޭބީ. އަދި އޭނާއަކީ ބޭރު މީހުން ކައިރިއަށް ދާން ބޭނުންވާ ކުއްޖެއް ނޫން.”

އަހަރެން ބޯޖަހާލީމެވެ. “ދެން.. އާލިޔާއާއި ހަނީނާއަކީ ކޮން ކަހަލަ ގުޅުމެއް އޮންނަ ބައެއް؟”

ރެސްޓޯރެންޓުގެ ރަނގަބީލު ޖެހުނު އަޑު އިވުނެވެ. އެއީ ކަސްޓަމަރަކު ވަން ކަމުގެ ނިޝާނެކެވެ. ތަނުގައި ވަރަށް ގިނަ މީހުން ތިއްބެވެ. އެމީހުން ތިބީ ކައިބޮއި ވާހަކަދައްކާށެވެ. އަހަރެމެންގެ އޯޑަރު ލިބުނު ކަމެއް އަދިވެސް އަހަރެންނަކަށް ނޭނގެއެވެ. އާލިޔާގެ މޭޒުމަތީގައި ވެސް ކާއެއްޗެއް ނެތެވެ.

“އޭނާއަކީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ. އަހަރެމެން އެކަކު އަނެކަކު ދަންނަނީ ކުޑައިރުއްސުރެ،” އާލިޔާ ބުންޏެވެ.

“ކާއެއްޗަކަށް އޯޑަރު ދިނިންތަ؟” އަހަރެން އެހީމެވެ.

އޭނާ ބޯޖަހާލިއެވެ. “އާނ، ދިނިން. އެކަމަކު މިތާކު ނުކާނަން. އޯޑަރު ދިނީ ގެންދާ ގޮތަށް. އައިމަން – ހަނީނާގެ ފިރިމީހާ – ބޭނުމެއް ނުވޭ އޭނާ މާ ގިނައިރު ބޭރުގައި އުޅޭކަށް،” އޭނާ ލޯ އަރުވާލަމުން ބުންޏެވެ.

އަހަރެންނަށް އެއީ ތަފާތު ކަމަކަށް ވިޔަސް، ހަނީނާއާއި އޭނާގެ އާއިލާއާ ބެހޭ ހުރިހާ މަޢުލޫމާތެއް އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ. އާރްޔަން އާއި ޖަނާން އެހާ ލޯބިވީމާ، އެމީހުންގެ އާއިލާގެ އެހެން މީހުންނާއެކު ވަގުތު ހޭދަކުރުމަކީ އަހަރެންނަށް މައްސަލައެއް ނޫނެވެ.

ހަނީނާއާއި އޭނާގެ ރީތި ފިރިމީހާގެ ވާހަކަވެސް އަޑުއަހާލަން ވަރަށް ޝައުގުވެރިވެއެވެ.

“ހޭއި އެންމެން!” އަހަރެމެންގެ ގާތަށް ހަނީނާ އަންނަމުން ބުންޏެވެ.

“ހޭއި،” އަހަރެން ތެދުވަމުން ބުނީމެވެ. “އަދި ރަނގަޅަކަށް ތައާރަފެއް ނުވެވޭ ދޯ. އަހަރެންނަކީ އިވްރިޝާ.”

“އަދި އަހަރެންނަކީ ހަނީނާ. ހައިޘަމްގެ އަންހެނުންނާ ބައްދަލުވީތީ ވަރަށް އުފާވެއްޖެ! ކިތައް ކުދިން އެބަތިބި؟” ހަނީނާ ވަރަށް އުފަލުން ހުރެ ސުވާލުކުރިއެވެ. އޭނާގެ ދެލޯ ހުރީ އުފަލުން ވިދާލާފައެވެ.

“ކީކޭ؟!” ހައިޘަމް އޭނާގެ ކައިރިއަށް އައިސް ހުއްޓުނެވެ. “އިވްރިޝާއަކީ އަހަރެންގެ ދެބެންގެދެދަރި ކޮއްކޮއެއް. އަދި އަހަރެން ކައިވެންޏެއް ނުކުރަން،” އޭނާ ހީލަމުން އޮޅުންފިލުވައިދިނެވެ.

ހަނީނާ ބޯޖަހާލިއެވެ. “އެހެންވިޔަސް ބައްދަލުވީތީ ވަރަށް އުފާވެއްޖެ!”

“އަހަރެންވެސް،” އަހަރެން ޖަވާބު ދިނީމެވެ.

“ޒައިނަބު!” ހައިޘަމް އޭނާގެ ބޮލުގައި އަތްލަމުން ބުންޏެވެ. ” ނުބުނާތި މިހާ ހިކިފަ މީނދީ ޒައިނަބުއޭ. އޭނާ އަކީ ކުރިން ވަރަށް ފަލަ ކުއްޖެއް! ހަނީނާ ހަނދާން އެބަހުރިތަ؟” އޭނާ ހީލަމުން އާލިޔާގެ ކޮލުގައި އަތްލިއެވެ.

ހަނީނާ ބޯޖަހާލިއިރު އާލިޔާ ހުރީ ނުރުހިފައެވެ. “އަދިވެސް ތި ސަމާސާ ކުރުން ހުއްޓައެއް ނުލަން ދޯ ހައިޘަމް ބޭ؟!” އާލިޔާ ބުންޏެވެ. އޭނާގެ ކޮލަށް ރަތްކުލަ އަރައިގެން ދިޔަ ކަން އަހަރެންނަށް ފާހަގަކުރެވުނެވެ.

“ހާނނ! ހައިޘަމް ބޭ؟! އަހަރެން ހަނދާން އެބަހުރި ބައްޕަ މަޖުބޫރުކޮށްގެން އެހެން ކިޔުއްވިކަން. އަދި ހައިޘަމް އެ ނަމަށް ވަރަށް ފޫހިވޭ!” ޖަނާން އުނގަށް ނަގަމުން ހަނީނާ ހީލާފައި ބުންޏެވެ.

އަހަރެން ހައިޘަމާއި ހަނީނާގެ ސިފައަށް ބަލާލީމެވެ. އެ ދެމީހުންގެ ވައްތަރުކަން ވަރަށް ބޮޑެވެ. ދިގު ނޭފަތާއި، މަޑު މުށިކުލައިގެ ދެލޮލާއި، ހިނިތުންވުމުގައިވެސް އެއްގޮތް ގޮތްތަކެއް ހުއްޓެވެ.

އެއީ ހަމަ ހަގީގަތުގައިވެސް ބޭބެއާއި ކޮއްކޮއެވެ.

ހައިޘަމް ހީލިއެވެ. “އަހަރެން އެ ނަންދެކެ ވަރަށް ފޫހިވި. އަދިވެސް ފޫހިވޭ. އެހެންވީމާ އާލިޔާ، ހަމައެކަނި ހައިޘަމްއޭ ކިޔާ.”

“ނޫން،” އާރްޔަން އަތަށް ނަގައިގެން ތެދުވަމުން އާލިޔާ ބުންޏެވެ. “އަބަދުވެސް ކިޔާނީ ހައިޘަމް ބޭ.”

އޭނާ އެމީހުންގެ އޯޑަރުތައް ނަގައިގެން ހިނގައިގަތެވެ. ހައިޘަމްވެސް އަހަރެމެންގެ އޯޑަރުދިން ކެއުން ނެގިއެވެ. އަހަރެމެން އެމީހުންގެ ފަހަތުން ބޭރަށް ނުކުތީމެވެ.

“ތިޔަ އެންމެންނާ ބައްދަލުވީތީ ވަރަށް އުފާވެއްޖެ. އުއްމީދު ކުރަނީ އަވަހަށް ބައްދަލުވާނެ ކަމަށް،” އަހަރެން އިޚުލާޞްތެރިކަމާއެކު ބުނީމެވެ.

“އަހަރެމެންވެސް އިވްރިޝާ،” ހަނީނާއާއި އާލިޔާ އެކުގައި ބުންޏެވެ. ކުދިން ތިބީ ކާރުގެ ސީޓުގައި ބައިތިއްބާފައެވެ.

“ބާއި ބާއި އާރްޔަން އަދި ޖަނާން،” އަހަރެން އަތް ހޫރުވާލީމެވެ.

އާރްޔަން ހީލަމުން އަތް ހޫރުވާލިއިރު، ޖަނާން އިނީ ކިރު ފުޅި ބޯށެވެ.

“ހައިޘަމްއާ ބައްދަލުވީތީ ވަރަށް އުފާވެއްޖެ. ގުޅާތި އަދި ގެއަށް އަންނާތި. އައިމަންވެސް ހައިޘަމްއާ ބައްދަލުވީމާ ވަރަށް އުފާވާނެ،” ހައިޘަމްގެ ގައިގައި ބައްދާލުމަށްފަހު ހަނީނާ ބުންޏެވެ.

ހައިޘަމް ހިނިތުންވެ ހުރެ އޭނާގެ އަތުގައި ހިފާލިއެވެ. އޭނާ ހަނީނާއަށް ބަލަހައްޓައިގެން ހުރި ގޮތުން، ދޫކޮށްލަން ބޭނުންނުވާކަން އެނގެއެވެ.

“ހަނީނާ، އަހަރެން ގުޅާވަރުންނާ ތިގެއަށް ދާވަރުން ތިމީހުން ފޫހިވާނެ. އަހަރެންވެސް އެ މަޝްހޫރު އައިމަންއާ ބައްދަލުކުރަން ބޭނުން. އަހަރެންގެ ލޯބި ކޮއްކޮއަށް އޭނާ ކަންތައް ކުރަނީ ކިހިނެއްތޯ ބަލަން ޖެހޭނެ އެއްނު.”

ހަނީނާ ހީލުމަށްފަހު އެންމެ ފަހުގެ ސަލާމް ކޮށްލާފައި އޭނާގެ ހުދުކުލައިގެ ޖެގުއާ ކާރަށް އެރިއެވެ. އެއީ ކޮން މޮޑެލެއްގެ ކާރެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

ހައިޘަމްވެސް ކާރު ދުއްވާލިއެވެ. އޭނާ ހުރީ ވަރަށް އުފާވެފައެވެ. އޭނާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ.

“މެންދުރު ކާން ގޮސްފަ އެއްޗެއް ނުކައި އެނބުރި މިއައީ،” ބޭރަށް ބަލަހައްޓައިގެން ހުރެ އަހަރެން ބުނީމެވެ.

ހައިޘަމް ކާރުގެ ސީޓުގައި އިނދެ ހީލިއެވެ. “ކާއެއްޗެއް ނުކެވުނަސް، އަހަރެންގެ ދިރިއުޅުމުގެ ބާކީ އޮތް ބައި މި ފެނުނީ!”

އޭނާގެ އެ އުފާވެރިކަން އަހަރެންނަށްވެސް އިހުސާސް ކުރެވުނެވެ. އަދި އޭނާއަށްޓަކައި އަހަރެން ވަރަށް އުފާވިއެވެ.

އިރުކޮޅެއް ފަހުން އަހަރެމެން ގެއަށް އާދެވުނެވެ. ގޭގެ ގޯތިތެރޭގައި އަހަރެމެން ނުދަންނަ ކާރެއް އޮތެވެ.

އަހަރެމެން ކާރުން ފައިބައިގެން އެތެރެއަށް ވަނީމެވެ. ގޭގެ ބޮޑު ހޯލަށް ވަދެވުމާއެކު، އަހަރެން ހައިރާންވެ ހުއްޓުން އެރިއެވެ.

“މުޙައްމަދު! ކަލޭ މިތާ ކީއްކުރަނީ؟” އަހަރެން ހަޅޭއްލަވައިގަތީމެވެ. އޭނާގެ ފަހަތުގައި މަންމަ އިނީ ރޯށެވެ.

މުޙައްމަދު ހިނިތުންވެލަމުން، ދެއަތް އުނގުޅަމުން އަހަރެންނާ ދިމާއަށް އައެވެ. “ތިއީ ބައްޕައަށް މުޚާޠަބު ކުރަންވީ ގޮތެއް ނޫން،” އޭނާ މަލާމާތުގެ ރާގަކަށް ބުންޏެވެ.

އަހަރެން މަލާމާތް ކުރީމެވެ. “ކަލޭ އަހަރެންގެ މަންމައަށް ބޭވަފާތެރިވި ދުވަހު، ބައްޕަ ކިޔުމުގެ ހައްގު ކަލޭގެ ކިބައިން ގެއްލިއްޖެ!”

*****

— ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top