ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރޮބިންސަން ނޫނު، ރަންދެލި، ސޮނެވާ ޖާނީ މޮޅުވެއްޖެ
ފޮޓޯ: ރިސޯޓް ލީގު ފޭސްބުކް ޕޭޖް

ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނ. ޒޯންގެ 3 ވަނަ މެޗުން ރޮބިންސަން ނޫނު އަދި 4 ވަނަ މެޗުން ޗެވެލް ބުލެންކް ރަންދެލި، 5 ވަނަ މެޗުން ސޮނެވާ ޖާނީ މޮޅުވެއްޖެއެވެ. ސިޔާމް ވޯލްޑްގައި ކުރިޔަށްދާ މިމުބާރާތުގެ 3 ވަނަ މެޗު އިއްޔެ ހަވީރު ކުޅެފައި ވާއިރު މިއަދު ހަވީރު ވަނީ 4 ވަނަ މެޗާއި 5 ވަނަ މެޗު ކުޅެފައެވެ. މި މެޗުތަކަށް ބަލައިލާއިރު:

މެޗު 3

މި ޒޯންގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ސިޔާމް ވޯލްޑް އާއި ރޮބިންސަން ނޫނު އެވެ. މިއީ ރޮބިންސަން ކުޅޭ ފުރަތަމަ މެޗު ނަމަވެސް ސިޔާމް ވޯލްޑްގެ ދެވަނަ މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވެލައާ ބައްދަލުކޮށް ސިޔާމް ވޯލްޑް ވަނީ 4-2 އިން ބަލިވެފައެވެ.

އިއްޔެ ކުޅެވުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރޮބިންސަން ނޫނު އެވެ. 17 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ޔައިފްއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ނަތީޖާ ހަމަހަމަކުރުމަށް ސިޔާމް ވޯލްޑުން ކުރަމުން އައި މަސައްކަތަށް ކާމިޔާބެއް ނުލިބިއެވެ.

ދެވަނަ ހާފުގައި ކުރީ ހާފަށްވުރެ ކުޅުން ރަނގަޅުކުރި ސިޔާމް ވޯލްޑުން ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ޒުބައިރުއެވެ. ނަތީޖާ ހަމަހަމަވެގެން ނިމިދާނެކަމަށް ހީވި މި މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ސިޔާމް ވޯލްޑްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑުން ރޮބިންސަން ނޫނު ވަނީ މި މެޗުން މޮޅުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޮބިންސަން ނޫނުގެ މުޙައްމަދު ޔައިފްއެވެ.

މެޗު 4

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ވެލާ ޕްރައިވެޓް އައިލެންޑް އާއި ޗެވެލް ބުލެންކް ރަންދެއްޔެވެ. މިއީ މުބާރާތުގައި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ވެލާ ޕްރައިވެޓް އައިލެންޑް މޮޅުވެފައިވާއިރު، ޗެވެލް ބުލެންކް ރަންދެލި ކުޅުނު މެޗު ވީ އެއްވަރެވެ.

ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ 10 ވަނަ މިނިޓްގައި ޗެވެލް ބުލެންކް ރަންދެލިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަފްރާހެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ވެލައަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާ އެކުއެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފުގައި ފެނުނީ ޗެވެލް ބުލެންކް ރަންދެލީގެ ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަޙްމަދު އަފްރާހެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެވެލް ބުލެންކް ރަންދެލީގެ އަޙްމަދު އަފްރާހެވެ.

މެޗު 5

ފަސްވަނަ މެޗުގައި ބައްދަލުކުރީ ސޮނެވާ ޖާނީ އާއި ރޮބިންސަން ނޫނުއެވެ. މިއީ މުބާރާތުގައި ދެ ޓީމު ވެސް ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ސޮނެވާ ޖާނީ އެއްވަރުވެފައި ވާއިރު، ރޮބިންސަން ނޫނު ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ.

މި މެޗު ފެށީއްސުރެ ރަނގަޅަށް ކުޅެމުން ދިޔައީ ސޮނެވާ ޖާނީއިންނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް އުފައްދަމުން ދިޔަ ސޮނެވާ ޖާނީއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިޔާޒެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ސޮނެވާ ޖާނީއިންނެވެ. 29 ވަނަ މިނިޓްގައި މުޙައްމަދު ފަތޫހު ވަނީ ސޮނެވާ ޖާނީގެ ލީޑު ފުޅާކޮށްދީފައެވެ. ލަނޑު ޖަހާނެ ފުރުސަތު ރޮބިންސަން ނޫނަށް ވެސް ލިބުނު މި މެޗުގައި އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް ސޮނެވާ ޖާނީއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މެޗުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސައްފާހެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮނެވާ ޖާނީގެ ޢަލީ ޝިޔާޒެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top