މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް އެއިޓީން ތާރޓީ ކުލެސިކް މުބާރާތުގެ 9 ވަނަ މެޗު ކާމިޔާބުކޮށް އެޗްޑީސީ އަދި 10 ވަނަ މެޗު ކާމިޔާބުކޮށް އެސްޓީއޯ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
މެޗު 9
ނުވަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ އެމްއޭސީއެލް އާއި އެޗްޑީސީއެވެ. މިއީ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. އެމްއޭސީއެލް ކުޅުނު ފުރަތަމަ މެޗުން ބޮޑު ބައްޔަކާއި ކުރިމަތިލާން ޖެހުނުއިރު، އެޗްޑީސީ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ތަފާތުބޮޑު މޮޅެއް ހޯދާފައެވެ.
މާބޮޑު ވާދަވެރި ކަމެއް ނެތް މި މެޗު އެޗްޑީސީން ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 7-0 އިންނެވެ. މި މެޗުގައި އެޗްޑީސީއަށް ލަނޑުތައް ޖަހައިދިނީ އާމިނަތު ރިސާލާ 2 ލަނޑު، ފިރުޝާނާ ނަސީރު 2 ލަނޑު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފާތިމަތު ސާލިޔާ 2 ލަނޑެވެ. އެޗްޑީސީގެ ހަތްވަނަ ލަނޑަކީ އެމްއޭސީއެލްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަ ޕޮއިންޓް ހަމަކޮށް ފައިދާ ލަނޑުގެ ތަފާތުން އެޗްޑީސީ ވަނީ ގުރޫޕް ބީގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ސްޓެލްކޯއަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.
މެޗު 10
ދިހަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ އެސްޓީއޯ އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ފިޓްނަސްއެވެ. ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ލަނޑުގެ ތަފާތުން ގުރޫޕްގެ ދެވަނައިގައި އެސްޓީއޯ އޮތްއިރު، ޔޫތު މިނިސްޓްރީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. މިއީ އެ ޓީމުގެ ދެވަނަ މެޗެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފެށީއްސުރެ، ލީޑު ނެގުމަށް ދެ ޓީމުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ކުރިން ކުޅުނު ދެ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކުރި އެސްޓީއޯއިން މެޗުގެ ހަވަނަ މިނިޓްގައި ޝިޔާނާ އަޙްމަދު ޒުހައިރުގެ ލަނޑުން ލީޑު ނެގިއެވެ. މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ޔޫތު މިނިސްޓްރީން މަސައްކަތްކުރަމުން ދިޔައިރު، އެސްޓީއޯއިން އިސްކަން ދިނީ ލީޑު ދަމަހައްޓައި ކައުންޓަރ އެޓޭކްގައި ލީޑު ފުޅާކުރާށެވެ. 1-0 އިން މޮޅުވެ ގުރޫޕް އޭގެ އެއްވަނައަށް އެސްޓީއޯ ޖެހިލި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިނިސްޓްރީން އޮފް ޔޫތު ސްޕޯޓްސް އެންޑް ފިޓްނަސްގެ އައިޝަތު މަރީޝާއެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނުވަ ޕޮއިންޓް ހަމަކޮށް އެސްޓީއޯ އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.
