ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި މިހާރު ކުރިޔަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިޕް 2026” ގައި ޓީސީ ސްޕޯރޓްސް ކުލަބް ކުޅުނު ފަހު މެޗު ކާމިޔާބުކޮށް، ހަ ޓީމު ހިމެނޭ ލީގު ބުރުގެ ފަސްވަނައިގައި މުބާރާތް ނިންމާލައިފިއެވެ.
ރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ފަސްވަނައިގައި އޮތް ކެޔޮދޫ އާއި ހަވަނައިގައި އޮތް ޓީސީ ސްޕޯރޓްސް ކުލަބްއެވެ.
މި މެޗުން މޮޅުވެގެން މުބާރާތުގެ ފަސްވަނައަށް އެރުމުގެ ފުރުސަތު ޓީސީއަށް އޮތްއިރު، އެހެން ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް، މުބާރާތުގެ ފަސްވަނައިގައި ނިންމާލުމުގެ ފުރުސަތު އޮތީ ކެޔޮދޫއަށެވެ. މިއީ ދެ ޓީމުގެ ވެސް ފަހު މެޗެވެ.
ދާދި ހަމަހަމަ ދެ ޓީމުގެ ގޮތުގައި ބެލެވުނު މި ދެ ޓީމުގެ ކުރިމަތިލުން ފެންނާނީ ދާދި ހަމަހަމަކޮށް ކަމަށް ބެލެވުނު ނަމަވެސް މި މެޗުގައި ޓީސީގެ ފަރާތުން ފެނުނީ ކުރިން މެޗުގައި ފެނުނު ކުޅުމަށްވުރެ ރަނގަޅު ކުޅުމެކެވެ.
މެޗު ފެށުމާއިއެކު ކެޔޮދޫން އުފެއްދި އެޓޭކް ހުއްޓުވައި ކުރިޔަށް އެރި ޓީސީން އުފެއްދި އެޓޭކް ކެޔޮދޫން ހުއްޓުވިއެވެ.
ލިބުނު ދެވަނަ ފުރުސަތުގައި ޓީސީން ވަނީ ލީޑު ނަގާފައެވެ. ހަތަރުވަނަ މިނިޓްގައި ޓީސީއަށް މި ލަނޑު ޖަހައިދިނީ ނައްވާފްއެވެ. ޓީސީގެ ލަނޑަށްފަހު ކުޅުން ރަނގަޅުކުރި ކެޔޮދޫން ގާތްގާތުގައި ދެ ފުރުސަތެއް ފަހިކުރި ނަމަވެސް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ޓީސީން ހޯދި މި މެޗުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ 22 ވަނަ މިނިޓްގައި އަޙްމަދު ޔަނާން ނާސިހްއެވެ. ކެޔޮދޫގެ އޭރިޔާ ތެރެއިން އެ ޓީމު ކުޅުންތެރިއަކު ކުރި ފައުލާއި ގުޅިގެން ޓީސީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޓީސީގެ ތިންވަނަ ލަނޑު ޖަހައިދިނީ ހައިޒޫމްއެވެ.
ޓީސީން ތިންވަނަ ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ކެޔޮދޫން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އެ ޓީމަށް ލިބުނު ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އަކްޔާންއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ނައްވާފްއެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ޓީސީއެވެ. ކޮންމެ ޓީމަކުން ލަނޑެއް ޖެހި މި ހާފުގައި ފުރަތަމަ ލަނޑު ޖެހީ ކެޔޮދޫންނެވެ. ކެޔޮދޫގެ ދެވަނަ ލަނޑު ޖަހައިދިނީ ކިނާންއެވެ. ޓީސީން އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ކެޕްޓަން އަޙްމަދު އަސްލާންއެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޓީސީއަށް ފަސްވަނަ މަގާމް ލިބުނީ ހަ ވަނައިގައި އޮތް ކެޔޮދޫއާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ގެއްލުން ލަނޑު ކެޔޮދޫއަށްވުރެ މަދުވުމުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީސީގެ އަޙްމަދު އަސްލާންއެވެ.
މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗު އޮންނާނީ މިއަދުއެވެ. ފައިނަލްގައި ނިއުރޭޑިއަންޓާއި ވާދަކުރާނެ ޓީމެއް ކަނޑައެޅޭ މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި އޮޑިއެވެ.
