ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކޮލަޖަން އަދި އަންހެނުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތައް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އިންސާނާގެ ހަށިގަނޑުގައި އެންމެ ގިނައިން އެކުލެވޭ ޕްރޮޓީން ކަމަށްވާ “ކޮލަޖަން” އަކީ، އުމުރުން ދުވަސްވާއިރު ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި މާއްދާއެއްކަން އެންމެ ފަހުގެ ދިރާސާތަކުން ދައްކައެވެ. ހަންގަނޑާއި، ކަށިތަކާއި، ހުޅުތަކުގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަންތައް ގުޅުވައިދޭ ޓިޝޫތަކުގައި ކޮލަޖަން އެކުލެވިގެންވެއެވެ. މިއީ ހަށިގަނޑުގެ ވަރުގަދަކަމާއި، ބައްޓަމާއި، ދެމިހުރުމުގެ ބާރު (އެލާސްޓިސިޓީ) ހިފަހައްޓައިދޭ މައިގަނޑު އަސާސެވެ.

އުމުރުން ދުވަސްވަމުންދާ ވަރަކަށް، ހަށިގަނޑުން ތަބީއީގޮތުން ކޮލަޖަން އުފައްދާ މިންވަރު މަދުވަމުންދެއެވެ. ވަކިން ޚާއްސަކޮށް އަންހެނުން އިއްދައިން ކެނޑުމަށްފަހު (މެނޮޕޯސް)، އެސްޓްރޯޖަން ހޯރމޯން ދަށްވުމުގެ ސަބަބުން މި މަރުހަލާ އިތުރަށް އަވަސްވެގެންދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އިއްދައިން ކެނޑޭ ފުރަތަމަ އަހަރުތަކުގައި ހަންގަނޑުގައި ހުންނަ ކޮލަޖަން ވަރަށް ބޮޑަށް މަދުވެ، އޭގެ ސަބަބުން ހަންގަނޑު ރޫވެ، ކުރަކިވެ، ތާޒާކަން ގެއްލެން މެދުވެރިވެއެވެ.

ކޮލަޖަންގެ ބޭނުންތެރިކަން ހަމައެކަނި ބޭރުފުށުގެ ރީތިކަމަކަށް ހުސްވެގެންނެއް ނުވެއެވެ. މިއީ ހަންގަނޑުގެ ދުޅަހެޔޮކަމުގެ އިތުރުން، ހުޅުތަކުގެ މަސައްކަތާއި ކަށީގެ ވަރުގަދަކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. އަދި މީގެ އިތުރުން، ބައެއް މީހުންގެ އިސްތަށިގަނޑާއި ނިޔަފަތީގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވެސް ކޮލަޖަން އެހީތެރިވެދެއެވެ.

ހަށިގަނޑުގައި ކޮލަޖަން އުފެއްދުމަށް ބާރުއެޅުމަށްޓަކައި ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންކުރުމަށް ތަޖުރިބާކާރުން އިރުޝާދުދެއެވެ. އެގޮތުން ޕްރޮޓީން ގިނަ ކާނާ ބޭނުންކުރުމަކީ ހަށިގަނޑަށް ބޭނުންވާ “އެމިނޯ އެސިޑް” ލިބިދޭނެ ކަމެކެވެ. މީގެ އިތުރުން، ކޮލަޖަން އުފެއްދުމަށް ކޮންމެހެން ބޭނުންވާ “ވިޓަމިން ސީ” ލިބިދޭ މޭވާތަކާއި ތަރުކާރީ (މިސާލަކަށް އޮރެންޖު، ލުނބޯ، ބެރީސް) ކެއުމުގައި ހިމެނުން މުހިންމެވެ. ކަށިތަކާއި ޓިޝޫތައް ވަރުގަދަކުރުމަށް ކަސްރަތު ކުރުމަކީ ވެސް ބޭނުންތެރި ކަމެކެވެ. އަދި އިރުގެ ދޯދިތަކުން ހަންގަނޑު ރައްކާތެރިކުރުމަކީ ކޮލަޖަން ހަލާކުވުން މަދުކޮށްދޭނެ ކަމެކެވެ.

މިވެސް ކިޔާލަން:  މާ އަވަހަށް ގޮތް ނިންމެނީ ކީއްވެ؟

ކޮލަޖަން ސަޕްލިމަންޓްތަކަށް އޮންނަ މަޤުބޫލުކަން ވެސް މިހާރު ވަނީ އިތުރުވެފައެވެ. ޤަވާއިދުން ކޮލަޖަން ބޭނުންކުރުމުން ހަންގަނޑުގެ ތާޒާކަމާއި ހުޅުތަކަށް ލުއިކަން ލިބޭކަން ބައެއް ދިރާސާތަކުން ދައްކައެވެ. ރާއްޖޭގައި ވެސް މިހާރު “ހައިޑްރޮލައިޒްޑް ކޮލަޖަން ޕެޕްޓައިޑް” ޕައުޑަރު ފަސޭހައިން ލިބެން ހުރެއެވެ. މިއީ ކޮފީ، ޖޫސް ނުވަތަ ސްމޫތީ ފަދަ ބުއިންތަކަށް އެއްކޮށްލައިގެން ވަރަށް ފަސޭހައިން ބޭނުންކުރެވިދާނެ އެއްޗެކެވެ.

އެހެންނަމަވެސް، ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިފަދަ ސަޕްލިމަންޓްތަކުގެ ފުރިހަމަ ފައިދާ ލިބޭނީ ސިއްޙަތަށް ފައިދާހުރި ކާނާއާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަކާދަތަކާ އެކުގައެވެ.

ކޮލަޖަން އަކީ ހަމައެކަނި ރީތިވުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ މުހިންމު ބަހާއެކެވެ. އަދި މިކަމަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުން ފެށެނީ ދިރިއުޅުމުގެ ކުދިކުދި އާދަކާދަތަކުގެ ތެރެއިންނެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top