މަޝްހޫރު އެކްޓަރު ވިކްރާންތު މަސީ ލީޑް ރޯލުން ފެނިގެންދާ ނެޓްފްލިކްސްގެ އާ ރޮމޭންޓިކް ޑްރާމާ ސީރީޒް “މުސާފިރް ކެފޭ” ގެ ޓްރެއިލާ އާންމުކޮށްފިއެވެ. މި ސީރީޒަކީ ދިވްޔާ ޕްރަކާޝް ދުބޭގެ ހަމަ މި ނަމުގައިވާ ވާހަކަ ފޮތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ.
ޝަރަންޔާ ރާޖްގޯޕާލް ލިޔެ އުފައްދާފައިވާ މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ރުޗިރު އަރުންއެވެ. މި ސީރީޒްގައި ވިކްރާންތު މަސީގެ އިތުރުން ވޭދިކާ ޕިންޓޯ އަދި މަހީމާ މަކްވާނާ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ސީރީޒްގެ ސްޓްރީމިންގ މި ހިނގާ ޖުލައި މަހުގެ 24 ވަނަ ދުވަހު ނެޓްފްލިކްސްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ސީރީޒްގެ ވާހަކަ ބިނާވެފައިވަނީ ދެ ޒަމާނެއްގެ މައްޗަށެވެ. އެގޮތުން ޗަންދަރު (ވިކްރާންތު) އާއި ސުދާ (ވޭދިކާ) ޒުވާން ދުވަސްވަރު ބައްދަލުވެ ލޯބީގެ ގޮތުން ގުޅި، ފަހުން ވަކިވާ މަންޒަރުތައް ފެނިގެންދެއެވެ. އޭގެ އަހަރުތަކެއް ފަހުން ޗަންދަރު މުސޫރީގައި ކެފޭއެއް ހުޅުވައިގެން އުޅެނިކޮށް، އޭނާގެ ހަޔާތަށް ޕްރީތީ (މަހީމާ) އާދެއެވެ. ނަމަވެސް ލޯބީގެ ދެވަނަ ފުރުސަތަކަށް ތައްޔާރުވަމުންދަނިކޮށް، އަލުން ސުދާއާ ބައްދަލުވެ ކަންތައްތައް އޮޅުންބޮޅުންވެގެންދާ ގޮތް ޓްރެއިލާ އިން ފެނިގެންދެއެވެ.
މި ސީރީޒާ ގުޅޭގޮތުން ވާހަކަދައްކަމުން ވިކްރާންތު މަސީ ބުނީ ޗަންދަރުގެ ކެރެކްޓާއަކީ އޭނާއާ ވަރަށް ބޮޑަށް ގުޅޭ ކެރެކްޓާއެއް ކަމަށާއި، މިއީ އުންމީދު ނުކުރާ ގޮތްގޮތަށް ދިރިއުޅުން ބަދަލުވެގެންދާ ގޮތް ދައްކުވައިދޭ ވާހަކައެއް ކަމަށެވެ. މި ސީރީޒްގައި ވިކްރާންތު އެކްޓަރެއްގެ އިތުރުން ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއެވެ.
ވޭދިކާ އާއި މަހީމާވެސް ވަނީ އެމީހުންގެ ކެރެކްޓާތަކާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. ވޭދިކާ ބުނިގޮތުގައި އޭނާގެ ކެރެކްޓާ ސުދާއަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ބޮޑެތި ހުވަފެންތައް ދެކޭ މީހެކެވެ. މަހީމާ ބުނީ ޕްރީތީގެ ކެރެކްޓާއަކީ ކެތްތެރި އަދި މަޑުމައިތިރި ކެރެކްޓާއެއް ކަމަށެވެ.
ބޯޕާލް އަދި މުސޫރީގެ ރީތި މަންޒަރުތައް ފެނިގެންދާ މި ސީރީޒްގައި އާދިލް ހުސައިން، ރަޖީވް ސިދާތު، އަދި ސާދިއާ ސިއްދީޤީ ފަދަ ތަރިންވެސް ހިމެނެއެވެ. މިއީ ޓެރިބްލީ ޓައިނީ ޓޭލްސް އާއި ހޯމްމޭޑް ސްޓޯރީޒް ގުޅިގެން އުފައްދާފައިވާ ސީރީޒެކެވެ.
