ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެއިޓީން ތާރޓީ ކުލެސިކް މުބާރާތުގެ 11 ވަނަ މެޗު ފަސޭހަކަމާއިއެކު ޔޫތު މިނިސްޓްރީ ކާމިޔާބުކުރިއިރު، 12 ވަނަ މެޗުން މޮޅުވެ ޕްރިޒަންސް ކުލަބް ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
މެޗު 11
އެގާރަވަނަ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސް އާއި ހެލްތު ރެކްރިއޭޝަން ކުލަބެވެ. މުބާރާތުގެ އެންމެ ފަހު މެޗާއި ހެލްތުން ކުރިމަތިލާއިރު، މިހާތަނަށް އެ ޓީމު ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ. ޔޫތު މިނިސްޓްރީން އެ ޓީމުގެ ތިންވަނަ މެޗާއި ކުރިމަތިލާއިރު، ކުރިން ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ. ކުރިން ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ޔޫތު މިނިސްޓްރީ މި މުބާރާތުގައި ދައްކަމުން ދަނީ ރަނގަޅު ކުޅުމެކެވެ. އެ ޓީމު ބަލިވި ދެ މެޗުން ވެސް ބަލިވެފައި ވަނީ 1-0 އިންނެވެ.
ފަސޭހަކަމާއިއެކު 1-8 އިން ޔޫތު މިނިސްޓްރީ ކާމިޔާބުކުރި މި މެޗުގެ ލީޑު އެ ޓީމަށް ލިބުނީ ހެލްތުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. މުޅި ޓީމު އެކުގައި ކުރިޔަށް ޖެހި ގާތްގާތުގައި ފުރުސަތުތައް ތަނަވަސް ކުރަމުންދިޔަ ޔޫތު މިނިސްޓްރީއަށް ލީޑު ފުޅާކޮށްދިނީ އާއިޝަތު އަބްދުއްރައްޒާޤެވެ. ޔޫތު މިނިސްޓްރީން ޖެހި ތިންވަނަ ލަނޑަކީ ވެސް ހެލްތުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ފަނަރަ ވަނަ މިނިޓްގައި ޔޫތު މިނިސްޓްރީގެ ހަތަރުވަނަ ލަނޑު އީމާ އަޙްމަދު ކާމިޔާބުކޮށްދިންއިރު، މި ލަނޑަށް މާގިނައިރެއް ނުވަނީސް ސަހާ އަބްދުއްރަޙްމާން ޔޫތުގެ ފަސްވަނަ ލަނޑު ޖެހިއެވެ.
5-0 އިން ޔޫތު މިނިސްޓްރީ ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ހެލްތުން ޖެހި ލަނޑު އެ ޓީމަށް ޖަހައިދިނީ ދެވަނަ ހާފުގެ ކުރީކޮޅު ނާފިއާ އަބްދުއްރަޙީމެވެ. ޔޫތު މިނިސްޓްރީގެ ހަވަނަ ލަނޑު ސަހާ އަބްދުއްރަޙްމާން ކާމިޔާބު ކޮށްދިންއިރު، އެ ޓީމުގެ ހަތްވަނަ ލަނޑު ޖަހައިދިނީ ފާތިމަތު އާންއެވެ. މި ހާފުގައި ވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ޔޫތު މިނިސްޓްރީގެ ފަހު ލަނޑު ޖަހައިދިނީ އާއިޝަތު އަބްދުއްރައްޒާޤެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ފައިދާ ގޯލުގެ ތަފާތުން ޔޫތު މިނިސްޓްރީ ގުރޫޕްގެ ތިންވަނައަށް ޖެހިލިއިރު، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫތު މިނިސްޓްރީގެ ފާތިމަތު އާންއެވެ.
މެޗު 12
ބާރަވަނަ މެޗުގައި ބައްދަލުކުރީ ޕްރިޒަންސް ކުލަބާއި ހުޅުމާލޭ ހޮސްޕިޓަލެވެ. ދެ ޓީމުގެ ވެސް ތިންވަނަ މެޗާއި ކުރިމަތިލީއިރު ޕްރިޒަންސް ކުލަބް ކުޅުނު ދެ މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. ހުޅުމާލޭ ހޮސްޕިޓަލް ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗު ކާމިޔާބުކުރިއެވެ.
ދެ ޓީމަށް ވެސް މޮޅެއް މުހިންމުވި މި މެޗު ވަރުގަދަކޮށް ފެށީ ޕްރިޒަންސް ކުލަބުންނެވެ. މެޗު ފެށިގޮތަށް އެޓޭކަށް އިސްކަންދިން ޕްރިޒަންސް ކުލަބަށް ދެވަނަ މިނިޓްގައި، ފާތިމަތު އިނާޝާ ލީޑު ނަގައިދިނެވެ. ނަތީޖާ ހަމަހަމަކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން މަސައްކަތް ކުރަމުން ދަނިކޮށް ފްރިޒަންސް ކުލަބްގެ ލީޑު ފުޅާކޮށްދިނީ އާއިޝާތު ވިސާމާއެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހުޅުމާލޭ ހޮސްޕިޓަލަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާ އެކުއެވެ.
ދެވަނަ ހާފުގައި ވެސް ހުޅުމާލޭ ހޮސްޕިޓަލަށްވުރެ ރަނގަޅަށް ކުޅުނީ ޕްރިޒަންސް ކުލަބެވެ. ދެވަނަ ހާފުގެ ފަހުކޮޅު ޚަދީޖާ އަފްނާންގެ ލަނޑުން ޕްރިޒަންސް ކުލަބް ލީޑު ފުޅާކުރިއިރު، މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ހުޅުމާލޭ ހޮސްޕިޓަލުން ލަނޑެއް ޖެހިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފާތިމަތު ޝާއިގާއެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނުވަ ފޮއިންޓް ހަމަކޮށް، ފައިދާ ލަނޑުގެ ތަފާތުން ގުރޫޕް އޭގެ އެއްވަނައަށް ޕްރިޒަންސް ކުލަބް ޖެހިލިއިރު، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެ ޓީމުގެ ފާތިމަތު އިނާޝާއެވެ.
